އުމުރުން 83 އަހަރުގެ އައިރިސް ޖޯންސްއާއި 37 އަހަރުގެ މުޙައްމަދު އިބްރާހީމްގެ ލޯބީގެ ވާހަކަ 2020 ވަނަ އަހަރު މުޅި ޔޫކޭއަށް އެނގި، އާންމުންގެ ސަމާލުކަން ލިބިގެން ދިޔައެވެ. އެ ދެ މީހުންގެ އާދަޔާ ޚިލާފު ގުޅުމުގެ ވާހަކަ އައިރިސް ޓީވީއަށް އަރައި ހިއްސާކުރުމުން، މުޅި ޔޫކޭއިން އެ ގުޅުމުޅުމަށް މަރުޙަބާ ކިޔައި ތަރުޙީބު ދިނެވެ.
މި ހާދިސާއާ ހަމައަށް އައުމުގެ ކުރިން، އައިރިސް އުޅެމުން އައީ ވަރަށް އާދައިގެ ދިރިއުޅުމެކެވެ. އޭނާ 30 އަހަރު ވަންދެން ކައިވެނިކޮށްގެން އުޅެފައި ވަރިވެ، އެކަނިވެރި ދިރިއުޅުމެއް 27 އަހަރުވަންދެން ވޭތުކުރަރަމުން އައި މީހެކެވެ. އޭނާގެ 54 އަހަރާއި 53 އަހަރުގެ ދެ ފިރިހެން ދަރިން ތިބެއެވެ.
އައިރިސްއާއި އިބްރިހާމްގެ ލޯބީގެ ގުޅުން ފެށިފައިވަނީ 2020 ވަނަ އަހަރު ފޭސްބުކްގެ ގްރޫޕެއްގައެވެ. ދެމީހުން އެކަކު އަނެކަކަށް މެސެޖު ކުރަން ފެށިތާ ދެތިން ހަފްތާގެ ތެރޭގައި އިބްރިހާމް، އައިރިސްއަށް ލޯބި ހުށަހެޅިއެވެ. އެ އަހަރުގެ ނޮވެންބަރު މަހުގައި އައިރިސް އިބްރިހާމާ ބައްދަލުކުރުމަށް އޭނާގެ ޤައުމު މިޞްރަށް ދަތުރުކުރިއެވެ. އެ ދެމީހުން ބައްދަލުވުމާއެކު، އެ ދެމީހުންގެ މެދުގައި ގާތް ލޯބީގެ ގުޅުމެއް އުފެދިގެން ދިޔައެވެ. އެ ހިސާބުން ދެމީހުންވެސް ވިސްނީ ކައިވެނީގެ ގޮތުން ގުޅުމަށެވެ. އެ ދެމީހުން ކައިވެނިކުރުމުގެ ކުރިން އިބްރާހީމްގެ މަންމަގެ ރުހުން ހޯދިއެވެ. މިޞްރުގައި އެމީހުން ކައިވެނިކޮށްގެން ޔޫކޭއިން އިބްރިހާމަށް ވިސާ ލިބުމަށް ދަތިތަކާ ކުރިމަތިވުމުން އައިރިސް އެނބުރި އޭނާގެ ޤައުމަށް އައެވެ.

އައިރިސްގެ މި ގުޅުމާ ދޭތެރޭ އޭނާގެ ދަރިންނާއި ތިމާގެ މީހުން ކަންބޮޑުވުން ފާޅުކުރިއެވެ. ނަމަވެސް އައިރިސް އެމީހުން ކައިރީގައި އިބްރިހާމް އޭނާއާ ގުޅެނީ އޭނާގެ މުދަލަށް ނޫން ކަމަށާއި ޔޫކޭ ޕާސްޕޯޓެއްގެ ބޭނުމުގައި ނޫން ކަމަށް ބުނަމުން ގެންދިޔައެވެ.
އިބްރިހާމަށް އައިރިސް ކައިރިއަށް ޔޫކޭއަށް އާދެވުނީ އޭގެ ދެ އަހަރު ފަހުންނެވެ. އޭނާ އައިރިސްއާއެކު އައިރިސްގެ ބަންގަލޯގައި ދިރިއުޅެން ފެށުމަށްފަހު، އެ ސަރަހައްދުގެ ޓެސްކޯ ފިހާރައިން ސެކިއުރިޓީ ގާޑެއްގެ ވަޒީފާ ހޯދިއެވެ. އެމީހުން ފޭސްބުކްގައި ހިއްސާކުރަމުން ގެންދިޔަ ލޯބީގެ ފޮޓޯތަކުން އެންމެން އެމީހުންނާމެދު ދެކެމުން އައި ކުށްހީތައް ފިލައިގެން ދިޔައެވެ. މިއީ ހަޤީޤީ ލޯތްބެއްކަން އެމީހުންގެ ވާހަކަ ދުރާ ގާތުން ބަލަމުން ދިޔަ އެންމެން ޤަބޫލުކުރިއެވެ.
ނަމަވެސް 2023ގެ އޯގަސްޓު އައިރިސް އިބްރިހާމު އެ ގެއިން ނެރެ އެއްލާލިއެވެ. އަދި ދެން އަނބުރާ އޭނާ އައިރިސްގެ ގެއަކަށް ނުވައްދާނެ ކަމަށް ނޫސްތަކަށް ހިއްސާކުރިއެވެ. އޭނާ އެންމެންގެ ކައިރީގައި ބުނަމުން ގެންދިޔައީ ކުރީގައި އެމީހުންގެ މެދުގައި އޮތް ޖިސްމާނީ ގުޅުން ހީނަރުވެގެން ދިޔައީ އިބްރިހާމަށް ކައްކައި ކާންދީ، ގޭތެރެ ސާފުކޮށް ހެދުމުގައި މުޅި ދުވަސް ހޭދަކުރަން ޖެހުނީމަ ކަމަށެވެ.
އައިރިސް ބުނިގޮތުގައި އިބްރާހީމާ ނުލައި ދިރިއުޅެން އޭނާއަށް މާ ފަސޭހައެވެ. އޭނާ އިބްރިހާމާ ކައިވެނިކުރަން އުޅުނު އިރު އޭނާގެ ގާތް މީހުން ދެއްކި ވާހަކަތަކަށް އަޑުނޭހުނީތީ އޭނާ ދެރަވާ ކަމަށް ބުންޏެވެ. އޭނާ ފަހުން މީހުން ކައިރީގައި ބުނަމުން ގެންދިޔައީ އިބްރިހާމަކީ ވަރަށް ހީލަތްތެރި މީހެއް ކަމަށެވެ. އޭގެ ދުވަސްކޮޅެއް ފަހުން އިބްރިހާމް އޭނާގެ ފޭސްބުކްގައި ހިނިތުންވެފައިވާ ފޮޓޯއަކާއެކު ގްލޯރިއާ ގޭނަރގެ "އައި ވިލް ސަރވައިވް"ގެ ލިރިކްސް ޕޯސްޓުކުރިއެވެ.
އައިރިސް ޤަބޫލުކުރާ ގޮތުގައި އޭނާ އިބްރިހާމާ އަޅައިގަތީ އޭނާގެ ސޫރަ ފެނިފައެވެ.
"އޭނާއަކީ ތީ ތަލަވެފައި ބަނޑެއްލާފައި ހުރި މީހެއްނަމަ، ހަމަ ޔަޤީނުންވެސް އަހަރެން އަޅައެއް ނުގަތީސް،" އޭނާ ބުންޏެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި އިބްރިހާމާ ކައިވެނިކުރުމަކީ އޭނާއަށް އެޅުނު ޅައެއްޗެކެވެ.
އޭނާގެ ރޫޅިފައިވާ ކައިވެނީގެ މަޢުލޫމާތު މީހުންނާ ހިއްސާކުރާއިރު، މަޖަލަކަށް ވާހަކަދެއްކިޔަސް، އައިރިސް ބުނާ ގޮތުގައި އޭނާ 27 އަހަރު އެކަނިވެރި ދިރިއުޅުމެއް ހޭދަކުރުމަށްފަހު އެހެން މީހަކާއެކު އުޅެން ފެށުމުން، އެކަން ވެގެންދިޔައީ އޭނާއަށް ތަޙައްމަލުކުރަން އުނދަގޫވި މައްސަލައަކަށެވެ. ޚާއްޞަކޮށް ހުރިހާ ކަމެއް ކޮށްދޭންޖެހޭ މީހެއް ގޮވައިގެން އުޅުން ވެގެންދިޔައީ އޭނާ ވަރުބަލިކޮށްލި ކަމަކަށެވެ. އޭނާ ބުނާ ގޮތުގައި އޭނާ އިބްރިހާމާ ގުޅުނީ އިބްރިހާމަކީ ކޮން ކަހަލަ މީހެއްކަން ރަނގަޅަށް ނޭނގިއެވެ. އިބްރާހީމަކީ މީހުންނާ އެހާ ގުޅޭ މީހެއް ނޫން ކަމާއި، އޭނާ އައިރިސް އެހެން މީހުންނާ ވާހަކަދައްކާއިރު ނުރުހުން ފާޅުކޮށް އުޅުނު ކަމަށް ވެއެވެ. އިބްރިހާމާއި ވަކި ވިފަހުން އައިރިސްވަނީ ކައިރީގައި ގެންގުޅޭން ބުޅަލެއް ގެނެސްފައެވެ.
މިފަދަ ވާހަކަތައް ބަލާ މީހުންގެ ހިތްތަކުގައި އާ ޝައުޤުވެރިކަމެއް އުފައްދައި، މިފަދަ ގުޅުންތައް ދެމިއޮންނާނެ ކަމުގެ އުންމީދު މީހުންގެ ހިތްތަކުގައި އުފެދެއެވެ. ނަމަވެސް މިގޮތަށް ގުޅޭ ގުޅުންތަކުގައި އެހާ ބޮޑެތި ފަރަގުތަކެއް ހުރެއްޖެނަމަ، އެފަދަ ގުޅުންތައް ދެމިނޯންނާނެ ފުރުޞަތު ބޮޑުވެގެންދެއެވެ. ދުނިޔޭގެ ފެންވަރުގައި ހެޑްލައިންތަކަށް އެރި މިފަދަ ލޯބީގެ ވާހަކަތައް ރޫޅިގެންދާއިރު، ރިއްސަނީ ހަމައެކަނި އެ މީހުންގެ ހިތަކު އެކަންޏެއް ނޫނެވެ. ދުރުގައި ބަލަން ތިބި އެންމެންގެ ހިތުގައިވެސް މެއެވެ.



advertisment