Support Us

އިނގިރޭސި ހާރިޖީ ވަޒީރު ޑޭވިޑް ލެމީ (ކ)، އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވާންސްއާއެކު ޗީވަނިން ހައުސްގައި މަހުގެ ބާވަތެއް ކަމަށްވާ ކާޕް (ވަކި ފޮޓޯގައި) ބޭނުމަށް މަސައްކަތް ކުރައްވަނީ

ހުއްދަ ނެތި ދޮށި އުކުމުން އިނގިރޭސި ހާރިޖީ ވަޒީރު ޖޫރިމަނާ

 

ޑިޕްލޮމެޓިކް ޗުއްޓީއެއްގައި ނަމަވެސް އިނގިރޭސި ހާރިޖީ ވަޒީރު ޑޭވިޑް ލެމީ އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވާންސްއާއެކު، ދޮށި ގެންގުޅުމުގެ ހުއްދަ ނެތި ދޮށި އުކުމުން އެތައް ހާސް ޕައުންޑެއްގެ ޖޫރިމަނާއަކާ ޑޭވިޑް ކުރިމަތިލުމުގެ ފުރުސަތަށް ހުށަހެޅިއްޖެއެވެ.

އިނގިރޭސި ވިލާތަށް ކުރައްވައި ދަތުރެއްގައި ވާންސް އާއި އޭނާގެ އާއިލާ، އިނގިރޭސި ހާރިޖީ ވަޒީރުން ސަގާފީ ގޮތުން މަސް ބާނާ ތަނެއް ކަމަށްވާ ޗީވަނިން ހައުސްގައި ހުންނަވަނިކޮށް އޭނާ އާއި ޑޭވިޑް ވަނީ ދޮށިތަކެއް ހިފައިގެން ތިއްބައި މިދިޔަ ހަފުތާގައި ފޮޓޯތަކަށް އަރައިފައެވެ.

ދެ މީހުން ވެސް އެއްބަސްވެވަޑައިގަތީ، މާލޭގެ ސަލްޓަން ޕާކްގެ ފެންގަނޑުގައި ވެސް ހުންނަ ކާޕް ނަމަކަށް ކިޔާ ބާވަތުގެ މަސް ބާނަން، ދެ މީހުން އެ ދެ މީހުންގެ ދަރިންނާއެކު އުޅުއްވި ކަމަށާއި ނަމަވެސް އެއްވެސް ކާޕެއް ނުބޭނުނު ކަމަށެވެ.

"ނަސީބު ދެރައީ ދެ ގައުމުގެ ދެމެދުގައި އޮންނަ 'ހާއްސަ ގުޅުމަ’ށް ކުރި ހަމައެކަނި ނޭދެވޭ އަސަރަކީ އަހަރެންގެ ހުރިހާ ދަރިންނަށް މަސް ބޭނުނުއިރު ހާރިޖީ ވަޒީރަށް އެކައްޗެއް ވެސް ނުބޭނުނުކަން،" ޑޭވިޑްއާއެކު ބޭއްވެވި ބައްދަލުކުރެއްވުން ފައްޓަވަމުން ވާންސް ވިދާޅުވިއެވެ.

ޔުނައިޓެޑް ކިންގްޑަމް (ޔޫ.ކޭ)ގެ ދައުލަތުގެ ބައެއްގެ ގޮތުގައި ބަލާ ދެ ގައުމު ކަމަށްވާ އިންގްލެންޑާއި ވޭލްސްގައި، ދޮށި ގެންގުޅުމުގެ ރަސްމީ ހުއްދައެއް އުމުރުން 13 އަހަރުން މަތީގެ ކޮންމެ މީހަކަށް އޮންނަން ޖެހެއެވެ. އެއީ އަމިއްލަ ތަނެއްގައި މަސް ބޭނި ނަމަވެސް މެއެވެ. ބެލެވޭ ގޮތުގައި ޑޭވިޑް އަދި ވާންސްގެ އަތުގައި ވެސް އެ ވަގުތު މި ފަދަ ލައިސަންސެއް ނެތެވެ.

އިނގިރޭސި ވިލާތުގެ ތިމާވެއްޓާ ބެހޭ އިދާރާ، އެންވަޔަރަންމަންޓް އެޖެންސީގެ ގަވައިދުގައިވާ ގޮތުން ލައިސަންސެއް ނެތި މަސް ބާނައިފި ނަމަ ގިނަވެގެން 2،500 ޕައުންޑް (3،388 ޑޮލަރު ނުވަތަ 52،224 ރުފިޔާ)ގެ ޖޫރިމަނާއަކާ ކުރިމަތިލާން ޖެހިދާނެއެވެ.

މި ތަޖުރިބާއަށް ބައްލަވައިފައި ޑޭވިޑް މިހާރު ވަނީ ދޮއްޓެއް ބައްލަވައިގަންފައެވެ. އަދި ކުރިން ކުރެއްވުނު ކުށުގެ މައުލޫމާތު އެ އެޖެންސީގެ ސަމާލުކަމަށް ގެންނަވައިފައެވެ.

އިނގިރޭސި ހާރިޖިއްޔާގެ ތަރުޖަމާނަކު ބުނީ ލައިސަންސްތައް ނުނެގުނީ "އެޑްމިނިސްޓްރެޓިވް އޯވަސައިޓް" ނުވަތަ އިދާރީ ގޮތުން ކަންތައްތައް ސަމާލުކަމުން ކައްސައިލައިގެން ދިޔައިމާ ކަމަށެވެ. އަދި މި "އެޑްމިނިސްޓްރެޓިވް އެރާ" ނުވަތަ އިދާރީ ކުށް ކުރެވުނުކަން އެނގިވަޑައިގަތުމާއެކު، ދޮއްޓަށް ބޭނުންވާ ލައިސަންސްތައް ޑޭވިޑް ބައްލަވައިގަތް ކަމަށެވެ.

"އޭނާ ވަނީ އެ ކުށުގެ މައުލޫމާތު ލިޔުމަކުން އެންވަޔަރަންމަންޓް އެޖެންސީއަށް އަންގަވައިފައި. އަދި މި ކުށް އިސްލާހު ކުރެވޭނެ ގޮތް ދޭހަކޮށްދެއްވައިފައި. މީގެ އިތުރުން އިނގިރޭސި ވިލާތުގެ މަސްވެރިކަން ރައްކާތެރި ކުރުމަށް އެ އެޖެންސީން ކުރާ މަސައްކަތަށް ޝުކުރު އަދާކުރައްވައިފައި،" ތަރުޖަމާނު ބުންޏެވެ.

އިންގްލެންޑްގެ ސަރަހައްދެއް ކަމަށްވާ ކޮޓްސްވޮލްޑްސްގައި އަދިވެސް ޗުއްޓީގައި ހުންނެވި ވާންސް ޗީވަނިންގައި ޑޭވިޑްއާ ބައްދަލުކުރެއްވީ ސިލްސިލާ ޑިޕްލޮމެޓިކް މުއާމަލާތްތަކެއްގެ ބައެއްގެ ގޮތުގައެވެ. ދެ މީހުންގެ މުޅި ގްރޫޕުން ބޭނި ހުރިހާ މަހެއް ފަހުން ވަނީ ފެންގަނޑަށް ދޫކޮށްލައްވައިފައެވެ.

ވެރިކަން ކުރާ ލޭބާ ޕާޓީގެ މަސްދަރަކުން ބުނީ މި މައްސަލައިގައި "ފިޝީ" ކަމެއް ނެތް ކަމަށެވެ. މާނައަކީ މި ހާދިސާއަކީ ކުށެއް ނޫން ކަމަށެވެ. މަޖާޒީ ގޮތުން މި ބުނެވުނު ބަހުގެ މާނައަކީ މިއީ "އިތުބާރު ނުހިފޭ މީހަކާ"އި "ކުނި ވަސް ދުވާ، ތާޒާ ކަމެއް ނެތް މަހެއް" ހިމެނޭ ހާދިސާއެއް ނޫން ކަމަށެވެ.

"ހާރިޖީ ވަޒީރަކީ އެހާ މަސްވެރިކަމަށް ފަރިތަ މީހެއް ނޫން ނަމަވެސް އޭނާ އެ ވަނީ 'ބޮޑު ޑިޕްލޮމެޓިކް މަހެއް' ބާނާފައި. އެއީ ޗީވަނިންގައި ހަފުތާބަންދެއް ހޭދަކޮށްލެއްވުމަށް ނައިބު ރައީސު ގެންނެވުމުން،" ލޭބާގެ އޮފިޝަލް ބުންޏެވެ.

އިދާރީ ކުށް އެނގިވަޑައިގަތުމާއެކު، ގާނޫނު މަޖުބޫރު ކުރައްވާ ހުއްދަތައް ހޯއްދެވި ކަމަށާއި އެ ކަން އެންވަޔަރަންމަންޓް އެޖެންސީއަށް އެންގެވި ކަމަށާއި އެއީ މި މައްސަލައިގައި ޑޭވިޑް އިތުރަށް "ނުބޭނުމަށް" ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"އަހަރެމެންގެ ކޯރުތަކާއި ދޮށީގެ މަސްވެރިކަމުގެ ކުޅިވަރަށް ލޯބި ކުރާ ފަރާތްތަކުގެ ކުރިއެރުމަށްޓަކައި މަސް ބާނާ ކޮންމެ މީހަކަށް ވެސް ހުއްދައެއް ބޭނުންވޭ. ބޭނުންވާ ލައިސަންސްތައް ބައްލަވައިގަންފިކަން އަހަރެމެންނަށް ވަނީ އަންގަވައިފައި،" އެންވަޔަރަންމަންޓް އެޖެންސީގެ ތަރުޖަމާނަކު ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *