މިދޭތެރެއިން ކުރަމުންދިޔަ މަސައްކަތެއްގެ ސަބަބުން، އުމުރުން ދުވަސްވެފައިވާ ވަރަށް ގިނަ މީހުންނާއެކު މަސައްކަތްކުރުމުގެ ފުރުޞަތު ލިބުނެވެ. އެމީހުންގެ ހަނދާން ވަރުގަދަކަމުން ހައިރާންވިއެވެ. އުމުރުން ތިން އަހަރުގައި ދިމާވި ކަމެއްގެ ވާހަކަ ދައްކާއިރު، އެމީހުންގެ ވަށައިގެން ތިބި މީހުން ލައިގެން ތިބި ހެދުމުގެ ކުލަވެސް ހަނދާން ހުރެއެވެ. ނަމަވެސް ދުވަސްކޮޅެއް ފަހުން މި މީހުންގެ ކިބައިން ކުދި މައްސަލަތައް ފެންމަތިވާން ފެށިއެވެ. އެތަނުން ވަރަށް ގިނަ މީހުންނާ ދެން ބައްދަލުވާ ފަހަރު، އޭގެ ކުރިން ދުވަހު ބައްދަލުވެގެން ދެކެވުނު ވާހަކަ ހަނދާނެއް ނުހުރެއެވެ. ބައެއް ފަހަރު އަހަރެންނާ ބައްދަލުވިކަންވެސް ހަނދާނެއް ނުހުރެއެވެ. އެމީހުންގެ އާއިލާ މީހުން ކައިރީގައި މިވާހަކަ އެހުމުން އެމީހުންނަށް ވެސް އެކަންތައް ފާހަގަކުރެވޭ ވާހަކަ ބުންޏެވެ.
މިކަމާ ކަންބޮޑުވެ، މިއީ އުމުރުން ދުވަސްވުމާ ގުޅުން ހުރި ކަމެއްތޯ ބަލައި ހޯދަން މަސައްކަތް ފެށީމެވެ. ހޯދި މަޢުލޫމާތުން މިއީ އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ އާންމު ކަމެއްކަން އެނގުނެވެ. އެމީހުންގެ ހަޔާތުގެ ކުރީގައި ވެފައިވާ ކަންތައްތައް ހަނދާނުން ފޮހެވިގެން ނުދިޔަނަމަވެސް ފަހުން ދިމާވާ ކަންތައް ސިކުނޑިން ރައްކާކޮށެއް ނުދެއެވެ. ނަމަވެސް އެއީ ކިހިނެއް ވެގެން ވާކަމެއް ހެއްޔެވެ؟
އިންސާނުންގެ ހަޔާތުގައި އެމީހުންގެ ނަފްސާއި ޖިސްމުގެ ގިނަ ކަންކަން ހިނގަނީ އެމީހުން ނަގާ ޒިންމާތަކާ އެއްވަރަށެވެ. މިސާލަކަށް އުމުރުގެ ފަހުކޮޅު ތިމާގެ އަމިއްލަ މަސައްކަތުން ފުއްދަން ޖެހޭ ޒަރޫރީ ބޭނުމެއް ނެތްކަމުގެ އިހުސާސްވާ ހިނދު، ގައިން ވަރުދޫވެ މީހާ ބިތްޖެހޭ ގޮތްވެއެވެ.
އުމުރުން ދުވަސްވެފައިވާ މީހުންގެ ދިރިއުޅުމުގެ ކަންތައް ލުއިކޮށްދިނުމުގެ ނިޔަތުގައި އެހެން މީހުން (މިސާލަކަށް އެމީހުންގެ އަމިއްލަ ދަރިން) އެމީހުން ގަވާއިދުން ކުރަމުން އައި ކަންތައް ކޮށްދޭން ފަށައެވެ. މިގޮތަށް އެމީހުން ގަވާއިދުން ނަގަމުން އައި ޒިންމާއަކުން އެމީހުން ވީއްލުމުން، އެގޮތަށް ކުރަންޖެހޭ ކަންތަކުގެ ތަފްސީލު ހަނދާނުގައި ބެހެއްޓުމަކީ ތިމާގެ ޒިންމާއެއް ނޫން ކަމަށް ދެކެވި، އެކަންކަމުގެ ތަފްސީލު ބެލެހެއްޓުމަށް އެހެން މީހުންގެ ސިކުނޑިއަށް ބަރޯސާވާން ފަށައެވެ.
އެހެން ކަމުން އުމުރުން ދުވަސްވާ މީހުންނަށް އެހީތެރިވެދީ އެމީހުންގެ ހަޔާތް ލުއިކޮށްދިނުމަކީ އިޖްތިމާއީ ގޮތުން ވަރަށް ރިވެތި އާދައަކަށް ވީ ނަމަވެސް، އަދާކުރަމުން އައި ހުރިހާ ޒިންމާއަކުން އެމީހުން ވީއްލުމަކީ އެމީހުންގެ ސިކުނޑީގެ ހަރަކާތްތަކަށް އާޚިރު ނަތީޖާ މާ ރަނގަޅު ކަމެއް ނޫނެވެ.
ތިމާގެ ޒިންމާތައް މަދުވާ ވަރަކަށް އެ ޒިންމާތައް އަދާކުރުމަށް ސިކުނޑި މަސައްކަތްކުރަން ޖެހޭ ވަރު ލުއިވުމުގެ އާޚިރު ނަތީޖާއަކީ ކުރީގައި އަދާކުރަމުން ގެންދިޔަ ޒިންމާތައް އަދާކުރަން މަސައްކަތްކުރި ސިކުނޑީގެ ބައިތައް ހީނަރުވާން ފެށުމެވެ. އިންސާނުންގެ ތަބިއްޔަތަކީ އެމީހަކު ޒިންމާ ނަގަންނުޖެހޭ ކަމަށް ދެކޭ ކަންކަމަށް ހަކަތަ ހޭދަކުރުން ހުއްޓާލުމަށް އަބަދުވެސް ތައްޔާރަށް އޮތުމެވެ.
މީގެ އެންމެ ރަނގަޅު މިސާލަކީ ޖިމްއަށް ގޮސްގެން ބަރުހިފާ މީހާގެ މަސްތައް ވަރުގަދަވަނީ އެ މަސްތަކުން ހިފަންޖެހޭ ބަރު ހުއްޓައިނުލާނޭކަމާއި ވަންޏާ ވާނީ އިތުރުކަން އެނގޭތީއެވެ. ހަށިގަނޑު އެ ބަރުގެ އަސަރު ނަގަން ޖެހޭ މަސްތައް ވަރުގަދަ ކުރަނީ އެ ހިފާ ބަރުގެ ސަބަބުން ކަށްޓަށް ނުވަތަ އެހެން ގުނަވަނަކަށް ގެއްލުން ވެދާނޭތީއެވެ. ނަމަވެސް އޭނާ ޖިމް ހުއްޓައިލުމާ އެކުގައި އެ މަސްތައް ހީނަރުވާން ފަށަނީ އެކަހަލަ ބަރު ދެން ނުހިފާނޭކަން އެނގި އެ މަސްގަނޑު އެހެން ވަރުގަދަކޮށް ބޭންދުމުގެ މާ ބޮޑު ބޭނުމެއް ނެތީމައެވެ.
ދުވަސްވެފައިވާ މީހުންގެ ފަރުދީ، އިޖުތިމާއީ، އާއިލީ، މާލީ ޒިންމާ ކުޑަވާ މިންވަރަކަށް މި ޒިންމާތައް އުފުލުމަށް ސިކުނޑިން ކުރި މަސައްކަތްތަކުގެ ބޭނުން ނެތެއެވެ. އެ މީހާއަކީ ކުރީގައި ތަނެއްގެ ޒިންމާދާރު މަޤާމެއްގައި ހުރި މީހަކަށް ވެއްޖެއްޔާ އެ މަޤާމުގައި އޭނާ އަދާކުރި ޒިންމާތައް އަދާކުރުމަށް ސިކުނޑިން ކުރަމުން ދިޔަ ކަންތައް ހުއްޓުމާ އެކުގައި ސިކުނޑީގެ އެ ކަންކަމާ ބެހޭ ބައިތަކުގެ ހިނގުން ވެސް ހުއްޓެއެވެ.
މިސާލަކަށް ވަޒީފާގައި އުޅުނު އިރު އެއް ދުވަސް ނިމިގެން އަނެއް ދުވަހުވެސް ހަނދާނުގައި ބަހައްޓަން ޖެހޭ ކަންތައް ހުންނާނެއެވެ. އެހެން ކަމުން ހަނދާނުގައި އެ ދުވަހު ހިނގައިދިޔަ ކަންތައް ރައްކާ ކުރެވުމަކީ މުހިންމު ކަމެކެވެ. އެއީ އޭނާ އަދާކުރަން ޖެހޭ ޒިންމާ އަދާކުރުމުގައި މުހިންމު ކަމެކެވެ.
ހަށިގަނޑާއި ސިކުނޑި އަބަދުވެސް މަސައްކަތްކުރާނީ އެންމެ ހަރަދު ކުޑަ ގޮތަކަށް ކަންތައް ކުރެވޭތޯއެވެ. އުފުލަން ޖެހޭ ޒިންމާތައް ކުޑަވުމުން ނިދައިފައި އޮންނަ ގަޑީގައި އެ ހަނދާންތައް ފައިލިންގް ކެބިނެޓަށް އަޅައި ފޮރުވުމުގެ ކުޅިވަރު ނުކުޅެ ހަށިގަނޑުގެ އެހެން ކަންކަމަށް އެހަކަތަ ދުއްވައިލައެވެ. މިސާލަކަށް ހަށިގަނޑުގެ ހަލާކުވަމުން ދާ އެހެން ގުނަވަންތައް މާރާމާތު ކުރުމެވެ. ނަމަވެސް އެ ގުނަވަންތައް ވެސް ހަލާކުވެގެން އެދަނީ އަދާކުރަން ޖެހޭ ޒިންމާތަކެއް ނެތީމައޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.
މިގޮތަށް ހަނދާންނެތެން ފަށައި ހިސާބުން، ހަނދާން ހިފެހެއްޓުމާ ގުޅުންހުރި ސިކުނޑީގެ ސަރަހައްދުތައް އަވަހަށް ނިކަމެތިވާން ފަށައި އެހެން ކަންތައް ހަނދާން ނެތެން ފަށައެވެ. ސަބަބަކީ އެއްކަލަ ހަނދާންތައް ފައިލިން ކެބިނެޓަށް އަޅައި ބައި މުސްކުޅި ކުރެއްވީމައެވެ. މީގެ ސަބަބުން އެމީހުންގެ ހަޔާތަށް މުހިންމު ކަންކަން ހަނދާނުގައި ބެހެއްޓުމަށް ދަތިވެއެވެ. އެހިސާބުން އެހެން މީހުން އެމީހުންގެ ޒިންމާ އިތުރަށް އުފުއްލަން ފަށައެވެ. ދެން އަދާކުރަމުން އައި ޒިންމާތައް ކުޑަވާ ވަރަކަށް އެމީހުންގެ ސިކުނޑީގެ ދެން ހުރި ބައިތައް އިތުރަށް ހީނަރުވަމުން ދެއެވެ.
މިކަމާ ގުޅޭގޮތުން ޑޮކްޓަރަކާ ސުވާލުކުރުމުން، އުމުރުން ދުވަސްވިޔަސް މަޤްޞަދެއް ހާސިލުކުރަން އަމާޒުކޮށްގެން ކަމެއްގައި ހަރަކާތްތެރިވުމަކީ ސިކުނޑީގެ މަސައްކަތް ހަރުދަނާކޮށް ބެހެއްޓުމަށް މުހިންމު ކަމެއްކަން ކަށަވަރުކޮށްދިނެވެ. ހަށިގަނޑާއި ސިކުނޑި މަސައްކަތްކުރަނީ ވަށައިގެންވާ މާހައުލުން ލިބޭ އިޝާރާތްތަކަށް ބިނާކޮށެވެ. ތިމާގެ ވެއްޓާއި މާހައުލުގައި ސިކުނޑިއާއި ހަށިގަނޑު ސަމާލުވާންޖެހޭ، ޒިންމާ ނަގައިގެން ކުރަންޖެހޭ ކަމެއް ނެތްނަމަ، އެކަމާ ގުޅުންހުރި ގުނަވަންތައް އަވަހަށް ނިކަމެތިވާން ފަށައެވެ. އެއްކަލަ ޖިމްއަށް ގޮސްގެން ބޭނުން ނުކުރާ މަސްގަނޑެއް ނިކަމެތިވާ ފަދައިންނެވެ.
މި އުމުރުފުރައިގެ މީހުންގެ ތެރެއިން، ވަރަށް ހީވާގިކަމާއެކު ހަރަކާތްތެރި ދިރިއުޅުމެއް އުޅޭ ބައެއް މީހުން ވެސް އަހަރެންނާ ދިމާވިއެވެ. އެމީހުންނަކީ އަބަދުވެސް ކޮންމެވެސް ކަމެއްގައި ޝާމިލުވެގެން އުޅުމަށް މަގުސަދެއް ހޯދައިގެން މަސައްކަތްކުރާ ބައެކެވެ. އެހެން ކަމުން އަބަދުވެސް އެމީހުންގެ ހަނދާނުގައި ބަހައްޓަން މަޖުބޫރުވާ ކަންތައް ހުރެއެވެ. މިބުނާ މީހުންނަކީ އިޖްތިމާއީ ކަންކަމުގައި ހަރަކާތްތެރިވެ، ކޮންމެވެސް ކަމެއް ރާވައިގެން ކޮށް، އެމީހުންގެ މުޖުތަމައު ދިރުވުމުގައި ހަރަކާތްތެރި ރޯލެއް ކުޅޭ މީހުންނެވެ. މިމީހުންނާ ދިމާވެގެން ދެކެވޭ އެއްވެސް ވާހަކައެއް އެމީހުންގެ ހަނދާނަކުން ކައްސައެއް ނުލައެވެ.
އެހެންކަމުން، އުމުރުން ދުވަސްވެފައިވާ މީހެއްނަމަ، ނުވަތަ އުމުރުން ދުވަސްވެފައިވާ މީހަކު ބަލަހައްޓާ މީހެއްނަމަ، ކޮންމެ ދުވަހަކު ފޯރިއާއި މަޤްޞަދެއް ހޯދައިދޭ ކަމެއްގައި ހަރަކާތްތެރިވުމަކީ މުހިންމު ކަމެކެވެ. މިސާލަކަށް، ޢާއިލާގެ ތެރޭގައި އަދާކުރެވިދާނެ ދައުރެއް، ކާފަ ދަރިންގެ ހަޔާތުގައި ގަވާއިދުން އަދާކުރަން ޖެހޭ ރޯލެއް، ނުވަތަ އިޖްތިމާއީ ދައުރެއް، މިސާލަކަށް މަޝްވަރާ ދިނުން ނުވަތަ މުޖުތަމަޢުގެ ޖަމާޢަތެއް ހިންގުން، ނުވަތަ ތަޖުރިބާކާރު ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުން ފަދަ ކަމެއްގައި ހަރަކާތްތެރިވުމަކީ މުހިންމު ކަމެކެވެ.
މިގޮތަށް ހަރަކާތްތެރިވެ ވީވަރަކުން ޒިންމާތައް އުފުލަން ފެށުމުން ސިކުނޑީގެ މަސައްކަތްކުރުން ރަނގަޅުވާކަމަށް ފެނިފައިވާ ކަންތައްތައް ތިރީގައި އެވަނީއެވެ.
1. ނިއުރޮޕްލާސްޓިސިޓީ:
މިއީ ސިކުނޑީގެ ނާރުތަކަށް އަލަށް ގުޅުންތައް އުފެއްދުމާއި، ބަދަލުވުމުގެ ޤާބިލުކަމެވެ. ދިރާސާތަކުން ދައްކާގޮތުގައި، އުމުރުން ދުވަސްވިޔަސް، އާ ކަންކަން ދަސްކުރުމާއި ހަރަކާތްތެރިވުމުން މި ޤާބިލުކަން އިތުރުވެއެވެ.
2. ހިޕޮކެމްޕަސްގެ ދައުރު:
ހިޕޮކެމްޕަސްއަކީ ހަނދާނާ ގުޅުންހުރި ސިކުނޑީގެ މުހިންމު ބައެކެވެ. އުމުރުން ދުވަސްވުމާއެކު މި ސަރަހައްދު ކުޑަވެ، އޭގެ މަސައްކަތް ދަށްވެއެވެ. ނަމަވެސް، ވަކި ބާވަތްތަކުގެ ތަމްރީނުތަކުން މި ސަރަހައްދުގެ މަސައްކަތް ރަނގަޅުކުރެވިދާނެކަން ދިރާސާތަކުން ދައްކައެވެ.
3. ހަށިގަނޑުގެ ދުޅަހެޔޮކަމާއި ސިކުނޑީގެ ގުޅުން:
ގަވާއިދުން ކަސްރަތުކުރުމާއި، ރަނގަޅު ކާނާ ކެއުމަކީ ސިކުނޑީގެ ދުޅަހެޔޮކަމަށް ވަރަށް މުހިންމު ކަންކަމެވެ. މިކަންކަމުން ލޭ ދައުރުވުން ރަނގަޅުވެ، އޮކްސިޖަން ލިބުން އިތުރުވެ، ސިކުނޑީގެ މަސައްކަތް ހަރުދަނާވެއެވެ.
4. ސޯޝަލް އެންގޭޖްމަންޓް:
އިޖްތިމާޢީ ގުޅުންތައް ދެމެހެއްޓުމަކީ ސިކުނޑީގެ މަސައްކަތް ރަނގަޅުކޮށް، ހިތްހަމަޖެހުން އިތުރުކޮށްދޭ ކަމެކެވެ. މީހުންނާ ދިމާވެ އެކުވެރިކަން ދަމަހައްޓަން މަސައްކަތްކުރުމަކީ ސިކުނޑީގެ ނެޓްވޯކްތައް ވަރުގަދަވާ ކަމެކެވެ.
މަތީގައި މި ކަންކަމަށް ސަމާލުވެގެން މަސައްކަތްކުރާނަމަ ސިކުނޑި ދުޅަހެޔޮކަންމަތީ ދެމިހުރުމަށް ބާރުއަޅާ، ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް މަގުފަހިވެގެން ދެއެވެ.
