ޕްލާސްޓިކުގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާ ވާހަކަ އަކީ އާވާހަކައެއް ނޫނެވެ. މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދުނިޔޭގެ ކަނޑަށް އެޅި ޕްލާސްޓިކު ދިރޭ ތަކެތީގެ ނިޒާމުގެ ތެރެއަށް ވަދެ އަހަރުމެންގެ ސިއްހަތަށް ގެއްލުން ދޭ ވާހަކަވެސް އެއީ ހަގީގަތެކެވެ. ޔޫއެން އެންވަޔަރަންމަންޓް ޕްރޮގްރާމުން ލަފާކުރާ ގޮތުގައި ކަނޑުތަކަށް އެޅޭ ޕްލާސްޓިކް ކުނީގެ މިންވަރު 2040 ވަނަ އަހަރާ ހަމައަށް ތިން ގުނަ އިތުރުވެ، އަހަރަކު 37 މިލިއަން މެޓްރިކް ޓަނަށް އަރާނެއެވެ.
ގިނަ ފަހަރަށް ތިމާވެއްޓަށް ލިބޭ ގެއްލުމަށް ބަލައިނުލާ ޕްލާސްޓިކް ނޫންގޮތަކަށް މީހުންނަށް ވިސްނަން ދަތިވަނީ އޭގެ އަގު ހެޔޮކަމާއި، އުފައްދަން ފަސޭހަކަމާއި، އޭގެ ބޭނުންތެރިކަމުންނެވެ. ޕްލާސްޓިކުގެ އެންމެ ނުރައްކާތެރި އެއް ސިފައަކީ އޭތި ފަނާނުވެ ދެމިހުން ދިގު މުއްދަތެވެ. މީހުންގެ ހޭލުންތެރިކަމުގެ ދަރަޖަ މަތިވިޔަސް، ޕްލާސްޓިކު ނޫން ގޮތްތައް ހޯދުމަށް ވަނީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އާންމު ދިރިއުޅުމުގައި ބޭނުންކުރާ ގިނަ އެއްޗެހި ހަދައިފައިވަނީ ޕްލާސްޓިކު ބޭނުންކޮށްގެންނެވެ.
ނަމަވެސް ދާދި ފަހުން ޖަޕާނުގެ ސައިންޓިސްޓުން ވަނީ މިކަމަށް ވަރަށް ރަނގަޅު ހައްލެއް އީޖާދުކޮށްފައެވެ. އެއީ މޫދު ލޮނުގަނޑުގައި ޖެހޭތާ އިރުކޮޅެއް ތެރޭގައި މުޅިން ނެތި ފަނާވޭ ޕްލާސްޓިކެކެވެ.

ޓޯކިޔޯގެ ރިކެން ސެންޓަރ ފޮރ އިމަރޖެންޓް މެޓަރ ސައިންސް އަދި ޔުނިވަރސިޓީ އޮފް ޓޯކިޔޯގެ ސައިންޓިސްޓުން އުފައްދައިފައިވާ މި މެޓީރިއަލްގެ ވާހަކަ އިއުލާނު ކުރީ މިދިޔަ ޖޫން މަހު ފާހަގަކުރި ތިމާވެށީގެ ދުވަހާ ގުޅުވައިފައެވެ. މި އުފެއްދުމުގެ ކުޑަ އެތިކޮޅެއް ލޮނުގަނޑަށް ވައްޓައިލައި އިރުގަނޑަކަށް ތަޅުވައިލުމުން ފެނުގެ ތެރޭގައި ގިރިގެން ދެއެވެ. މިހާތަނަށް ދުނިޔޭގެ މާކެޓުގައި ގެންގުޅޭ އެހެން ބަޔޯޑިގްރޭޑަބަލް ޕްލާސްޓިކްތަކަކީ ވަރަށް ގިނަ ދުވަހުން އޭގެ ބައިތައް ނެތިދަމުން ދަމުން ގޮސް އެއްކޮށް ހަލާކުވާ ވައްތަރުތަކެވެ. އެފަދަ ޕްލާސްޓިކުން ތިމާވެއްޓަށް އެހެން ގޮތްގޮތަށް ގެއްލުން ލިބޭ ކަމަށް މިހާރުގެ ހޯދުންތަކުން ދައްކައެވެ.
ޖަޕާނުގައި އީޖާދުކުރި މި ޕްލާސްޓިކު އުފައްދައިފައިވަނީ އަލުވި ފުށުގެ އޮލަޔާއި ޒުވާރި ފުށުގެ އޮލަ ބޭނުން ކޮށްގެންނެވެ. ވީމައި މީގައި ވިހައިގެ މާއްދާއެއް ނުވެއެވެ. މި މަޝްރޫއުގެ އިސްވެރިޔާ ތަކުޒޯ އައިދާ ބުނެފައިވަނީ، މިއީ ޕެޓްރޯލިއަމްއިން އުފައްދައި ޕްލާސްޓިކުހާ ވަރުގަދަ، ނަމަވެސް ލޮނުގައި ޖެހުމުން އިސާހިތަކު ވިރިގެންދާ އެއްޗެއް ކަމަށެވެ. އެމީހުން މި އުފެއްދުން އުފެއްދީ އަންނަން އޮތް ޖީލުތަކަށް ރަނގަޅު ދުނިޔެއެއް ދޫކޮށްފައި ދިޔުމުގެ ބޭނުމުގައެވެ.

ޖަޕާނުގެ ޓީމުން އުފެއްދި މި ޕްލާސްޓިކް ވިޔަފާރީގެ ގޮތުގައި ނެރުމުގެ ޕްލޭނެއް އަދި އިއުލާނެއް ނުކުރެއެވެ. ނަމަވެސް މި އުފެއްދުމަށް ވަނީ ދުނިޔޭގެ ސަމާލުކަން ލިބިފައެވެ. ހާއްސަކޮށް ކާބޯތަކެތި ބަންދުކުރާ އިންޑަސްޓްރީއަށެވެ. އެއީ މި އުފެއްދުން އާންމު ޕްލާސްޓިކު ބޭނުން ކުރާ ގޮތަށް ބޭނުން ކުރެވޭނެ ތީއެވެ. އެއްޗެހި ބަންދުކުރާއިރު ލެވޭ ޕްލާސްޓިކު ރެޕިންގްއަށް މީތި ބޭނުން ކުރެވޭނޭތީ މީގެ ބޭނުން ވަރަށް ފުޅާވެގެންދާނޭ ކަމަށް ލަފާކުރެވެއެވެ.
މި މެޓީރިއަލް ބިމުގެ ވެލީގައިވެސް ލަހުން ހަލާކުވެގެން ދާކަމަށް އުފެއްދި ފަރާތުން މައުލޫމާތު ދެއެވެ. އެއީ ވެލީގައިވެސް ލޮނުގެ ބައިތައް އެކުލެވިފައިވާތީއެވެ. ޕްލާސްޓިކުން ނިކުންނަ މައްސަލަތަކަށް ހައްލެއް ހޯދަމުން ގެންދިޔަ ދުނިޔެއަށް މި އީޖާދުގެ ސަބަބުން ތަސައްވަރު ވެގެން ދަނީ ވަރަށް އަލިގަދަ އުންމީދުގެ ވިދުވަރެކެވެ.



advertisment