ހިތްފަސޭހަ ރެއެއްގެ މެންދަމެވެ. އަހަރެން އިނީ މިރާޒުގެ އިސްތަށިގަނޑާ ވައިރޯޅި ކުޅެލައި މަންޒަރު ބަލަން ގެއްލިފައެވެ. ބައެއް ފަހަރު އަހަރުމެން ދެމީހުން އެކަކުއަނެކާ އެކުގައި ހިމޭނުން ތިބެގެން ވެސް ވަގުތު ހޭދަކުރަމެވެ. ބައެއް ފަހަރު ވާހަކަ ދެއްކުން އެހާ މުހިންމެއް ނޫނެވެ.
"ހިތަށްއަރައި އަމިއްލަ ތާކަށް ވަޒީފާއަށް ދާން ފަށަންވީއޭ،" ވަރަށް ގިނައިރު ހިމޭނުން އިނދެފައި މިރާޒު ބުންޏެވެ.
"އެއީ ކީއްވެ؟" ހިޔާލުގެ ތެރެއަށް ޣަރަގުވެފައި އިނދެގެން އަހަރެން އަހައިލީމެވެ.
"ހިތަށް އަރަނީ ފަހަރެއްގައި ސްކޮލަރޝިޕެއް ނުލިބިދާނެއޭ. މިހާ ކުޑަ މުސާރައެއް ލިބިގެން މިތާނގައި ހުރެގެން އެހެން ވެއްޖެއްޔާ ވާނީ ކޮން ފައިދާއެއް ބާއޭ؟ މިހާރުވެސް އަމިއްލަ ތާކަށް ގޮސްފިއްޔާ މާ ގިނަ ލާރި ލިބޭނޭ. ހިތަށް އަރަނީ ކިޔެވުމުގެ ހުވަފެން ނުދެކި ހަރުދަނާ ހަޔާތެއް ބިނާކޮށްފައި ބައިވެރިޔަކު ހޯދަންވީއޭ. ވަރަށް ބޮޑަށް މިކަންތަކާ އެބަ ވިސްނޭ މިހާރަކަށް އައިސް،" މިރާޒު ބުންޏެވެ.
"ކިޔެވުމުގެ ހިޔާލު ދޫނުކޮށްލާތި. ކިޔެވީމައި މާރަނގަޅު މުސްތަގުބަލެއް ލިބޭނެ ދޯ؟" އަހަރެން ހީލީމެވެ. ސްކޮލަރޝިޕެއްގެ ބޭނުމުގައި މިރާޒު ސަރުކާރަށް ވަދެގެން އުޅޭތާ ތިން އަހަރު ވެއްޖެކަން އަހަރެންނަށް އެނގެއެވެ.
"ކިޔަވަން ފުރުސަތު ލިބިގެންތާ. ލިބުނަސް އެއީ ހާދަ ދުރު މުސްތަގުބަލެކޭ. އެހެން ވެއްޖެއްޔާ މީހަކާ އިނދެވޭނީ ހާދަ ދުވަހަކުންނޭ،" އޭނާ މާ ނޭވާއެއްލާފައި ބުންޏެވެ.
"ކީއްވެތަ އެހާ ބޮޑަށް ދިރިއުޅުމެއް ފަށާ ހިޔާލު ކުރެވިގެން ތިއުޅެނީ؟" އަހަރެން އެހެން އެހީމައި މިރާޒު ކޮނޑު އަރުވައިލިއެވެ. "ގަޔާވާ ކުއްޖެއް ހޯދީތަ؟"
"އައިރާ. އެއްޗެއް އަހަންތަ؟" އަހަރެން ކުރި ސުވާލަށް ޖަވާބު ނުދީ މިރާޒު ކުރީ ސުވާލެކެވެ.
"އަހައިބަލަ!" އަހަރެން ހިފައިގެން އިން ފެންތަށިން އެތިކޮޅެއް ބޯލަމުން ބުނީމެވެ.
