ރާއްޖޭގެ މުއްސަނދިންގެ ތެރޭގައި ހިމެނޭ ފަލާހު އާއި އޭނާގެ އަންހެނުން، މަޝްހޫރު އިންފްލުއެންސަރ އަލީޝާގެ ހަޔާތަކީ ގިނަ ބަޔެއްގެ ލޯތައް އެދިމާލަކަށް ހުއްޓިފައިވާ ހަޔާތެކެވެ. އަލީޝާ އަކީ އާދައިގެ އާއިލާއަކުން އައިސްފައިވާ ކުއްޖެއް ނަމަވެސް އޭނާގެ ރީތި ސޫރައިގެ ސަބަބުން އޭނާގެ ފަހަތުން އެތައް ބައިވަރު މުއްސަނދިންނެއް މުގޯލި އެޅިއެވެ. އެންމެ ފަހުން ފަލާހުއަށް އޭނާ ކާމިޔާބުވުމުން އެކަން ދުރާއިގާތުން ބެލި އެންމެން އެއީ ސިންޑްރެއްލާ ސްޓޯރީއެކޭ ކިޔައިގެން ވާހަކަ ދެއްކިއެވެ.
އެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ތާއަބަދު ޕޯސްޓުކުރަމުން ގެންދިޔައީ އެމީހުންގެ މުއްސަނދި ހަޔާތެވެ. ފައިސާއިން ކުރެވެންޏާ ކުރެވޭ ކޮންމެ ކަމެއް އެމީހުން ކުރެއެވެ. އެކަމުގެ އެންމެ އިސް ރޯލެއް ކުޅެނީ އަލީޝާއެވެ.
ކޮންމެ ހަފުތާއަކު އެއް ދުވަހު ރިސޯޓަކަށް އަގުބޮޑު ކެޔުމެއް ކައިލަން ނުގޮސްފިނަމަ އެއީ މުޖުތަމައުގައި އެމީހުންގެ ދަރަޖަ ވެއްޓޭނޭ ކަމެއް ކަމުގައި އަލީޝާ ދުއްޓެވެ. އެކަހަލަ ކޮންމެ ދަތުރެއްގައި އަލީޝާ ދުނިޔޭގެ އެންމެ އަގުބޮޑު ޑިޒައިނަރުން ފަރުމާކޮށްފައިވާ ހެދުމެއް ނުލައިފިއްޔާ އޭނާ ނިކަމެތިވީއެވެ. އަލީޝާ ގަބޫލުކުރާ ގޮތުގައި އޭނާގެ ފިރިމީހާގެ މުއްސަނދި ކަމާއި ހައިބަތު ދުނިޔޭގެ ކުރިމަތީގައި ދެއްކުމަކީ އޭނާގެ ޒިންމާއެކެވެ. އެހެން ކަމުން އޭނާގެ ހަންގަނޑުގައި ޖެހޭ އެއްވެސް އެއްޗަކީ އާދައިގެ ބްރޭންޑަކުން އައިސްފި އެއްޗަކަށް ވެއްޖެނަމަ، އެއީ ވަރަށް ބޮޑު ގޯހެކެވެ.
ފަލާހު މުއްސަނދިކަމުން ލާބަ ލިބެނީ ހަމަ އެކަނި އަލީޝާއަށާއި އޭނާގެ އާއިލާ މީހުންނަކަށް ނޫނެވެ. އެމީހުންގެ އަގުބޮޑު ޕެންޓްހައުސް އެޕާޓްމަންޓުގައި ކޮންމެ ހަފްތާއަކު އެމީހުންގެ އެންމެ ގާތް މީހުންނަށް ޕާޓީއެއް ބާއްވައެވެ. މި ޕާޓީއަށް ދައުވަތު ލިބޭ މީހުންނަކީ ނަސީބުވެރިންނެވެ. ފަލާހުމެން އެހެން އުޅެލައިފައި ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކުގައި އެ ދެމެފިރިންގެ ހަރަދުގައި ދުނިޔެ ބަލައިލަން ގެންދާ މީހުން ހޮވައިލަނީ މި މީހުންގެ ތެރެއިންނެވެ. އެމީހުންގެ ގާތް ރަހުމަތްތެރިންގެ އުފަންދުވަހުގެ މުނާސަބަތުގައި ބޮޑު ހަރަދު ކޮށްފައި ފަސް މިނެޓަށް ހަވާ އަރުވައިލުމަކީ އެހައި ބޮޑުކަމަކަށް ނުވެއެވެ.
އިއްޔެ ސިންގަޕޫރުން، މިއަދު ބޭންކޮކުން އޭގެ އަނެއް ދުވަހު ދުބާއީއަށް ދަތުރުކުރަމުން ދިޔަ މި ދެމަފިރިންގެ ދިރިއުޅުން ހުއްޓުމަކަށް އައީ މެޑިކަލް ޗެކަޕެއްގެ ނަތީޖާއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެމީހުންގެ އާދަޔާހިލާފު ދިރިއުޅުން އެ ފުށްމިފުށަށް ޖެހުނެވެ.
އެ އަހަރު ފެށުނު ފަހުން އަލީޝާއަށް އާދަޔާ ހިލާފަށް ވަރުބަލިކަން އިހުސާސްވާން ފެށިއެވެ. އޭނާއަށް ވިސްނުނީ، އެއީ މާލޭގެ މާހައުލު ދޫކޮށް އިންޑޮނޭޝިއާގެ ބާލީގައި އެމީހުން ކުއްޔަށް ނަގައިފައި ހުންނަ ގޭގައި ވަގުތު ހޭދަ ކޮށްލަން ޖެހޭކަމުގެ ނިޝާނެއް ކަމުގައެވެ. ނަމަވެސް އެތާނގައި އެތައް ދުވަހެއް ހޭދަ ކުރުމުންވެސް އޭނާގެ ވަރުބަލިކަމަށް އެއްވެސް ބަދަލެއް ނައެވެ. އޭނާގެ މަންމަ ކައިރީގައި އެ ވާހަކަ ބުނުމުން އެކަމާ އެހާ ބޮޑަށް ކަންބޮޑު ނުވުމަށާއި ބާލީގެ ސްޕާތަކަށް ގޮސްގެން ޓްރީޓްމަންޓު ނަގަން ނަސޭހަތް ދިނެވެ.
ނަމަވެސް ފަލާހަށް އޭނާގެ ރީތި އަނބިމީހާގެ މޫނުމައްޗަށް އަންނަ ބަދަލު ފެނިފައި ކަންބޮޑުވާން ފެށިއެވެ. ބަލަބަލައި ހުއްޓައި އަލީޝާގެ މޫނުމަތީގެ ތަންތަންގަނޑު އަނދިރިވާން ފެށިއެވެ. މާލެ އައިސް ފަލާހު ކިޔައިގަނެގެން ހޮސްޕިޓަލަށް ގޮސް ޗެކްކުރިއިރުގައި ކަންތައް ވަރަށް ގޯހެވެ. އަލީޝާގެ ދެ ކިޑްނީ ވަނީ މަސައްކަތް ކުރުން ހުއްޓި ފެއިލް ވާން ކައިރިވެފައެވެ. ދުޅަހެޔޮ ދިރިއުޅުމެއް އުޅެވެން އޮތީ ކިޑްނީ ޓްރާންސްޕްލާންޓަކަށް ގޮސްގެން ނޫނީ ދާއިމަށް ޑައިލައިސިސް ހަދައިގެންނެވެ.
އެ ދުވަހުން ދުވަހަށް ހުރިހާ ކަމެއް ބަދަލުވެގެން ދިޔައެވެ. އެމީހުންގެ މުއްސަނދިކަން ދުނިޔެއަށް ސާބިތުކޮށްދޭން ބޭނުންކުރި ސޯޝަލް މީޑިއާ އެކައުންޓުތައް ބަދަލުވީ ކިޑްނީއެއް ހޯދުމަށް ސަލާން ޖަހާ ޕްލެޓްފޯމުތަކަކަށެވެ. ކިޑްނީއެއް ހޯދުމަށް އާދޭސްކޮށް ޕޯސްޓުތައް ކުރަން ފެށި ހިސާބުން އެމީހުންގެ ޕޭޖަށް ވަންނަ މީހުން މަދުވެ ސުމަކަށް ވެއްޓުނެވެ. ބަލަބަލައި ހުއްޓާ އެމީހުންގެ "ގްލެމަރަސް" ދިރިއުޅުން ހުއްޓުމަކަށް އައެވެ.
ކުޅަނދުރު ހަތައެއްގެ ވަށައިގެން ކުޅަނދުރު އެނބުރޭގޮތަށް، އެމީހުންގެ ވަށައިގެން އެނބުރެމުން ދިޔަ ރަހުމަތްތެރިންގެ މަދުވަމުން ގޮސް އެންމެ ދެތިން މީހުންނަށް ވިއެވެ. އަލީޝާގެ ލޭގެ ޓައިޕް އަކީ އާންމުންގެ ތެރޭގައި މަދު ޓައިޕަކަށް ވުމުން ކިރިޔާވެސް ދިމާވާ ކިޑްނީއެއް ލިބޭނޭ ކަމުގެ އުންމީދު އޮތީ އާއިލާގެ ތެރެއިންނެވެ.
ނަމަވެސް ފަލާހުގެ ހަރަދުގައި އާއިލާއަށް ކޮށްދީފައިވާ ބޮޑެތި ކަންތައްތަކުގެ ބަދަލުގައި އާއިލާ މީހުންގެ ތެރެއިން އަލީޝާއަށް ކިޑްނީއެއް ހަދިޔާ ކުރާނޭ މީހެއް އަދި ވިއްކާނޭ މީހެއްވެސް ނުވިއެވެ. ގާތް ރަހުމަތްތެރިންގެ ތެރެއިން އެ ވައްތަރުގެ ލޭ ހުންނަކަން އެނގޭ މީހުން ފަލާހުމެން ފެނުމުން ލޮލާއިލޯ ހަމަކުރަން ނުކެރިގެން އުޅޭތަން ފެނިގެން ދިޔައެވެ.
ދިރިއުޅުމުގައި ކުރިމަތިވި ބަދުނަސީބުގެ ސަބަބުން ފަލާހު ހުރީ ހަދާނޭ ގޮތް ހުސްވެފައެވެ. ކިތަންމެ މުއްސަނދި ނަމަވެސް އަނބިމީހާގެ ފުރާނަ ސަލާމަތްކުރުމުގެ ބާރެއް އޭނާގެ ކިބައިގައި ނުވާކަން އެނގުމުން އޭނާގެ އަމިއްލަ ނަފުސާ ދޭތެރޭ ދެކޭ ގޮތް ގޯސްވެ، ނާކާމިޔާބީގެ ސިއްކަ ނަފުސުގައި ޖަހައިގެން ދިރިއުޅެން އޭނާއަށް ވަނީ މަޖުބޫރުވެފައެވެ.
އެއް ދުވަހެއްގެ ހެނދުނުގެ ވަގުތެވެ. ފަލާހު އޮފީހުގައި އިންދާ ކުއްލިއަކަށް އައީ ފޯނުކޯލެކެވެ. ނުދަންނަ ނަމްބަރެއް ވީމައި އެ ކޯލު ނަގާކަށް ނުހަދައެވެ. ދެ ފަހަރު އެ ކޯލް އައުމަށް ފަހު ދެން އައީ މެސެޖެކެވެ.
"ތި ބޭނުންވެގެން އުޅޭ ވައްތަރުގެ ކިޑްނީއެއް ލިބިދާނެ ވިއްކާގޮތަށް،" މެސެޖުގައި ލިޔެފައި އޮތް އެތި ފެނުމުން ފަލާހު ވަގުތުން އެ ނަންބަރަށް ގުޅިއެވެ.
ފޯނު ނެގީ ފިރިހެނެކެވެ. އޭނާގެ އަޑުން ހީވީ ވަރަށް އަވަސް އަރުވައިލައިފައި ހުރި މީހެއް ހެނެވެ.
"ތީ ކޮން ބޭފުޅެއްތޯ؟" ފަލާހަށް އެއީ ކާކުކަން އެނގެން ބޭނުންވިއެވެ.
"އަޅުގަނޑަށް ކިޔަނީ ސާއިފް،" އެކޮޅުން ޖަވާބު ދިނެވެ.
"ފުރަތަމަ ޖެހޭނީ ކިޑްނީ ގުޅޭތޯ ޓެސްޓެއް ހަދަން،" ފަލާހު ބުންޏެވެ.
