Support Us

ވާހަކަ: އަމީ

"މި ހުޅުވަނީ! މި ހުޅުވަނީ!" އަހަރެން އެހެން ގޮވަމުން ގޮސް ދޮރު ހުޅުވީމެވެ.

ދޮރު ހުޅުވި އިރު އަމީ ބޭރުގައި ހުއްޓެވެ. އޭނާ ހުރީ ރޮވިފައެވެ. ދޮރު ހުޅުވުމުން އެތެރެއަށް ވަނެވެ. ދިޔަ ގޮތަށް ގޮސް އިށީނީ ސޯފާގައެވެ.

"ހަލޯ އަމީ،" އަމީ ކައިރީގައި އިށީންނަމުން އަހަރެން ބުނީމެވެ.

އަމީ ގެންގުޅޭ ބޮޑު ދަބަހުން ޓިޝޫ ޕެކެޓެއް ނަގައިފައި ހުރިހާ ޓިޝޫއަކުން އެއްފަހަރާ އޭނާގެ ލޯ ފުހެލިއެވެ.

"އައިސްތޫ. އަޒްލިފް މަށަށް ޗީޓުކުރަނީ،" އަމީ ތުރުތުރު އަޅާ އަޑަކުން ބުންޏެވެ.

"އަޒްލިފް؟ ޗީޓް؟" އަހަރެން އަމީ ބުނި އެތި ތަކުރާރުކޮށް އަހައިލީމެވެ.

"އާނ. އައިސްތު އަޅެ އަހަރެން ކިހިނެއް ހަދާނީ؟" އަމީ އަނެއްކާ ރޯން ފެށިއެވެ.

"މަޑުކުރޭ،" އެހެން ބުނެފައި ގޮސް ފްރިޖުން ފެންފުޅިއެއް ހިފައިގެން އައިސް އަމީ ކުރިމަތީގައި ބެހެއްޓީމެވެ.

"އަޅޭ. މަށާ ހެދި އައިސްތުގެ ވަގުތުދޯ ބޭކާރު މިކުރެވެނީ؟ މިއަދު ނެތްތަ ކުދިންނަށް ޗެސް ކިޔަވާދިނުމެއް؟" އަމީ ފެންދޮޅެއް ބޯލައިފައި އެއްސެވެ.

"ނޫނޭ އޯކޭ. އޭ. އަހަރެން މިއަދު ބްރޭކެއްގައޭ މިއުޅެނީ. އަމީ އެއްޗެއް ކައިފިންތަ؟" އޭރު މެންދުރު ދޭއްޖެހީއެވެ.

"ނޫން. ރެއިން ފެށިގެން އަދި ނުކަން،" އަމީގެ ލޮލުން ފެންނަނީ މާޔޫސްކަމެވެ.

"ހިނގާ ދޯ އެއްޗަކަށް އޯޑަރުކުރަން؟" އަހަރެން ފުޑީސް އެޕުން އަމީ ކާހިތްވާ ކަހަލަ އެއްޗިއްސަށް އޯޑަރު ދިނީމެވެ.

"އޯކޭ ދެން ކިޔައިބަލަ! މަޑުކުރޭ! ކޮފީއެއް ބޭނުންތަ؟" އަހަރެން ތެދުވެގެން ގޮސް ދެމީހުންނަށް ދެކޮފީ ހަދައިގެން ގެނައީމެވެ.

"އަޅެ ތެންކިޔު އައިސްތު. ތީ ހަމަ ބެސްޓު އިނގޭ،" އަމީ ކޮފީތަށިން އެތިކޮޅެއް ބޯލަމުން ބުންޏެވެ.

"އޯކޭ ކިޔައިބަލަ!" އަހަރެންވެސް ސޯފާގައި ހަމަޖެހިލީމެވެ.

"މިހާރު ދުވަސްކޮޅެއް ވެއްޖެ އަޒްލިފް ލަހުން ގެއަށް އަންނަތާ. އަހަރެން ހީކޮށްގެން މިއުޅެނީ އޭނާގެ ރައްޓެހިންނާ އެކުގައި ޕޫލްކުޅެން އުޅެނީ ކަމަށް. ހުއްޓާ ރޭގައި ގެއަށް ވަރަށް ލަހުން އައިސްފި. ދެން އަހަރެން ކައިރީގައި އެނދުގައި އިށީނދެފައި ބުނީ އޭނާ ބޭނުމޯ ދެއަނތްބަށް މީހަކާ އިންނަން."

"އަސްލު؟" އަހަރެންނަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ.

"އަސްލުވެސް،" އަމީ އަނެއްކާވެސް ރޯން ފަށައިފިއެވެ. "އަހަރެންނަކަށް ނޭނގެ ދެން ހަދާނެ ގޮތެއް."

"ކާކާޔޯ އިންނަން މި ބޭނުންވަނީ؟" އަހަރެން އެހީމެވެ.

"ނުބުނި. ބުނީ އަހަރެން އެއްބަސްވީމައި ބުނާނަމޯ. އަހަރެން ބުނިން އަހަރެން ވަރިކޮށްފައޭ އިންނަން ޖެހޭނީ އެހެން މީހަކާ،" އޭނާ ބުންޏެވެ.

"ދެން އަޒްލިފް ބުނީ ކީކޭ؟" އަހަރެން އެހީމެވެ.

"އޭނާ ބުނީ އޯކޭއޯ ވަރިކުރަން ޖެހުނަސް. އޭނާ އެ ކުއްޖާ ދުލެއް ނުކޮށްލާނަމޯ. އަހަރެން އެކަމާ ވިސްނާލާށޯ،" އަމީއަށް ބާރަށް ރޮވެން ފެށުނެވެ.

"އަޅޭ،" އަހަރެންގެ ކައިރީގައި ހުރި ޓިޝޫ ފޮށިން ޓިޝޫއެއް ނަގައި އަމީއަށް ދިއްކޮށްލީމެވެ.

"ކިތައް އަހަރު މިވީ އަހަރުމެން އިނދެގެން އުޅޭތާ؟ ހަމަ ކުއްލިއަކަށް އައިސް އެހެން މީހަކާ އިންނަން ބޭނުންވާ ވާހަކަ ބުނީމައި އަހަރެންނަށް ކިހިނެއް ވާނީ؟" އަމީ ޓިޝޫ ހިފައިގެން އިނދެ ހުއްޓާނުލާ ރޮމުން ގެންދިޔައެވެ.

"އަމީއަކަށް އެނގިފައެއް ނެތްތަ މިކަހަލަ ކަމެއް ވާކަމެއް؟" އަހަރެން ސުވާލު ކުރީމެވެ.

"އާނ. އޭނާއަކީ އަންހެން ކުއްޖަކާ ދިމާލަށް މިހެން އުޅޭއިރުގައި ބަލައިލާވެސް މީހެއްވެސް ނޫން. ހިތަކަށް ނާރާނެ ދޯ އޭނަ މިކަހަލަ ކަމެއް ކޮށްފާނެއެކޭ!" އަމީ ދެލޯ ބޮޑުކޮށްލައިފައި އަހަރެންނާ ދިމާލަށް ބަލައިލިއެވެ.

"އާނ. ވަރަށް އަޒްލިފާ ވައްތަރު ނޫން ކަމެއް ދޯ؟" އަހަރެންވެސް އެއްބަސްވަމުން ބޯޖަހައިލީމެވެ.

"އޭތް. އޭނާ އަބަދުވެސް އެންމެ ލޯބިވާ ކުއްޖެއްގެ ވާހަކަ ދައްކައެއްނު. މަ އެބަ ހިތަށް އަރާ އެއީ އަނެއްކާ އަސްލު ކުއްޖެއްބާއޭ؟" އަމީގެ ރުއިން ހިނދުކޮޅަކަށް ހުއްޓިއްޖެއެވެ.

"އަހަރެންނަށް އަބަދުވެސް އެނގިފައި އޮތީ އެއީ އަސްލު ކުއްޖެކޭ،" އަހަރެން ވިސްނައިލާފައި ބުނީމެވެ.

"އަހަރެން ހިޔެއް ނުކުރަން އެއީ އަސްލު ކުއްޖެއް ކަމެއް. މި ދައްކަނީ އަޒްލިފްގެ ވާހަކައޭ އައިސްތޫ،" އަމީ ބުންޏެވެ.

"އާނ. ހަމަ އެ އަޒްލިފެއް ނޫންތަ އައިސް އަމީ ކައިރީގައި އޭނާ އެހެން މީހަކާ އިންނަން ބޭނުންވާ ވާހަކަ އެ ބުނީ،" އަހަރެން ހަނދާން ކޮށްދިނީމެވެ.

"އަޅޭ. މަށަށް ޔަގީން އެ ކުއްޖާއާ ކަން އޭނާ އެ އުޅެނީ އިންނަން. އޭނާއަށްޓަކައި ނޫނީ އަޒްލިފް އަހަރެން ދުލެއް ނުކޮށްލާނެ. އަޅެ ކާކުބާ ދޯ؟" އަމީ ފޯނު ނަގައިގެން އޭތި ހާވަން ފަށައިފިއެވެ.

"ކޯއްޗެއް ތިބަލަން ފެށީ؟" އަހަރެން އަހައިލީމެވެ.

"އޭނަގެ އިންސްޓަގްރާމް ޕޯސްޓުތަކަށް ލައިކު ލާފަ ހުރި މީހުން،" އަމީ ބުންޏެވެ.

"ގޭގައި އިނދެގެން ތި ސަކަރާތް ޖަހައިފައެއް ނޫންތަ މިގެއަށް ތިއައީ؟"

"އާނ. އެކަމަކު އަހަރެންނަށް ފަހަރެއްގައި ނުފެންނަ ލައިކެއް އޮވެދާނެއެއްނު،" އަމީ އަވަސް އަވަހަށް ފޯނު ސްކްރޯލުކުރަމުން ގެންދިޔައެވެ.

"ތި ފޯނު ބާއްވަބަލަ! ތިއަކުން ނޭނގޭނޭ އެއްވެސް އެއްޗެއް،" އަހަރެން ބުނީމެވެ.

"ކީއްވެ ތިހެން ތިބުނީ؟ އައިސްތުއަށް އެނގެނީތަ ކޮންމެވެސް އެއްޗެއް؟" އަމީ ދެލޯ ބޮޑުކޮށްލާފައި ބުންޏެވެ.

"އަމީ. ތި ދައްކަނީ އަޒްލިފްގެ ވާހަކައޭ. އެއީ ސޯޝަލް މީޑިއާ އެކައުންޓެއް ނަމަކަށް ގެންގުޅޭ މީހެއް،" އަހަރެން ބުނީމެވެ.

"އައިސްތު. އަޅެ އަހަރެން ކިހިނެއް ހަދާނީ؟" އަމީ ފޯނު ބާއްވައިފައި ރޮއެގަތެވެ.

"އިހަށް ހިނގާބަލަ ކުޑަކޮށް ހަމަޖެހިލަން. މިއަދު ނިމެންވާއިރަށް ތިމީހަކު އެނގޭނެ،" އަހަރެން އަނެއްކާވެސް ޓިޝޫއެއް ނަގައިފައި އަމީއަށް ދިއްކޮށްލީމެވެ.

"އަހަރެން ކިހިނެއް ހަމަޖެހޭނީ؟ ރޭގަ އޭނާ ގެއިން ނިކުމެގެން ދިޔައީ އަހަރެން ކައިރީގައި ވިސްނާށޭ ކިޔައިފައި. ރޭ އެއްކޮށް އަހަރެންނަކަށް ނުވެސް ނިދޭ. މިއަދު ހެނދުނު ކުދިންކޮޅު ލައިފިން ގޮސް އަޒްލިފްގެ މަންމަމެންގެ ބަޔަށް. މަށަކަށް އެއްކަމެއްވެސް ނުވާނެ،" އަމީ ލޯފޮހެމުން ބުންޏެވެ.

"އޯކޭ. ކިހިނެއް ހަދަން އަމީ ތިވިސްނަނީ؟" އަހަރެން އަހައިލީމެވެ.

"އަހަރެން ބޭނުންވަނީ ވަރިވާން. އަހަރެންނަކަށް ބޭވަފާތެރިޔަކާ އެކުގައި ނޫޅެވޭނެ އައިސްތޫ،" އަމީ ބުންޏެވެ.

"އޯކޭ. އެކަމަކު އަހަރެން ކައިރީގައި އަމީ ބުނީމެއްނު އަހަރެން ހައިޝަމާ އެއްކޮށް އުޅޭށޭ،" މީގެ ދެ އަހަރުކުރިން އޭނާ އަހަރެން ކައިރީގައި ބުނިއެތި ހަނދާން ކޮށްދިނީމެވެ.

"ހައިޝަމް އައިސްތުއަށް ބޭވަފާތެރިވިތަ؟" އަމީގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ.

"އާނ. އެހެންވެ ދޯ އަހަރެން ވަރިވީ!" އަހަރެން ހީލީމެވެ.

"އާނ. އެކަމަކު އެއީ އެހެން ކަހަލަ ކަމެއްދޯ އައިސްތޫ. ހައިޝަމް ބޭރަށް ދާ ފަހަރަކު މަސާޖު ޕާލާއަކަށް ގޮސް ކުރާ ކަންތައް ކިޔާނެތަ ބޭވަފާތެރިވުމަށް؟ އަޒްލިފް އެ އުޅެނީ އޭނާ ހިތާވެގެން އުޅޭ މީހަކާ އިންނަން ވެގެންނޭ. އެކަމާއި މިކަމާ ތަފާތުދޯ؟" އަމީ ކުޑަކޮށް ނުރުހުން ވެއްޖެކަން އަޑުން އެނގުނެވެ.

"އަޒްލިފް އެ އުޅެނީ ކައިވެންޏެއް ކުރާކަށް ނޫންތަ؟ އެއީ ދީނުގައި އޭނާއަށް ހުއްދަކަމެއް ނޫންތަ؟" އަހަރެން އަމީއަށް ހަނދާންކޮށްދިނީމެވެ.

"އައިސްތު. އެންމެ ފަހަރަކު އަހަރެންގެ ކޮޅަށް އަރައިބަލަ. އަހަރެންނޭ މިތާނގައި ވިކްޓިމަކީ. އަހަރެންނަށޭ އަޒްލިފް އެ ބޮޑު އަނިޔާ އެދެނީ. އެންމެ ފަހަރަކު އޭނާއަކީ އައިސްތުގެ ބެސްޓް ފްރެންޑުކަން ހަނދާން ނައްތާލައިފައި އަހަރެންގެ ހާލަށް ވިސްނަބަލަ! ކޮބައިތަ އަންހެނަކަށް ވީތީވެ ދޭންޖެހޭ ސަޕޯޓު؟" އަމީ ރުޅި އައިސްގެން އަޑު ބާރުވިއެވެ.

"އޯކޭ. އަމީ މަޑުކުރޭ. އަހަރެން މި ދައްކާ އެތިން އަމީއަށް އެނގޭނެ އަހަރެން މިހިރީ އަމީއާ އެއްކޮޅަށްކަން. އަހަރެން އަމީއަށް ސަޕޯޓުދޭކަން،" އަހަރެން އެހެން ބުނެފައި ގޮސް އަހަރެންގެ އައިޕެޑް ހިފައިގެން އައިސް އަމީ ކައިރީގައި އިށީނީމެވެ.

"އައިސްތޫ. ކޯއްޗެއް ތިއުޅެނީ ދައްކަން؟ އެ ކުއްޖާގެ ފޮޓޯއެއްތަ؟" އަމީ ހާސްވެއްޖެއެވެ.

"އެއަށް ވުރެން މާ ސަޅި އެއްޗެއް،" އަހަރެން އައިޕެޑުގެ ހިޑަން ފޯލްޑަރސްތަކުގެ ތެރެއިން ފޯލްޑަރެއް ހުޅުވާލީމެވެ. އަމީ އިނީ ލޯމަރައި ތަގުޅިކޮށްގެންނެވެ.

"ލޯ ހުޅުވައިލަބަލަ!" އެހެން ބުނުމުން އަމީ ލޯ ހުޅުވައިލިއެވެ. އަހަރެންގެ އައިޕެޑުން ދެއްކި ފޮޓޯ ފެނިފައި އަމީގެ ދެލޯ ބޮޑުވިއެވެ. ދެން މަޑުމަޑުން އޭގެން ފަހަރަކު ފޮޓޯއެއް ދައްކަން ފެށީމެވެ.

"މިއީ ހައިޝަމާއި އަހަރެން ކައިވެނިކޮށްގެން އުޅުނު އިރު އޭނާގެ ފޯނު އަހަރެންގެ އައިޕެޑާ ކޮންމެވެސް ގޮތަކުން ލިންކުވެގެން ޓްރާންސްފަރ ވި ފޮޓޯތަކެއް. މިފޮޓޯތައް އަހަރެންގެ އަތުގައި ހުރިކަން އެއްވެސް މީހަކަށް ނޭނގޭނެ،" އަހަރެން ބުނީމެވެ. "މިއީ މަސާޖު ޕާލާއެއްގައި ނަގައިފައިވާ ފޮޓޯތަކެއް ނޫންދޯ؟ މި ފޮޓޯއިން މި ފެންނަނީ ހަމަ މި ސޯފާ ދޯ؟"

"އަޅެ އައިސްތޫ. އައި އެމް ސޯ ސޮރީ،" އަމީ އަހަރެންގެ އަތުން އައިޕެޑް ދުރަށްލާން މަސައްކަތް ކުރިއެވެ.

"އުހުނ. އަމީ މީތި ބަލަންވާނެ. އަހަރެން މި ދައްކަނީ އަހަރެންގެ ބެސްޓު ފްރެންޑަށް ވެސް ނުދައްކާ އެއްޗެއް. އަންހެނަކަށް ވީތީވެ އަހަރެން އަމީ އަށް ދޭ ސަޕޯޓު މިފޮޓޯތަކުން ތިފެންނަނީ. ދެ އަހަރުވީ މި ފޮޓޯތައް އަހަރެންގެ އަތުގައި ހުންނަތާ. މި ފޮޓޯތައް ހުރިކަން އެނގޭ ހަމައެކަނި މީހަކީ ތީ."

އަމީ އޭނާގެ ލޯމަތީގައި އަތްއެޅިއެވެ. އޭނާ ތުރުތުރު އަޅަން ފަށައިފިއެވެ.

"އަމީ ބަލާބަ. މިއީ އެއްކަލަ ފަހަރު އަހަރުމެން ދެމީހުން އެއްކޮށް ދިޔަ ލަންކާ ޓްރިޕްގައި ވިކްޓޯރިއާ ސީކްރެޓުން ގަތް އެތިކޮޅުތަ؟ ހާދަ ލޯތްބޭ އޭތި ލާފައި ހުރިއިރު."

"ދެން ހެޔޮ އައިސްތޫ. ދެން ހެޔޮ ފްލީސް،" އަމީގެ އަޑު ތުރުތުރުއަޅައެވެ. އެ ހިސާބުން ފޮޓޯތައް ދެއްކުން ހުއްޓާލައިފައި ގޮސް އަމީ ކުރިމަތީގައި ހުރި ސޯފާގައި އިށީނީމެވެ.

އިރުތަކެއް ވަންދެން މުޅި ސިޓިން ރޫމަށް ވެރިވެފައި އޮތީ ހަމަހިމޭންކަމެވެ.

"އަހަރެންގެ ބެސްޓު ފްރެންޑް އަޒްލިފަށް މި ފޮޓޯތައް ދެއްކިނަމަ ވީހީ ކިހިނެއްބާ އަމީ؟" އަހަރެން އަހައިލީމެވެ.

"އަޅެ ޕްލީސް އައިސްތު. ދުވަހަކުވެސް އަހަރެންނަށް ކަމެއް ކޮށްދެންޏާ އޭނާއަށް ތި ފޮޓޯތައް ނުދައްކާތި!" އަމީގެ ރާގު އާދޭސް ރާގަކަށް ބަދަލުވިއެވެ.

އެ ވަގުތު އަހަރެންގެ ފޯނު ރިންގުވާން ފެށިއެވެ. އަހަރެން ގަޑި ބަލައިލީމެވެ. އޭރު ގަޑިން ދެގަޑި ފަންސަވީސް ހިނގީއެވެ.

"ހަމަ ބަރާބަރު ވަގުތަށް. ކާއެއްޗެހި އެ އައީ. ހިނގާދޯ ކަމާ."

އަހަރެން ކާއެއްޗެހި ހިފައިގެން އައި އިރުވެސް އަމީ އިނީ ސޯފާގައި ގަބުކައިފައެވެ. އަހަރެން ގޮސް ތަށިތައް ކާމޭޒުގައި އެތުރީމެވެ.

"އާދޭ އަމީ. ކާން އާދޭ،" އަހަރެން ގޮވައިލީމައި އަމީ އައެވެ. މޭޒުމަތީގައި ތިން މީހުންނަށް ތަށި އަތުރައިފައި ހުރިތަން ފެނުނީމައި އަމީ އަހަރެންނާ ދިމާލަށް ބަލައިލިއެވެ.

"އަޒްލިފް އަންނާނެ 2.30 ގައި. އަހަރެން ބުނިން އޭނަ ކައިރީގައި އެހާއިރު ވާން ވާއިރަށް އަމީ ކައިވެންޏަށް އޯކޭވާނޭ. އަހަރެން ވިސްނައިދޭނަމޭ. ވިސްނިއްޖެއެއްނު ދޯ؟ ކައިވެންޏަށް އޯކޭއެއްނުން ދޯ؟ ދެން އަވަހަށް އިށީނދޭ،" އަހަރެން ދޮރު ހުޅުވަން ދަމުން ބުނީމެވެ.

ދޮރުމައްޗާ ހަމައަށް އަރައިފައި އަހަރެން އެނބުރިލައިފައި އަމީއަށް ބަލައިލާފައި ހީލީމެވެ.

"އަހަރެން ބުނީމެއްނު މިއަދު ނިމެންވާއިރަށް އަޒްލިފް އެންމެ ލޯބިވާ ކުއްޖާ އެނގޭނޭ،" އެހެން ބުނިތަނާ ދޮރުގައި ޓަކި ޖަހައިލައިފިއެވެ. އަހަރެން ދޮރުހުޅުވައިލީމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *