Support Us

ވާހަކަ: މަދީހާ

ބުދަ ދުވަހުގެ ރެއެވެ. އެހެން ރޭތަކެކޭ އެއްފަދައިން އަހަރެން އިނީ ސޯފާގައި ޓީވީ ބަލާށެވެ. އަތުގައި އޮތް ރިމޯޓުން އެއް ޗެނަލަކަށް ފަހު އަނެއް ޗެނަލް ބަދަލުކުރަމުން ގެންދިޔައީމެވެ. ބަލައިހިތްވާ އެއްޗެއް ހިތުގައި އޮވެގެނެއް ނޫނެވެ. ސިކުނޑި ހަމަޖައްސައިލުމަށްޓަކައި ކުރަން އާދަވެފައިވާ ކަމަކަށް ވީމައެވެ. ޖެހިގެން ހުރި އެޕާޓްމަންޓުގައި އުޅޭ އަވައްޓެރިން ރޭގަނޑު ބާޒާރުކުރަން ގޮސް އައިސް ދޮރުމަތީގައި ތިބިގެން ކޮންމެވެސް ކަމަކާ ދެބަސްވެ ޒުވާބުކުރާ އަޑު އިވެއެވެ. އެއީ ވެސް ކޮންމެ ރެއެއްގެ އާދައެވެ.

ޓީވީގެ ޗެނަލްއަކުން ފްރެންޑްސްގެ އެޕިސޯޑެއް އަންނަތަން ފެނުމުން އޭތި ބަލައިލަން ޗެނަލް ބަދަލުކުރުން ހުއްޓައިފައި މަޑު ޖައްސާލީމެވެ. އޭގެން އިވޭ ހިނިގަނޑުގެ އަޑުގެ ސަބަބުން މީހާގެ ސިކުނޑިއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އެހެން އޮއްވާ މަޑުމަޑުން ލޮލަށް ނިދި ޖަމާވާން ފަށައިފިއެވެ. އެ އެޕިސޯޑު ނިމުމުން ނިދަން ދާނަމޭ ހިތައި ސޯފާގައި އޮށޯތީމެވެ.

ދެން ހޭލެވުނީ ދޮރުގައި މީހަކު ޓަކި ޖަހައިލި އަޑަށެވެ. ޓީވީން އޭރު އަންނަނީ ކޮންމެވެސް އެހެން ސީރީޒެއްގެ އެޕިސޯޑެކެވެ. ގަޑި ބަލައިލީމެވެ. ގަޑިން އެކެއް ޖެހީއެވެ. އަނެއްކާވެސް ދޮރުގައި މީހަކު ޖަހައިލި އަޑު އިވުނެވެ. އެ ގަޑީގައި ދޮރުގައި ޖަހައިނީ ކާކު ބާއޭ ހިތަށް އެރިއެވެ. ޓީވީ ނިއްވައިލައިފައި ތެދުވެގެން ގޮސް ދޮރު ހުޅުވައިލީމެވެ. ދޮރުމަތީގައި ހުރި މަދީހާ ފެނިފައި އަހަރެންގެ ނިދި ފިލިއެވެ. ހުދުކުލައިގެ ޕާކިސްތާނު ހެދުމެއް ލައިގެން ހުރި މަދީހާ ހުރީ ފަނޑުގޮތަކަށް ހެވިފައެވެ.

"އެތެރެއަށް ވަންނާކަށް ނުބުނާނަންތަ؟" މަދީހާ އަހައިލިއެވެ.

އެއްޗެކޭ ނުބުނެ އެއް ފަރާތަކަށް ޖެހިލައިފައި މަދީހާ ވަންނަން ތަން ދެއްކީމެވެ. އޭނާ ވަދެގެން ދިޔަ ގޮތަށް ގޮސް އިށީނީ ސޯފާގައެވެ. ދޮރު ލައްޕައިލައިފައި އެތެރެއަށް ވަދެ ދުރުގައި ހުރި ސޯފާގައި މަދީހާއާ ކުރިމަތިލައި އިށީނދެ ސުވާލުން ފުރިފައިވާ ނަޒަރަކުން މަދީހާއަށް ބަލައިލީމެވެ.

"ޝާރިއު. ހާލު ކިހިނެއް؟" މަދީހާ މަޑުމަޑުން އަހައިލިއެވެ.

"ރަނގަޅު. ކިހިނެތް މިތާނގައި އަހަރެން އުޅޭކަން އެނގުނީ؟" އަހަރެންގެ ސިކުނޑިއަށް އައި ފުރަތަމަ ސުވާލު ކުރީމެވެ.

"މި ޒަމާނުގައި މީހުން އުޅޭތަން ހޯދުމަކީ އެހާ އުނދަގޫ ކަމެއްތަ؟" މަދީހާ އެހިއެވެ.

އަހަރެންނަށް މަދީހާ ނުފެންނަތާ މިހާރު ފަނަރަ އަހަރު ވީއެވެ. އޭނާއަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ހަމަ އެ މައުސޫމު ސޫރައެވެ. އެ ފަނޑު ހިނިތުންވުމެވެ. އެކަމަކު އޭނާގެ ސޫރައާ މެދު ވިސްނާކަށް އަހަރެންގެ ސިކުނޑި ތަނެއް ނުދިނެވެ. އަހަރެންގެ ހިތް ސުވާލުން ފުރި ބާރުވަނީއެވެ.

"ކަމެއް ދިމާވީ ތަ އަނެއްކާ؟"

"ނޫން. ހަމަ ވާހަކަ ދައްކައިލަން ވެގެން މިއައީ،" މަދީހާ ޖަވާބު ދިނެވެ.

އަހަރެން ގަޑި ބަލައިލީމެވެ. މިހާ ދަންވަރު މަދީހާ އަހަރެން އުޅޭތަން ހޯދައިގެން ދައްކަން ބޭނުންވެގެން އެ އައީ ކޮން ވާހަކައެއް ބާއެވެ؟ އަހަރެން ކުރާ ސުވާލުތަކަށް އޭނާ ދޭ އެއްވެސް ޖަވާބަކުން އަހަރެންގެ ސިކުނޑިއަކަށް ހަމަޖެހުމެއް ނުލިބެއެވެ.

"ވެގެން އުޅޭ ގޮތް ތަންކޮޅެއް ސާފުކޮށް ބުނެދީބަލަ!" އަހަރެން ބުނީމެވެ.

"އަހަރެން މިއައީ އޭރު ކުރަން ހުރި ސުވާލުތަކަށް ޖަވާބު ހޯދަން،" މަދީހާ އެހެން ބުނުމުން ބޭއިހުތިޔާރުގައި އަހަރެންނަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

"މިހާ ދުވަސް ފަހުން ކީއްކުރަން؟" އެ ބުނި އެތިން އަހަރެންގެ ސިކުނޑި ފިތެން ފެށިއެވެ.

"އަހަރެންގެ ހިތަށް އަދިވެސް އެކަންތައް އުނދަގޫކުރޭ،" އަހަރެންނަށް މަދީހާއާ ދިމާލަށް ބަލަހައްޓައިގެން އިނދެވުނެވެ. އަހަރުމެން ދެމީހުންގެ މާޒީ ލޯކުރިމަތީގައި ފެންނަން ފެށިއެވެ.

އަހަރެންނަށް އެންމެ ފުރަތަމަ މަދީހާ ފެނުނީ ރައްޓެހިންނާ އެކީގައި ކުޑަބަނޑޮހަށް ކުރި ދަތުރެއްގައެވެ. އެ ދަތުރުމަތީގައި އޭނާގެ އެކުވެރިންނާއި އަހަރެންގެ އެކުވެރިން އެއްބައިވެގެން އަހަރުމެން ދެމީހުން އަޅުވާ ކިޔައިގެން، ދެމީހުންގެ ދެމެދުގައި ގުޅުމެއް ބަދަހިވާން މަގުފަހިވީއެވެ.

އޭރު އެއީ އަހަރެންގެ ރަންޒަމާނެވެ. އެއް ކުއްޖެއް ކައިރިން އަނެއް ކުއްޖެއް ކައިރިއަށް ޖައްސަމުން މާފޮޅުވަމުން ގެންދިޔައި ޒަމާނެވެ. އަހަރެން ބިޓު ންނަގައި، ކަޓުވައިލައިލެއް އަވަސްކަމުން ކައިރީގައި އުޅޭ އެންމެން ތިބެނީ ކޮސްވެފައެވެ. އެންމެ ފަހުން އަހަރެންގެ ރައްޓެހިންނަށް ގަބޫލުކުރެވުނީ މަދީހާ ކަހަލަ ރީތި، ރަނގަޅު ކުއްޖަކާ ޖެހުނީމައި އަހަރެންގެ އުޅުން އިސްލާހުވާނޭ ކަމަށެވެ.

ކަންތައްވީ ވެސް އެކަހަލަ ގޮތަކަށެވެ. މަދީހާގެ މައުސޫމުކަން ވިސްނިފައި އެ ގުޅުން ކަނޑައިލަން ޖެހިލުންވިއެވެ. އޭނާއަކީ އެ އާއިލާ މީހުން ވަރަށް ހިފަހައްޓައިގެން ގެންގުޅޭ ކުއްޖެކެވެ. އެހެންވެ ބައްދަލުވުންތައް ކުރިޔަށް ގެންދެވުނީ ދަތި އުނދަގުލުގައެވެ. އޭނާއަށް ގެއިން ނުކުމެވެނީ ކޮންމެވެސް ރަހުމަތްތެރިއެއްގެ އެހީގައެވެ. އަހަރުމެން ދެމީހުންގެ މެދުގައި ހޭދަވީ ރެސްޓޯރަންޓެއްގެ އަނދިރި ކަނެއްގައި ހޭދަކުރެވުނު ވަރަށް ކުރު ހިނދުކޮޅުތަކެކެވެ. އެ ވަގުތުތަކުގައި އެއްވެސް ކަމަކާ ދޭތެރޭ ވާހަކަ ދައްކައި ގާތް ގުޅުމެއް ބަދަހިކުރާކަށް ފުރުސަތެއް ނުލިބުނެވެ. އެއަށް ވުރެން ދެމީހުން ތިބެނީ އެކަކު އަނެކަކާ ގައިގޯޅިވެ ބީހިލައި ހިތުން ފެންބޮވައިގެންފައެވެ. އެހާ ދަތީގައި އުޅެން ޖެހުނީމައި ކަންނޭގެއެވެ. އަހަރެންނަށް އޭނާއާ ހެދި ވަރަށް ވަރުން އުޅެވުނެވެ.

އެގޭ މީހުންނަށް އަހަރުމެންގެ ގުޅުން ފަޅާއަރާކަށް މާ ގިނަ ދުވަހެއް ނުނެގިއެވެ. އެ އާއިލާގެ ހަސަބާއި ނަސަބުގެ ހައިބަތު ބޮޑުކަމުން، އަހަރެން ކަހަލަ އާދައިގެ ފަންތީގެ އާއިލާއެއްގެ މީހަކާ މަދީހާ ގުޅޭކަށް އޭނާގެ މައިންބަފައިން އެއްގޮތަކަށްވެސް ގަބޫލެއް ނުވިއެވެ. އެމީހުން މަދީހާ ގެއިން ނުނުކުމެވޭ ގޮތް ހަދައި، ހަރުކަށި ފިޔަވަޅުތަކެއް އަޅައި، އަހަރެންނާ ބައްދަލުކުރުން ހުއްޓުވައިލިއެވެ.

ދުވަސްކޮޅަކަށް އަހަރެން އެކަމާ ހިތާމަކުރީމެވެ. އެއީ އަހަރެން އެހާ ދުވަސް ވަންދެން ގުޅިގެން އުޅުނު ފުރަތަމަ ކުއްޖާއެވެ. ނަމަވެސް އެއީ އަހަރެންގެ ރަންޒަމާނެވެ. އޭގެ ޒާތުގައި އެ ގުޅުން ނިމުނީ ކަމަށް ނިންމައި އަހަރެން ހަމަޖެހިލީމެވެ. އަދި މާގިނަ ދުވަސްތަކެއް ނުވަނީސް އާޝިޔާއާ ރައްޓެހިވީމެވެ. މަދީހާއާ ރައްޓެހިވެގެން ދުވަސްގަނޑަކު އުޅެވުނީމައި، އެކަކާ އެކީގައި ގުޅުމެއް އުޅުމުގެ އުފަލަށް އަލުން އެދެވުނެވެ. އާޝިޔާއާ ރައްޓެހިވި ހިސާބުންވެސް އެ ގުޅުން މަތީގައި ދެމިހުރުމަށް ހިތް އެދެވުނެވެ.

އާޝިޔާއަކީވެސް އަހަރެން ކަހަލަ އާދައިގެ އާއިލާއެއްގެ ކުއްޖެކެވެ. އޭނާގެ އާއިލާ މީހުން އަހަރެންނަށް ވަރަށް ހިތްހެވެވެ. އަހަރުމެން ބައްދަލުކޮށް އުޅުނީ ވަރަށް މިނިވަން ޖައްވެއްގައެވެ. އާޝިޔާއާ ރައްޓެހިވެގެން ފުރަތަމަ ފަހަރަށް ދިރިއުޅުމެއް ފެށުމަށް ހިޔާލުކުރަން ފެށީމެވެ.

އެހުރިހާ ކަމެއް ބަދަލުވީ އެއްރެއެވެ. އެއީ ހަމަ މިކަހަލަ ރެއެކެވެ. ފިލުމެއް ބަލަން ގޭގެ ސިޓިންރޫމުގެ ސަރަންފީގޮނޑީގައި އިންދާ އަހަރެންނަށް އޮތީ ނިދިފައެވެ. ހޭލެވުނީ ބައްޕަ އައިސް އަހަރެންނަށް ގޮވައިލައިފައި އަންހެން ކުއްޖެއް އަހަރެންނާ ބައްދަލުކުރަން އައިސް ހުރި ވާހަކަ ބުނީމައެވެ. ބައްޕަގެ އަޑުގައި ވަނީ ކަންބޮޑުވުމެވެ. ލޯދަމަމުން ދަމަމުން ބޭރަށް ނުކުތް އިރު މަންމަ ކައިރީގައި ދަބަހެއް ހިފައިގެން ހުރީ މަދީހާއެވެ.

މަންމަ އަހަރެންނާ ދިމާލަށް ސުވާލުން ފުރިފައިވާ ނަޒަރަކުން ބަލައިލިއެވެ. އޭގެ ދުވަސްކޮޅެއް ކުރިން މަންމަ ކައިރީގައި އަހަރެން ކުއްޖަކާ ތަންކޮޅެއް ސީރިއަސްކޮށް ވާހަކަ ދައްކައި ވާހަކަ ބުނީމެވެ. އެހެންވެ މަންމަ ހީކުރީ އެއީ އެކުއްޖާ ކަމަށެވެ. އަހަރެން ފެނުމުން މަދީހާ އުފަލުން ފޮޅުނެވެ.

"މަދީ ކީތް ތިކުރަނީ މިތާނގައި؟" ވާނުވާ ނޭނގިފައި އަހައިލީމެވެ.

"މިއައީ ގޭމީހުން ދޫކޮށްލައިފައި ޝާރިއުއާ އެކީގައި އުޅޭކަށްނުން،" އޭނާ އެހެން ބުނީ ފަހުރުވެރިކަމާ އެކުގައެވެ.

އަހަރެންގެ ފުރާވަރުން ނެއްޓުނުތާ މާ ގިނަ ދުވަސްނުވާ ސިކުނޑިއަކަށް ދެން ހަދަންވީ ގޮތެއް ނޭނގުނެވެ. އަހަރެންގެ ބައްޕަ ބޭނުންވީ ވީހާވެސް އަވަހަކަށް އޭނާ މައިންބަފައިން ކައިރިއަށް ގެއަށް ފޮނުވައިލާށެވެ. މަދީހާ ހުރީ ދާ ގޮތަކަށް ނޫނެވެ.

"އަހަރެން ބޭނުމީ މިހާރުން މިހާރަށް ޝާރިއުއާ ކައިވެނިކުރަން،" މަދީހާ ގޮތްދޫނުކޮށް ބުންޏެވެ.

"ދަރިފުޅާ ކިހިނެތް ޝާރިއު ކައިވެންޏެއް ކުރަނީ؟ ޝާރިއު ސުކޫލުން ނިންމާފައި އަދި ކިރިޔާ ވަޒީފާއަކަށް ދާން އެ ފެށީ. މިހާރު އެ ލިބޭ އެތިން ކިހިނެތް އޭނާ ދަރިފުޅުގެ ކަންތައް ބަލަހައްޓާނީ؟" އަހަރެންގެ މަންމަ އޭނާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

"ކައިވެނި ކޮށްގެން ކޮންތާކު އުޅެނީ؟ މިގޭގައި އަދި ޝާރިއު އުޅޭކަށް އަދި ވަކިން ކޮޓަރިއެއް ހެދިފައެއް ނެތް. އޭނާ އެ ނިދަނީ މިގޭ ސިޓިންގް ރޫމުގައި ގޮދަޑިއެއް އަޅައިގެން،" ބައްޕަ މަދީހާއަށް އަހަރުމެންގެ ހާލަތު ކިޔައިދިނުމުން ވެސް މަދީހާއެއް ނުގުޑިއެވެ.

ގަދަކަމުން އޭނާ ފޮނުވައިނުލާން އަހަރެންގެ މަންމަ ގޮސް އޭނާ ވެއްދީ އަހަރެންގެ އަންހެން ކޮއްކޮމެން ތިބޭ ކޮޓަރިއަށެވެ.

ދެން އައި ދެތިން ދުވަސް އަހަރުމެންގެ ގޭތެރޭގައި ކަންތައްގަނޑު ވަރަށް ބޮޑެވެ. މަދީހާގެ އާއިލާ މީހުން އަހަރުމެންގެ ގެއަށް އައިސް އޭނަ ގެންދަން މަސައްކަތް ކުރިއެވެ. އޭނާ އަނބުރާ ގެއަށް ގެންނަން ސިފައިން ވެސް ފޮނުވިއެވެ. ނަމަވެސް މަދީހާގެ ނިންމުމަކަށް ބަދަލެއް  ނާދެއެވެ. އޭނާ ހުރީ އެނބުރި ދާގޮތަކަށް ނޫނެވެ. އެހުރިހާ ކަމެއް ވަމުން ދިޔައިރު އަހަރެން ހުރީ ހަދާނެ ގޮތެއް ނޭގިފައެވެ. ވެގެން އުޅޭ ގޮތް ރައްޓެހިންނަށް ކިޔައިދިނީމެވެ.