"ތި ޓެސްޓުގެ ކަންތައް އަވަސް ކުރެވޭނޭ ގޮތެއް އެބައޮތްތޯ؟" އެކޮޅުން އެކަންތައް ކުރަން ވަރަށް އަވަހަށް ބޭނުންވެފައި ހުރިކަން އެނގުނެވެ.
"ހަމަ މިހާރުވެސް އެކަމާ އުޅެންވީ."
"ކިޑްނީ ގުޅެންޏާ ވިއްކާނީ ފަސްލައްކަ ރުފިޔާއަށް އިނގޭތޯ،" ސާއިފު އޭނާ ބޭނުންވާވަރު ބުންޏެވެ. ފަލާހު އެ އަދަދަށް އެއްވެސް އިންކާރެއް ނެތި އެއްބަސްވިއެވެ.
އެ ދުވަހު ފަލާހު ސާއިފާ ހޮސްޕިޓަލުން ދިމާވިއެވެ. ސާއިފު ފެންނަ ފެނުމަށް ހީވަނީ ވަރަށް ނިކަމެތި ހާލުގައި ހުރި މީހެއް ހެންނެވެ. ހިކި އަނަރޫފަވެފައެވެ. ލޯ ވަޅުވަދެފައެވެ. ބޯ ހޭވިފައެވެ. ހީވަނީ މަގުތައް މަތިން ފެންނަ މަސްތުވާ ތަކެތި ބޭނުން ކުރާ ޕާޓޭއެއް ހެންނެވެ.
ނަމަވެސް އޭނާ ފަލާހުއާ މުހާތަބުކުރީ ވަރަށް އިހުތިރާމާއެކުގައެވެ. ސާއިފުގެ ކިޑްނީ އަލީޝާއާ ގުޅޭތޯ ހަދަންޖެހޭ ޓެސްޓު ހެދުމުގެ ކަންތައް ނިންމުމަށް ފަހު، ފަލާހު އޭނާ ކައިރީގައި އިތުރު އެއްވެސް އެއްޗެއް ބޭނުންތޯ އެހުމުން، އެއްޗެއް ބޭނުމެއް ނޫނޭ ބުންޏެވެ. އޭނާއަށް ވާނުވާ އަންގައިލައްޗޭ ކިޔައިފައި އެތަނުން ނައްޓައިލީއެވެ.
ހަފްތާއެއްގެ ތެރޭގައި ޓެސްޓުގެ ނަތީޖާ ލިބުނެވެ. ސާއިފުގެ ކިޑްނީ އަލީޝާއާ ގުޅެއެވެ. ޓްރާންސްޕްލާންޓަކަށް ދެވިދާނެއެވެ. އެކަމުގެ އުފަލުގައި ފަލާހު ބޭނުންވީ އަލީޝާއާއި ސާއިފު އާ ބައްދަލުކުރުވާށެވެ. އެގެއަށް ކެޔުމަކަށް އަންނަން ދައުވަތު ދޭން ސާއިފަށް ގުޅިއެވެ.
"ސޮރީ. މިއުޅެނީ ވަރަށް ބިޒީކޮށް. ބައްދަލު ކުރާކަށް ވަގުތެއް ނެތް. ވީހާ ވެސް އަވަހަށް ދަތުރު ހަމަޖައްސަވާފައި އަޅުގަނޑަށް އަންގައިދެއްވާ،" ސާއިފު ބުންޏެވެ.
"ހާދަ ރޫޑޭ ދޯ؟" ސާއިފު ބުނި އެތި އަލީޝާ ކައިރީގައި ބުނުމުން އޭނާ ނުރުހިފައި ބުންޏެވެ. އޭރު އަލީޝާގެ މަންމަވެސް އެމީހުންގެ ކައިރީގައި އިނެވެ.
"އާނ. ހާދަ ގޮތެއް ނެތް މީހެކޭ ތީ. ހިލެޔެއް ނޫންދޯ އޭނާގެ އަތުން ކިޑްނީ މި ހޯދަނީ؟ އޭނާ ބުނި އަގެއް ދީފައެއް ނޫންތަ؟ އެންމެ ރަނގަޅުދޯ އެ ވަރުގެ އަދަދެއް ދޭ މީހާގެ އެދުމަށް އިޖާބަދޭން؟" އަލީޝާގެ މަންމަ އޭނާއާ އެއްބަސްވިއެވެ.
"އޭނާ ގައިގައި އެހެން އެއްވެސް ބައްޔެއް ހުރިތޯ ޓެސްޓުކުރިންދޯ؟" އަލީޝާ ފަލާހުއާ ދިމާލަށް އެނބުރިފައި ސުވާލުކުރިއެވެ.
"ހުރިހާ ޓެސްޓެއް ކުރިން. އޭނާގެ ސިއްހަތު ރަނގަޅު. އެއްވެސް ބައްޔެއް ނެތް،" ފަލާހަށް އެ ދެމައިންގެ ވާހަކަ ދާން ފެށިގޮތުން އިނީ ވަރަށް އުނދަގޫ ވެފައެވެ.
"ކީތްކުރާނީ! އެއީ އެމީހުންގެ ވައްތަރު. ޔަގީން މިހާރުވެސް އުޅޭނީ އެއް އައްޑާއިން އަނެއް އައްޑާއަށް ވަދެ އެ ބޯ އެއްޗެއް ބުއިމުގައި ކަން،" އަލީޝާގެ މަންމަ އެހެން ބުނެފައި ފަލާހާ ދިމާލަށް އެނބުރުނެވެ. "ކީއްވެގެންތަ ދަރިފުޅު އެ އަގަށް އެއްބަސްވީ؟ ޔަގީން އެ އަގު ލައްކައަކަށް ތިރިކުރެވުނީސްކަން. ޕާޓޭއެއްނު. ފަސްހާހަށް ވެސް ތި ކިޑްނީ ލިބުނީސް."
އެމީހުންގެ އެ ވާހަކައިގައި ބައިވެރިނުވެ ފަލާހު މަޑުމަޑުން އެތަނުން ނިކުމެގެން ދިޔައެވެ. އަލީޝާމެން ވާހަކަ ދައްކަމުން ދިޔަގޮތުން އެއީ ކިހާ ދުވަހަކު މަޑުކޮށްގެން، ކިހާ އާދޭހެއް ކޮށްގެން ހޯދުނު ކިޑްނީއެއްކަން ހަނދާނުގައި ހުރިހެނެއް ހިޔެއްނުވެއެވެ. ހީވީ އެމީހުންގެ އަތުން ނުހައްގުގައި އެއްޗެއް ޖަހައިގަންނަން އުޅޭ މީހެއްގެ ވާހަކަ ދެއްކި ހެންނެވެ.
ދަތުރުގެ ކަންތައް ހަމަޖެއްސިއިރުވެސް އެމީހުންނާ އެކީގައި ބިޒްނަސް ކުލާހުގައި ދަތުރު ކުރާ ގޮތަށް ސާއިފުގެ ޓިކެޓު ނެގީމައިވެސް އަލީޝާގެ މަންމަ ވަރަށް ނުރުހުން ފާޅުކުރިއެވެ.
"ދެން ވަރަށް ލަދުގަނޭ. ބަލައިބަލަ ލައިގެން އެހެރަ އެއްޗެއް. ތަންކޮޅެއް ދުރު ސީޓެއްގައި ބޭންދޭ ގޮތެއް ނުވާނެތަ؟" އެއާޕޯޓަށް ސާއިފު އައިސް ހުރި އިރުގައި އޭނާ ލައިގެން ހުރި އެއްޗިއްސަށް ފާޑުކިޔައިފައި އަލީޝާ ގާތުގައި އޭނާގެ މަންމަ ބުންޏެވެ. އަލީޝާ ވެސް ސާއިފުއަށް ބަލައިލައިފައި ނުފެންނަ ކަމަށް ހެދިއެވެ.
ފަލާހަށް ސާއިފު ހުރި ގޮތް ކަމުދިޔައެވެ. ސާއިފު ހުރީ ފެންވަރައިގެން އޭނާއަށް ވީވަރަކުން ރީތިވެގެންނެވެ. ބޯވެސް ފުނާއަޅައި ހަންމަތަކޮށްގެންނެވެ. އޭނާ ލައިގެން ހުރި ގޮޅި ޖެހި ގަމީސް އޭނާއަށް ތަންކޮޅެއް ބޮޑު ނަމަވެސް އޭތި ހުރީ ރީއްޗަށް އިސްތިރި ކޮށްފައިކަން އެނގެއެވެ. އޭނާ އާ ދިމާލަށް އަލީޝާގެ ދެމައިން ބަލާތަން ފެނުނީމައި އެމީހުންނާ ދިމާލަށް ހީލަން މަސައްކަތް ކުރިތަން ފެނުނެވެ. ނަމަވެސް އެމީހުން އޭނާ ނުފެންނަ ކަމަށް ހެދިތަން ފެނުމުން އޭނާ އެހެން ދިމާލަކަށް ބަލަން ފެށިއެވެ.
ލަންކާގައި ކިޑްނީ ނަގަން އޮޕަރޭޝަނަށް ވެއްދުމުގެ ކުރިން ސާއިފު ފަލާހަށް ގޮވައިލިއެވެ.
"ފަލާހު. އަޅުގަނޑުގެ ބޭންކަށް މިހާރު ލާރި ޖަމާ ކޮށްދެއްވައިފިންތޯ؟" ސާއިފު އަހައިލިއެވެ.
"އާން. ޗެކް ކޮށްލަބަލަ ލިބިއްޖެތޯ،" ސާއިފު ފޯނުން އެކައުންޓު ޗެކު ކުރުމަށް ފަހު ފޯނު ބޭއްވިއެވެ.
"ޝުކުރިއްޔާ. ލާރި އޮތީ ޖަމާވެފައި. އަޅުގަނޑުގެ އެދުމަކީ މި ކިޑްނީގެ ސަބަބުން ފަލާހުގެ އަނބިކަނބަލުންނަށް ފާގަތި މުސްތަގުބަލެއް ލިބުން،" އެހެން ބުނުމަށް ފަހު ސާއިފު ފަލާހުއާ ސަލާން ކޮށްލިއެވެ.
ކިޑްނީ ޓްރާންސްޕްލާންޓުގެ ކަންތައް ދިޔައީ ކާމިޔާބުކޮށެވެ. އެތާނގައި ހޭދަކުރަން ޖެހުނު ދުވަހަށް ވުރެން އެންމެ ދުވަހެއްވެސް އިތުރަށް ސާއިފު މަޑެއް ނުކުރެއެވެ. އަދި އިތުރު އެއްވެސް އެއްޗަކަށް ފަލާހުގެ ކިބައިންނެއް ނޭދެއެވެ. ޑޮކްޓަރުން އޭނާ ދަތުރުކުރުމަށް އޯކޭ ދިނުމާ އެކުގައި އޭނާ ފުރައިގެން ދިޔައީއެވެ.
އޭގެ ދުވަސްތަކެއް ފަހެވެ. އާ ކިޑްނީއެއް ލިބިގެން އަލުން ދުޅަހެޔޮ ދިރިއުޅުމެއްގައި އުޅުމުގެ ފުރުސަތު ލިބުމާއެކު އަލީޝާގެ ސޯޝަލް މީޑިއާ ޕޯސްޓުތައް އަލުން ޗާލު ތަންތަނާއި، ކަންކަމުގެ ފޮޓޯލައިގެން ފުރައިލައިފިއެވެ. އެއީ އޭގެ ދުވަސްތަކެއް ކުރިން ދިރިއުޅުމުގެ އުންމީދު ކަނޑައިލަން ޖެހުނު މީހެއް ހެންނެއް ހިޔެއް ނުވެއެވެ. އަލީޝާގެ ދިރިއުޅުމާ ދުރަށްދިޔަ ރައްޓެހިންތައް އަނެއްކާވެސް އެ އެޕާޓްމަންޓު ފުރައިލަން ފަށައިފިއެވެ. ގެއްލިގެން ދިޔަ ދުވަސްތައް ހޯދުމުގެ ނިޔަތުގައި ބޮޑެތި ރިސޯޓުތަކުގައި ހަފްލާތައް އާއިލާ މީހުންނަށާއި ރަހުމަތްތެރިންނަށް ބާއްވަން ފަށައިފިއެވެ.
އެ ދިރިއުޅުމަށް ރުޖޫއަވެވުނީ ސާއިފު ކިޔައި އާދައިގެ މީހެއްގެ ކިޑްނީއިން ކަން ހަނދާން ހުރީ ހަމައެކަނި ފަލާހެވެ. ލަންކާއިން އައި ފަހުން އެތައް ފަހަރަކު ސާއިފުގެ ނަންބަރަށް ގުޅަން ފަލާހު މަސައްކަތްކުރިއެވެ. ނަމަވެސް އޭނާގެ ފޯނު އޮންނަނީ ނިއްވައިލައިފައެވެ. އެވާހަކަ އަލީޝާ ކައިރީގައި ފަލާހު ބުނުމުން އޭނާގެ މޫނުމަތި ބަނަވިއެވެ.
"އަޅެ ބޭބީ ކީއްކުރަންތަ މިހާރު އެމީހާ ތި ހޯދަނީ؟ ޔަގީން މާލެ އަރައިފަ ދެ ދުވަސްތެރޭ އެ ލާރި ބޮޔެ ހުސްކޮށްލީކަން،" އަލީޝާ ފޫހި ރާގަކަށް ބުންޏެވެ.
"އެއީ އަލީޝާއަށް ކިޑްނީ ދިން މީހާއެއްނު،" ފަލާހު ހަނދާން ކޮށްދިނެވެ.
"ދިނީކީއެއް ނޫންދޯ؟ ގަތީ! ބޮޑު އަގު ދީފައި ގަތީ! އެކަންތައް ބޭބީ އޮޅުވައިނުލައްޗޭ! އޭނާ އެ ބޯ އެއްޗެހި ބޮއެގެން ކިޑްނީ ހަލާކުވިޔަ ނުދޭން ކަންނޭނގެ އެއްނުން މަށަށް އެ ކިޑްނީ ލިބޭގޮތް އެވީ!" އަލީޝާގެ ރާގު ވަރަށް ހަރުކަށްޓެވެ. އިތުރަކަށް ފަލާހު އެވާހަކަ ދައްކައިކަށް ނަހަދައެވެ.
އޭގެ އެތަކެއް ދުވަސް ފަހެވެ. ރަހުމަތްތެރިންނަށްޓަކާ ރިސޯޓެއްގައި ބޭއްވި ބޮޑު ކެއުމެއް ނިންމައިލައިފައި ލޯންޗުގައި މާލޭ އައި ދަތުރުގައި ވަރަށް ޒަމާނަށް ފަހު ފަލާހު ފޭސްބުކަށް ވަދެލިއެވެ. އޭގައި ދަންނަ މީހުން ކަމަށް ފޭސްބުކްއިން ދައްކައި މީހުންގެ ތެރޭގައި ސާއިފުގެ ނަން ފެނުނެވެ. ޒަމާންތަކަކަށް ފަހު ސާއިފު ފެނުމުން ފަލާހު އުފަލުން އެ ޕްރޮފައިލްއަށް ފިއްތައިލިއެވެ.
ސާއިފުގެ ޕްރޮފައިލް ފޮޓޮއަކަށް ލައިފައި އޮތް ފޮޓޯގައި ސާއިފުހުރި ގޮތާ ފަލާހާ ދިމާވިއިރުގައި އޭނާ ހުރިގޮތާ ވަރަށް ތަފާތެވެ. އެ ފޮޓޯގައި ސާއިފު ރޫފަ ހެޔޮވެފައި ރީއްޗެވެ. އޭނާ ހުރީ ކުޑަ ކުއްޖަކު އުރައިލައިގެންނެވެ. ކައިރީގައި ބުރުގާ އަޅައިގެން ހުރި އަންހެންކުއްޖެއް ވެސް ހުއްޓެވެ. ހީވާގޮތުން އެއީ ސާއިފުގެ އާއިލާއެވެ.
ފޭސްބުކުގައި ސާއިފު ލައިފައިވާ ފުރަތަމަ ޕޯސްޓު ފެނިފައި ފަލާހުގެ މެޔަށް ތަދުވިއެވެ. އެއީ ސާއިފުގެ ދަރިފުޅުގެ ކަށުނަމާދު ޕޯސްޓެވެ. އޭގައި ލިޔެފައި ވެއެވެ.
"އަޅުގަނޑުމެންގެ ދަރިފުޅު އިޝާ އިންޑިޔާއަށް ގެންގޮސްގެން ކުރި އޮޕަރޭޝަން ކާމިޔާބެއް ނުވި. ނަމަވެސް އޭނާއަށް ހެޔޮ ސިއްހަތަކަށް އެދި ދުއާ ކޮށްދެވި ހުރިހާ ފަރާތްތަކަށް ޝުކުރިއްޔާ. މައްޔިތާގެ ގައިބުގައި ކުރެވޭ ކަށުނަމާދަށް ވަޑައިގެންނެވޭނޭ ހުރިހާ ބޭފުޅުން ވަޑައިގަތުން އެދެން."
އޭގެ ތިރީގައި އޮތް ޕޯސްޓުގައި ލާރި ހަމަޖެހިގެން އިންޑިޔާއަށް ޓްރީޓްމަންޓްއަށް ފުރި ވާހަކައާއި ހެޔޮ ދުއާކޮށް ދިނުމަށް އެދިފައި ޕޯސްޓެއް ވެއެވެ. އޭގެ ތިރީގައި އޮތް ޕޯސްޓުތަކުގައި އެ ކުއްޖާގެ ގޮހޮރުގެ ކެންސަރެއް ހުރިކަން އެނގުނު ވާހަކައާއި، އޮޕަރޭޝަންއަށް ބޭނުންވާ ލާރި ހަމަނުވެގެން ޑޮކްޓަރުގެ ލިޔުންތަކާއި އޮޕަރޭޝަނަށް ލަފާކޮށް އަރާނޭ ވަރު ޖަހައިފައިވާ ލިޔުންތައް ޕޯސްޓުކޮށްފައިވެއެވެ. އެ ހުރިހާ ކަމަކަށް ލަފާކޮށްފައި އޭނާ ޖަހައިފައިވާ އަދަދަކީ ފަސްލައްކަ ރުފިޔާއެވެ. އެހީއަށް އެދިފައިވާ ޕޯސްޓުތައް ތަކުރާރުކޮށް ދޮޅު އަހަރު ވަންދެން ލައިފައި ހުއްޓެވެ. އެއިން އެއްވެސް ޕޯސްޓެއް ދެމީހަކު ފިޔަވައި ޝެއަރ ކޮށްފައެއް ނުވެއެވެ.
އެ ޕޯސްޓުތަކުގެ ފަހަތުގައި އެ ކުއްޖާއާ އެކުގައި އެމީހުން ކުޅެފައި ނަގައިފައިވާ ފޮޓޮއާއި، އެކުއްޖާ ފުރަތަމަ ސުކޫލަށް ދިޔަ ދުވަހު ފޮޓޮއާއި އެ ކުއްޖާ ކުރަހާފައި ހުރި އެއްޗެހީގެ ފޮޓޯ ވެސް ލައިފައި ހުއްޓެވެ.
އޭއްޗެހި ފެނިފައި ފަލާހުގެ ލޮލުން ކަރުނަ ހިލުނެވެ. އޭނާއާ ދިމާވި މީހާއަކީ ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރުމަށް ޓަކައި މަސައްކަތް ކުރި މީހެއް ކަމާއި އެމީހުން އެ ވިސްނި ގޮތަށް "ޕާޓޭ"އެއް ނޫންކަން އެނގުމުން ފަލާހުގެ ހިތުގައި ހަމްދަރުދީ އުފެދި ވޭންއެޅިއެވެ. އޭނާގެ ކައިރީގައި އިން އަލީޝާގެ ގައިގައި ކޮށްޓައިލައިފައި އެ ކަށުނަމާދު ޕޯސްޓު ދައްކައިލިއެވެ.
"ސާއިފުގެ ދަރިފުޅު. އޭނާ ކިޑްނީ ވިއްކައިލީ މި ކުއްޖާގެ އޮޕަރޭޝަން ކުރަން،" ފަލާހުގެ އަޑު ނުކުތީ އަޅައަޅައި ގަންނަމުންނެވެ.
"އޯ. ދެރަދޯ،" އެ ޕޯސްޓަށް ހިނދުކޮޅަކަށް ލޯ ހިންގައިލައިފައި އަލީޝާ އަނެއްކައިވެސް އޭނާގެ ފޯނުން އެރޭގެ ޕާޓީގެ ފޮޓޯތައް އިންސްޓަގްރާމަށް ޕޯސްޓުކުރަމުން ގެންދިޔައެވެ.
އޭގެ އަނެއް ދުވަހު ފަލާހު، އަލީޝާ ވަރިކުރަން އެދި ފޯމު ކޯޓަށް ލިޔެވެ.



advertisment