ޖެހޭ ބައްޔެއްގެ ސަބަބުން މީހާގެ އަތްފަޔާއި މޫނުގެ ހަންގަނޑު ގަހެއްގެ ސިފައަށް ބަދަލުވާ ކަހަލަ ބައްޔެއް ހޯދިފައިވާކަން އެނގޭ ހެއްޔެވެ؟ މިއީ ވަރަށް މަދު ބަޔަކަށް ދިމާވާ ޖެނެޓިކް ބައްޔެއް ކަމުގައިވާ އެޕިޑަރމޯޑިސްޕްލޭޒިއާ ވެރުކޯސިފޯމިސް (އީވީ)، ނުވަތަ އާންމު ނަމުން "ޓްރީ މޭން ސިންޑްރޯމް"ގެ ނަމުން މަޝްހޫރު ބައްޔެއްގެ ހަގީގަތެވެ.
"އީވީ އަކީ ވަރަށް މަދުން ދިމާވާ ވާރުތަވާ ބައްޔެއް. މި ބަލި ޖެހެނީ ޓީއެމްސީ ހައެއް ނުވަތަ ޓީއެމްސީ އަށެއް ފަދަ ޖީންތަކަށް އަންނަ ބަދަލުތަކެއްގެ ސަބަބުން، ހަށިގަނޑަށް ހިއުމަން ޕެޕިލޯމާ ވައިރަސް (އެޗްޕީވީ)ގެ ވައްތަރުތަކާ ދެކޮޅަށް ފައިޓް ކުރުމުގެ ބާރު ނެތީމައި،" އިންޑިއާގެ ހަމުގެ ޑޮކްޓަރެއް ކަމުގައިވާ ޑރ. އަޖޭ ރާނާ ބުންޏެވެ.
މި ބަލި ޖެހޭ މީހުންގެ އަތާއި، ފައިގެ އިތުރުން މޫނުމައްޗާއި މުޅި ހަށިގަނޑުގައި ވެސް ހަންގަނޑު އާދަޔާ ޚިލާފަށް ބޯވެ، އޮމާންކަން ގެއްލި، ކުރަކި އުންތަކަކަށް ވާން ފަށައެވެ. މި އުންތައް ދުވަސްވާ ވަރަކަށް ގަހުގެ ތޮށިގަނޑުގެ ސިފަޖެހި ހަރުވެއެވެ. ދުވަސްވާ ވަރަކަށް އެ އެއްޗެހި ބޯވެ، ބަރުވެ، އެ އެއްޗިއްސާ ހެދި އެމީހާއަށް ހެލިފެލިވެ އުޅެން އުނދަގޫވެއެވެ.

މި ބަލި ދެނެގަތުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަދި ފަރުވާ ދިނުމަކީ ވެސް އުނދަގޫ ކަމެކެވެ. ޑރ. ރާނާ ބުނި ގޮތުގައި މި ބައްޔަށް ދޭނޭ ފަސޭހަ ފަރުވާއެއް އަދި ހޯދިފައެއްނުވެއެވެ. އެހެން ނަމަވެސް ސަރޖަރީ އާއި ބޭސް ބޭނުންކޮށްގެން އަލާމާތްތައް ކޮންޓްރޯލް ކުރެވެއެވެ. މި ބައްޔަކީ ގައިންގަޔަށް ފެތުރޭ ބައްޔަކަށް ނުވިޔަސް މި ބަލި ޖެހޭ މީހުންނަށް ހަމުގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. އެހެންކަމުން ޑޮކްޓަރަށް ގަވާއިދުން ދައްކަމުން ދިއުމަކީ މުހިންމު ކަމެއް ކަމުގައި ޑރ. ރާނާ ބުންޏެވެ.
މުޅި ދުނިޔޭގައި މި ބަލި ޖެހިފައިވާކަން ރިޕޯޓުކުރެވިފައިވަނީ 600 އަށްވުރެ މަދު މީހުންނަށެވެ. މި ބަލި ޖެހޭ މީހުންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ އިޖުތިމާއީ ގޮތުން ކުރިމަތިވާ ދަތިތަކެވެ. މި ބަލި ޖެހޭ މީހުންނަށް އާންމު ދިރިއުޅުމެއް އުޅުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. އަދި ސިފައަށް އަންނަ ބަދަލުގެ ސަބަބުން މީހުންގެ ތެރެއަށް ނުކުމެ އުޅެން ޖެހިލުން ވެއެވެ.
އިންޑިއާ ފަދަ ގައުމުތަކުގައި މި ބަލި ޖެހޭ މީހުން އެހާ މަދުވުމުގެ ސަބަބުން، އަވަށްތަކުގައި ދިރިއުޅޭ މީހުންނަށް މި ބަލީގައި ފަރުވާ ލިބުމުގައި ދަތިތަކާ ކުރިމަތިވެއެވެ. އަދި ތައުލީމީ ފެންވަރު ދަށް، ނުވަތަ ނާތަހުޒީބު މުޖުތަމައުތަކުގައި މި ބަލި ޖެހޭ މީހުން އާންމުންނާ ބައްދަލުވުމަށް ފަސްޖެހެއެވެ. އަދި ބައެއް ފަހަރު މި ބަލި ޖެހޭ މީހުންނާމެދު އަނިޔާވެރި އަމަލުތައް ހިންގައިފައިވެސް ވެއެވެ.

މި ބައްޔަކީ ޖެނެޓިކް ބައްޔަކަށް ވުމުން، މި ބަލި ޖެހުން ހުއްޓުވޭނެ ގޮތެއް މިހާތަނަށް އެނގިފައެއް ނުވެއެވެ. އެހެން ނަމަވެސް، މި ބަލި ޖެހުމުގެ ފުރުސަތު އޮތް އާއިލާތަކުގައި ޖެނެޓިކް ޓެސްޓިންގް ހަދައި، ކުރިމަގުގައި އުފަންވާ ދަރިންނަށް މި ބަލި ޖެހުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަނެވިދާނެއެވެ.
(ތަރުޖަމާއެއް)



advertisment