"ކިހިނެތް ހަދަން ތި ވިސްނީ؟" އަހުސަން އެއްސެވެ.

"ނޭނގެ ހަދާނެ ގޮތެއް،" އަހަރެން ކޮނޑު އަރުވައިލައިފައި ބުނީމެވެ.

"ކަލޭ އާޝިޔާ ކައިރީގައި ތި ވާހަކަ ބުނެފިންތަ؟" އިހުސާން އެއްސެވެ.

"ނުބުނަން. ކީކޭ ބުނާނީ؟ ކުރީގެ ބިޓު މިހާރު އުޅެނީ އަހަރުމެންގެ ގޭގައޭ؟" އަމިއްލަ އަނގައިން ނުކުތް އަޑު އަހައިފައިވެސް އަހަރެންނަށް ހެވުނެވެ.

"އަސްލު ކަލޭ މަދީހާ އަކާ ރުޅިއެއް ނުވަމެއްނު؟" އަހުސަން ހަނދާންކޮށްދިނެވެ.

"ތިބުނީ ތެދެއް. އެކަމަކު އާޝިޔާއާ އެއްކޮށް ހާދަ ސަޅިކޮށޭ ކަންތައް ދަނީ،" އަހަރެން ބުނީމެވެ.

"ދެން ކަލޭ މަދީހާ ކައިރީގައި ގޮސް ބުނޭ ތިހެން. ހަގީގަތް އެނގިއްޖެޔާ އޭނާއަށް ވިސްނިގެން ގޮސްފާނެ،" އިހުސާނު ބުންޏެވެ.

އެދުވަހު އަހަރެން ގެއަށް ދިޔައިރުގައި މަދީހާގެ ބައްޕައާއި މަންމަ ތިބީ ގޯޅިގަނޑުގައި، އަހަރެންގެ މަންމައާއި ބައްޕައާ ވާހަކަ ދައްކާށެވެ. އަހަރެންގެ މަންމަ ހުރީ ވަރަށް ހެވިފައެވެ. އަހަރެން ފެނުމުން އައިސް އަހަރެންގެ މުލައްދަނޑީގައި ލޯބިން ހިފައިލިއެވެ.

"ދަރިފުޅާ. މަދީހާ ބައްޕަ ރުހިއްޖެ ދަރިފުޅުމެން ކައިވެނި ކުރަން،" މަންމަ ބުންޏެވެ. މަންމަ އެހެން ބުނުމުން އަހަރެން ބޯގޮވިއެވެ.

"އަހަރެން ކޮންތާކު ކައިވެނި ކޮށްގެން އޭނާ ގެންގުޅެނީ މަންމާ؟" އެކަންތަކަށް އިންކާރު ކުރާނީ ކީކޭ ކިޔައިގެން ކަން އަހަރެންނަށް ނޭގުމުން، ކޮޓަރީގެ ބަހަނާ ދެއްކީމެވެ.

"ބައްޕަ ބުނެފި ގޭގެ އަނެއް ފަރާތުގައި އޮތް ބިމުގައި ދަރިފުޅުމެންނަށް އުޅެން ކޮޓަރިއެއް ހަދައިދޭނަމޯ،" އަހަރެން ބައްޕައާ ދިމާލަށް ބަލައިލީމެވެ. ބައްޕަގެ މޫނުމަތިންވެސް ފެނުނީ އުފާވެރިކަމެވެ. އަހަރެންގެ ހިތް ގެނބުނެވެ.

އަހަރެންނާ ކައިވެނިކުރެވޭނެ ކަމުގެ ޔަގީންކަން ލިބުމުން މަދީހާ އޭނާގެ މައިންބަފައިންނާ އެކުގައި ގެއަށް އަނބުރާ ދިޔައެވެ. ދެން އައި ދުވަސްތައް ދާން ފެށީ ވަރަށް ހަލުވި ދުވެއްޔެއްގައެވެ. ބަލަބަލައި ހުއްޓައި ގޭގެ ހުސްޖާގައިގައި ޒަމާނީ ކޮޓަރިއެއް ތައްޔާރުކޮށް ނިންމައި، އެތަނުގައި އެންމެ އަގުބޮޑު ފަރުނީޗަރު އަތުރައިލައިފިއެވެ. އެއީ މަދީހާ ގޭ މީހުން ކޮށްދިން ކަމެއް ކަން ޔަގީނެވެ. އަހަރުމެންގެ ކައިވެނީގެ ހަފުލާ ދަރުބާރުގޭގެ ތިން މާލަމުގައި ކުލަގަދަކޮށް ބާއްވަން ނިންމައިފިއެވެ. ރަންއަކުރުން އެމްބޮސްކޮށްފައިވާ ކައިވެނީގެ ދައުވަތު ކާޑު ހައްދައިގެން ގެނައީ އިންޑިއާއިންނެވެ.

އެހުރިހާ ކަމެއް ވަމުން ދިޔައިރުގައިވެސް އަހަރެންނަށް ހުރީ އާޝިޔާ ކައިރީގައި ވާގޮތް ބުނަން ނުކެރިފައެވެ. އެއް ދުވަހަކު އާޝިޔާމެން ގޭގެ ޖޯލީގައި ބޯމައްޗަށް އަތް ވައްޓައިލައިގެން އަހަރެން އޮތީ ވިސްނާށެވެ. އަހަރެން ފިކުރުކުރަނީ ކޮންކަމަކާތޯ އާޝިޔާ އެހުމުން އެދުވަހު ވެގެން އުޅޭ ގޮތް ކިޔައިދިނީމެވެ.

"އަޅެ. ކީއްވެ އަހަރެން ކައިރީގައި ތި ވާހަކަ މިހާ ދުވަހު ނުބުނެ ތި އުޅުނީ؟" އާޝިޔާގެ ލޮލުން ހޯސްލައިފައި ކަރުނަ ފައިބައިގަތެވެ.

"އަހަރެން ހޯދަމުން މިގެންދަނީ މިކަމުން ނިކުމެވޭނޭ ގޮތެއް. ކައިވެނި ކުރަން މިހާރު އޮތީ ހަފުތާއެއް. އިތުރު ގޮތެއް ނެތީމައި މިބުނީ،" އަހަރެން ގެ މޭގައި އާދަޔާ ހިލާފު ރިހުމެއް އުފެދިފައި ވެއެވެ.

އެރޭ ގެއަށް ދިޔައިރުގައި މަންމައާއި ދެ ކޮއްކޮ އުޅެނީ ކައިވެނި ކާޑުތައް ފޮނުވާ މީހުންގެ ލިސްޓެއް އެކުލަވައިލުމުގައެވެ. އަހަރެން ފެނުމުން އަހަރެންގެ ރަހުމަތްތެރިން ތެރެއިން ކައިވެންޏަށް އަންނާނީ ކޮންބައެއްތޯ އެހިއެވެ. އެކުރި ސުވާލަށް އެއްވެސް ޖަވާބެއް ނުދީ އަހަރެންގެ ދަބަހަށް އަތުޖެހުނު އެއްޗެއް އަޅައިގެން މަންމަ ގޮވަގޮވައި އޮއްވާ ނައްޓައިލައިގެން ބަނދަރުމައްޗަށް ގޮސް އެތާނގައި ފުރަން ތައްޔާރަށް އޮތް ދޯންޏަކަށް އަރައިގެން ރަށަކަށް ދިޔައީއެވެ.

އެ ރަށަށް ގޮސް އެއްވެސް މީހަކަށް އަހަރެން ދިޔަތަން އަންގައިކަށް ނުހަދަމެވެ. އެނބުރި މާލޭ އައީ ދެމަސް ފަހުންނެވެ. އޭރު ހުރިހާ ކަމެއް އޮތީ އޮބިފައެވެ. ރަށުން އައިސް މަންމަ ކައިރީގައި އަސްލުކަންތައް ވީގޮތް ކިޔައި ދިނީމެވެ. މަންމަގެ ފަރާތުން އަހަރެން ކަންތައް ކުރި ގޮތުން މަދީހާ ގޭ މީހުން އޭނާ ގޮވައިގެން ބޭރަށް ބަދަލުވި ވާހަކަ އިވުނެވެ. އޭގެ ފަހުން އެއްގޮތަކަށް ވެސް މަންމަމެންނަކާ އެމީހުން ނުގުޅާ ވާހަކަ ބުންޏެވެ.

ރަށުން އައިތާ އަހަރެއް ފަހުން އާޝިޔާއާ ކައިވެނިކޮށްގެން އޭނާ އަހަރުމެން ގެއަށް އުޅެން ގެނައީމެވެ. އޭރުން ފެށިގެން މަދީހާގެ އެއްވެސް ހަބަރެއް ނުވެހުރެފައި އެ ފެނުނީ މިރެއެވެ.

"މިއީތަ ޝާރިއު ކައިވެނި ކުރި ކުއްޖާ؟" ފާރުގައި އަޅުވައިފައި އިން އަހަރެންނާ އާޝިޔާ އާ ދަރިފުޅާއެކުގައި ތިބި ފޮޓޯ ބަލައިލައިފައި މަދީހާ އެހިއެވެ.

"އާނ." އަހަރެން ޖަވާބު ދިނީމެވެ.

"ކޮބާ މިހާރު އެމީހުން؟" އޭނަ އެހިއެވެ.

"އެމީހުން އުޅެނީ އެހެން ގެއެއްގާ" އަހަރެން ޖަވާބު ދިނީމެވެ.

"އިނދެގެންތަ؟"

"ނޫން،" އަހަރެން ބުނީމެވެ.

"ދެން ޝާރިއު ކައިވެނި ކުރާނީ މަށާ ދޯ؟" ސަމާސާ ރާގަކަށް މަދީހާ އެއްސެވެ.

"ނޫނޭ. ދެންވެސް ގުޅޭނީ އޭނައާ،" މަދީހާ ވާހަކަ ގެންދަން އުޅުނު ދިމާލުން އަހަރެން ކަންބޮޑު ވިއެވެ.

"އެއީ ކީއްވެ؟" މަދީހާ އެއްސެވެ.

"ދަރިއެއް ހުރީމައިދޯ؟" އަހަރެން ބުނީމެވެ.

"އޭރު އަހަރެންނާ ކައިވެނި ކުރިނަމަ ދަރިއެއް ހުންނާނީ އަހަރެންގެ ދޯ؟" މަދީހާ އަނެއްކާ ވެސް ފޮޓޮއަށް ބަލަން އިނދެގެން ވާހަކަ ދެއްކިއެވެ.

"އަސްލު ކީއްވެގެން މިތަނަށް މިރޭ ތިއައީ މަދީހާ؟" ސަބަބު އޮޅުން ފިލުވަން އަނެއްކާ ވެސް މަސައްކަތް ކުރީމެވެ.

"އަހަރެންނާ ކައިވެނި ނުކޮށް، މީނައާ ކައިވެނި ކުރީ ކީއްވެގެންތޯ އަހައިލަންވެގެން،" މަދީހާ އެ ފޮޓޮއަށް ބަލައިލައިފައި ބުންޏެވެ.

"އަހަރެން އޭނާ ދެކެ ލޯބިވާތީ،" އަހަރެން ޖަވާބު ދިނީމެވެ.

"އަހަރެންދެކެ ލޯބިވިތަ؟" މަދީހާ ސުވާލުކުރިއެވެ.

"ތި މައުލޫމާތު މަދީހާއަށް އެނގިގެން ވާނީ ކޮން ފައިދާއެއް؟" އަހަރެން އެވާހަކަ ދައްކާކަށް އިތުރަކަށް ބޭނުމެއް ނުވިއެވެ. "މިހާރު ވަރަށް ލަސްވެއްޖެ."

"އެ މައުލޫމާތު އެނގިއްޖިޔާ އަހަރެންގެ ހިތަށް ފިނިކަމެއް ލިބޭނެ ދޯ؟" މަދީހާ ތެދުވެގެން ގޮސް ދޮރުކައިރީ ހުއްޓުނެވެ.

"މަދީހާއާ އެކުގައި އުޅުނު އިރުގައި މަދީހާދެކެ ލޯބިވި،" އަވަހަށް އޭނާ ފޮނުވައިލަންވެގެން އަހަރެން ބުނީމެވެ.

"ދަރިއެއް ނެތްނަމަ މަށާ ދޯ ގުޅޭނީ؟" ދޮރުން ބޭރަށް ނުކުމެފައި މަދީހާ ސަމާސާ ރާގަކަށް އެއްސެވެ.

"ނޭނގެ ތި ސުވާލަށް ދޭނޭ ޖަވާބެއް މަދީހާ،" އެހެން ބުނެފައި އަހަރެން ދޮރު ލެއްޕީމެވެ.

މަދީހާ ދިޔުމުން އަހަރެން ސޯފާގައި އޮށޯވެލައިފައި ވީކަންތަކާ މެދު ވިސްނައިލީމެވެ. މަދީހާގެ އެއްވެސް ހަބަރެއް ނުވެ ހުރެފައި މިރޭ ދިމާވެފައި ކަންތައް ދިޔަގޮތުން ކުޑަކޮށް ހިތަށް އުނދަގޫ ވިއެވެ. އަހަރެންގެ އަންހެން ކޮއްކޮއަށް ކަންތައް ވީގޮތް ލިޔެފައި މެސެޖު ކޮއްލާފައި ނިދޭތޯ މަސައްކަތް ކުރީމެވެ. ނިދޭ ވަރުވީ ފަތިސްވާން އުޅެނިކޮށެވެ.

ހެނދުނު ތެދުވިއިރުގައި އަހަރެންގެ ކޮއްކޮ މެސެޖެއްކޮށްފައި އޮތެވެ.

"އޯ އަހަރެން މިހިރީ ބޭބެ ކައިރީގައި ބުނަން ހަނދާން ނެތިފައި. ކުރިން ދުވަހު މަދީހާ މަންމައައި މަދީހާ ގޮވައިގެން މިގެއަށް މަންމަ ދެކިލަން. ބުނި އޭރު ކަންތައް ވީގޮތުން މަދީހާއަށް ނަފުސާނީ ގޮތުން ވަރަށް ބޮޑުވަރު ވެގެން އިންޑިއާއަށް ގެންގޮސްގެން އެތާނގެ އިންސްޓިއުޝަނެއްގަޔޯ މިއޮއް ހުރިހާ ދުވަހު ގެންގުޅުނީ. މާލެ ބަދަލުވީ މިދިޔަ މަހު މަދީހާގެ ބައްޕަ ނިޔާވީމައޯ. މަންމައާ ބައްދަލުކޮށްލާ ހިތް ވާ ވާހަކަ މަދީހާ ބުނީމައޯ މިގެއަށް ގެނައީ. މަންމަ ކައިރީގައި ވަރަށް އިރު ވާހަކަ ދައްކަން އިނދެފައި ދިޔައީ މިގެއަށް މަންމަ ކައިރީގައި އުޅެން އަންނަން ބޭނުންވެޔޯ ކިޔައިފައި،"

ކޮއްކޮގެ މެސެޖު ފެނުނީމައި އަހަރެންގެ ހިތް ނުތަނަވަސް ވިއެވެ. އެ މައުލޫމާތު އެދުވަހުން ދުވަހަށް އަހަރެންނަށް އެންގި ނަމައޭ ހިތަށް އެރިއެވެ. މަދީހާ ރޭގައި އެކުރީ ބުއްދި ސަލާމަތުން ހުރި މީހަކު ކޮށްފާނޭ ކަހަލަ ކަމެއް ބާއެވެ؟ އޭނާ ކުރީގައި ވެސް ކަންތައް ކުރީ ބުއްދި ސަލާމަތުން ހުރި މީހަކު ކަންތައް ކުރާ ގޮތަކަށް ނޫނެވެ.

އޮފީހަށް ދާން ފާހަނައަށް ވަދެފައި ނުކުމެ ތައްޔާރުވާން ހުއްޓައި ދޮރުގައި މީހަކު ވަރަށް ބާރަށް ޖަހައި އަޑު އިވުނެވެ. ހިތްހަމަ ނުޖެހިގެން ގޮސް ދޮރު ހުޅުވައިލަން ހިފިތަނާ، އަތުގައި އޮތް ފޯނު ރިންގު ވާން ފަށައިފިއެވެ. އާޝިޔާއެވެ. އޭނާއަކީ އާންމު ގޮތެއްގައި އެހާ ހެދުނާ ގުޅާ މީހެއް ނޫނެވެ. ވީ ކިހިނެތް ބާއޭ ހިތަށް އަރައިފައިވެސް ފޯނު ނުނަގައި ދޮރުގައި ތަޅަނީ ކާކުތޯ ބަލައިލަން ހުޅުވައިލީމެވެ.

ދޮރުމަތީގައި ހުރީ މަދީހާއެވެ. އޭނާ ލައިގެން ހުރި ހުދު ހެދުން އޮތީ ލެއިން ތަތްތެޅިފައެވެ. އެ މަންޒަރު ފެނިފައި އަހަރެންގެ މެޔަށް ހީވީ ފެން އެއްޗެއް އަޅައިލިހެންނެވެ. އަހަރެން އަތުގައި އޮތް ރިންގުވަމުން ގެންދިޔަ ފޯނު ނެގީމެވެ. ކަންފަތުގައި ޖެހުނީ އާޝިޔާގެ އަޑެވެ. އޭނާ ބާރަށް ރޮމުން ހަޅޭލަވަނީއެވެ. އެއަޑުއަހައިފައި ވީގޮތް އަހަރެންނަށް ވިސްނުނެވެ. ގަބުކައިފައި އަހަރެން މަދީހާއަށް ބަލައިލީމެވެ.

"ރޭގައި ކުރި ސުވާލުގެ ޖަވާބު ދޭން މިހާރު އެނގޭނެތަ؟" މަދީހާ ހީލައިފައި ސުވާލު ކުރިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް