ވޭނާއި، ބަނޑުހައިވުމާއި، ވަރުބަލިވުމަކީ ބުރަ ދިރިއުޅުމެއްގައި އުޅޭއިރު އުނދަގޫ ކަންތައްތަކެއް ކަމަށް ހީވި ނަމަވެސް، މިއީ ހަށިގަނޑާއި ސިކުނޑި ފުރިހަމައަށް މަސައްކަތްކުރުމަށް މުހިންމު އިންޒާރުތައް ދޭ ނިޒާމުތަކެކެވެ. ހަށިގަނޑުގައި އަޅާ ވޭނުގެ ސަބަބުން އަހަރެމެންނަށް އަނިޔާއެއް ވެއްޖެކަން ނުވަތަ ބައްޔެއް ޖެހިއްޖެކަން އެނގެއެވެ. ބަނޑުހައިވުމުން ހަކަތަ ބޭނުންވާކަން އެނގެއެވެ. ވަރުބަލިވުމަކީ އަހަރެމެންގެ ހަށިގަނޑަށް އަރާމު ބޭނުންވެއްޖެ ކަމުގެ އިންޒާރެކެވެ. ވަރުބަލިވެގެން އަހަރެމެން ނިދާ ގަޑިއަކީ ހަށިގަނޑުގެ ޓިޝޫތައް މަރާމާތުކޮށް، ހަނދާނުގައި ތަކެތި ރައްކާކޮށް، ގައިން ގޮސްފައިވާ ހަކަތަ އަލުން އާރާސްތުކޮށްދޭ ދަނޑިވަޅެވެ.
ހަށިގަނޑުގެ މި ފުރިހަމަ އިންޒާރުތަކުގެ އިހުސާސެއް ނުވާ މީހާއަށް މި ކަންކަމަށް ހަށިގަނޑު ބޭނުންވެފައިވާ މިންވަރެއް ނޭނގޭނެއެވެ. އަދި ހަށިގަނޑަށް ނެގޭނެ ހައްދު ނޭނގި އަސާސީ ބޭނުންތަކަށް އިހުމާލުވެ، ހަށިގަނޑަށް ރައްކާތެރި ނޫން ގޮތްގޮތަށް ހަށިގަނޑު ބޭނުންކުރެވިދާނެއެވެ. މިކަމުގެ ސަބަބުން ސިއްޙަތަށް ނުރައްކާތެރި ނަތީޖާތަކެއް ނުކުމެދާނެއެވެ. މި ކަންކަމަށް ބޭނުން ނުވުމުން ނުކުންނަ ގޮންޖެހުންތައް އެންމެ ރަނގަޅަށް އެނގޭނީ އެ ނިޒާމުތައް މަސައްކަތްނުކުރާ މީހުންގެ ދިރިއުޅުމަށް ނަޒަރެއް ހިންގައިލައިގެންނެވެ.
ދުނިޔޭގައި "ބަޔޮނިކް ގާރލް"ގެ ނަމުން މަޝްހޫރުވެފައިވާ އިނގިރޭސިވިލާތުގެ އޮލިވިއާ ފާންސްވޯތްއަކަށް މިއިން އެއްވެސް ކަމެއް އިހްސާސެއް ނުވެއެވެ. އޭނާގެ ހަށިގަނޑަކު ވޭނެއް ނާޅައެވެ. އޭނާ ބަނޑުހައެއް ނުވެއެވެ. އޭނާ ވަރުބަލިނުވާތީ ނިދަނީ ދުވާލަކު އެންމެ ދެ ގަޑިއިރެވެ.

އޮލިވިއާއަށް މި ކަންކަން އިހުސާސްނުވުމުގެ އަސްލަކީ ޖެނެޓިކް އެބްނޯމަލިޓީއެކެވެ. ކްރޮމޮސޯމް-6 ޑިލީޝަން ކިޔާ މި ހާލަތުގެ ސަބަބުން އޭނާގެ ހަ ވަނަ ކްރޮމޮސޯމުގެ އެއްބައި ވަނީ އުނިވެފައެވެ. ޔޫކޭގެ ނޭޝަނަލް އޯގަނައިޒޭޝަން ފޯ ރެއަރ ޑިސްއޯޑާސް އިން ބުނާގޮތުގައި މި ހާލަތު ދިމާވެފައިވާ މީހުން ހެދިބޮޑުވުމުގައި ހާސިލުކުރަންޖެހޭ ޖިސްމާނީ އަދި ނަފްސާނީ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ލަސްތަކެއް ދިމާވެއެވެ. އެމީހުންގެ ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަކަމަށް ފާހަގަކުރެވެއެވެ. އަދި މޫނުމަތީގެ ސިފަތަކުގައި ޚާއްޞަ ގޮތްތަކެއް އެކުލެވިފައިވެއެވެ. ދުނިޔޭގައި މި ހާލަތުގައި އުޅޭކަމަށް 100 މީހުން ރިކޯޑުކުރެވިފައިވާއިރު އެކި މީހުންނަށް މި ކްރޮމޮސޯމްގެ ބައެއް މަދުވުމުން އަސަރުކޮށްފައިވަނީ އެކި މިންވަރަށެވެ. މީގެ ތެރެއިން ވޭން ނޭޅުމާއި، ބަނޑުހައިނުވުމާއި، ނިދި ބޭނުންނުވުން ހިމެނެއެވެ. ނަމަވެސް މި ތިން ކަންތައް އެއްކޮށް ފެނިފައިވަނީ ހަމައެކަނި އޮލިވިއާގެ ކިބައިންނެވެ.
އޭނާއަކީ މި ކްރޮމޮސޯމް އައިބުވެފައިވާ ކުއްޖެއްކަން އެނގުނީ ކުޑައިރުގައި އޭނާއަށް ދިމާވި އެކްސިޑެންޓަކަށް ފަހުގައެވެ. މަގު ހުރަސްކުރަނިކޮށް އޭނާގެ ގައިގައި ކާރަކުން ޖެހި، ބުރައިގެން ގޮސް ވެއްޓުނީ 10 މީޓަރު ދުރަށެވެ. އެހެން ކުއްޖެއް ނަމަ އެ ލިބުނު ޒަޚަމުތަކުގެ ސަބަބުން ގުޑިވެސް ނުލެވުނީހެވެ. ބަލަން ތިބި އެންމެން އަޖައިބުވީ އޮލިވިއާ ވަގުތުން ތެދުވެ އޭނާގެ މަންމައާ ދިމާލަށް ހިނގައިގަތީމައެވެ.

އޭގެ ކުރީގައިވެސް ނިކީއަށް ވަނީ އޮލިވިއާގެ ފަރާތުން އާދަޔާ ޚިލާފު ކަންކަން ފެނިފައެވެ. އެންމެ ކުޑައިރުގައި އޮލިވިއާއަށް ކާންދިނުމަކީ ވަރަށް އުނދަގޫ ކަމެކެވެ. މިހާރުވެސް އޮލިވިއާ ކަނީ ބަނޑުހައިވެގެންނެއް ނޫނެވެ. ނަމަވެސް އޭނާގެ ހަށިގަނޑު ދެމެހެއްޓުމަށްޓަކައި ކާންޖެހޭތީއެވެ. ސްކޫލުގައި އެހެން ކުދިން ކާގަޑިތަކުގައި އޭނާވެސް ކައެވެ. ނަމަވެސް ގޭގައި އޭނާ އެތައް މަހެއް ވަންދެން އެއް ބާވަތެއްގެ ކާނާއެއް ކައިގެން އުޅެފައި ކުއްލިއަކަށް އެއާ ދޭތެރޭގައި އޮތް ޝައުޤު ގެއްލިދާނެއެވެ.
ނިންޖަކީ އަހަރެމެންނަށް ވަރަށް މުހިންމު އެއްޗެކެވެ. ހަށިގަނޑުގެ ހަލާކުވެފައިވާ ބައިތައް މަރާމާތުކުރުމާއި ހަނދާނުގައި އެއްޗެހި ރައްކާކުރުން ފަދަ ކަންކަން ވަނީ މީހާ ނިދާއިރުގައެވެ. ހަށިގަނޑުން ސިކުނޑިއަށް ނިދަން ސިގްނަލް ދެނީ ވަރުބަލިވެއްޖެކަމުގެ ސިގްނަލް ފޮނުވައިގެންނެވެ. ނަމަވެސް އޮލިވިއާގެ ހަށިގަނޑުން މި ސިގްނަލެއް ސިކުނޑިއަކަށް ނުފޮނުވައެވެ. ކުޑައިރުން ފެށިގެން މިއަދާ ހަމައަށް އޭނާ ނިދަނީ އެންމެ ދެ ގަޑިއިރެވެ. އޭނާގެ މަންމަ ނިކީއަށް ޖެހުނީ އޭނާ ލައްވައި ގަދަކަމުން އަރާމުކުރުވަން ޑޮކްޓަރުންގެ އެހީ ހޯދަށެވެ.
އޮލިވިއާއަށް ވޭން އިހުސާސްނުވުމަކީ އޭނާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. އެހެން މީހުންނަށް ވޭން އަޅައި ކަންތައް ވެގެން އުޅޭއިރު އޮލިވިއާއަކަށް ވޭނެއް ނާޅައެވެ. އޭނާގެ މަންމަ ބުނިގޮތުގައި އެއްފަހަރު ތުންފަތް ނޭނގި ހުރެގެން ހަލާކުވެގެން ބޮޑުވަރުވީއިރުވެސް އޮލިވިއާއަކަށް އެކަންތައް އިހުސާސްނުވުމުގެ ސަބަބުން ތުންފަތް ޖެހުނީ ޕްލާސްޓިކް ސަރޖަރީ ކޮށްގެން އަލުން ހަދާށެވެ. ވަރަށް ގިނަ ފަހަރު ބޮޑެތި ހާނީއްކަ ވާގޮތަށް އޮލިވިއާ ވަނީ ވެއްޓިފައެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު އޭނާ ތެދުވެގެން ހިނގައިގަނެއެވެ.
އޮލިވިއާއަށް ވޭން އިހުސާސްނުކުރެވޭތީ އޭނާގެ އާއިލާއިން ވަރަށް ބޮޑަށް ސަމާލުވާން ޖެހެއެވެ. އެއީ އޭނާއަށް އެކަން ނޭނގި ބޮޑެތި އަނިޔާތައް ވާނެތީއެވެ. އޭނާއަށް ތަނެއް ފިހުނަސް، ކަށިގަނޑު ބިންދައިގެން ދިޔަސް އިހުސާސްނުވެ ހުރެ އެކަމުން ރުޖޫޢަނުވެވޭ ވަރުގެ ގެއްލުމެއް ލިބިދާނެއެވެ.
މި ހާލަތުގެ ސަބަބުން އެހެން ކަންތަކާވެސް އޭނާއަށް ދިމާވެއެވެ. އޭނާގެ މޫޑަށް ބޮޑެތި ބަދަލުތަކެއް އައިސް ރުޅިގަދަވެ އަތުންފައިން ގޯސްހެދޭ ފަހަރު ދެއެވެ. މި ހާލަތުގެ ސަބަބުން އޭނާގެ ޖަޒުބާތުތައް އެއް މިނެއްގައި ދަމަހައްޓަން އުނދަގޫވެއެވެ. އޭނާގެ ބައްޔާ ގުޅިގެން އޭނާގެ މޫޑު ވަރަށް ބޮޑަށް ބަދަލުވެ، އަދި އަނިޔާވެރި ޢަމަލުތައް ކުރެއެވެ. ނަމަވެސް މި ހާލަތަކަށް ދެވޭނެ ފަރުވާއެއް ނެތެވެ. އޭނާގެ ހަޔާތުގައި އުޅޭ މީހުންގެ އެހީގައި އޭނާ ޖެހޭނީ ވަރަށް ހޭލުންތެރި ދިރިއުޅުމެއް އުޅެވޭތޯ ބަލާށެވެ.



advertisment