Support Us

އިންސާނީ އެހީ ދިނުމުގެ ދުނިޔޭގެ އެންމެ ބޮޑު ޖަމާއަތް ކަމަށްވާ އދ.ގެ "ވޯލްޑް ފުޑް ޕްރޮގްރާމް" (ޑަބްލިޔު.އެފް.ޕީ ނުވަތަ "ދުނިޔޭގެ ކާބޯތަކެތީގެ ޕްރޮގްރާމް"(ގެ އޮފިޝަލަކު ޣައްޒާގެ ރަށްވެހިންނާއެކު

އެހީ ދިނުމުގެ ހުރަސްތަކުގެ ސަބަބުން ޣައްޒާގެ ބަނޑުހައިހޫނުކަމުގެ ކާރިސާ ހައްދުންމައްޗަށް

ޣައްޒާގެ އިންސާނީ ހާލަތް ހަލުއި މިނެއްގައި ދަށަށް ދަމުންދާ ކަމަށް އދ. އާއި އެހީ ދޭ ޖަމާއަތްތަކުން އަނެއްކާވެސް އިންޒާރު ދީފިއެވެ.

"ޣައްޒާގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ ފުޅާ ދާއިރާއެއްގައި ބަނޑުހައިހޫނުކަން ފެތުރިފައި،" އދ.ގެ އޮފިޝަލަކު ބުންޏެވެ.

ސިއްހަތަށް ބޭނުންވާ އަސާސީ ކާނާ ނުލިބުމުގެ ސަބަބުން އެތައް ބަޔަކު މަރުވަމުންދާ ކަމަށާއި އޭގެ ތެރޭގައި ފާހަގަ ކޮށްލެވެނީ ކުޑަކުދިން ކަމަށް ނޫސްތަކުން ރިޕޯޓްކުރެއެވެ. ސަބަބަކީ ޣައްޒާއަށް އިންސާނީ އެހީ ވެއްދުން ހަނިކުރުމުގެ އިތުރުން އިސްރާއީލުން ހުރަސް ވެސް އަޅައިފައިވާތީއެވެ.

ރަސްމީ އަދި ނުރަސްމީ އިދާރާތަކާއި ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތަށް ބަލައިފި ނަމަ ޣައްޒާގެ ބަނޑުހައިހޫނުކަމުގައި މިހާތަނަށް 200 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

ޣައްޒާގައި އިސްރާއީލުން ފުޅާ ކުރަމުންދާ އަސްކަރީ އޮޕަރޭޝަންތައް ބައިނަލްއަގުވާމީ ދުނިޔެއިން ކުށްވެރި ކުރުން ދަނީ ވަރުގަދަ ކުރަމުންނެވެ.

މީގެ އިތުރުން އެހީ ދޭ ޖަމާއަތްތަކުގެ ހިންގުމަށް އިސްރާއީލުން އަޅަމުންދާ ހުރަސްތައް ވެސް އެ ފަރާތްތަކުން ކުށްވެރި ކުރުން ދަނީ ވަރުގަދަ ކުރަމުންނެވެ.

ޣައްޒާ ހަނގުރާމަ ހުއްޓައިލައި އެ ތަނަށް ވަގުތުން އެހީ "ބަންޑުން ޖަހައިލުމަށް" 25 ގައުމެއްގެ ހާރިޖިއްޔާއިން ވަނީ ގޮވައިލައިފައެވެ. އެއީ އިނގިރޭސި ވިލާތް، ފްރާންސް އަދި ޖަޕާންގެ ހާރިޖީ ވުޒާރާ ވެސް ހިމެނޭ ގޮތަށް ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

"މިއީކީ މިހާރު ހަމައެކަނި ބޯމަތިވަމުންދާ ބަނޑުހައިހޫނުކަމުގެ އިހުސާސް ("ހަންގާ") ހަށިގަނޑަށް ކޮށްލެވޭ ކަހަލަ ކާރިސާއެއް ނޫން. މިއީ ބަނޑަށްޖެހިފައިވާކަން ("ސްޓާވޭޝަން") ކުރިމަތިވެފައިވާ ކާރިސާއެއް،" އދ.ގެ އިންސާނީ އެހީއާ ބެހޭ އިދާރާގެ ވިލަރެސްކުރާ ސެކްޝަންގެ ޑިރެކްޓަރު ރަމޭޝް ރާޖަސިންގަމް ބުންޏެވެ.

"އިންސާނީ ހާލަތް މިހާރު ވަނީ ބިރުވެރިކަމުގެ އިންތައް ފަހަނަޅައި ގޮސްފައި. ހަގީގަތަށް ބުނާ ނަމަ މި ހާލަތް ދޭހަކޮށްދޭން ބޭނުން ކުރާނެ ބަސްތައް ވެސް އަހަރެމެންނަށް ހުސްވެއްޖެ،" އޭނާ އިތުރަށް ބުންޏެވެ.

އެހީ ދިނުން އިސްރާއީލުން ވަނީ "ހަތިޔާރަ"ކަށް ހަދައިފައި ކަމަށް އދ. އާއި އިންސާނީ އެހީ ދޭ އެހެނިހެން ޖަމާއަތްތަކުން ތުހުމަތު ކުރެއެވެ. އެއީ ގާބިލިއްޔަތުކަމެއް ނެތް އަދި ޣައްޒާގެ ރަށްވެހިންނަށް ނުރައްކާތެރި ގޮތަކަށް، އަސްކަރީ ސިފަ ޖައްސައިގެން އަލަށް އުފެއްދި އެހީ ބެހުމުގެ ނިޒާމެއް ގާއިމުކޮށްގެންނެވެ. މި ކަމުގެ ސަބަބުން އެހީއަށް ބޭނުންވެފައިވާ މީހުންނަށް ލިބޭ އެހީ ފާހަގަ ކުރެވޭ މިންވަރަކަށް ވަނީ ދަށަށް ގޮސްފައެވެ. އެއީ ޣައްޒާގެ އާބާދީއަށް އިންސާނީ ބޭނުންތައް ފުއްދުމުގެ ފުރުސަތުތައް ހާސްވާ މިންވަރަކަށް ދަށަށް ދަމުން ދަނިކޮށެވެ.

އޮކްޓޫބަރު 2023 ގެ ހަތް ވަނަ ދުވަހު ފެށި ޣައްޒާ ހަނގުރާމައިގައި، އެކި ފަރާތްތަކުގެ ތަފާސްހިސާބުތަކަށް ބަލައިފި ނަމަ، ފަލަސްތީންގެ 61،000 އަށްވުރެ ގިނަ ރަށްވެހިން މަރުވެފައިވާ ކަމަށް ބެލެވެއެވެ. އެ ދުވަހު ހަމާސް އިން ދިން ހަމަލައިގައި މަރުވި ބިދޭސީ މީހުންގެ އިތުރުން އިސްރާއީލުގެ ފަޅިން މިހާތަނަށް މުޅިއެކު 1،700 މީހުން މަރުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *