1. އަންހެނަކު އޭނަގެ ތުއްތު ދަރިފުޅު ގޮވައިގެން ބަހަށް އެރިއެވެ. އެ ވަގުތު، އެ އަންހެން މީހާއަށާއި އޭނަގެ ތުއްުތު ދަރިފުޅަށް ބަލައިލައިފައި ބަސް ދުއްވަން އިން މީހާ ބުންޏެވެ. ދުވަހަކު ވެސް ތިހާ ސިފަ ހުތުރު ކުއްޖަކު އަހަރެން ނުދެކެމެވެ.
ދެން، ދެރަވެގެން، އެ އަންހެން މީހާ ބަހުގެ ފަހަތަށް ގޮސް ރޯން އިނެވެ. އެވަގުތު އޭނަ އިން ގޮނޑިއާ ކައިރީގައި މަޖުލީހުގެ އިއްޒަތްތެރި މެމްބަރަކު އިންނެވިއެވެ. އޭނައަށް، އަންހެން މީހާ ރޯން އިން ތަން ފެނުމުން، އަންހެން މީހާ ގާތަށް ޖެހިލިއެވެ. ވެގެން އުޅޭ ގޮތް ސާފުކޮށްލުމުގެ ގޮތުންނެވެ. މަސްއޫލުވެރިއަކަށް ވެފައި، އަދި، ރައްޔިތުންގެ އިހުސާސުތައް ވެސް ދަންނަކަމަށް ބުނާ މީހުންގެ ތެރޭގައި ހިމެނޭތީއާ ވެސް އެކުގައެވެ.
އަންހެން މީހާ ކައިރިއަށް ޖެހިލައިފައި ރޮނީ ކީއްވެތޯ އަހާލުމުން، ބަސް ދުއްވަން އިން މީހާ އަންހެން މީހާގެ ދަރިފުޅު ހުތުރޭ ކިޔައި މަލާމަތް ކުރި ވާހަކަ ބުންޏެވެ. ދެން، އިއްޒަތްތެރި މެމްބަރު، މައްސަލައިގެ ހައްލު ވިދާޅުވެ ދެއްވިއެވެ.
"ކަނބުލޭގެ އަތުގައި އޮތް މަކުނު އަހަންނާ ހަވާލުކޮށްފައި، ބަސް ދުއްވަން އިން މީހާ ކައިރިއަށް ގޮސް އޭނައަށް ލައުނަތްދީ އެއްޗެހި ކިޔާލަން ދާށެވެ!"
2. ރައްޔިތުންގެ ހާލު އަހުވާލު ބަލައިލުމުގެ ގޮތުން، މަޖުލީހުގެ އިއްޒަތްތެރި މެމްބަރު ރަށުތެރޭގައި ހިންގަވައިލަން ނިންމެވިއެވެ. މެމްބަރުގެ ހަގީގަތް އެނގިދާނެތީ، އޭނަ ގަސްދުކުރެއްވީ ކުޑަކޮށް ސިފަ ބަދަލުކޮށްލައިގެން ނިކުންނެވުމަށެވެ. އެ ގޮތުން، މެމްބަރުގެ ކަޅު އިސްތަށިގަނޑުގައި ފެހިކުލަޖައްސަވައި ރަށުތެރެ ބައްލަވާލައްވަން ނިކުންނެވިއެވެ.
މެމްބަރު ހިންގަވާފައި ރަށުގެ ބޭރުފުށަށް އެރުއްވިއެވެ. ދެން، މާ ގިނައިރެއް ނުވެ، ކަންބަޅި ހުއިހިއްޕާ މީހަކާ ދިމާވިއެވެ. އޭނައާ ކުޑަކޮށް ވާހަކަދައްކާލައި ސަމާސާކޮށްލުމުގެ ގޮތުން، އޭނަ ކައިރިއަށް ވަޑައިގަތެވެ.
ބަކަރި ހުއިހައްޕާ މީހާގެ ހާލު އަހުވާލު އައްސަވާލެއްވުމަށް ފަހު، ސަމާސާކޮށްލުމުގެ ގޮތުން މެމްބަރު ވިދާޅުވިއެވެ. "ބޭބެގެ ކަންބަޅި އައިނުގައި ކިތައް ކަންބަޅިވާ ކަން ސީދަލަށް އަހަރެން ބުނެފި ނަމަ، އަހަންނަށް ކަންބަޅިއެއް ދޭނަން ހެއްޔެވެ؟" އެ ވަގުތު އެ ބޭބެ އާނއެކޭ ބުނުމުން، ކަންބަޅިތަކުގެ މައްޗަށް ނަޒަރު ހިންގަވާލައްވައިފައި، އިއްޒަތްތެރި މެމްބަރު ވިދާޅުވިއެވެ. "އަށްޑިހަ ފަހެކެވެ." އެއީ ހަމަ ހަގީގަތުގައި ވެސް އެ ބޭބެގެ ކަންބަޅި އައިނުގައި އޮތް ކަންބަޅީގެ ސީދާ އަދަދެވެ.
ކަންބަޅީގެ އަދަދު ދިމާކުރެވުމުން، ކަންބަޅީގެ އައިނުން ބޭނުން ކަންބަޅިއެއް ނެންގެވުމުގެ އިޒުނަ އެ ބޭބެ، އިއްޒަތްތެރި މެމްބަރަށް ދިނެވެ. އިއްޒަތްތެރި މެމްބަރު، އޭނަ ހިތްޕުޅާވި 'ކަންބަޅި' ނަންގަވައިގެން ހިންގަވައިގެންނެވި ތަނާ، އެ ބޭބެ ގޮވާލިއެވެ.
"ބޭފުޅާއެވެ! ބޭފުޅާގެ އިސްތަށިފުޅުގެ އަސްލު ކުލަ އަޅުގަނޑު ބޭފުޅާ އަރިހު ދަންނަވައިފި ނަމަ، އަޅުގަނޑުގެ ކުއްތާ އަޅުގަނޑަށް އަނބުރާ ދެއްވާނަންތޯއެވެ؟!"
ދެން، މި ވާހަކަ ކީ މީހަކު ހިތާހިތާ ބުންޏެވެ: "އާދައިގެ މީހެއްގެ އިހުސާސު ދެނަގަތުމުގެ ކުޅަދާނަކަން ނެތިފައި، އަދި މީގެ އިތުރުން، ކަންބަޅިއަކާއި ކުއްތާގެ ތަފާތު ނޭނގޭ އިއްޒަތްތެރިންނަށް، ރައްޔިތުން އިހުސާސުތަކާއި ބޭނުންތައް ފުއްދައިދިނުމުގެ މަގު ފަހިކޮށްދެވިދާނެ ހެއްޔެވެ؟"
