Support Us

ގޯޑަން ރެމްސޭގެ ސަބަބުން ކުށުގެ ވެށިން ސަލާމަތްވި "ބޭޑް ބޯއީސް ބޭކަރސް"

ގޯޑަން ރެމްސޭގެ ނަން އިވުމާއެކު ގިނަ މީހުންގެ ހިތަށް އަންނަނީ މާސްޓަރ ޝެފް ޕްރޮގްރާމުގައި ބައިވެރިން ރޮއްވައި، ހުތުރު އެއްޗެހިކިޔައި، ހަޅޭއްލަވާ މީހާއެވެ. އޭނާއަކީ ދުނިޔޭގެ ފެންވަރުގައި މަޝްހޫރު، ވަރަށް މަތީ ފެންވަރެއްގެ ކައްކާ މީހެކެވެ. އަދި ހަމަ އެހެންމެ، އޭނާއަކީ ވަރަށް ހަރުކަށި، ކައިރީގައި މަސައްކަތްކުރާ މީހުންގެ މައްސަލަތަކާ ހެދި އަވަހަށް ރުޅިއަންނަ މީހެއްގެ ގޮތުގައި ފާހަގަކުރެވޭ މީހެކެވެ.

ނަމަވެސް، އޭނާގެ ސަބަބުން ވުޖޫދަށް އައި ކައްކާ ޝޯ އެއްގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ވަނީ އައިސްފައެވެ. "ގޯޑަން ބިހައިންޑް ބާސް" ކިޔާ މި ޝޯއަކީ ލަންޑަންގެ ބްރިކްސްޓަން ޖަލަށް ގޮސްގެން ގޯޑަން ކުޅުނު ޝޯއެކެވެ. މި ޝޯ އުފެއްދުމުގެ އެންމެ ބޮޑު މަޤްޞަދަކަށްވީ ޖަލުގައި އުޅޭ މީހުންނަށް ކެއްކުމުގެ ފަންނުވެރިކަން ދަސްކޮށްދިނުމާއި، އެމީހުންނަށް ކާބޯތަކެތި ހަދައިގެން ވިޔަފާރިއެއް ހިންގާނެ ގޮތް ކިޔައިދިނުމެވެ.

މި ޝޯގެ ހަތަރު އެޕިސޯޑު ވަނީ ޗެނަލް-4 ގައި 2012 ވަނަ އަހަރުގެ ޖުލައި މަހު ދައްކައިފައެވެ. މި ޝޯ ނެގުމަށްޓަކައި ގޯޑަން ރެމްސޭ 2011 ވަނަ އަހަރު ޖަލުގައި ހަ މަސް ހޭދަކުރިއެވެ. ޝޯ ފެށީ 12 މީހުން ހިމަނައިގެންނެވެ. ނަމަވެސް ވަކި ހިސާބަކުން ފަސް މީހުން ޝޯއާ ވަކިވެ، އާ ފަސް މީހުން ގުޅުނެވެ. ޖަލެއްގައި މިފަދަ ޝޯއެއް ހެދުމުގައި ދަތި އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި، އެތަނަށް ދިޔުމުގެ ކުރިން އަމިއްލަ ހިމާޔަތަށްޓަކައި ސެލްފް ޑިފެންސް ކްލާސްތަކެއް ނެގި ކަމަށް ގޯޑަން ބުނެފައިވެއެވެ.

އޭނާގެ އެންމެ ބޮޑު އަމާޒަކަށްވީ ހަމައެކަނި މީހުންނަށް ކައްކަން ދަސްކޮށްދިނުމެއް ނޫނެވެ. އެއަށްވުރެ މާ މުހިންމު ކަމަކަށްވީ ޖަލުން ނުކުމެ މުޖުތަމަޢުގައި ބޭނުންތެރި ފަރުދުންގެ ގޮތުގައި މަސައްކަތްކޮށްގެން އުޅެވޭނެ މަގު ބަޔަކަށް ފަހިކޮށްދިނުމެވެ.

ގޯޑަންގެ ކައިރިން ކެއްކުން ދަސްކުރުމަށްފަހު، އޭނާގެ ދަރިވަރުން ވަނީ "ބޭޑް ބޯއިސް ބޭކަރީ" ކިޔާ ތަނެއް ހުޅުވައިފައެވެ. އެމީހުންގެ ސްލޯގަންއަކީ "ލައިފް ޗޭންޖިން ޓޭސްޓް" ނުވަތަ "ދިރިއުޅުން ބަދަލުކޮށްލާ ރަހަ" އެވެ. އެތަނުގައި އެންމެ ފުރަތަމަ ވިއްކަން ފެށީ ގޯޑަން ރެމްސޭ އެމީހުންނަށް ހަދަން ދަސްކޮށްދިން ލެމަން ޓްރީސަލް ޓާޓެވެ. ފަހުން އެމީހުން އެ އުފެއްދުން ބަދަލުކުރީ ލެމަން ޓްރީސަލް ސްލައިސްއަށެވެ. މި އުފެއްދުންތައް ރެސްޓޯރަންޓުތަކުގައި ބެހެއްޓުމަށް ގޯޑަން ރެމްސޭ ވަރަށް ބޮޑު މަސައްކަތްތަކެއް ކޮށްދިނެވެ. ވަރަށް ފުޅާ ސްކޭލެއްގައި ލަންޑަންގެ މަޝްހޫރު ތަންތަނުގައި މި ބޭކަރީގެ ތަކެތި ލިބެން 2017 ވަންދެން ހުއްޓެވެ.

މި ޕްރޮގްރާމުގައި ބައިވެރިވި މީހުންގެ ކިބައިން ބޮޑެތި ބަދަލުތަކެއް ފެނިގެންދިޔަ ކަމަށާއި، އެމީހުންގެ އަމިއްލަ ނަފުސާ ދޭތެރޭ އޮތް އިތުބާރު އިތުރުވެގެންދިޔަ މަންޒަރު ފެނުނު ކަމުގައި ގޯޑަން ބުނެފައިވެއެވެ. އޭނާގެ ކައިރިން ތަމްރީނުވި މީހުންނަށް ރަނގަޅު ތަންތަނުން ވަޒީފާ ހޯދައިދިނުމަށްވެސް ގޯޑަން މަސައްކަތްކުރިއެވެ. އަދި އޭނާގެ ކައިރީގައި މަސައްކަތްކުރުމަށްވެސް ބައެއް މީހުންނަށް ފުރުސަތު ދިނެވެ.

މި ޝޯއަކީ މުޖުތަމަޢުއަށް ކުށްވެރިން އަލުން އަހުލުވެރިކުރުވުމަށް ކުރެވުނު ކާމިޔާބު މަސައްކަތެއްގެ ގޮތުގައި އޭރުގެ ޔޫކޭގެ ޖަސްޓިސް ސެކްރެޓަރީވެސް ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ބޭޑް ބޯއިސް ބޭކިން ޕްރޮޖެކްޓް ތިން އަހަރު ދުވަހަށް މެދުކެނޑުނެވެ. އެއީ ޝޯ ނިމުމަށްފަހު އެ ކަންތައް ހިންގުމާ ހަވާލުވި ފަރާތުން އެކަން ރަނގަޅަށް ނުކުރެވުމުގެ ސަބަބުންނެވެ.

ނަމަވެސް 2022 ވަނަ އަހަރު އަލުން އެތަން ހިންގުމާ ވަނީ ޔޫކޭގެ "ކްލިންކް ޗެރިޓީ" ކިޔާ ޖަމްޢިއްޔާއަކާ ހަވާލުކޮށްފައެވެ. މި ޗެރިޓީން މިތަނުގައި މީހުންނަށް ތަމްރީނުދީ، އުފައްދާ ތަކެތި ހޯލްސޭލް ބޭކަރީއެއް މެދުވެރިކޮށް އެކި ތަންތަނުގައި ވިއްކަން ބަހައްޓާނެ ކަމަށް މީޑިއާތަކުގައި ބުނެފައިވެއެވެ. އަދި މިތަނުގައި ދެ އަހަރުގެ ތަމްރީނު ފުރިހަމަކޮށް ސަނަދު ހާސިލުކުރާ 10 މީހަކަށް ކްލިންކް ބޭކަރީން ވަޒީފާ ލިބޭނެ ކަމަށްވެސް ވެއެވެ.

ކުށްކުރާ މީހުން މުޖުތަމަޢުއަށް އަލުން އަހުލުވެރިކުރުވުމަށް މިފަދަ ކަންތައްތައް ކުރުމަކީ އެމީހުން އަލުން އެނބުރި ކުށުގެ ވެއްޓަށް ނުދިއުމަށް ހިތްވަރު ލިބޭ ކަމެކެވެ. ކުށްވެރިން މުޖުތަމަޢުއަށް ނުކުންނައިރު އެމީހުންނަށް މުޖުތަމަޢުގައި ބިނާކުރަނިވި ދައުރެއް އަދާކުރުމުގެ ފުރުސަތު ލިބުމަކީ އެމީހުންގެ މުސްތަޤުބަލަށް އަދި މުޖުތަމަޢުގެ ކުރިއެރުމަށްވެސް އެޅޭ ނުހަނު މުހިންމު ފިޔަވަޅެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *