Support Us

ކެޔޮނިރު ކޮލަމް

އެންމެ ފުރަތަމަ އިސްލާހްކުރަން ޖެހެނީ ރައްޔިތުންގެ މަޖުލިސް

އާބާދީގައި ހަތަރު ލައްކަ މީހުން ހަމަނުވާ މި ކުޑަކުޑަ ދިވެހި ރާއްޖޭގެ ޕާލިމެންޓް ނުވަތަ މަޖުލީހުގައި 85 މެމްބަރުން ތިއްބަވާއިރު އާބާދީގެ ގޮތުން ރާއްޖެއާ ކައިރި ކުރާ، ޖަޒީރާ ޤައުމެއް ކަމުގައިވާ މޯލްޓާގެ މަޖުލީހުގައި ތިބެނީ 69 މެމްބަރުންނެވެ. ރާއްޖެއަށްވުރެ އާބާދީ ދެގުނަ، ޖަޒީރާ ޤައުމެއް ކަމުގައިވާ ފީޖީގެ މަޖުލީހުގައި ތިބެނީ އެންމެ 50 މެމްބަރުންނެވެ. އިގްތިސޯދީ ނަމޫނާއެއް ކަމަށް ރާއްޖޭގެ ގިނަބަޔަކު ބަލާ ސިންގަޕޫރުގެ އާބާދީ 5 މިލިއަނަށް އަރައެވެ. ނަމަވެސް ސިންގަޕޫރުގެ ރައްޔިތުންގެ މަޖުލީހުގައި ތިބެނީ 99 މެމްބަރުންނެވެ. އެއޮއް ފަދަ ބޮޑު – އާބާދީ 325 މިލިއަނަށް އަރާ – އެމެރިކާގެ މަތީގެ ނުވަތަ ސެނެޓްގައި ތިބެނީ ކިތައް ސެނެޓަރުން ނުވަތަ ކިތައް މެމްބަރުންކަން އެނގޭތޯއެވެ؟ އެންމެ 100 ސެނެޓަރުންނެވެ! ވީއިރު ރާއްޖެ ފަދަ، އާބާދީގައި ބައި މިލިއަން ވެސް ހަމަނުވާ ކުޑަކުޑަ ޤައުމެއްގެ ރައްޔިތުންގެ މަޖުލީހަށް 85 މެމްބަރުން މަދުތޯއެވެ؟

ރައްޔިތުންގެ މަޖުލީހުގެ އިދާރީ ބަޖެޓުގެ އިތުރުން، ކޮންމެ މެމްބަރަކަށް މުސާރަ އާއި އިނާޔަތްތަކާއި އެކު މަހަކު އެވްރެޖްކޮށް އެއް ލައްކަ ރުފިޔާ ހިނގައެވެ. މިހާ ބޮޑު ހަރަދެއް ކޮށްފައި މަޖުލިސް މެމްބަރުން ތިބޭއިރު، ގިނަ މެމްބަރުންނަކީ ހިތަށް އެރި ދުވަހަކު ޖަލްސާތަކަށް ގޮސް ހިތަށް އެރި ދުވަހަކު ޗުއްޓީއަށް ގޮސް، ގިނަ ވަގުތު އަމިއްލަ ވިޔަފާރި ހިންގަން އުޅޭ މީހުންނެވެ. ޖަލްސާ އަކަށް ދުވަހަކު ނުދިޔައަސް ފުލް މުސާރަ ލިބެއެވެ. ވީއިރު ރާއްޖޭގެ އާބާދީ އިތުރުވާ ނިސްބަތުން މެމްބަރުންގެ އަދަދު އިތުރުވާނަމަ މަދު އަހަރު ތަކެއް ތެރޭ 325 މިލިއަނުގެ އާބާދީއެއް އޮންނަ އެމެރިކާގެ ސެނެޓަށް ވުރެ ރާއްޖޭގެ މަޖުލީހުގައި މެމްބަރުން ގިނަވެދާނެއެވެ.

މިހާރު ޤާނޫނު އޮންނަ ގޮތުން ނަމަ އާބާދީގެ ކޮންމެ 5000 މީހަކަށް މެމްބަރެއް ހުންނަން ޖެހެއެވެ. މިއަދަދު ހަޤީގަތުގައި ދިހަ ހާހަށް ބޮޑުކޮށް، އާބާދީގެ ކޮންމެ ދިހަ ހާސް މީހަކަށް މެމްބަރަކު ހުންނަން ޖެހޭ ގޮތަށް ހަދަން ޖެހެއެވެ. ހަމަ އެފަދައިން އާބާދީ އިތުރުވާ މިންވަރުން މަޖުލިސް މެމަބަރުން އިތުރުވުން ވެސް ކޮންމެ ދިހަ އަހަރަކުން އެޖަސްޓް ކުރާގޮތަށް ބޭއްވުން ފެނެއެވެ. ބޭނުމަކީ ކޮންމެ އަހަރަކު އެއްފަހަރު، އާބާދީ އިތުރުވާ ނިސްބަތުން މެމްބަރުން އިތުރުވުމުން ދިމާވާ ދަތިތަކާއި ހަރަދުތައް ކުޑަކުރުމެވެ.

މަޖުލިހުގެ ދާއިރާތައް ކަނޑައެޅުމުގައި ދެރަށެއްގެ ދެބަޔަކަށް ނިސްބަތްކޮށް އެއް މެބަރަކު ހުރުމަކީ ވެސް ދެކޮޅު ނުޖެހޭ ދަތި ކަމެއް ކަމަށް ފެނެއެވެ. މިސާލަކަށް ހުޅުހެންވޭރު ދާއިރާ ނިސްބަތް ވަނީ މާލޭގެ ހެންވޭރުން ބަޔަކާއި ހުޅުމާލެއަށެވެ. ދާއިރާ ކަނޑައެޅުމުގައި ރާއްޖޭގެ 19 އަތޮޅަކީ 19 ދާއިރާ ކަމަށް ކަނޑައަޅައި، ކޮންމެ އަތޮޅަކަށް، އާބާދީގެ ނިސްބަތުން މެމްބަރުންގެ އަދަދު ކަޑައަޅައި، މުޅިއަތޮޅު އެންމެން އެހުރިހާ މެބަރުންނަށް ވޯޓުލާ ގޮތް ހެދުމަކީ ތަރައްގީއަށް މާބޮޑަށްވެސް ފައިދާ ކުރާނެ ގޮތެއް ކަމަށް ފެނެއެވެ. ރަށެއްގެ ކޮންމެވެސް ދިމާލަކުން 5000 މީހެއްގެ ދާއިރާ ކަނޑައަޅައި، މިސާލަކަށް ހިތަދޫ އުތުރު ދާއިރާއޭ ކިޔާފަ މެމްބަރަކު ހޮވުމުން އެ މެމްބަރަކަށް އެދާއިރާއަށް ކޮށްދެވޭނެ މާބޮޑު ކަމެއް ނޯވެއެވެ. އޭގެ ބަދަލުގައި މިސާލަކަށް އައްޑޫ ސިޓީގެ 7 މެމްބަރުންނަކީ މުޅި އަތޮޅުގެ އެންމެން ވޯޓުލައިގެން ހޮވާ ބަޔަކަށް ވެއްޖެ ނަމަ އެ 7 މެމްބަރުން ކުރެ ކޮންމެ މެމްބަރަކީ ވެސް މުޅި އަތޮޅަށް ނިސްބަތްވާ މެމްބަރަކަށް ވެފައި، 7 މެމްބަރުން ގުޅިގެން އަތޮޅުގެ ތަރައްޤީ އަށް މަސަތްކަތް ކުރުމުގެ ރޫހާއި ހިތްވަރު އިތުރުވެ، އެއްބައިވަންތަ ކަމުގެ ރޫހު ވަރުގަދަވާނެ ކަމަށް ޤަބޫލް ކުރެވެއެވެ.

މިފަދައިން ރާއްޖޭގެ ރައްޔިތުންގެ މަޖުލީހުގެ މެމްބަރުގެ އަދަދު ހިފެހެއްޓުމެއްނެތި އިތުރުވަމުން ދިއުން ނިމުމަކަށް ގެނެސް، ދާއިރާތައް ކަނޑައެޅުމުގެ ގާނޫނު މަތީގައިވާ ގޮތަށް ބަދަލުކޮށް، ރައްޔިތުންގެ މަޖުލީހަކީ ކުޑަ، އެފިޝެންޓް، ނަޒާހަތްތެރި ތަނަކަށް ހެދުމުގެ ބަދަލުގައި މިހާރުވެސް އަޑުއިވެނީ ކޮންމެ 3500 މީހަކަށް މެމްބަރަކު ހުންނަ ގޮތަށް ގާނޫނު ބަދަލުކުރަން އުޅޭ ވާހަކައެވެ. އެފަދައިން އަމަލު ކޮށްފިނަމަ މަޖުލިހުގެ ބަޖެޓް އިންތިހާއަށް ބޮޑުވެ، މުޅި ޤައުމު އިތުރަށް ސިޔާސީވުން ނޫންކަމެއް ނުވާނެއެވެ.

ރާއްޖޭގެ ޖުޑީޝަރީ އިސްލާހުކުރާ ވާހަކަ އާއި ބްރޯޑްކާސްޓިންގ ކޮމިޝަން ފަދަ މިނިވަން މުއައްސަސާތައް އިސްލާހް ކުރާ ވާހަކަ ދައްކާއިރު ރައްޔިތުންގެ މަޖުލިސް އިސްލާހް ކުރާ ވާހަކަ ދައްކާ ބަޔަކު ވަރަށް މަދުން ނޫނީ ނުފެނެއެވެ. ސިޔާސީ މައިދާނުގައި އިސް ދައުރެއް އަދާކުރަނީ ރައްޔިތުންގެ މަޖުލިސް މެބަރުން ކަމަށް ވުމާއި އެކު، އެ މެމްބަރުން އަމިއްލައަށް އަމިއްލަ މަޖުލިސް އިސްލާހް ކުރާ ވާހަކަ ދައްކަން ފަސްޖެހޭނެއެވެ. އެއީ އިންސާނީ ތޮބީއަތެވެ. ނަމަވެސް ޤައުމަށް ހެޔޮއެދޭ ކޮންމެވެސް ބަޔަކު މިކަމަށް އިސްނަގަން ޖެހެއެވެ. ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެސް މަތީގައިވާ ފަދަ ހެޔޮ ބަދަލުތަކެއް ގެނެސް މަޖުލިސް މެމްބަރުން ޒިންމާދާރު ކުރުވަން މަސައްކަތް ކުރައްވަން އެބަޖެހެއެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ބޮޑަށް ބޮއްސުންލައިގެން ގޮސްފައިވަނީ ޖުޑިޝަރީއެއްވެސް ނޫނެވެ. ރައްޔިތުންގެ މަޖުލީހެވެ. ނަމަވެސް މަޖުލިސް މެމްބަރުން މި ހަޤީގަތް ޤަބޫލެއް ނުކުރާނެއެވެ.

 

ރާއްޖޭގެ ރައްޔިތުންގެ މަޖުލިސްގެ މެމްބަރުންގެ އަދަދު މަދު ކޮށް، ކޮންމެ ދިހަ ހާސް މީހަކަށް މެމްބަރެއް ކަމުގައި ހަދައި، ޖަލްސާތަކަށް ހާޒިރުނުވާ މެމްބަރުންގެ މުސާރައިން ވަކި ވަރެއް އުނިކޮށް، ދާއިރާތައް ކަނޑައެޅުމުގައި މުޅި އަތޮޅަކީ އެއް ދާއިރާ ކަމަށް ހަދައި، އަތޮޅުގެ އެންމެން އެއަތޮޅުގެ މެމްބަރުން ހޮވަން ވޯޓުލާ ގޮތަށް ހަދައި، މަޖުލިސް އާއި މަޖުލިސް މެމްބަރުން ޒިއްމާދާރު ކުރުވިގެން މެނުވީ ރާއްޖެ އިސްލާހެއް ނުވާނެއެވެ. ތަރައްޤީ އެއް ނުވާނެ އެވެ. މިހަޤީގަތް ކޮންމެވެސް ބަޔަކު ޤަބޫލްކޮށް އަވަސް ފިޔަވަޅު ތަކެއް އަޅަން އެބަޖެހެއެވެ. ރައްޔިތުންގެ މަޖުލިސް ޒިއްމާދާރު ކުރުވައި ރައްޔިތުންގެ  މަޖުލިސް އިސްލާހް ކުރުން އަވަސް ކުރަން އެބަޖެހެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
5

2 Responses

  1. ތިމާމެންގެ އަމިއްލަ ބާރުގެ ދަށަށް މުސާރަ އަމިއްލައަށް އަތުލައިގެން އުޅޭބައެއް އިސްލާހުކުރެވޭނެ ގޮތެއް ނޯންނާނެ. މާބޮޑު ޢިއްޒަތެއް އޮންނަނީއޯ. އެ އިއްޒަތް ހޯދެނީ އަބުރު ސްޓޭޖެއްގެ މަތިން ވައްޓާލައިގެން. މެމްބަރުކަން ގެއްލޭއިރަށް ޢިއްޒަތް ގެއްލޭ އަބުރު ހިފަހައްޓަން ނޭނގޭ ބައެއް މިނޫނީ އުޅޭތަ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *