"އެނގޭތަ، ދުނިޔޭގައި ޞިއްޙީގޮތުން އެންމެ މަޝްހޫރުވެފައިވާ ގްރީކް ސްޓައިލް ޔޯގަޓަކީ ޙަޤީޤަތުގައި ތުރުކީ މުސްލިމެއްގެ އުފެއްދުމެއްކަން؟"
މިއީ އިއްޔެ ބޭއްވުނު ބައްދަލުވުމަކުން ދިމާވި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހެއް ބުނި އެއްޗެކެވެ. މި ވާހަކަ އަޑުއިވުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ގެއަށް އައުމާއެކު މިކަމާ ބެހޭ މަޢުލޫމާތު ސާފުކުރަން އަވަސްވެގަތީމެވެ. ދުނިޔޭގައި ދިރިހުރި ކޮންމެ ދުވަހަކީވެސް އައު އެއްޗެއް ދަސްވާނޭ ދުވަހެއްތާއެވެ.
ކަން ދިމާކުރި ގޮތުން އެއީ މުޅިން ސައްޙަ މަޢުލޫމާތެއް ނޫނެވެ. ގްރީކް ޔޯގަޓް ކިޔާ ބާވަތަކީ އާންމުކޮށް ބާޒާރުން ލިބެން ހުންނަ ޔޯގަޓަށްވުރެ އޮލަކޮށް، ހުތްރަހަ ގަދަ، އަދި ޕްރޮޓީނުގެ މިންވަރު މަތީ ޔޯގަޓެކެވެ. މި ޔޯގަޓުގެ އޮލަކަމުގެ ސިއްރަކީ އެބާވަތުގެ ޔޯގަޓު އުފައްދާ ކިރުގެ ކްރީމް ޕަސަންޓޭޖް މަތިވުމާއި، އެކިރު ޔޯގަޓަށް އުފައްދާއިރުގައި ހެދޭ ފެންގަނޑު ފުރާނާލުމެވެ. މި ބާވަތުގެ ޔޯގަޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޤަދީމީ ޒަމާނުއްސުރެ ހަދަމުން އައި ޔޯގަޓެކެވެ. ނަމަވެސް އެންމެ ފުރަތަމަ މި ބާވަތުގެ ޔޯގަޓް މާކެޓުގައި އުފައްދައި ވިއްކަން ފެށީ ފޭޖް ކިޔާ ގްރީސްގެ ކުންފުންޏަކުންނެވެ.
އެހެންވީމާ، މިބާވަތުގެ ޔޯގަޓަކީ މުސްލިމެއްގެ އުފެއްދުމެކޭ މީހުންނަށް ހީވެފައި އޮތީ ކީއްވެގެން ބާއެވެ؟ ސަބަބަކީ ގްރީކް ޔޯގަޓުގެ ބާވަތްތައް ދުނިޔޭގެ މާކެޓަށް ނެރެން ފެށީ ފޭޖް ކުންފުނިން ނަމަވެސް އޭތި ނަން މަޝްހޫރުވެގެން ދިޔައީ ތުރުކީގެ ރައްޔިތެއް ކަމަށްވާ ހަމްދީ އުލުކާޔާގެ އުފެއްދުމާ ހެދިއެވެ. މިއީ ދުނިޔެ އަންތަރީސްކޮށްލި އޭނާގެ ޗޮބާނީ ބްރޭންޑް ފެށުނު ގޮތުގެ ކުރު ޚުލާޞާއެކެވެ.

ހަމްދީ އުލުކާޔާ އުފަންވީ 1972 ގައި ތުރުކީގެ އިރުމަތީ ފަރުބަދަތަކުގައި އުޅޭ ބަކަރި ހުއިހައްޕާ ޢާއިލާއަކަށެވެ. އޭނާއަކީ ކުރުދިޝް ދަރިކޮޅުގެ މީހެކެވެ. އޭނާގެ ޢާއިލާއަކީ ބަކަރިއާއި ކަންބަޅި ހުއިހައްޕައިގެން ޔޯގަޓާއި ޗީޒް އުފައްދާ ބައެކެވެ. އެ ޢާއިލާއަކީ ބަދަލުވާ މޫސުމާއެކު އެކި ތަންތަނަށް ހިޖުރަކުރާ ބައެކެވެ.
ޢާއިލާގެ މެންބަރުންގެ ތެރެއިން އެންމެ ފުރަތަމަ މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ލިބުނު މީހާއަކީ ހަމްދީއެވެ. އޭނާ މަތީ ތަޢުލީމު ޙާޞިލުކުރަން ފެށީ ތުރުކީގެ އަންކާރާ ޔުނިވަރސިޓީގައެވެ. ޔުނިވަރސިޓީގައި ކިޔަވަމުންދަނިކޮށް، ތުރުކީ ސަރުކާރުން ކުރުދީންނަށް ކުރިމަތިކުރަމުން ގެންދިޔަ ލާއިންސާނީ ފިއްތުންތައް އެނގި، އެކަމާ ނުރުހުން ފާޅުކޮށް އަޑުއުފުލުމަށް ނޫހެއް ހެދިއެވެ. އެކަމުގެ ސަބަބުން އޭނާ ފުލުހުންގެ އޮފީހަށް ހާޒިރުކޮށް އެއްރޭ ބަންދުގައި ހޭދަކުރަން ޖެހުނެވެ.
އެ ރޭ އޭނާ އެ ޤައުމު ދޫކޮށް އެމެރިކާއަށް ދިއުމަށް ނިންމިއެވެ. އެޖެންސީއަކާ ވާހަކަދައްކައިގެން އެމެރިކާގެ ލޯންގް އައިލެންޑްގެ އެޑެލްފީ ޔުނިވަރސިޓީގައި ކިޔެވުމަށްޓަކައި 1994 ގައި އެމެރިކާއަށް ބަދަލުވެ އިނގިރޭސި ދަސްކުރިއެވެ. އޭގެ ތިން އަހަރު ފަހުން އޭނާ ނިއުޔޯކަށް ބަދަލުވެ އެތާނގެ ފާމެއްގައި ވަޒީފާ ހޯދިއެވެ.
އެމެރިކާގައި އޭނާ ހޭދަކުރި ފުރަތަމަ ދުވަސްތަކުގައި ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށް މީޑިއާގައި ލިޔެފައިވެއެވެ. އެއްފަހަރު އޭނާގެ ބައްޕަ އޭނާ ދެކެން އެމެރިކާއަށް ދަތުރުކުރި ފަހަރަކު، އެގައުމުގައި ލިބެން ހުރި ހުންނަ ޗީޒް އަދި ޔޯގަޓު ކައިފައި ފާޑުކިޔެވެ. އަދި ހަމްދީއަށް އޭނާގެ ޢާއިލާއިން ތުރުކީގައި ހަދާ ފެޓާ ޗީޒް (ބަކަރި ކިރުން ހަދާ ޗީޒެއް) އެމެރިކާއަށް އިމްޕޯޓުކޮށް ވިއްކުމުގެ ޚިޔާލު ދިނެވެ. ބައްޕަގެ ލަފާގެ މަތިން އޭނާ އެކަން ކުރަން ފެށުމުން އެ ޗީޒް ކެއި މީހުންގެ ތަރުޙީބު ލިބުނެވެ.

ނަމަވެސް އޭނާގެ ދުނިޔެ ބަދަލުވެގެން ދިޔައީ 2005 ގައި އޭނާގެ އީމެއިލްގެ ޖަންކްމެއިލް ފޯލްޑަރއަށް ލިބިފައި އޮތް މެއިލްއެއްގައި ޔޯގަޓް ހަދާ ފެކްޓަރީއެއް ވިއްކައިލަން އުޅޭ ވާހަކަ ކިޔައިލުމުންނެވެ. އެވަގުތު ހަމްދީއަށް އަމިއްލަ ޔޯގަޓް ހަދައި ކުންފުންޏެއް ހަދައިގެން ތުރުކީގައި ހުންނަ ސްޓައިލްގެ ޔޯގަޓް ވިއްކުމުގެ ޚިޔާލު އައެވެ. އެހާ ބޮޑަށް ވިޔަފާރީގެ ކަންކަމަށް ލޯހުޅުވިފައި ނެތްނަމަވެސް މީހުން އަތުން ލޯނުނަގައިގެން އޭނާގެ ކުންފުނި ޗޮބާނީ (މާނައަކީ: ބަކަރި ހުއިހައްޕާ މީހާ) ފެށްޓިއެވެ. އޭގެ ހަތް އަހަރު ފަހުން އޭނާ ހިމެނިގެން ދިޔައީ އެމެރިކާގެ ބިލިއަނަރުންގެ ތެރޭގައެވެ.
ހަމްދީ އޭނާގެ ޔޯގަޓް ތުރުކީ ޔޯގަޓެއްގެ ގޮތުގައި އިޝްތިހާރުކުރުމުގެ ބަދަލުގައި ނިންމީ ގްރީކް ޔޯގަޓުގެ ގޮތުގައި މާކެޓްކުރާށެވެ. އެއީ ގްރީކް ޔޯގަޓް ކިޔާ ބާވަތަކީ ވަކި ގޮތަކަށް ހެދިފައިވާ ޔޯގަޓެއްކަން މީހުންނަށް އެނގޭތީ އެއީ ކޯއްޗެއްކަން އޮޅުންފިލުވައިދިނުމަށް އޭނާއަށް ހަރަދު ކުރަން ނުޖެހޭނެތީއެވެ. ޗޮބާނީ ޔޯގަޓް އެހާ ބޮޑަށް މަޝްހޫރުވީ އޭތި ވިއްކައި ޑިސްޓްރިބިއުޓްކުރަން އޭނާ ބޭނުންކުރި މޮޅު އުކުޅުތަކެވެ. މިސާލަކަށް އެ ޔޯގަޓް ތަށީގެ ބައްޓަން އެހެން ޔޯގަޓް ތަށިތަކާ ޚިލާފަށް ހެދުމާއި، ސުޕަރމާކެޓުތަކުގައި ވިއްކަން ލައިދޭން ފައިސާގެ ބަދަލުގައި އެ ފިހާރަތަކަށް ޔޯގަޓް އަގެއްގެ ގޮތުގައި ދިނުމާއި، ފިހާރަތަކުގައި އެ ޔޯގަޓް ރަހަބަލައިލެވޭ ގޮތަށް ހަދައިފައި ބެހެއްޓުމާއި، ޢާއިލާތައް އެއްވާ އިވެންޓުތަކުގާ މި ޔޯގަޓް ހިލޭ ބެހުން ފަދަ ކަންތައްތައް އޭނާ ވަނީ ކޮށްފައެވެ. މިއަދު ޗޮބާނީ ބްރޭންޑުގެ ގްރީކް ސްޓައިލް ޔޯގަޓަކީ ދުނިޔޭގައި ނަން މަޝްހޫރު، ފެންވަރު މަތީ ޔޯގަޓެކެވެ.
ހަމްދީ ވިސްނައި ގޮތުގައި އޭނާގެ ކުންފުނީގެ ކާމިޔާބީގެ ފަހަތުގައިވަނީ ހަމައެކަނި މޮޅަށް ހެދުނު ފެންވަރު މަތީ ޔޯގަޓެއް ނޫނެވެ. ނަމަވެސް އެ ޔޯގަޓް ތައްޔާރުކުރުމަށްޓަކައި އޭނާގެ ކައިރިއަށް ވަޒީފާ އަދާކުރަން ގެނައި، އޭނާ ފަދައިން އުފަން ޤައުމު ދޫކޮށްލައި އެހެން ގައުމަކަށް ޖެހުނު އެހެން މީހުންނެވެ.

ހަމްދީ އެމެރިކާއަށް އަންނަން ޖެހުނު ހާލަތު ހަނދާންކޮށް، އެ ހާލުގައި ޖެހިފައިވާ އެހެން މީހުންނާ ދޭތެރޭ ވިސްނައިފައި، ޔޯގަޓް ޕްލާންޓް ގަތުމަށްފަހު އެތަނުގައި މަސައްކަތްކުރުމުގެ ގިނަ ފުރުސަތުތަކެއް ކައިރި ހިސާބެއްގެ ރެފިއުޖީ ރިސެޓްލްމަންޓެއްގެ މީހުންނަށް ދިނެވެ. އެންމެ ފުރަތަމަ އެ ފުރުސަތު ދިނީ އެ ރިސެޓްލްމަންޓުގައި ދިރިއުޅޭ ފަސް މީހުންނަށެވެ. ނަމަވެސް ފަހުން އެ ފެކްޓަރީގައި 20 ބަހުން ވާހަކަދައްކާ 300 ރެފިއުޖީން މަސައްކަތްކުރަން ފުރުސަތު ދިނެވެ. ހަމްދީ ގަބޫލުކުރާ ގޮތުގައި އޭނާގެ ވިޔަފާރީގެ އަސްލު ކުރިއެރުމަކީ އެ މީހުންނަށް ޤަދަރުވެރި ދިރިއުޅުމެއް ހޯދައިދިނުމަށް ހިތުގައި އެޅި ޢަޒުމެވެ.
ހަމްދީ ޤަބޫލުކުރާ ގޮތުގައި މުވައްޒަފުންނަށް ބޮޑެތި މުސާރައާއި އެހެނިހެން ޢިނާޔަތްތައް ދޭނަމަ ވިޔަފާރިތަކަށް މާ ބޮޑެތި ފައިދާތައް ލިބޭނެއެވެ. މިއަދު އޭނާގެ ކުންފުނީގައި މަސައްކަތްކުރާ މީހުންނަށް އެ ކުންފުނީގެ ފައިދާގެ 10% ލިބެއެވެ. އޭނާގެ ފަލްސަފާއަކީ ކާމިޔާބު ވިޔަފާރިވެރިންނަކީ ކުންފުނީތަކުގެ ފައިދާގެ މާޖިން މަތިކުރަން މަސައްކަތްކުރާ މީހުންނެއް ނޫނެވެ. ނަމަވެސް އެމީހުން ކައިރީގައި މަސައްކަތްކުރާ މީހުންގެ އިންސާނިއްޔަތު ދެމެހެއްޓުމަށް މަސައްކަތްކުރާ، މުވައްޒަފުންގެ ހެވަށް އެދިގެން މަސައްކަތްކުރާ މީހުންނެވެ.

އެމެރިކާއަކީ ރެފިއުޖީން އެންމެ ގިނައިން ހިޖުރަކުރާ އަދި އެ ރެފިއުޖީންނަށް އެންމެ އުނދަގުލުގައި ދިރިއުޅުމެއް ލިބޭ ގައުމެވެ. އެމެރިކާއަށް އެކި ސަބަބުތަކަށްޓަކައި ބަދަލުވާން ޖެހިފައިވާ މީހުންނަށް އާ ދިރިއުޅުމެއް ހޯދައިދިނުމަކީ ހަމައެކަނި އެ ގައުމުގެ ސަރުކާރުގެ ޒިންމާއެއް ނޫން ކަމަށާއި އެކަމުގައި ވިޔަފާރިތަކުގެ ބައިވެރިވުން މުހިންމު ކަމަށް އޭނާ އަޑުއުފުލައި ކުރި މަސައްކަތް ދެނެގަނެ، އެމެރިކާގެ އޭރުގެ ރައީސް ބަރަކް އޮބާމާ ވަނީ އޭރު އެމެރިކާގެ ސަރުކާރުން ރެފިއުޖީންގެ މައްސަލައަށް ހައްލެއް ހޯދުމަށް އުފައްދައިފައިވާ، ވައިޓް ހައުސް ޕާރޓްނަރޝިޕް ފޯ ރެފިއުޖީސް، މިހާރު ޓެންޓް ޕާޓްނަރޝިޕް ފޯ ރެފިއުޖީސް އެންޖީއޯގެ ހިންގުން ހަމްދީއާ ހަވާލުކޮށްފައެވެ. މި އެންޖީއޯއިން މަސައްކަތްކޮށްގެން އެތައް ހާސް ރެފިއުޖީންނަކަށް ވަޒީފާގެ ފުރުސަތު ވަނީ ހޯދައިދެވިފައެވެ. ރެފިއުޖީންނަށް އެހީވެދިނުމަށް އެދި އެހެން ބޮޑެތި ކުންފުނިތަކަށް ހަމްދީ ބާރުއަޅަނީ، ރެފިއުޖީންހާ ވަފާތެރި، ގަދައަޅައި މަސައްކަތްކުރާ، ޢަޒުމު ވަރުގަދަ ބައެއް ނުލިބޭނެ ކަމަށާއި އެމީހުންނަކީ އެމީހުންނަށް އެހީވެދޭ މީހާ ދުވަހަކުވެސް ހަނދާން ނައްތާނުލާނެ ބައެއް ނޫންކަމުގައި ބުނަމުންނެވެ.
ހަމްދީގެ މި އިންސާނިއްޔަތުގެ ދިފާޢުގައި ކުރި މަސައްކަތްވަނީ ދުނިޔޭގެ ފެންވަރުގައި ބަލައިގަނެ އެތައް އެވޯޑެއް ލިބިފައެވެ. އޭނާގެ ވާހަކައިން އަމިއްލަ ތަކުލީފުތަކަކީ ކާމިޔާބީގެ ބިންގާކަމުގައި ހެދުމަކީ މުހިންމުކަމެއްކަން އެނގެއެވެ. އަދި ހަގީގީ ކާމިޔާބީއަކީ ހަމައެކަނި މާލީ ފައިދާއެއް ނޫންކަމާއި ހަގީގީ ކާމިޔާބީއަކީ އަމިއްލަ ކުރިއެރުމާއެކު، އެހެން މީހުންގެ ދިރިއުޅުން ރަނގަޅުކޮށް، މުޖުތަމަޢަށް ފައިދާހުރި ބަދަލުތަކެއް ގެނައުން ކަން ދޭހަވެއެވެ. ހަމްދީ އުލުކާޔާގެ ވާހަކައަކީ މިކަމުގެ ރީތި މިސާލެކެވެ.



advertisment

