މިއަދުގެ ދުނިޔޭގައި މަޤްބޫލު ކާޓޫނު ފިލްމުތައް އުފެއްދުމަށް ބިލިއަނުން ޑޮލަރާއި ބޮޑެތި ސްޓޫޑިއޯތައް ބޭނުންވެއެވެ. ޕިކްސާއާއި ޖަޕާނުގެ އެނިމޭޝަން ސްޓޫޑިއޯތަކުގައި އުޅޭ އާޓިސްޓުންގެ ލަޝްކަރުތަކުން އެމީހުންގެ ޑިޖިޓަލް ޓެބްލެޓުތަކުގައި ފްރޭމުން ފްރޭމަށް މީހުން ބަލާހިތްވާނޭ ވާހަކަތައް ކުރެހުމުން ގެނެސްދިނުމަށް މިހާރުވެސް ރެޔާއި ދުވާލު ހޭދަކުރަމުން ދެއެވެ. އެނިމޭޝަން ނެތް ދުނިޔެ ތަޞައްވުރުކުރަން މިއަދު އުނދަގޫވާނެއެވެ. ސަބަބަކީ އެނިމޭޝަނާއި ދިރިއުޅުމާ ވަނީ ގުޅި ލާމެހިފައެވެ. އެނިމޭޝަނަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ވިޔަފާރިއެވެ. މިއަދުގެ މުޖުތަމަޢުތަކުގެ ކުޑަކުދިން ދުނިޔަވީ ޘަޤާފަތްތަކަށް ބައްޓަންކުރަނީ އެކުދިން ސްކްރީނުތަކުން ބަލާ ކާޓޫނުތަކެވެ.
ނަމަވެސް، ގާތްގަނޑަކަށް މީގެ ސަތޭކަ އަހަރެއްހާ ދުވަސްކުރިން އެނިމޭޝަނޭ ކިޔާ އެއްޗެއް ވުޖޫދަކަށް ނާދެއެވެ. ކުރަހާ ކުރެހުންތަކެއް ގޮތްގޮތަށް ހެލިފެލިވެ ހަރަކާތްކުރާ ގޮތަށް ހެދުމަކީ މީހުންގެ ސިކުނޑިއަށް އައި ކަމެއް ނޫނެވެ. އޭރު އެއީ މުނިފޫހިފިލުވުމުގެ ދާއިރާގެ ޅަފަތުގެ ދުވަސްވަރެވެ. ޕްރޮޖެކްޓަރުން އަޅުވާ ކުރު ފިލްމު ބަލަން އެކަމަށް ޚާއްޞަކޮށްފައި ހުންނަ ނިކަލްއޯޑިއަންތަކަށް މީހުން ޖަމާވަނީ ވަރަށް މަދު މިނެޓުކޮޅަކަށެވެ. އެ ޒަމާނަކީ ރޭލު ސްޓޭޝަންތަކުގައި ޖާދޫގެ ޝޯތައް ދައްކައިގެން މީހުން ކޮސްކޮށްލާ ޒަމާނެވެ. އޭރާ އަޅާބަލާއިރު އެއީ ވަރަށް ބޮޑެތި ކުރިއެރުންތަކެވެ. ނަމަވެސް އިންސާނުންނަށް އެމީހުންގެ އުފެއްދުންތެރިކަން ބޭނުންކޮށްގެން މީހުން މުނިފޫހިފިލުވަމުން ދިޔަ ގޮތްތަކަށް ގޮންޖަހާލީ އެމިލް ކޯލް ކިޔާ އާދަޔާ ޚިލާފު ކުރެހުންތެރިއެކެވެ.

އެމިލް ކޯލް، އުފަން ނަމުން އެމިލް އުޖީން ޖީން ލުއީ ކޯޓެޓް، އުފަންވީ 1857 ގައި ފަރަންސޭސިވިލާތުގެ ޕެރިހުގައެވެ. އޭނާ ބޮޑުވީ މުނިފޫހިފިލުވުމަށްޓަކައި ކެރިކެޗަރާއި ކުރެހުމާއި، ޖެއްސުމަށް އެއްޗެހި ކިޔުމާއި، މަޖާ، ޙަޤީޤަތާ ޚިލާފު ކަންތައްތައް މީހުންނަށް ގެނެސްދިނުން އާންމުވަމުން ދިޔަ މާޙައުލެއްގައެވެ. އެ ދުނިޔޭގައި މުނިފޫހިފިލުވުމުގެ ޞިނާޢަތުގައި އޭރު ރަސްކަންކުރަނީ ޖޯޖް މެލީސްއާއި ޗާލްސް ޕާތޭ ކަހަލަ މަޝްހޫރު މީހުންނެވެ. ޖޯޖް ދިޔައީ މީހުންގެ ލޯތައް ހައްލުވާލާ ފަދަ ޓްރިކް ފިލްމުތަކުން އޯޑިއަންސް އަންތަރީސްކުރުވަމުންނެވެ. އަނެއްކޮޅުން، ޗާލްސް އޭރު ގެންދިޔައީ ސިނަމާ ވިޔަފާރިއަކަށް ބަދަލުކުރަމުންނެވެ. އޭނާގެ ކުންފުނި، ޕަތޭ ފްރޭރެސްއިން ގިނަ އަދަދަކަށް ފިލްމު އުފައްދައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދެމުން ދިޔައެވެ.
އެމީހުންނާ ޚިލާފަށް އެމިލްއަކީ ޖޯޖް ފަދަ ޖާދޫގެ ހުނަރު ލިބިފައިވާ މީހެއް ނޫނެވެ. ޗާލްސް ފަދަ ވިޔަފާރިވެރިއެއްވެސް ނޫނެވެ. އޭނާއަކީ އާދައިގެ ކުރެހުންތެރިއެކެވެ. ފަންސުރުން ކުރަހާ މީހެކެވެ. ނަމަވެސް މިފަދަ އާދަޔާ ޚިލާފު މީހުންގެ މަސައްކަތުން އޭރު މުނިފޫހިފިލުވުމުގެ މަރުކަޒަކަށް ވަމުންދިޔަ ޕެރިސް ވެގެންދިޔައީ އެމިލްއަށް ފަންނީގޮތުން ކުރިއަރަން އެޅުނު ވަރުގަދަ ބިންގަލަކަށެވެ. މިއަދުގެ ދުނިޔޭގައި އޭނާ މަޝްހޫރުވެފައިވަނީ އެނިމޭޓަޑް ކާޓޫނުގެ ބައްޕަގެ ލަޤަބުންނެވެ.
އެމިލްގެ ޙަޔާތުގެ ފުރަތަމަ އަހަރުތައް ވަނީ ދަތި އުނދަގޫތަކުން ފުރިފައެވެ. އެމިލްގެ ބައްޕަ އޭނާގެ ޙަޔާތާ ވަކިވީ އޭނާ ވަރަށް ޅައިރުގައެވެ. އެ ހިސާބުން ފައިސާގެ ދަތިކަމާ ގަވާއިދުން އޭނާއަށް ކުރިމަތިލާން ޖެހުނެވެ. ނަމަވެސް ކުޑައިރުން ފެށިގެންވެސް އޭނާގެ ކިބައިގައި އާދަޔާ ޚިލާފު ކުރެހުމުގެ ހުނަރެއް ހުންނަކަން އޮތީ ފާހަގަވެފައެވެ. ކޮންމެ ޙާލެއްގައިވެސް ކުރެހުމަށް ހިތްވަރުދެމުން ގެންދިޔައީ އޭނާގެ މަންމައެވެ.

އޭނާ ފުރާވަރުގައި މަޝްހޫރު އެންޑްރޭ ގިލްގެ ދަށުން ކުރެހުމުގެ ފަންނު ދަސްކުރުމަށް ފުރުޞަތު ލިބުނެވެ. އެންޑްރޭއަކީ އޭރު ޕެރިހުގެ އެންމެ މަޝްހޫރު އެއް ކެރިކެޗަރިސްޓެވެ. އެންޑްރޭއަކީ އޭރު ފްރާންސްގެ ބޮޑުންނަށް ތިބޭ މީހުންނަށް ފާޅުގައި ފާޑުކިޔާ ނުކިޔަމަންތެރިކަން ހާމަކުރުމަށް އޭނާގެ ކާޓޫނު ކުރެހުން ބޭނުންކުރާ، އާދަޔާހިލާފަށް ކެރޭ މީހެކެވެ. އެންޑްރޭ ކައިރީގައި އެމިލް މަސައްކަތްކުރުމުން އެންޑްރޭގެ ކިބައިގައި ހުރި ނުކިޔަމަންތެރިކަން ފާޅުކުރުމުގެ ރޫޙު އޭނާގެ ކިބައިގައި އަށަގަނެގެން ދިޔައެވެ. ކުރެހުމަކީ ބޭއިންސާފަށް މަޖާކޮށް ފާޑުކިޔަން ގެންގުޅެވިދާނެ ވަސީލަތެއްކަން އޭނާއަށް އެނގުނެވެ.
އެންޑްރޭ ކައިރިން ދަސްވެނިވެގެން 1880 ތެރޭގައި އެމިލް ކަންކަމަށް ހަޖޫޖަހާ މަޖައްލާތަކުގައި އޭނާގެ ކާޓޫނު ޝާއިޢުކުރަން ފެށިއެވެ. އޭރު މަޝްހޫރުވެގެން އައި "އިންކޮހެރެންޓް މޫވްމަންޓް"ގެ ބައިވެރިއަކަށް ވެސް އެމިލް ވިއެވެ. މިއީ ޙަޤީޤަތެއް ނެތް، ޚިޔާލީފޮލާ ޤަބޫލުކުރާ އާޓިސްޓުންތަކެއް އެކުލެވިގެންވާ ގްރޫޕެކެވެ. މި މަޖާ އިންޤިލާބުގެ ތެރެއިން ހަގީގަތަށް ނުފެތޭ، ޚިޔާލީ، އާދަޔާ ޚިލާފު ކަންތަކަށް އޭނާގެ ލޯ ހުޅުވިގެން ދިޔައެވެ. މި ކަންތައް ވެގެންދިޔައީ އެމިލްއަށް ސިނަމާއަށް ތައްޔާރުވުމަށް އެޅުނު ރަނގަޅު ފިޔަވަޅަކަށެވެ. އޭރު ސިނަމާވެސް އައީ މަޑުމަޑުން މަޝްހޫރުވަމުންނެވެ.

އެތަކެއް ތަޖުރިބާތަކެއް ކަޑައްތުކުރުމަށް ފަހު ގޯމޮންޓް ސްޓޫޑިއޯއާ އެމިލް ގުޅުނީ 1907 އަހަރުއެވެ. އެތާނގައި އޭނާ ފިލްމުގެ މެކޭނިކްސް ދަސްކުރިއެވެ. އޭރު މުނިފޫހިފިލުވައިދޭ ޞިނާޢަތް ވަނީ މީހުންގެ ތެރޭގައި މަޤްބޫލުވާން ފަށައިފައެވެ. ފިލްމުތައް ބަދަލުވަމުންއައީ މަންޒަރުތަކުން ވާހަކަ ކިޔައިދޭ ވަސީލަތަކަށެވެ. އޭރު މީހުން އެދެމުންދިޔައީ އެމީހުންގެ އާދައިގެ ދިރިއުޅުމުގެ ފޫހިކަމުން ބޭރުވެ، ޖާދުލުންނާއި ޚިޔާލީ ވާހަކައިން އެމީހުންގެ ސިކުނޑިއާއި ޖަޒުބާތުތައް ހޭލައްވާލާނެ ކަހަލަ ކަންތައް ފިލްމުން ބަލައިލާށެވެ. ފިލްމުތަކުގެ ޒަރިއްޔާއިން ބެލުންތެރިން ގެންދިޔައީ އުފެއްދުންތެރި ސްޓޮޕް މޯޝަންއާއި ޑަބަލް އެކްސްޕޯޝަރ އަދި ފަހަތުގައި ކުރަހާފައިވާ މަންޒަރުތައް ތަޖުރިބާކުރަމުންނެވެ.
އެމިލް ގޯމޮންޓް ސްޓޫޑިއޯއާ ގުޅުނުތާ އެއް އަހަރު ފަހުން، މީގެ 117 އަހަރު ކުރިން، 17 އޮގަސްޓު 1908 ގައި އޭނާގެ އެނިމޭޓަޑް ފިލްމު "ފަންޓަސްމަގޮރީ" ނުކުތެވެ. މި ދެ މިނެޓުގެ ކުރު ފިލްމުގައި ދައްކަނީ ކަޅު ބެކްގްރައުންޑެއްގައި ހުދު ޗޯކުން ކުރަހައިފައިވާ ކުރެހުންތަކެއް އުޅޭތަނެވެ. އެ އެނިމޭޝަންތަކާއި ފެންނަ ތަކެއްޗާއި ކެރެކްޓަރުތައް ފިލްމު ނިމެންދެން ދަނީ ބަދަލުވަމުންނެވެ. އޭގެން ފެންނަ ކުޅަނދުރެއް ފުޅިއަކަށް ބަދަލުވެއެވެ. އަހެއް މާތަކަކަށް ބަދަލުވެއެވެ. މިއީ އެހާތަނަށް މީހުން ނުދެކޭ ފަދަ މަޖާ، ޚިޔާލީ އުފެއްދުންތެރިކަން ދައްކުވައިދޭ މުޅިން އާ އެއްޗެކެވެ.

ތާރީޚުގައި "ފަންޓަސްމަގޮރީ" އަކީ ދުނިޔޭގެ ފުރަތަމަ ޙަޤީޤީ އެނިމޭޓެޑް ކާޓޫނެވެ. މި އުފެއްދުމުން އެމިލް މުޅި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީއަށް އަންނަން އޮތް އިންޤިލާބު ގެނެސްދިނެވެ. ފުރަތަމަ ފަހަރަށް، ކުރަހައިފައިވާ ރޮނގުތަކެއް އޭގެ ޒާތުގައި ދިރުމެއް ވާހެން ހީވާ އެކްޓަރުންތަކަކަށް ވެގެންދިޔަތަން މީހުންނަށް ފެނުނެވެ.
އެމިލް އީޖާދުކުރީ ޓެކްނިކެއް ނޫނެވެ. އޭނާ ވުޖޫދަށް ގެނެސްދިނީ ސިނަމާ ވާހަކަ ދައްކާނެ އާ ބަހެކެވެ. އޭނާ ދުނިޔެއަށް ދައްކުވައިދިނީ އެނިމޭޝަން ބޭނުންކޮށްގެން ހިތުގައިވާ ކަންތައްތައް ޙަރަކާތުން ދައްކާލެވޭނެ ކަމެވެ. އަހަރެމެންގެ އުފެއްދުންތެރިކަމުގެ ޙައްދަކީ އަހަރެމެން އަމިއްލައަށް ކަނޑައަޅައިފައިވާ އެއްޗެއްކަމެވެ.
"ފަންޓަސްމަގޮރީ" ޕެރިހުގެ ސްކްރީންތަކުގައި ދައްކާތާ ސަތޭކައަށްވުރެ ގިނަ އަހަރު ވެއްޖެއެވެ. އޭގެ ފަހުން ނުކުތް ހުރިހާ ކާޓޫނެއްގައިވެސް- މިކިކީ މައުސްއިން ފެށިގެން މިޒަމާނުގެ އެނިމޭއާ ހަމައަށް އައިއިރުވެސް އެމިލް ކާޓޫނަށް ގެނެސްދިން މަޖާ ރޫޙުގެ އަސަރު ކޮންމެވެސް ސިފައެއްގައި ހުރެއެވެ.
މިއަދު، އެނިމޭޝަނަކީ މީހުން ހައިރާންކޮށްލާ އެއްޗެއް ނޫނެވެ. އެއީ އާންމު އެއްޗެކެވެ. އެއީ ކޮންމެ ތަނެއް ބަލައިލިކަމުގައި ވިޔަސް ފެންނާނެ އެއްޗެކެވެ. ނަމަވެސް އެނިމޭޝަނަކީ ކުރެވިދާނެ ކަމެއްކަން ފުރަތަމަ ސާބިތުކޮށްދިނީ އެމިލް އެވެ. ރޮނގުތަކަކަށް ގެނައި ދިރުމުން އޭނާ މި ދުނިޔެއަށް އުފަންކުރީ އޭނާގެ ޝަޚްޞީ މިޒާޖެވެ. އޭނާގެ ކަޅު ބެކްގްރައުންޑުގައި އެނބުރެމުންދިޔަ ކުޅަނދުރުން ފެށިގެން މިއަދު ޑިޖިޓަލް ދުނިޔޭގެ ސްކްރީންތަކުން ފެންނަ ފުޅާ މަންޒަރުތަކާ ހަމައަށް އަހަރެމެންނަށް ހަނދާންކޮށްދެނީ ގަދަ ކަންތައް ގިނަ ފަހަރު ފެށެނީ އެންމެ އާދައިގެ ކުރެހުމަކުން ކަމެވެ.



advertisment