Support Us

ވާހަކަ: ނަސީބު އާވެލީ

ނުވަދިހައިގެ އަހަރުތަކުގެ ކުރީކޮޅެވެ. އަހަރެން ދިރިއުޅެމުން ގެންދިޔައީ ރިސޯޓެއްގައެވެ. އެ ރިސޯޓަކީ އަހަރެންގެ ފަސް އަހަރު ދުވަސް ވީ ހިތި ކައިވެނީގެ ވޭނުން ސަލާމަތްވުމަށް "ތަށްޓަކަށްފަހު ތަށްޓެއް" ހުސްކުރަން އައިސް ހުރި ތަނެވެ. ލިޔެކިޔުމުން ވަރިނުވިޔަސް އަހަރެން ކޮށްގެން އުޅޭ ކައިވެނި ރޫޅުނުތާ އެތައް ޒަމާނެކެވެ. އަހަރެންގެ ފިރިމީހާ ސައުދު އުޅެނީ އެހެން އަންހެނަކާ އެކީގައިކަން ދިވެހިރާއްޖެއަށް އެނގެއެވެ. މި ނާކާމިޔާބީގައި އޭނާގެ ލޯތްބާއި އޯގާތެރިކަން ނުލިބުނަސް ހެޔޮތާއޭ ހިތާ އަހަރެން ހިތްހަމަޖައްސައިލަމެވެ. އޭނާގެ ފައިސާއިން ކުރެވޭ އެއްވެސް ކަމެއް ކުރުން އަހަރެންނަކަށް މަނަލެއް ނޫނެވެ. އަހަރެންގެ ދުވަސްތައް ހޭދަކުރާ ރިސޯޓަކީ އޭނާގެ ހިއްސާ އޮންނަ ތަނެކެވެ. އެތަނުގައި އަހަރެން އަހަރެއް ހޭދަކުރިޔަސް އެއްޗެކޭ ބުނާނޭ މީހެއް ނާންނާނެއެވެ. އެތަނުން ބޭރުކުރާނޭ މީހެއް ނާންނާނެއެވެ.

އެރޭ ރިސޯޓުގެ ބާގައި ލަވަ އަޑުއަހަން އިނދެފައި ނައްޓައިލީ ހޭ ހުސްވާން ކައިރިވީމައެވެ. އިންތަނުން ތެދުވެގެން ބާއިން ނުކުމެވުނުކަން އެނގެއެވެ. ދެން ވީނުވީއެއް ނޭނގުނެވެ. ހޭލެވުނު އިރު އަހަރެން އޮތީ އަމިއްލަ އެނދުގައެވެ. ކޮންމެވެސް މީހަކު އެތާނގައި އަހަރެން ބާއްވައިފައި އޮތްކަން އެނގުނެވެ. އޭގެ އަނެއް ދުވަހު ރިސޯޓު ތެރެއަށް ނުކުމެގެން އުޅުނު އިރު ކުރީރޭ ވީ ކީއްތޯ އެއްވެސް މީހެއް ކައިރީގައެއް ނާހަމެވެ. ލަދުންނެވެ.

އޭގެ ދެތިން ދުވަސް ފަހެވެ. ހަވީރު ގަޑީގައި ރަތްވިލާތައް އުޑުމައްޗަށް ޖަމާވާތަން ބަލަން އަހަރެން އިނީ "ތަށްޓެއް" އަޅައިގެން ނުކުމެ ސަންސެޓް ބާގައެވެ. ދުރުން އައި މީހަކު އައިސް އަހަރެންގެ ކައިރީގައި ހުއްޓިލުމުން، ނޫން ކަމަށް ހަދައިފައި ބަލައިލީމެވެ. އެއީ ޔަގީނުންވެސް ރިސޯޓުގެ މުވައްޒަފެއް ނޫނެވެ. ކޮންމެވެސް ތާކުން އަހަރެންނަށް ފެނިފައިވާ މީހެކެވެ. ދިގެވެ. ހުރީ ޕިންކް ފްލޮއިޑް ކުރެހުމެއް ޖަހައިފައިވާ ކަޅުކުލައިގެ ޓީޝާޓަކާއި، ކަޅު ޖީންސެއް ލައިގެންނެވެ. ކުޑަކޮށް ދިގު، ބުޅި އިސްތަށިގަނޑެއްގެ ވެރިއެކެވެ. އެ އިސްތަށިގަނޑުގެ ތަންތަންކޮޅު ރަންކުލައިން ދަޅަ އަޅައެވެ. ރީތި ލޮލަކާއި ދިގު އެސްފިޔަތަކެކެވެ. އާދަޔާ ހިލާފަށް ރީތި ނޭފަތަކާއި ބުމައެކެވެ. ތުނި ތުނބުޅިއަކާއި މަތިމަހެކެވެ. އަދި ޖީބަށް އަތްޖަހައިލައިގެން ހުންނައިރު ހީވަނީ ހަމަ މޮޑެލެއް ހެނެވެ. މީ އެއްވެސް ދޮގެއް ނޫނެވެ.

އެއީ ވަރަށް ރީތި އިންސާނެކެވެ. ނަމަވެސް އެއީ ކާކުކަން ނޭނގޭތީ އަނެއްކާވެސް މޫނު އަނެއް ފަރާތަށް ލީމެވެ. ރީތިވިޔަސް ނުދަންނަ މީހުންނާ މުއާމަލާތުކުރުމަކީ އަހަރެންގެ އާދައެއް ނޫނެވެ.

"ކަމަނާ. ހަނދާނެއް ނުވޭތޯ؟" އޭނާ އަހައިލިއެވެ.

"ކާކު؟" އޭނާއާ ދިމާލަށް ބަލައިވެސް ނުލާ އަހައިލީމެވެ.

"ކުރިން ރޭ އަޅުގަނޑު ކައިރީގައި ކަމަނާ ވައުދުވީމެއް ނޫންތޯ، ކަމަނާގެ ފިރިމީހާގެ ކައިރިން ވަރިވެފައި ދެން ކައިވެނި ކުރާނީ އަޅުގަނޑާއޭ؟" އޭނާގެ އަޑުގައި ވަނީ ސަމާސާއެވެ.

"އާދަން!" އޭނާ ދެއްކި ވާހަކައަށް ރައްދެއް ނުދީ، ދުރުގައި ހުރި ސަންސެޓު ބާގެ މެނޭޖަރަށް އަހަރެން ގޮވައިލީމެވެ.

"އޭ ކިހިނެއްވީ އަނެއްކާ މެނޭޖަރަށް ތިގޮވަނީ؟" އަހަރެންގެ ކައިރީގައި ހުރި މީހާ ކުޑަކޮށް ހާސްވެއްޖެކަން އެނގުނެވެ. އޭރު އާދަން އަހަރުމެންގެ ކައިރިއަށް އަތުވެއްޖެއެވެ.

"މީނައަށް އެ އުޅެނީ ދާންޖެހޭ ތަން ނޭނގިގެން. މީނަ ދާންޖެހޭ ތަނަށް ގެންގޮސްދެއްވާ،" އެމީހާއާ ދިމާލަށް އަތް ދިއްކޮށްލާފައި އަހަރެން އާދަން ކައިރީގައި ބުނީމެވެ. އެ މީހާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

"އެހެންތޯ؟ ދުރުވޭ އަޅުގަނޑާ އެއްކޮށް،" އާދަން އޭނާގެ ކައިރީގައި ވަރަށް އިހުތިރާމާ އެކު ބުންޏެވެ. އަހަރެން އިތުރު އެއްޗެކޭ ނުބުނެ ބޯން އިން ތަށި މޭޒުމަތީގައި ބަހައްޓައިފައި ކޮޓަރިއާ ދިމާލަށް ހިނގައިގަތީމެވެ.

ދިޔަ މަގުމަތީގައި ވިސްނީމެވެ. އެއީ އޭގެ ކުރިން ރޭ އަހަރެން ހޭ ހުސްވިގަޑީގައި ކޮންމެވެސް ގޮތަކުން ވާހަކަ ދެކެވުނު މީހެކެވެ. އެ ކަންތައް އެނގުމުން ލަދު އިހުސާސްކުރެވި ކަންފަތް ދޮންވިއެވެ. ނުދަންނަ މީހެއްގެ ކައިރީގައި އަހަރެން ބޭޒާރުވާ ކަހަލަ ވާހަކަ ދެއްކޭ ހިސާބަށް އެ ވިޔާނުދާ އާދައިގެ ސަބަބުން ދިޔުން އެއީ ވަރަށް ކަންބޮޑުވި ކަމެކެވެ. ތަންކޮޅެއް ބަލައިލައިގެން ދެން "އެ ކަންތައް" ކުރަން ނިންމީމެވެ. ހިތްދަތިކަމާ ދުރަށް ދާން ބޭނުންވިޔަސް، އަހަރެންގެ އަބުރާއި އިއްޒަތަށް އަހަރެން ނުވިސްނަންޏާ، ވިސްނާނޭ އެހެން މީހެއް ނާންނާނެއެވެ.

އެހެން ހިތަށް އަރައިފައި ވެސް އެރޭ ބާއަށް ދިޔައީމެވެ. ދިޔައިރުގައި އެ ފިރިހެން މީހާ ހުރީ ސްޓޭޖުމަތީގައެވެ. ލަވަ ކިޔަނީއެވެ. އަހަރެންނަށް އެންމެ ރީތި އެއްލަވަ ކަމަށް ވާ "އައި ކާންޓް ހެލްޕް ފޯލިން އިން ލަވް ވިތު ޔޫ" އެވެ. ދުރުން އޭނާއަށް އަހަރެން ފެނުމާއެކު ހީލިއެވެ.

އޭނާގެ އަޑު ހާދަ ރީއްޗެވެ. ހަރަކާތްތައް ވެސް ވަރަށް ހިތްގައިމެވެ. ލަވައިގެ ފޯރީގައި އެންމެން ޖެއްސުމުގެ ކުޅަދާނަކަން އޭނާއަށް ލިބިފައިވެއެވެ. ސިކުނޑި ކިލަނބުވެފައި ވީ ނަމަވެސް ކޮންމެވެސް ގޮތަކުން އޭނާގެ ޖާދުވީ ހަރަކާތްތަކުން އަހަރެންގެ ހިތަށް ފޮނި އަސަރުތަކެއް ކުރަން ފެށިއެވެ.

އަހަރެންގެ ކައިރިއަށް އައި ވެއިޓަރެއްގެ ކައިރީގައި އެއީ ކޮން ނަމެއް ކިޔާ ކުއްޖެއްހޭ އަހައިލީމެވެ. އޭނާއަށް ކިޔަނީ މިރާޒްއޭ ބުންޏެވެ. އެއީ ރީތި ނަމެކެވެ. އެ ރީތި ނަމުގެ ވެރިޔާގެ ލަވަކިޔުމުގެ ޖާދޫގައި ޖެހިފައި އިނދެގެން ދެތިން "ތަށްޓެއް" ހުސްކޮށްލުމަށް ފަހު މަޑުޖައްސައިލަން ވިސްނައިފައި ކޮޓަރިއަށް ނައްޓައިލީމެވެ.

އެރޭ ދަންވަރު ދޭއް ޖަހަނިކޮށް އަހަރެންގެ ކޮޓަރީގެ ފޯނު ރިންގުވާން ފެށިއެވެ. ސައުދު ކަމަށް ހީކޮށް ފޯނުނެގީމެވެ. އަހަރެންގެ ކަންފަތުގައި ޖެހުނީ އެއްކަލަ ލާނެތް އަޑެވެ.

"މެޑަމް. ދާންވީ ތަން އަނެއްކާ ވެސް އޮޅިއްޖެ. މަގު ދައްކައިދޭން ވަޑައިގެންބައްލަވާ!" އަހަރެންގެ ގާތަށް ކުޑަކޮށް ރުޅި އަންނަން ފަށައިފައިވެސް އެ އަޑުގައި ހުރި ސަކަ ރާގުން ރުޅި އޮބިއްޖެއެވެ.

"ހީވަނީ މިއީ ތީނައަށް މި ރަށަށް އެރޭނޭ އެންމެ ފަހު ރޭހެން،" އަހަރެން ބޭނުންވީ ކުޑަކޮށް ބިރު ދައްކައިލާށެވެ.

"ތި ބުނުއްވީ ކީކޭތޯ؟" އެކޮޅުން އައި އަޑުގައި ހުރި ސަމާސާގެ ރާގެއް ނުކެނޑެއެވެ.

"މި ބުނީ ތިގޮތަށް ފުރައްސާރަ ކުރަންޏާ ތީނަ މި ރަށަށް ނޭރޭ ގޮތް ހެދިދާނެއޭ،" އަހަރެން އެހެން ބުނެފައި ފޯނު ބޭއްވީމެވެ.

އަނެއްކާ ވެސް ފޯނު ރިންގުވާން ފެށިއެވެ. ނެގިއިރުގައި ހަމަ އޭނާއެވެ.

"އަޅުގަނޑަށް އޯކޭ އަޅުގަނޑަށް ނޭރޭ ގޮތް ހެއްދެވިޔަސް މެޑަމް. އެކަމަކު އެހެން ހަދައިފިއްޔާ ގިޓަރިސްޓުގެ އަނބިދަރިން ބަނޑަށް ޖެހިއްޖެއްޔާއޯ؟" އޭނަ ސުވާލުކުރިއެވެ. އޭނާ ބުނި އެތިން ފަހަތުން ކޮންމެވެސް މީހެއް ހޭ އަޑު އިވެއެވެ.

"ތި ބޭންޑުގެ ގިޓަރިސްޓާ ދޭތެރޭ ބޭންޑުގެ ލަވަކިޔައި މީހާ ނުވިސްނައި ވިސްނުން، އަހަރެން ވިސްނަން ވީ ސަބަބެއް ބުނެދީބަލަ؟" އަހަރެންނަށް ވެސް އެ ސަމާސާ މައްލަވާގައި ޖެހިއްޖެއެވެ.

"އެއީ ތިއީ ވަރަށް މާތް ސާހިބާއަކަށް ވީމައެއް ނޫންތޯ. އަޅުގަނޑު ކަހަލަ ނިކަމެތިންގެ ހާލާ ދޭތެރޭ ވިސްނާނީ ސާހިބާއެއް ނޫންތޯ،" އެގޮތަށް މާތް ބަހުން ވާހަކަ ދައްކަން ފެށީމައި އަހަރެންނަށް ވަރަށް މަޖާވިއެވެ.

"ނިކަމެތިން އެހެން ވީމައި އެބަޖެހޭ ދޯ ނިކަމެތިންގެ ދަރަޖަ ދަސްކުރަން!" އަހަރެން ބުނީމެވެ.

"ތައުބާ ސާހިބާ! ތައުބާ! އަޅުގަނޑަށް ހަމަ ނުވިސްނުނީ،" އޭނާ ހޭންފެށިއެވެ. "އޭ. އަޅުގަނޑު މިއުޅެނީ ކަމަނާގެ ކޮޓަރިއާ މާ ދުރުނޫން ހިސާބެއްގައިހެން ހީވަނީ. ނުކުމެބައްލަވާ ބޭރަށް. މިއީ ދަރަޖަ ދަސްކޮށްލަން ވަރަށް ރަނގަޅު ރެއެއްހެން ހީވަނީ."

ރިސޯޓުގާ އުޅޭތާ އެހާ ދުވަސްވީއިރު ވެސް ރިސޯޓުގެ އެއްވެސް މީހަކާ އަހަރެން އަނގަތަޅައި ރަހުމަތްތެރިކަން ބަދަހިކޮށެއް ނަހަދަމެވެ. ނަމަވެސް މިރާޒުގެ މަޖާ މިޒާޖާ ހެދި އޭނާއާ ވާހަކަ ދައްކައިލާ މަޖާކޮށްލަން ނުކުމެލައި ހިތްވިއެވެ.

އޭގެ ދިހަވަރަކަށް މިނެޓު ފަހުން އަހަރެން ނުކުތް އިރު އޭނާ އިނީ އަހަރެންގެ ކޮޓަރިން ނުކުމެވޭ ގޮނޑުދޮށުގައި ހުރި ގޮނޑިއެއްގައި އިށީނދެގެންނެވެ.

"މާތް ކަމަނާ. އަޅުގަނޑު މީނީ ދަރުބާރަށް ހާޒިރުވެ. ކަމަނާގެ ކައިރިން ދަރަޖަ ދަސްކުރަން،" އޭނާ ވަރަށް ލާނެތް ހިނިތުންވުމެއް ދިނެވެ. އޭނާގެ ތަމްސީލީ ވާހަކަ ދެއްކުމާ ހެދި ބޭ އިހުތިޔާރުގައި އަހަރެންނަށް ހެވުނެވެ.

ރެއަކީ އަރާމު ވައިޖެހޭ ރެއެކެވެ. ގޮނޑުދޮށުގެ ރާޅުޖަހާ އަޑު މުޅި ފަޒާގައި ފެތުރިފައެވެ. އެރޭ އަހަރުމެން ދެމީހުން އެތާނގައި ވަރަށް ގިނަ އިރު ވާހަކަ ދައްކަން ތިބީމެވެ. މިރާޒު ބުނިގޮތުގައި އޭނާއަކީ ގަވާއިދުން އެ ބޭންޑުގައި ކުޅޭ މީހެއް ނޫނެވެ. އެ ދުސްވަރު ވަޒީފާ ނިންމައިފައި ލިބޭ ހުސްވަގުތުގައި ބޭންޑާ އެކުގައި ލަވަކިޔައިލަން ރިސޯޓުތަކަށް ދަނީއެވެ. އެމީހުން މި ރިސޯޓަށް އަންނަ ރޭރޭ މާލެ ދިޔުމުގެ ޓްރާންސްފަރ ހަމަޖެހިފައި އޮންނަނީ ފަތިހުއެވެ. އެހެންވެ އަހަރުމެންނަށް ވާހަކަ ދައްކައިލަން ދެ ގަޑިއިރު ލިބުނެވެ.

"އަސްލު އުޅެނީ މީހަކާ އިނދެގެންތަ؟" ވާހަކައިގެ ތެރެއިން އޭނާ އެހިއެވެ.

"އެހެން ހީވަނީ،" އަހަރެން ސިނގިރޭޓުގެ ދުން ބޭރަށް ދޫކޮށްލަމުން ބުނީމެވެ.

"އެއީ ހީވާ އެއްޗެއްތަ؟" އޭނާ އަށް މަޖާވިއެވެ.

"ހީވެއޭ މިބުނީ ކައިވެނީގެ ސައްހަކަމާ މެދު ޝައްކުވާތީ،" ދެން އިތުރަކަށް އެކަމާ ބެހޭ ސުވާލެއް އޭނާ ނުކުރެއެވެ.

"މިރާޒަށް ކިތަށް އަހަރުތަ؟" ވަރަށް ނޫން ކަމަށް ހަދައިފައި އަހަރެން އަހައިލީމެވެ.

"އެކާވީސް އެ ފުރުނީ މިދިޔަ މަހު،" އަހަރެން ސިހުނެވެ. އޭނާގެ ވާހަކައިން އެހާ ޅަ ކުއްޖެއް ފާޑެއް ނުޖަހައެވެ.

"އޯ. އަދި ވަރަށް ޅަ ދޯ،" އަނެއްކާވެސް ސިނގިރޭޓު ދުންތައް ބޭރުކޮށްލަމުން ބުނީމެވެ.

"ކަމަނާއަށް ކިތައް އަހަރުތޯ އަހައިލުމުގެ އިޒުނަ އެބައޮތްތޯ؟" ފުރަތަމަ ފަހަރަށް އޭނާގެ އަޑުން ޖެހިލުންވުން ފާޅުވިއެވެ.

"މިދިޔަ މަހު އަށާވީސް އެވީ."

"އަޅުގަނޑު ހީކުރީ ކަމަނާއަށް އަދި އެކާވީސް ނުވާކަމަށް،" އޭނާ ހިނިތުންވެލިއެވެ.

"ހާދަ އަހަރެން ޅަ ކޮށްލީ،" އަހަރުމެން ދެމީހުންނަށް އެއްފަހަރާ ހީގަނެވުނެވެ. "މީގެ ފަހުން ދައްތަ ކިޔާ!"

"ހިލާ ނުކިޔާނަން!"

އެއީ ފެށުމެވެ. އޭގެ ފަހުން އަހަރެންނާއި މިރާޒާ ހަފްތާއަކު ދެ ރޭ ދިމާވެއެވެ. އޭނާ ރިސޯޓަށް އަންނަ ދެ ދުވަހަކީ އަހަރެންގެ ދިރިއުޅުމަށް ވެރިވެފައިވާ ބަނަކަން، ކުޑަ ވަގުތު ކޮޅަކަށް ފިލައިގޮސް އިރުގެ ދޯދިތަކުން ހިތް އުފާކޮށްލައިދޭ ދެ ދުވަހެވެ.

މިރާޒު އަންނަ ރެއެއް ވެއްޖެއްޔާ ދެމީހުން އެ ރަށުގެ ގޮނޑުދޮށުގައި ވާހަކަ ދައްކަން ވަރަށް ގިނަ އިރު ތިބެމެވެ. އޭނާގެ ބޭންޑު މީހުންނާއި ރިސޯޓުގެ މުވައްޒަފުންވެސް އަހަރުމެން ދެމީހުންގެ ރަހުމަތްތެރިކަމަށް މަރުހަބާ ކިޔެވެ. އަދި އެ ކަންތައް ވާގޮތަށް މަގުފަހިކޮށްދެއެވެ. އެ ރިސޯޓުގެ މީހުންނަށް އަހަރެން ހިތްހަމަޖެހިފައި ހުއްޓާ ފެނުނީ މިރާޒާ ވާހަކަ ދައްކަން ފެށި ފަހުންނެވެ. އޭނާއާ ވާހަކަ ދައްކާއިރު އެއީ އަހަރެންނަށް ވުރެން އުމުރުން އެތައް ތަނެއް ހަގު މީހެއްކަން ހަނދާނެއް ނުވެއެވެ. އޭނާއަކީ އާދަޔާ ހިލާފަށް ތޫނުފިލި، ވާހަކަ ދެއްކުމުގެ ހުނަރު ވަރަށް މޮޅަށް ލިބިފައިވާ މީހެކެވެ. ގުޅުން ބަދަހި ކުރަން ވަރަށް ފަސޭހަ މީހެކެވެ.

ގޮނޑުދޮށުގައި މެންދަމު މި ބާއްވާ ބައްދަލުވުން ތަކުގައި އަހަރުމެން އެކި ކަންކަމާ މެދުގައި ވާހަކަ ދައްކައި ހެދީމެވެ. އެގޮތުން އެއްރޭ އަހަރެން ސައުދުއާ ކައިވެނި ކުރަން ޖެހުނު ގޮތް ކިޔައިދިނީމެވެ.

"އެއް ފަހަރު އަހަރުމެންގެ ރަށަށް އޭނާ އައީ ރަށު ސުކޫލަށް ޑޯނޭޝަނެއް ދޭން. އެތަނުން އަހަރެން ފެނިގެން އޭނާ ބޭނުންވީ ވަގުތުން ވަގުތަށް ކައިވެނިކުރަން. ދެން ރަށު އެންމެން ވެސް ވަރަށް ބޭނުންވެއްޖެ އެގޮތް. މުއްސަންޖަކަށް ވީމައި ރަށަށް ލިބޭނޭ ފަހުރަކަށް ވާނެތީ ކަންނޭގެ. މަންމަމެން ވެސް އޭރު ވަރަށް ބޭނުންވި އެކަންތައް ވާން. އަހަރެންގެ މުސްތަގުބަލަށް ވިސްނާފައި،" އަހަރެން އެއްރޭ މިރާޒު ކައިރީގައި ބުނީމެވެ.

"އައިރާ ބޭނުން ވެގެންތަ ކައިވެނި ކުރީ؟" މިރާޒު ވަރަށް ސީރިއަސްކޮށް އެހިއެވެ.

"އަސްލު ނެތް ބުނެވޭކަށް ބޭނުން ވެގެނެއް ނޫނެކޭ. އަހަރެން ވެސް ވަރަށް ބޮޑަށް ގަޔާވި. އޭނަ ވަރަށް ރީތިވާނެ. ވަރަށް ހިތްހެޔޮކޮށް ވާހަކަ ދައްކާނީ. އޭނައާ ކައިވެނި ކޮށްފިޔާ އަހަރެން ވެސް ބޭނުންވާ ކަހަލަ ދިރިއުޅުމެއް ލިބިދާނޭ ހިތަށް އެރި އޭރު،" އަހަރެން ބުނީމެވެ.

"މިއީތަ އައިރާ ބޭނުންވާ ކަހަލަ ދިރިއުޅުމަކީ؟" މިރާޒު އުނދަގޫވެފައި ފާޑަކަށް އަހައިލިއެވެ.

"މި ދިރިއުޅުން ސަޅިއެއް ނޫންތަ؟" ވަށައިގެންވާ މާހައުލު ދައްކައިލައިފައި އަހަރެން ހީނގަތީމެވެ.

"ނޫން. ވަރަށް ސަޅި،" މިރާޒު ބޯޖަހައިލިއެވެ. "އައިރާ އަދިވެސް ވަރަށް ލޯބިވޭ ދޯ ސައުދު ދެކެ؟"

"ވަރަށް ލޯބިވޭ. އެކަމަކު އޭނާ ލޯބިވަނީ އެހެން މީހެއް ދެކެ،" އަހަރެން ވިސްނައިލާފައި ބުނީމެވެ.

"އަދިވެސް އައިރާ އުޅެން ބޭނުންވަނީ އޭނާއާ އެއްކޮށް ދޯ؟" މިރާޒު ސުވާލުކުރިއެވެ.

"އެހެން ހީވަނީ،" އަހަރެން ބޯޖަހައިލީމެވެ.

ރެއަކަށް ފަހު ރެއެއް ފާއިތުވަމުން ދިޔައެވެ. އަހަރުމެންގެ ގުޅުން އައީ ބަދަހިވަމުންނެވެ. ނަމަވެސް ހައްދެއްގެ ތެރޭގައެވެ. އަހަރުމެންގެ ދެމެދުގައި ނުފެންނަ ފާރެއް ވާކަން އަބަދުވެސް އެނގެއެވެ. ހުރުމަތްތެރިކޮށް ހިތަންޖެހޭ އެއްޗެއް ވާކަން އެނގެއެވެ. އެއީ އަހަރެންގެ ކައިވެންޏެވެ. ނަމަވެސް ނޭނގި ނަމަވެސް މިރާޒާ ބައްދަލުވާ ރޭތައް އަވަހަށް އައުމަށް ހިތުގެ ފުންމިނުން އެދެވެން ފަށައިފިކަން އަހަރެންނަށް އެނގެން ފަށައިފިއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *