ރަޒީންގެ ސައިކަލު ފަހަތުގައި އިންއިރުވެސް އަހަރެންނަށް ރޮވެނީއެވެ. ޕޮލިސް ސްޓޭޝަނަށް ދިޔުމަށްފަހު ދެން ކަންތައް ވީގޮތެއް އަހަރެން މާ ރަނގަޅަކަށް ހަނދާނެއް ނުވެއެވެ. އަހަރުމެން ދެމީހުންގެ އާއިލާ މީހުންނަށް ޔޫލީ ގެއްލިގެން އުޅޭކަން ރަޒީން އެންގިކަން އެނގެއެވެ. އޭގެފަހުން އަހަރުމެން ދެމީހުންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ޔޫލީ ގެއްލިގެން އުޅޭކަން ފޮޓޯއަކާއެކު، އިޢުލާންކުރިކަންވެސް އެނގެއެވެ.
ޕޮލިސް ސްޓޭޝަނުން ފުލުހެއް އަހަރުމެންނާ ވަރަށް ގިނަ ސުވާލުތަކެއް ކުރިކަން އެނގެއެވެ. އެ ސުވާލުތަކަށް އަހަރެންނަށް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ. އަހަރެންގެ މުޅި ދުނިޔެ އޮތީ ހުއްޓިފައެވެ. ޔޫލީއަށް ނުފެނިއްޖެނަމަ ވާނީ ކިހިނެއްބާއެވެ؟ ޔޫލީއަށް ގޮތެއް ވެއްޖެނަމަ ވާނީ ކިހިނެއްބާއެވެ؟ އަހަރެންނަކީ ކޮން ކަހަލަ މަންމައެއްބާއޭ ހިތާހިތުން އަހަރެން އަމިއްލަ ނަފްސާ ސުވާލުކުރަން ފެށުނެވެ.
އަހަރުމެންނަށް ޔޫލީ ލިބުނީ ދަރިޔަކު ހޯދުމަށް ވަރަށް މަސައްކަތްކުރުމަށްފަހުގައެވެ. ޔޫލީއަކީ އަހަރުމެންނަށް ލިބުނު ދެވަނަ ކުއްޖާއެވެ. އެންމެ ފުރަތަމަ ކުއްޖާ އަހަރުމެންނަށް ލިބުނީ އަހަރެން ކިޔަވަން މެލޭޝިއާއަށް ދިޔުމުގެ ކުރިންނެވެ. އެފަހަރުވެސް އެ ދަރިފުޅަށް ބަނޑުބޮޑުވުމުން އަހަރެން ކައިރީގައި ރެސްޓުކުރަން ބުންޏެވެ. ނަމަވެސް އަހަރެންގެ ވަޒީފާ އަދާކުރިތަނުން ސްކޮލަރޝިޕެއް ލިބޭނެކަމުގެ އުންމީދުގައި އަހަރެންގެ ހަށްޓަށް ނުކުޅަދާނަ މިންވަރަށް މަސައްކަތްކުރުމުގެ ސަބަބުން ދުވަސް ނުފުރާ ވިހެއުމަށްފަހު ދަރިފުޅު މަރުވީއެވެ.
އެ ދުވަހު އެ ދަރިފުޅު އަހަރެންނަށް ގެއްލުނީވެސް އަހަރެންގެ ކުރިއެރުން އިސްކުރަން ހަދައިގެންނެވެ. އަހަރެންގެ ސިކުނޑީގެ ތެރޭގައި އެނބުރެމުން ދިޔައީ ޔޫލީއާ ދިމާލަށް އަހަރެން އެ ދުވަހު ހެދުނު ކީހައި އެއްޗެއްސެވެ. އަހަރެންނަށް ލަހުން ވޯކްޝޮޕަށް ދެވިދާނެތީ އަހަރެން ޔޫލީ ދެކެ އެ ދުވަހު ހެނދުނު އައި ރުޅިއެވެ. އަހަރެންނަށް ޔޫލީއަށް ވުރެން އަހަރެންގެ ވަޒީފާގެ ކުރިއެރުން މުހިންމު ކަމަށް ހިވީ ކިހިނެތްވެގެން ހެއްޔެވެ؟
އަހަރެންގެ ދަރިފުޅު ކޮބައިބާއޭ ހިތާހިތުން އަހަމުން ދިޔައެވެ. ހިތަށް އަންނަމުން ދިޔައީ ޔޫލީގެ ގައިގައި ބައްދާނުލައި، ދޮނެއް ނުދީ ސްކޫލުން ނުކުމެވުނު ހަނދާނެވެ. އެ ހަނދާން ހިތަށް އުނދަގޫ ކުރަމުން ދަނިކޮށް ސިއްސައިގެން ދިޔައީ ރަޒީން ތަންކޮޅެއް ބާރަށް އެއްޗެއް ބުނުމުންނެވެ.
