މިއަދު ހެނދުނު ފިރުކި، ހިނގަމުން
ދުވެފައި އުޅުނު ކުޑަ ޅަ ކުއްޖާ
ގެއްލިގެން ގޮސްފިޔޭ ފަޒާޔަށް
މެންދުރުގެ އިރު މެދު ޖެހުނު ތަނާ
އިރު މެދުން ހުޅަނގަށް އޮބައިލި ވަގުތު
އެޅުނު ހިޔަނިން ބިމަށް
ތެދުވެ ދެމިލައިފިޔޭ ހިން
ފުރާ ފުރިހަމަވެފައިވާ
ނަވާރަ ވިހީގެ
ޒުވާނާ.
ތެދުވެ ހެވިފައި ފޮޅައިލައި މޭ
އޭނާ ބަލައިލިޔެ ވަށައިގެން
"ވަޑައިގަންނަވާށޭ ބަލައިލަން، މަގޭ ފުރިހަމަ ޒުވާންކަން،"
ކިޔާ އަޑުހަރުކޮށް އިއުލާނުކޮށްފިއޭ
މުޅި ދުނިޔެއަށް
ޒުވާނާ.
"އޭ ބަލާ!
މާތައް ހަނާއަޅަނީ މަށަށްޓަކައޭ
އަޑުއަހާ!
ކުދި ދޫނި ގޮވަނީ ވެސް މަށަށްޓަކައޭ
ދެކެބަލާށޭ!
އިރު އޮއްސި އަރަނީ ވެސް މަށަށްޓަކައޭ
އާނއެކޭ!
ބިމަކީ މަގޭ ތަނެކޭ
ނޭނގެނީހޭ!
އުޑަކީ ހަމަ މަގޭ ކައުނޭ
އަޑުއަހާށޭ!
ތަރިތައް ލަނބާނޭ ބޯ މަ އެންގީމާ
މިހެން ކިޔަމުން އަޑުއުފުލިޔޭ އުފަލުން
ޒުވާނާ.
އަޖައިބުވެ އަންތަރީސްވެއްޖޭ
މިއަޑު އިވިފައި މަ ކޮސްވެއްޖޭ
މި މޮޔަ ޖަޒުބާތުގެ އަޅަކަށް ވެފައި
ހަފުސްވާން ފެށި ޒުވާނާ
އަޅާ ފިޔަވަޅު ހަވާ ނަފުސުގެ
ވަށައިގެން ތަވާފުކުރާ
މި ތިލަ ވިސްނުމުގެ ވެރިޔާ
ކިޔާ މޮޅު ބަސް
ދެބަސްވާން އެންމެންނާ އޭނާ
"ޖަހާނަމެ ކައި، ދުނިޔެ މަކަރާ"
ހެމުން ބުންޏޭ
ޒުވާނާ.
"ކޮންމެ މީހެއް ވެސް ހެވޭ ބުނެ
ބައިވެރިޔަކަށް މިރެޔަށް ފުދޭނޭ"
ރޮއްވަމުން ހިތްތައް ފުނޑާލައި
ކުޅެލުމަށް ޖެހިފައި އަވައިގައި
ނޭނގެނީހޭ މާދަން ކަލޭ
ވާނޭކަން މުސްކުޅިއަކަށް
ބިންމަތިން ފަސްގަނޑު ކަނޑާ
ކޮންމެ ފިޔަވަޅަކުން ތަން ފުނޑާ
ޒުވާނާ.
ނެތޭ ވިސްނުން، ނެތޭ ފިކުރެއް
ހަށީގައި ވަރުހުރި އެ ޒުވާނާ
ސިރާތުމަގެއް ވާކަން ނުވެސް އެނގެޔޭ
ތިމާގެ ހިޔާލު އެންމެ މޮޅޭ ހިތައިގެން
ހިލާ ވިސްނޭނެހޭ ހެޔޮގޮތް
އަމިއްލަ ތަދުން މެ ނޫން ގޮތަކަށް
ޒުވާނާ.
ދިރިއުޅުން ދުއްވާ މަޖާކަމުގައި
ރޭ ދުވާލާއި އަހަރުތައް
ފަރިވި ގުލްޝަންތައް ނަޔާ
ދާނޭ މިލައި ވާނޭ ފަނާ
ގެއްލި ފުރުސަތުތައް އެތައް
މުށުތެރެއިން ލޫދެމުން
ދާނެ މިސްރާބެއް ނެތި ޒުވާނާ
އެނބުރެމުން ގޮސް ސެނބުރެމުން
ނެތިފައި ފިކުރެއް އަޑުއަހަން
ދިންހާ ނަސޭހަތް
ޒުވާނާ.
ދޭ ނަސޭހަތް ނޭހިޔަސް
ވާނޭ ކަމަށް ފައިދާ ހިތަށް
ލީމެ ބާރެއް ދޭން
ފިލާވަޅު ހިކުމަތުން ފުރިފައިވާ
އޭ ޒުވާނާ، މޮޔަ ޒުވާނާ
ޒައްރެއްގެ ފެންވަރު ނެތް ޒުވާނާ
ހޯދަނީ ކޯއްޗެއް ކަލޭ؟
ބޭނުމީ ކޯއްޗެއް ކަލޭ؟
ނޭނގެއޭ ކަލެޔަށް އެކައްޗެއް
އެނގުނަކަސް ދޭއްޗެއް ތިނެއްޗެއް
އަޑުއަހާށޭ މަގޭ ކަނޑުކޮސް
ޒުވާނާ.
އެ ހިނދު ހީލައިފައި
ހަޖޫ ޖަހަމުން ޒުވާނާ ބުނެފިޔޭ
"މަށަކީ ކަލޭކަން ނޭގިގެންދޯއޭ މަލާމާތް ތިކުރަނީ؟"
ބުނެފައި އޮބައިފިޔެ ލޯކޮޅުން
އުދަރެހުން ގެއްލުނު އިރާއެކު
ދޫކޮށްފައި އަހަރެން އެކަނި
އަނދިރި ސަފުހާތަކެއްގެ މެދަށް
ހިޔަނީގައި ކަންކަން ސިފަކުރަން ނޭނގިފައި
ކަނުގައި އިނީމެ މަޑުކޮށްގެން
ފަތިހެއްގެ އުންމީދުގައި
އިއްޔެ މެންދުރުގެ
ޒުވާނާ.



advertisment