"ކުރީގައި އައިރާ ބޮމެއްނު އެއްޗެއް… އޭތި ބުއިން ހުއްޓައިލީދޯ؟" މިރާޒު އެ ސުވާލުކުރީ ވަރަށް ފަރުވާތެރި ގޮތަކަށެވެ.
"އާނ. މިހާރު ދުވަސްކޮޅެއް ވެއްޖެ. މިހާރު ސިނގިރޭޓެއް ވެސް ނުބޮމެއްނު،" އަހަރެން ލުއިކޮށް ޖަވާބު ދިނީމެވެ.
"ކީއްވެ ހުއްޓައިލީ؟" އޭނާ އެހިއެވެ.
"ހުއްޓާލީމައި އުނދަގޫވީތަ؟" ސަމާސާ ރާގަކަށް އަހަރެން އެހީމެވެ.
"ނޫން. ހުއްޓައިލީމާ ވަރަށް އުފާވެއްޖެ!" މިރާޒު ބުންޏެވެ.
މިރާޒަށް ނޭނގުނަސް އޭނާއާ ދިމާވެގެން ވާހަކަ ދައްކަން ފެށިފަހުން އެކަންތައް ކުރުމަށް އޮތް ޝައުގު އެއްކޮށް ދިޔައީއެވެ. އެހެންވީ އޭރު ވެރިވެފައިވާ ބޭގަރާރުކަން ފިލީމައި ކަންނޭނގެއެވެ.
"އެންމެ ފުރަތަމަ އައިރާއާ ދިމާވި ރޭ ވަރަށް ދެރަވި. އަހަރެންގެ ގައިގައި ބައްދައިގަނެފައި ބުނީ މިތަނުން ގެންދާށޭ،" މިރާޒް އިސްޖަހައިލައިގެން އިނދެ ވާހަކަ ދެއްކިއެވެ.
އަހަރުމެން އެހާ ގިނައިން ދިމާވާއިރުވެސް އެންމެ ފުރަތަމަ ރޭ ކަންތައް ވީގޮތުގެ ވާހަކަ އެއްވެސް ވަރަކަށް ނުދައްކަމެވެ.
"އެހެން ވެސް އަހަރެން ބުނިތަ؟ ހާދަ ގިނަ އެއްޗެއްސެއް ކިޔޭ ދޯ އެރޭ؟" އަހަރެން ހެމުން ބުނީމެވެ.
"ހަމަ އަސްލުވެސް،" މިރާޒު ދެލޯ ބޮޑުކޮށްލައިފައި ބުންޏެވެ.
"ދެން ކީއްވެގެންތަ އަހަރެން މިތަނުން ނުގެންގޮސް ތިއުޅެނީ؟" އަހަރެން ސަމާސާ ރާގަކަށް އެހީމެވެ.
"އެކަމާ ދޭތެރޭ ވަރަށް ވިސްނަން އެބަ،" މިރާޒު ކޮނޑުއަރުވައިލައިފައި ބުންޏެވެ.
"އެހެންތަ؟" އަހަރެންގެ ހިތަށް ގުޑުމެއް އެރިއެވެ.
"އެކަމަކު އެކަން ވާން އޮތީ ދެކަމެއް ވެގެން،" މިރާޒު ވަރަށް ސީރިއަސްކޮށް ބުންޏެވެ.
"ކޮބާ އެ ދެކަމަކީ؟" އަހަރެން ސުވާލުކުރީމެވެ.
"އެކެއް، ސާހިބާ މިތަނުން ގެންދެވޭ ފެންވަރަށް އަޅުގަނޑަށް އާދެވިގެން،" މިރާޒު އަހަރެންނާ ދިމާލަށް ބަލައިލައިފާ ބުންޏެވެ. "އެއީ އެހާ އުނދަގޫ ކަމެއް ނޫން އެނގޭތޯ ސާހިބާ. މާދަމާވެސް އެހެން ތާކުން ވަޒީފާ ހޯދީމައި އެކަންތައް ހަމަޖެހޭނެ. އެޔެއް ނޫން ބޮޑު ކަމަކީ."
"ދެން ކޮން ކަމެއްތަ ބޮޑު ކަމަކީ؟" އަހަރެންގެ ހިތް ތެޅިލިއެވެ. ޒަމާންތަކެއްގައި ވެފައި ނުވާ އިހުސާސެއް ހިތުގައި އުފެދުނެވެ.
"ދެވަނަ ކަންތައް… ސާހިބާ އަޅުގަނޑާ އެކު ދުރުވަން ބޭނުންވޭތޯ އޭ؟" މިރާޒު ވަރަށް ސީރިއަސްކޮށް ބުންޏެވެ. "ސާހިބާ ދުރުވަން ބޭނުންވެގެންތާ އަޅުގަނޑަށް ގެންދެވޭނީ."
"ސާބަސް މިރާޒު!" އަހަރެން ހީގެންފައި ބުނީމެވެ.
"ބަލަ ސީރިއަސްކޮށް އެއްޗެކޭ ބުނީމައިވެސް ތި ހެނީ ދޯ؟" މިރާޒުވެސް ހެމުން ބުންޏެވެ.
އެރޭ މިރާޒު ދިޔުމުން އަހަރެންގެ ހިޔާލުން އޭނާއެއް ނުދިޔައެވެ. އޭނާ އަހަރެންނާ ދިމާލަށް ބަލަން އިން ގޮތް ހަނދާނަށް އަންނަމުން ދިޔައެވެ. ސަމާސާއަކަށް ހަދައިފައި އޭނާ ބުނި އެތި ކަންފަތުގައި ހަރުލައިފައި ހުއްޓެވެ. އޭގެ ސަބަބުން އަހަރެންގެ ހިތަށް އަސަރުކޮށްފިއެވެ. ނޭނގި ނަމަވެސް މިރާޒު ދެކެ ލޯބިވެވިއްޖެކަން އެރޭ ޔަގީންކަމާއެކުގައި އެނގުނެވެ.
އޭގެ ފަހުން ދުވާލުގެ ވަގުތުތަކުގައި މިރާޒާ އެއްކޮށް ދިރިއުޅުމެއް ހޭދަކުރާތަން ހިޔާލުގައި ފެންނަން ފަށައިފިއެވެ. އެ ހިޔާލުތަކުގެ މަސްތުގައި ޖެހިފައި އިނދެވެން ފަށައިފިއެވެ. ނަމަވެސް އަހަރެންނަކީ މިރާޒާ އެކުގައި އުޅެން އެންމެ ރަނގަޅު މީހާބާއޭ ހިތަށް އަރަން ފެށިއެވެ. އަހަރެންގެ ސަބަބުން އޭނާގެ މުސްތަގުބަލު ކިލަނބެއް ނުވާނޭބާއޭ ހިތަށް އަރަންފެށިއެވެ. އަހަރެންނަކީ އޭނާއަށް ވުރެން އުމުރުން އެތައް އަހަރެއް ބޮޑު މީހެއްކަން ސިކުނޑި ހަނދާންކޮށްދޭން ފެށިއެވެ. އެކަމާ ކަންބޮޑުވާން ފެށިއެވެ.
އޭގެ ދެތިން ދުވަހެއް ފަހުން ސައުދު ރިސޯޓަށް އައެވެ. އަހަރެންގެ ކައިރީގައި އޭނާ ރައްޓެހިވެގެން އުޅޭ މަލަކާއާ ކައިވެނި ކުރަން ނިންމި ވާހަކަ ބުނަންވެގެންނެވެ.
"އައިރާ ބޭނުމިއްޔާ މި ކައިވެނީގާ ދެމިހުންނަންވީ. އައިރާ މި ގޮތަށް ގެންގުޅެން އަހަރެންނަކަށް އުނދަގުލެއް ނޫން،" ސައުދު ބުންޏެވެ. އަހަރެން ވަރަށް ވިސްނީމެވެ. މި ދިރިއުޅުމުގައި ދެމިހުރެގެން ވާނޭ ގޯހަކީ ކޮބައިތޯ ހިތާހިތުން ސުވާލު ކުރެވުނެވެ. މިރާޒާ އެކީ ދިރިއުޅުމެއް ފަށަން މިހާރު ހުވަފެން ދެކެވުނަސް އެއީ ހިޔާލީފޮލާއެއްގެ މައްޗަށް ބިނާވެފައިވާ ހުވަފެނަކަށް ވެއްޖެޔާ ދެން ހަދާނީ ކިހިނެތް ހެއްޔެވެ؟ ސައުދު ފުރުމުގެ ކުރިން އަހަރުމެން ދެމީހުންގެ މެދުގައި ދެން ކަންތައް ވާނޭ ގޮތާ މެދު ވާހަކަ ދައްކައި އެއްބަސްވުމަކަށް އާދެވުނެވެ.
އެރޭ މިރާޒު އަހަރެންނާ ބައްދަލުކުރަން އައުމުގެ ކުރީގައި ބާ ކައިރިން ފެނުނެވެ. އޭރު އޭނާގެ މޫނުމަތިން ނުތަނަވަސްކަން ފެނުނެވެ. ކޮންމެވެސް ފިކުރަކަށް ގެއްލިފައި ހުރިހެން ހީވިއެވެ. ދަންވަރު މިރާޒާ ބައްދަލުވެފައި އަހަރެންގެ ވާހަކަތައް ދެއްކުމުގެ ކުރިން މިރާޒްގެ ވާހަކަ ފެއްޓިއެވެ.
"އައިރާ. މިއަދު ބޮޑުމީހާގެ އޮފީހަށް ގެންގޮސްފައި ބުނީ މިއަންނަ މަހު ކިޔަވަން ދާގޮތަށް ހަމަޖެހިފަޔޯ އޮތީ،" މިރާޒުގެ ހަބަރަކީ އުފާވެރި ހަބަރެކެވެ. ނަމަވެސް އޭނާގެ މޫނުމަތިމަތިން އެ އުފާވެރިކަން ނުފެނުނީ ކީއްވެގެން ކަން އަހަރެންނަށް އެނގުނެވެ.
"ތިއީ ހާދަ އުފާވެރި ހަބަރެކޭ،" އަހަރެން ފުން ނޭވާއެއް ލުމަށް ފަހު ބުނީމެވެ.
"އެކަމަކު މިހާރު އަހަރެން…" މިރާޒު ވާހަކަ ދައްކަން ފެށިތަނާ އަހަރެން މެދު ކަނޑައިލީމެވެ.
"މިރާޒް. ސައުދު އަހަރެން ކައިރީގައި ބުނެފި ވަރިވާން ބޭނުމިއްޔާ އެކަންތައް ކޮށްދީފާނަމޭ،" އަހަރެން އަވަސް ކޮށްލައިފައި ބުނީމެވެ.
"އައިރާ ބުނީ ކީކޭ؟" މިރާޒު ފަރުވާތެރިކަމާ އެކު އެހިއެވެ.
"އަހަރެން ބޭނުމީ އޭނާއާ އެކުގައި މިގޮތަށް އުޅޭށޭ،" އަހަރެން ފުން ނޭވާއެއް ލައިފައި ބުނީމެވެ.
"އޯ… އަހަރެން ހީކުރީ…" މިރާޒު އެއްޗެކޭ ބުނަން އުޅެފައި ހުއްޓައިލިއެވެ. އޭނާގެ ލޮލުން އެތައް ސުވާލެއް ފެނުނެވެ.
"އަހަރެން ސައުދުއާ ދުރުވާނޭ ކަމަށްތަ؟" އަހަރެން ހިނިގަނޑެއް ޖަހައިލީމެވެ.
"އެކަހަލަ އެއްޗެއް ހީވި ކަންނޭނގެ،" އޭނާގެ އަޑު އައީ ވަރަށް ދުރުންނެވެ.
"ހެހެ. މި ދިރިއުޅުން ދޫކޮށްލާނީ މޮޔައެއް ދޯ؟" އަހަރެން ބުނީމެވެ.
"އާނ. އަހަރެންނަށް އޮޅުނީ،" މިރާޒު ފަނޑުގޮތަކަށް ހީލިއެވެ.
އެއީ އަހަރެންނާ މިރާޒާ ދިމާވި އެންމެ ފަހު ރެއެވެ. އޭގެ އަނެއް ދުވަހު އަހަރެން ރިސޯޓުން ފައިބައިގެން އެނބުރި މާލެ ދިޔައީއެވެ. ދުވަސްކޮޅެއް ފަހުން ސައުދު ކައިރިން ވަރިވެގެން އާއިލާ ކައިރިއަށް ރަށަށް ބަދަލުވީމެވެ.
ރަށަށް ބަދަލުވިފަހުން އަހަރެންގެ ދިރިއުޅުމަށް އައި ހަމަޖެހުމާ އެކުގައި ހިތުގައި ލެވިފައިވާ އެތައް ލަކުނެއް ފިލިއެވެ. ސައުދާ އިނުމުގެ ކުރިން އުޅުނު ގޮތަށް އަލުން ރަށު ސުކޫލުގައި ކިޔަވައިދޭން ފެށީމެވެ. ފާއިތުވި ފަސްއަހަރުގެ ވޭނީ ދިރިއުޅުމުގެ ހަނދާންތައް ސިކުނޑިއާ އަލްވަދާއު ކިޔެވެ.
ނަމަވެސް މިރާޒުގެ ހަނދާނެއް އަހަރެންގެ ހިތަކުން ފިލައިގެނެއް ނުދެއެވެ. އަހަރެންގެ މާޔޫސީ ހަޔާތުގެ އެންމެ އަނދިރި ދުވަސްވަރު އޭނާގެ ލޮބުވެތި ގޮތްތަކުން އަހަރެންގެ ހިތުގައި ރޯކުރި އުންމީދުގެ ހުޅުކޮޅު ނިވިގެނެއް ނުދެއެވެ. މިރާޒަކީ އަހަރެންގެ ބަނަ ދަތުރުގައި މަގުދައްކައިދިން ފަނާރެއްގެ އަލިކަމެވެ.
މިރާޒުގެ ކިޔެވުން ދަނީ ކިހިނެތް ބާއޭ ވަރަށް ގިނަ ފަހަރު ހިތަށް އެރިއެވެ. އެތައް ފަހަރަކު އޭނާ ހޯދަން މަސައްކަތް ކުރަން ހިތަށް އަރާފައިވެސް އެ ހިޔާލާ ދުރަށް ދެވެނީއެވެ. ދެން އަހަރެންނަކަށް މިރާޒު ހޯދާކަށް ނުކުރޭނެއެވެ. އަހަރެން ނިންމީ މިރާޒަކީ އަހަރެންނަށް ފެނުނު ރީތި ހުވަފެނެއް ކަމަށެވެ.
އޭގެ އެތައް އަހަރެއް ފަހެވެ. ދެތިން ހަފުތާތެރޭގައި އަންނަން އުޅޭ ސާސްކަފުގެ އުފާވެރިކަން އޮތީ މުޅި ރަށުގެ މާހައުލުގައި ފެތުރިފައެވެ. ކޮންމެ ދިމާލަށް ބަލައިލިޔަސް މޫނުތައް މަތިން ފެންނަނީ އުޖާލާކަމާއި، ހިތްހަމަޖެހުމުގެ އަސަރުތަކެވެ. ރަށުގެ މަގުތައް ސާފުކުރުމާއި، ގޭގެ ދޮރުމައްޗަށް ކަށިވެލި ލުމުގެ ކަންތަކުގައި ރަށު ރައްޔިތުން ޝާމިލުވެ އުޅެއެވެ. މުޅި ޖައްވުގައި ބޮޑެތި ސްޕީކަރުތަކުގެ އެހީގައި ގުގުމަމުން އައީ، އޭރު މަޝްހޫރުވެގެން އުޅޭ ލަވައެއް ކަމަށްވާ "ނަސީބު އާވެލީ" އެވެ.
އެ ދުވަހުގެ މަސައްކަތަށް ފަހު އަހަރެން އިނީ ރަށުގެ ފުއްޓަރާ ދިމާލުގައި ހުރި ޖޯއްޔެއްގައި އޮށޯވެލައިގެންނެވެ. ޖަހަމުން ގެންދިޔަ ރާޅުތަކުގެ ރާގަށް ގެއްލިފައެވެ.
"ސާހިބާ. އަޅުގަނޑަށް އަނެއްކާ ވެސް މަގުއޮޅިއްޖެ ކަންނޭނގެ. ދާންވީ މަގު ކިޔައި ދެއްވަފާނަންތޯ؟" އަހަރެންގެ ފަހަތުން އިވުނު އަޑާއެކުގައި އަހަރެން ދިޔައީ ސިއްސައިގެންނެވެ. އެނބުރި ފަހަތް ބަލައިލިއިރުގައި ހަމަ އެ ލާނެތް ހިނިތުންވުމެވެ. އެ ރީތި މޫނެވެ. އެ ރީތި މިރާޒެވެ. އެންމެ ފުރަތަމަ ދުވަހު އަހަރެންނަށް އޭނާ ފެނުނު އިރު ލައިގެން ހުރި ކަޅު ޓީ ޝާޓާއި ޖިންސުލައިގެންނެވެ. ކޮނޑުގައި ދަބަހެއް އޮތެވެ.
"މިރާޒު!" އަހަރެން އިންތަނުން ފުންމައިގެން ތެދުވީމެވެ. އޭނާގެ ލޮލަށް ބަލައިލުމުން އަހަރެންގެ ހިތަށް މަސްތެއް ވެރިވެގެން ދިޔައެވެ.
"އައިރާ،" އަހަރެންގެ ނަން މިރާޒުގެ އަނގައިން ނުކުތީ ވަރަށް މަޑުމަޑުންނެވެ.
"ކީތް ތިކުރަނީ މިރަށުގާ؟" އަހަރެންނަށް ހުރީ ކުޑަކޮށް މާނޭވާ ލެވިފައެވެ.
"އަހަރެން ހީކުރީ އަހަރެން ބަލާ ދޯނި ދޮށަށް މާފަތި ހިފައިގެން އަންނާނެ ކަމަށް،" މިރާޒް އައިސް އަހަރެންގެ ކައިރީގައި ޖޯލީގައި އިށީނެވެ.
"އޭ ކީއްވެ ތިހެން ތިބުނީ،" އޭނާ ބުނި އެތިން އަހަރެން ކުޑަކޮށް ހައިރާންވިއެވެ.
"މި ރަށުގެ އާ އެސިސްޓަންޓް ހެޑްމާސްޓަރަކަށް މީހަކު އަންނަން އުޅޭ ވާހަކަ އެނގިފައެއް ނެތްތަ؟"
"ތިއީ އިބްރާހިމް މިފްރާޒް ތަ؟" ހައިރާންވެފައި އަހައިލީމެވެ.
"އާދެ. ރަސްމީކޮށް ކިޔަނީ ތިނަން،" މިރާޒު ހީލިއެވެ.
"ދެން ކީއްވެ އަހަރެން މިރާޒް ކިޔަނީ؟" އަހަރެންނަށް އަސްލަށް ވެސް ހެވުނެވެ.
"އެއްގޮތަކަށް ވެސް ނޭނގެ. އެއީ އައިރާ އަހަރެންނަށް ދިން ނަމެއް،" މިރާޒު އިނީ އަހަރެންގެ މޫނަށް ފުން ނަޒަރަކުން ބަލަހައްޓައިގެންނެވެ. އޭނާ ފެނިފައި އަހަރެންގެ ހިތް އުފަލުން އުތުރި އަރަން ފެށިއެވެ.
ވަކިވި ދުވަހުން ފެށިގެން ވީކަންތައް މިރާޒު ކުޑަކޮށް ކިޔައިދިނެވެ. ނަމަވެސް އަހަރެންނަށް އޭނާ ދައްކާ ވާހަކައެއް ބައެއް ފަހަރު ނީވެއެވެ. އެއަށް ވުރެން ބޮޑަށް އިނީ އޭނާގެ ޖާދުވީ އަޑު އަލުން އިވުމުގެ ނަސީބު ލިބުނީތީ އުފަލުން ފޮޅިފައެވެ.
"ކީއްވެ މިރަށު ސުކޫލުގައި މަސައްކަތް ކުރަން ހިޔާރުކުރީ؟" އަހަރެން އަހައިލީމެވެ.
"މިރަށުގައި އައިރާ އުޅޭތީނު،" މިރާޒު ލާނެތް ގޮތަކަށް ބުންޏެވެ.
"ހޫނ،" އަހަރެންނަށް ހެވުނެވެ. "ކިހިނެތް އެނގުނީ އަހަރެން އުޅެނީ މިތާނގަކަން؟"
"އަހަރެން ކައިރީގައި ދެއްކި ވާހަކަ ހަނދާނެއް ނެތްދޯ؟ އައިރާ ރިސޯޓުން ފޭބި ފަހުން އެކި ގޮތްގޮތަށް ދަންނަ މީހުން ކައިރީގައި އަހައިގެން އައިރާގެ ހާލު ބެލީމޭ. އަހަރެންނަށް އެނގުނު މިކޮޅަށް ބަދަލުވެ ރަށު މަދަރުސާގައި ކިޔަވައިދޭން ފެށިކަން. ވަރަށް އުފާވި،" މިރާޒު ބުންޏެވެ.
"ދެން އެނގެނީ ކޯއްޗެއް؟" މިރާޒު އަހަރެންގެ ހާލު ދުރުން ބަލަމުން ގެންދިޔަ ވާހަކަ ބުނުމުން އުފާވިއެވެ.
"ދެން އިނގޭ އައިރާ ވެފައި އޮތް ވައުދު ފުއްދޭނީ މިތަނަށް އަހަރެން އައިސްގެންކަން،" އަނެއްކާވެސް އެއްކަލަ ލާނެތް ހިނިތުންވުމެވެ.
"އަނެއްކާ ކޮން ވައުދެއް ބާ؟" އަހަރެންނަށް މިރާޒް ބުނާނޭ އެތި އެނގޭތީ ލަދުގަތެވެ.
"އައިރާ ބުނީމެއްނު ފިރިމީހާ ކައިރިން ވަރިވެގެން ދެން އިންނާނީ އަހަރެންނާއޭ. އެ ވައުދު ފުއްދޭނީ އައިރާ ހުރި ތާކަށް އައިސްގެނެއްނު؟" އެ އަޑު އިވިފައި އަހަރެންނަށް އިސްޖަހާލެވުނެވެ.
"އެންމެ ފަހުން ދިމާވި ރޭ އަހަރެން ބުނި އެއްޗެހިން މިރާޒް ފޫއްސެއް ނުވޭތަ؟" މަޑުމަޑުން އަހައިލީމެވެ.
"ފޫހިވާނަމަ މިތާނގާ އިންނާނެތަ؟ އެރޭ އައިރާ ހެދީ ދޮގެއްނު؟ މަށަށް އެނގޭ ސައުދާ ގުޅިގެން އައިރާއެއް ނޫޅޭނެކަން،" މިރާޒު ބުންޏެވެ.
"ކިހިނެތް މިރާޒަށް އެނގުނީ؟" އަހަރެން އޭނާއަށް ބަލައިލީމެވެ. އޭނާގެ ލޮލުން ފެންނަމުން ދިޔައީ އެތައް ދުވަހެއްގެ މަތިން އަހަރެން ކުރި ފޮނި އުންމީދުގެ ކުލަވަރެވެ.
"އައިރާ. ވާހަކަ ދައްކައިގެން ވަރަށް ގިނަ ކަންތައް ސިކުނޑިއަށް އޮޅުވައިލެވިދާނެ. އެކަމަކު ހިތަށް…" މިރާޒު އޭނާގެ މޭގައި ޖަހައިލާފައި އަހަރެންގެ ކަންފަތާ ދިމާލަށް އަރިވެލައިފައި ބުންޏެވެ. "…ހިތަކަށް ހަގީގަތެއް އޮޅުވައެއް ނުލެވޭނެ އެނގޭ."
"ތިބުނީ؟" އެ ހިނދުކޮޅު މިރާޒް ކައިރިވުމުން އިހުސާސްވި ޖަޒުބާތުން ލޯމަރައިލެވުނެވެ.
"އަހަރެންނަށް އެނގޭ އެރޭ އައިރާ އަހަރެންނަށް ދޮގުހެދީ އަހަރެން ކިޔަވަން ނުގޮސް މަޑުކޮށްފާނެތީ ބިރުންކަން. އެއީ އަހަރެންގެ މުސްތަގުބަލާ ދޭތެރޭ ވިސްނައިފާ އައިރާ ކުރި ކަމެއް ކަން ހަމަ އެވަގުތު އަހަރެންނަށް އެނގުނު،" މިރާޒް އަހަރެންގެ އަތުގައި ހިފައިފާ ފިއްތާލިއެވެ. އަހަރެންގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ.
"އޯ،" އަހަރެންނަށް ބުނާނޭ އެއްޗެއް ނޭނގުނެވެ.
"އަހަރެން އޭރުވެސް ބުނީމެއްނު. އައިރާތީ ވަރަށް މީހުންނާ ދޭތެރޭ ވިސްނާ މީހެކޭ. އަހަރެންނަށް އައިރާ ވަރަށް ރަނގަޅަށް އެނގޭ… އެހެންވެ އަހަރެންނަށް އެނގެނީ… އޭރު އަހަރެން އައިރާ ދެކެ ވީ ލޯބި…. އައިރާ ވެސް އަހަރެން ދެކެ ވީކަން… މީ ދޮގެއްތަ؟"
"އޯ މިރާޒް،" އެ އަޑުއިވިފައި އަހަރެން ފެންކަޅިވިއެވެ. "އޭރު ވެސް ލޯބިވޭ. އަދިވެސް ވަރަށް ލޯބިވޭ."
"އަހަރެންވެސް. ތިނޫން އެހެން މީހަކަށް ދޭކަށް ޖާގައެއް މި ހިތަކު ނެތް،" މިރާޒު ވަރަށް ލޯބިން އަހަރެންގެ އަތުގައި ފިރުމައިލަމުން ބުންޏެވެ. "މިރަށަށް މިއައީ އައިރާ ކައިރީގައި މި ވާހަކަ ބުނެވޭނޭ ފެންވަރަށް އަހަރެންނަށް އާދެވުނީމައި."
އަހަރެންގެ ކަރުގައި އަޑު އަޅައިގަތެވެ. އިތުރު އެއްޗެކޭ ބުނާކަށް ނުޖެހެއެވެ. އަހަރެންގެ މޫނުމަތިން އަހަރެންގެ އިހުސާސްތައް ފެންނާނެއެވެ.
"ދެން ބުނެބަލަ. އަހަރެންނާ އިންނާނަން ދޯ؟" އަހަރެންގެ ލޮލަށް ޖަމާވި ކަރުނަތައް ފޮހެދެމުން މިރާޒު އެއްސެވެ.
އަހަރެން އެއްވެސް އެއްޗެކޭ ނުބުނެ ބޯޖަހައިލީމެވެ. އާނއެކެވެ. އަހަރެންގެ ނަސީބު އާވެލައިފިއެވެ. ދެން އޮތީ ފެށޭ އާގަރުނަށް އާ ހުވަފެންތަކަކާ އެކު ބައްދަލުކުރަން ތައްޔާރީތައް ވާން ފެށުމެވެ.



advertisment