"ބައްލަވާ! މައުރީންއަކީ ޔޫލީގެ މަންމަ. އަޅުގަނޑަކީ އޭނާގެ ބައްޕަ. ޝިފާޒު، ތި ސުވާލު ކުރައްވާ ގޮތުން ހީވަނީ މިއީ އަޅުގަނޑުމެންގެ އިހުމާލުން ވީ ކަމެއްހެން. އަޅުގަނޑުމެން ގަސްތުގައި ކީއްވެގެންތޯ އަޅުގަނޑުމެންގެ ދަރިފުޅަށް ދެރައެއް ލިބޭ ގޮތަކަށް ޢަމަލުކުރަންވީ؟" ރަޒީންގެ އަޑު ފުރަތަމަ ފަހަރަށް ބާރުވިއެވެ.
"އަޅުގަނޑު ނުބުނަން ތި ބޭފުޅުންގެ އިހުމާލުންނޭ ދަރިފުޅު ގެއްލުނީކީ. އެކަމަކު ތި ދެ ބޭފުޅުންގެ ދަރިފުޅު ވީތަނެއް ނޭނގޭތާ ހަތް ގަޑިއިރު ފަހުން އެ މައްސަލަ ޖައްސަން މިތަނަށް އައީމާ އަޅުގަނޑު ނޫން ކޮންމެ މީހެއްގެވެސް ބައިވަރު ސުވާލު ހުންނާނެ،" ޝިފާޒުވެސް ދުލެއް ނުދިނެވެ.
"ދެން ކިހިނެއްތޯ އަޅުގަނޑުމެން ހަދަންވީ؟" އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނަ އަންނަމުން ދިޔައެވެ. އިންސްޕެކްޓަރ ޝިފާޒު އެބުނީ ތެދެކެވެ. އެ ކަންތައް ހިނގައިފައި ވަނީ އަހަރެންގެ އިހުމާލުންނެވެ. ރަޒީން އަހަރެންނާ ދިމާލަށް އެހެން ނުބުނިނަމަވެސް އޭނާގެ ހިތުގައިވެސް ވަނީ އެހެންކަން އަހަރެންނަށް އެނގެއެވެ.
"މިހާރު އަޅުގަނޑުމެން ހުރިހާ ފުލުހުންގެ ހުރިހާ ޔުނިޓުތަކަކަށް އަންގައިފިން. އަދި މީޑިއާއަށް މަޢުލޫމާތު ހިއްސާކޮށްފިން. ދެން ކުރެވޭނެ އިތުރުކަމެއް ނޯންނާނެ މަޑުކުރުން ފިޔަވައި. ތި ދެ ބޭފުޅުން ގެއަށް ވަޑައިގަންނަވާ. އަޅުގަނޑުމެންނަށް ޚަބަރެއް ލިބޭހާ އަވަހަކަށް ތިބޭފުޅުންނަށް އަންގާނަން،" ޝިފާޒު ބުންޏެވެ.
އަހަރެންނާއި ރަޒީން ޕޮލިސް ސްޓޭޝަނުން ނުކުމެގެން އައީ އަހަރެންގެ ގެއަށެވެ. އަހަރެން ވަނުމުން އަނޫލާ ހައިރާންކަމާއެކު އަހަރެންނަށް ބަލައިލިއެވެ.
"މެޑަމް ކިހިނެއްވީ ރޮނީ؟ ކޮބައި ކޮއްކޮ؟" އަނޫލާ ސުވާލުކުރުމުން އަހަރެންނަށް ބާރަށް ރޮވެން ފެށުނެވެ. އެ ދުވަހު ހެނދުނު އަހަރެންނަށް ޔޫލީއަށް ކާންދޭން އުނދަގޫވެގެން އުޅުނު ގަޑީގައި އަނޫލާ ޔޫލީއަށް ކާންދިން ހަނދާންވުމުން ހިތް ކުދިކުދިވިއެވެ. އަހަރެންނަށް އަހަރެންގެ ދަރިފުޅާ ހެދި އުނދަގޫވެގެން އެ ކުއްޖާއަށް ކިހާ ހަޅޭކެއް ލެވުނު ހެއްޔެވެ؟ އަހަރެންގެ އަތުން ޔޫލީ މާތްﷲ ގެންދެވީއެވެ. އެ ގެންދެވީ އަހަރެންނަށް ލިބުނު ނިޢުމަތަށް ޝުކުރުވެރި ނުވީމައިކަން ކަށަވަރުވިއެވެ.
އަނޫލާއަށް ވެގެން އުޅޭ ގޮތް ކިޔައިދިނީ ރަޒީންއެވެ. އަނޫލާވެސް ރޯން ފެށިއެވެ. ރަޒީން އަހަރެން ސޯފާގައި ބައިންދައިފައި އަނޫލާ ލައްވާ އަހަރެންނަށް ފެންތައްޓެއް ގެނެސްދިނެވެ. އަހަރެންނަށް އިރުކޮޅުކޮޅައި ރޮވެނީއެވެ. ގޭގެ ކޮންމެ ދިމާލަކަށް ބަލައިލިޔަސް ފެންނަނީ ޔޫލީ ކޮންމެވެސް ކަމެއް ކުރަން އުޅުނު ތަނެވެ. ޔޫލީ އަހަރެންނަށް ކުޅެން އިނދެފައި ގޮވައިލައި އަޑު ކަންފަތުގައި ހަރުލައިފައިވެއެވެ.
"އަހަރެން އެބަ އަންނަން ސްކޫލު ކައިރި ތަންތަން ބަލައިލައިފައި،" ރަޒީން ދަމުން ދިޔައީ އަނޫލާ ކައިރީގައި އަހަރެންނަށް ބަލައްޗޭ ބުނެފައެވެ.
އަހަރެންގެ ފޯނަށް އެކި މީހުން ގުޅަމުން ގެންދިޔައެވެ. އެކަމަކު އެއްވެސް ކޯލަކަށް ޖަވާބުދިނުމުގެ ހިތްވަރެއް އަހަރެންގެ ގައިގައި ނެތެވެ. އަހަރެންގެ މީހުންގެ ކުޑަކުދިންނަށް ދިމާވެފައިވާ ބިރުވެރި ކަންތައްތައް ހަނދާނަށް ވަންނަނީއެވެ. އަހަރެންގެ ލޯ ކުރިމަތީގައި މީހަކު އަހަރެންގެ ޔޫލީއަށް ގޮތެއް ހަދައިލައިފައި އޮއްވާ ސިފަވަނީއެވެ. އެކަހަލަ މަންޒަރެއް ސިފަވާ ކޮންމެ ފަހަރަކު ސިއްސައިގެން ގޮސްފައި އަޑުބާރުކޮށް ރޮއެގަނެވެނީއެވެ. ކޮންމެ ސިކުންތެއް އަހަރުތަކަކަށް ދެމިގެންދާން ފެށިއެވެ. ޔޫލީއަށް ކަމެއް ދިމާވެއްޖެނަމަ އަހަރެން މަރުވާނެކަން ޔަޤީނެވެ.
އިރުއޮއްސި އަނދިރިވާން ފެށުމުން އަހަރެންގެ ހިތަށް ވަރަށް އުނދަގޫވެ މާޔޫސްވާން ފަށައިފިއެވެ. ހަތެއް ޖަހަނިކޮށް އަހަރެންގެ ފޯނަށް ރަޒީންގެ ކޯލެއް އަންނަތަން ފެނުމުން އަވަސްއަވަހަށް ނެގީމެވެ.
"މައު. ޕޮލިހުން ގުޅައިފި. ޔޫލީ އަމިއްލައަށް އައިސް ޕޮލިސް ސްޓޭޝަނަށް ވަދެފައި ބުނެފިއޯ މަންމައާއި ބައްޕައަށް ގުޅައިދޭށޭ. އަލްޙަމްދުލިﷲ. އަހަރެން މިދަނީ އޭނާ ގޮވައިގެން އަންނަން،" ރަޒީންގެ އަޑުގައިވަނީ އުފާވެރިކަމެވެ.
އެ އަޑު އިވުމާއެކު އަހަރެންގެ ލޮލުން އަންނަމުން ދިޔަ ހިތި ކަރުނަ އުފަލުގެ ކަރުނައަށް ބަދަލުވިއެވެ. ކައިރީގައި ހާސްވެފައި ހުރި އަނޫލާއަށް ޔޫލީ ފެނިއްޖެކަމުގެ އުފާވެރި ޚަބަރު ދިނީމެވެ. ދެން އަހަރެން އިން ތަނުން ތެދުވެގެން ގޮސް ވުޟޫކޮށްގެން ނަމާދެއް ކުރީމެވެ. އެއީ އެތަކެއް އަހަރަކަށްފަހު އަހަރެން ނަމާދެއް ކުރި ފުރަތަމަ ފަހަރެވެ. އަހަރެންނަށް އެހާ ބައިވަރު ނިއުމަތްތައް ލިބިފައިވާ އިރުގައިވެސް އެކަލާނގެއަށް އަދާކުރަން ޖެހޭ ފަރުޟުތައް އަދާކުރަން ވެސް އަހަރެން ވަނީ އިހުމާލުވެފައެވެ.
އަހަރެން ނަމާދުކޮށް ނިމިގެން ކެތްތެރިކަން ކުޑަވެފައި ޔޫލީއަށް އިންތިޒާރުކުރަން ފެށުނެވެ. ރަޒީން ޔޫލީ އުރާލައިގެން ގެއަށް އައިސް ވަން އިރުގައި ޔޫލީ އިނީ ހެވިފައެވެ. ދުވެފައި ގޮސް އަހަރެން ދަރިފުޅުގައިގައި ބައްދައިލީމެވެ. އަދި މޫނުން އެތައް ފަހަރަކު ދޮން ނެގީމެވެ.
"މަންމަ ދޫނި. ކޮންތާކު އުޅެފައި ތިއައީ؟ ކޮންތާކަށް ދިޔައީ؟ މަންމައަށް އެހެން ނަހަދާތި ދެން!" އަހަރެން ރޮމުންރޮމުން ވާހަކަދެއްކީމެވެ.
"މަންމާ،" ޔޫލީ ލޯބިން އަހަރެންގެ މޫނަށް ދޮނެއް ދިނެވެ. ރަޒީނާއި އަހަރުމެން ދެމީހުން އޭނާގެ ގައިގައި ބާރުކޮށް ހިފަހައްޓައިލީމެވެ.
ޔޫލީ ގޮވައިގެން ގޮސް ފެންވަރުވައިގެން ނެރެ އޭނާއަށް ކާންދިނުމުގެ ކަންތަކުގައި އަހަރެން އުޅެން ފެށީމެވެ. އޭރު ރަޒީން އަންގަންޖެހޭ އެންމެންނަށް ޔޫލީ ފެނުނު ވާހަކަ އަންގައިފިއެވެ. އަހަރުމެން ތިން މީހުން ވަރަށް ޒަމާންތަކަކަށްފަހު އެއް މޭޒެއްގެ މަތީގައި ކާން އިށީނީމެވެ. ޔޫލީއަށް ކާންދިނީ ރަޒީނެވެ. އަހަރެން އެ މަންޒަރު ބަލަން އިނދެގެން ފަށްފަށުން ޝުކުރުވެރިވީމެވެ.
"ދަރިފުޅު. މިއަދު ކީއްވެގެންތަ ސްކޫލުން ބޭރަށް ދިޔައީ؟" ރަޒީން އަހައިލިއެވެ.
"މަންމައަށް ހަނދާންނެތުނީ ޔޫލީއަށް އުންމައެއް ދޭން. އެހެންވެ ޔޫލީ ދިޔައީ މަންމަ ހޯދަން އުންމައެއް ދޭން. މަންމަ ހުރީ ޔޫލީއާ ހެދި މިއަދު ސޭޑްވެފައި،" ޔޫލީ އަހަރެންނާ ދިމާލަށް ބަލައިލަމުން ބުންޏެވެ.
"ދަރިފުޅު. ދެން އެހެން ނަހަދާތި އިނގޭ،" ރަޒީންގެ އަޑު ކަރުގައި އަޅައިގަތެވެ.
"އިޓްސް އޯކޭ ބައްޕާ. ޔޫލީއަށް މާއިން ބޭބެ ހެލްޕް ވިޔޭ،" ޔޫލީ އެހެން ބުނުމުން އަހަރެންނާއި ރަޒީން އެކަކު އަނެކަކާ ދިމާލަށް ބަލައިލީމެވެ.
"ކާކު މާއިން ބޭބެއަކީ؟" އަހަރެން ޔޫލީގެ އަނގަމަތީގައި ހޭކިފައިވާ ކާއެތިކޮޅު ޓިޝޫއަކުން ފޮހެލައިދެމުން އެހީމެވެ.
"އެއީ ޔޫލީގެ ބޭބެ. އެއީ ޔޫލީގެ ބެސްޓް ފްރެންޑް،" ޔޫލީ އެ ވާހަކަ ބުނި ގޮތުން އަހަރެންގެ ހިތަށް ބިރުވެރިކަން ވަންނަން ފަށައިފިއެވެ.
"ޔޫލީ. މާއިންބެ ކިހިނެއް ޔޫލީއަށް ހެލްޕްވީ؟" ރަޒީންއަށް ވެސް އަހަރެންގެ މޫނުމަތިން ބިރުވެރިކަން ފެނުނެވެ.
"ޔޫލީ ގޮވައިގެން މިއަދު އެކި ތަންތަނަށް މާއިންބެ ދިޔަ. ދުއްވާ އެއްޗެއްގައި ނުޖެހޭ ގޮތަށް އުޅެން ކިޔައިދިން. ޔޫލީ ގޮވައިގެން ޕާކަށްވެސް ދިޔަ. ދެން ބީޗް ބަލައިލަންވެސް ދިޔަ،" ޔޫލީ އުފަލުން އިނދެގެން ވާހަކަދެއްކިއެވެ.
"އެހެން އެއްވެސް ތާކަށް ޔޫލީ ގޮވައިގެން މާއިންބެ ދިޔަތަ؟" އަހަރެން ބިރުން އިނދެގެން އެހީމެވެ.
"ނޫން. ދެން ބީޗުގައި ކުޅެފައި މާއިންބެ ބުނީ މިހާރު މަންމައާއި ބައްޕަ ޔޫލީ ހޯދާނެޔޯ. މަންމަ އަދި މާ ސެޑް ވާނެޔޯ އެހެންވީމަ ހިނގާށޯ މަންމައާއި ބައްޕަ ހޯދަން. ދެން މާއިންބެ ގެންދިޔައީ ޔޫލީ ޕޮލިސް ބޭބެމެން ކައިރިއަށް،" ޔޫލީގެ ވާހަކައިން އޭނާއަށް ބިރުވެރި އެއްވެސް ކަމެއް ދިމާވެފައިވާހެނެއް ހިޔެއްނުވެއެވެ.
"އެކަމަކު ޕޮލިސް ބޭބެމެން ބުނީ ޔޫލީ އައީ ޕޮލިސް ސްޓޭޝަނަށް އެކަންޏޯ،" ރަޒީން މަޑުމަޑުން ބުންޏެވެ.
"އުހުނ. ޔޫލީގެ ފަހަތުގައި އޭރުވެސް މާއިންބޭބެ ހުންނާނޭ ބައްޕާ. މާއިންބެ ބުނީ ޕޮލިސް ކައިރީގައި ބުނާށޭ މަންމައާއި ބައްޕައަށް ގުޅައިދޭށޭ."
"މާއިންބެއާ ގުޅޭ ނަންބަރެއް ދިންތަ؟ މަންމަމެން ޖެހޭނެއެއްނު މާއިންބެއަށް ތެންކިޔު ބުނަން،" އަހަރެން ބުނީމެވެ.
"މާއިންބެ އަތުގައި ފޯނެއް ނޯންނާނެ. އެކަމަކު ކޮއްކޮއަށް މާއިންބެ ފެންނާނެ މާދަމާވެސް،" ޔޫލީ ބުންޏެވެ.
"މާއިންބޭބެއަކީ ސްކޫލުގައި އުޅޭ މީހެއްތަ؟" އަހަރެންގެ ހިތަށް ބިރުވެރި އިހްސާސެއް އަންނަން ފަށައިފިއެވެ.
"ނޫން މަންމާ. އެކަމަކު އަބަދުވެސް މާއިންބެ ފެންނާނޭ. މާއިންބެ ބުނީ މަންމައާއި ބައްޕައަށް ވެސް މާއިންބެ އެނގޭނެޔޯ،" އަހަރެންގެ ސިކުނޑިއަކަށް މާއިން ކިޔާ މީހެއް ނާދެއެވެ.
"އެއީ ވަރަށް ބޮޑު މީހެއްތަ؟" ރަޒީން ސުވާލު ކުރިއެވެ.
"ނޫން. އެކަމަކު މިއަދު މީ މާއިންބޭބެގެ ބާތްޑޭ. މާއިންބޭބެ ބުނީ މިއީ މާއިންބޭބެ އެންމެ އުފާވި ބާތްޑޭއޯ ޔޫލީއާ އެއްކޮށް އުޅެވުނީމައި،" އެ ހިސާބުން އަހަރެންނާއި ރަޒީން ދެމީހުންގެ މޫނަށް އަޖައިބުވެފައި ބަލައިލެވުނެވެ.
ޔޫލީ ނިދަން ބާއްވާފައި އަހަރެން ބޭރަށް ނިކުތްއިރުގައި ރަޒީން މަޑުކޮށްގެން އިނެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ އަޖައިބުކަމެވެ.
"އަހަރެން ދެންމެ ޕޮލިހުންނަށް ގުޅައިފިން. އެމީހުން ބުނީ އެއްވެސް ސީސީޓީވީ ފުޓޭޖަކުން ނުދައްކައޭ ޔޫލީއާއެކުގައި އެހެން މީހެއް ހުރި ކަމަކަށް. އެތަނަށް ލިބިފައިވާ އެއް ރިޕޯޓެއްގައި ޔޫލީ މިއަދު އެކަނި ބީޗުގައި އުޅުނުތަން ފެނުނު ކަމަށް މީހަކު ބުނެފައި ވެއޭ ވެސް ބުނި،" ރަޒީން އޭނާއަށް ލިބިފައިވާ މަޢުލޫމާތު ހިއްސާކުރިއެވެ.
"ދެން ކާކުބާއޭ އެ މާއިންބޭބެއަކީ؟" އަހަރެން ރަޒީން ކައިރީގައި އިށީނދެލީމެވެ. "ހިޔެއްނުވޭ ދޯ ޔޫލީ ހަދައިގެން އެކަހަލަ ވާހަކައެއް ދައްކައިފާނެ ހެނެއް؟ ހިޔާލީ މީހެއް ބާ؟"
"ވެދާނެ. އެކަމަކު އެމީހާއަށް އެޔޮއް ކިޔާ ނަމެއް ދޯ؟ އަހަރެންނަށް މިހާރުވެސް އެނަން އަޑު އިވުނީމަ އަހަރެންނަށް އުނދަގޫވޭ،" ރަޒީން ލޯމަރައިލަމުން ބުންޏެވެ.
"މަށަށްވެސް އެނަން އިވުނީމައި އުނދަގޫވޭ. އޭނާ ދުނިޔޭގައި ހުރިނަމަ މިއަދު ދިހަ އަހަރު ވާނެދޯ؟ ހަމަ އެ ދުވަހާ ދިމާކޮށްފައި ޔޫލީ ގެއްލުނީ. މިކަމުގައި ވަރަށް ބޮޑު ހިކުމަތެއް ވާނެ،" އަހަރެންގެ ޚިޔާލަށް އެ ދުވަހުގެ ހަނދާންތައް އައެވެ. "މިއީ މަށަށް ވަރަށް ބޮޑު ވޭކްއަޕްކޯލެއް އެނގޭ. ކޮންމެ ފަހަރަކުވެސް އަހަރެންގެ އަތުން ދަރިން ގެންދަވަނީ އަހަރެންނަށް މުހިންމު ކަންތައް ވަކި ކުރަން ނޭގޭތީ."
"މައު ތީ ވަރަށް ރަނގަޅު މަންމައެކޭ،" ރަޒީން އަހަރެންގެ އަތުގައި ފިރުމައިލިއެވެ.
އަހަރުމެން ދެމީހުން އެހެން ތިއްބާ ކުއްލިއަކަށް ޔޫލީ ކޮޓަރިން ނުކުމެގެން އައިސް އަހަރުމެން ދެމީހުންގެ ދެމެދަށް ވަނެވެ. އަދި އަހަރެންގެ ގައިގައި ބައްދާލިއެވެ.
"މަންމާ، ބައްޕާ. އައި ލަވް ޔޫ. މާއިންބޭބެ ވެސް މަންމައާއި ބައްޕަދެކެ ވަރަށް ބޮޑަށް ލޯބިވޭ އެނގޭ."
އަހަރެންނާއި ރަޒީން އެކަކު އަނެކަކާ ދިމާލަށް ދެލޯ ބޮޑުކޮށްލާފައި ބަލައިލެވުނެވެ.
"ޔޫލީ މާއިން ބޭބެގެ އަސްލު ނަން އެނގޭތަ؟" ރަޒީން އަހައިލިއެވެ.
"ޔެސް." ޔޫލީ އާފުރިލައިފައި ދެލޯ މަރައިލިއެވެ. "މާއިން ބޭބެގެ އަސްލު ނަމަކީ އަލީ މާއިން ރަޒީން."
އަހަރެންނާއި ރަޒީންގެ މޫނުމަތިން ހުރިހާ ކުލަވަރެއް ފިލައިގެން ދިޔައެވެ. އަލީ މާއިން ރަޒީންއަކީ އަހަރުމެންގެ ފުރަތަމަ ދަރިފުޅަށް ދިން ނަމެވެ. ޔޫލީއަކަށް އޭނާގެ މަރުވެފައި ބޭބެއެއް ވާކަމެއް ނޭނގޭނެއެވެ. އޭނާއަށް މިނަން އެނގެންވީ ގޮތެއް އޮވެގެން ނުވާނެއެވެ.
"ދަރިފުޅާ، މާއިންބޭބެ ކޮންތާކުތަ މިހާރު ހުރީ؟" އަހަރެންގެ އަޑު ތުރުތުރުއަޅަން ފެށިއެވެ.
"މާއިންބޭބެ މިހާރު ގޮސްފިއޭ މަންމާ. އެކަމަކު ޔޫލީ ބިރުގަންނަ ކޮންމެ ވަގުތެއްގައި މާއިންބޭބެ ހުންނާނޭ. އަބަދުވެސް ހުންނާނެ. މާއިންބޭބެ ދަމުން ބުނީ މަންމައާއި ބައްޕައަށް ސަލާމް ބުނާށޭ،" ޔޫލީ ނިދިފައި އޮވެގެން މަޑުމަޑުން ކިޔެވެ.
އަހަރެންނާއި ރަޒީން އެކަކު އަނެކަކަށް ބަލައިލީމެވެ. އަހަރުމެންގެ ލޮލުން ކަރުނަތައް ހޯސްލާފައި ފައިބަމުން ދިޔައެވެ. ޔޫލީ ގެއްލިގެން އުޅުނު ވަގުތުގައި އޭނާއާއެކު ހުރީ އަހަރުމެންގެ ފުރަތަމަ ދަރިފުޅުކަން ޔަޤީންވިއެވެ. އެކަމަކު އެއީ ކިހިނެތް ވާނޭ ކަމެއް ހެއްޔެވެ؟ ޖަވާބު ނޭނގޭ ސުވާލެކެވެ. އެ ވަގުތު އަހަރުމެންނަށް ކުރެވުނު ހަމައެކަނި ކަމަކީ ޔޫލީ ގައިގައި ބައްދައިލައި، ހެއްދެވި ފަރާތަށް އަހަރުމެންނަށް ލޮބުވެތި ދެ ކުދިން ދެއްވެވީތީވެ ޝުކުރު ދެންނެވުމެވެ.
(ނިމުނީ)



advertisment