ވެހިކަލް ދުއްވަން ލައިސަންސް ހޯދަން ދިޔަ ދުވަހެއްގައި ފޯމު ފުރަމުން ގޮސް އެ ފޯމުގައިވާ ވަރަށް މުހިންމު ސުވާލެއް، އުމުރުން 17 އަހަރުގެ ކީގަން ޖޯންސަނަށް ފެނުނެވެ. އެ ސުވާލަކީ "އޯގަން ޑޯނަރަކަށް ވާން ބޭނުންހެއްވެ؟" އެވެ. އެ ސުވާލު ފެނުމުން، ސުވާލުމާކުތަކުން ފުރިގެންވާ ނަޒަރަކުން ބަލައިލުމުން އޭނާގެ މަންމަ ބުނީ އެ ނިންމުން ނިންމާނީ ކީގަން އަމިއްލައަށް ކަމަށެވެ. އެވަގުތު ކީގަން ޖެހިލުމެއްނެތި ބުންޏެވެ.
"އަހަރެން މަރުވުމަށްފަހު މަގޭ ގުނަވަންތަކުގެ ބޭނުމެއް އޮންނާނެ ހެއްޔެވެ؟" އެއާއެކު އެ ގޮޅީގައި އޭނާ ރަނގަޅު ފާހަގަޖެހިއެވެ.
ކީގަން އަކީ އޭނާ ދާ ކޮންމެ ތަނެއްގައިވެސް އުފާވެރިކަމާއި ހިނިތުންވުން ފަތުރަމުންދިޔަ ޒުވާނެކެވެ. ސައުތު ކެރޮލައިނާގެ އަޕްސްޓޭޓްގެ އާއިލާއެއްގެ ތިން ދަރިންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅު އަތުގައި ބޯޅައެއް ނެތި ފެނުނު މީހުން މަދެވެ. އޭނާއަކީ ކުޅިވަރަށް ލޯބިކުރާ، ހަރަކާތްތެރި ޒުވާނެކެވެ. ފުޓުބޯޅަ، ބޭސްބޯޅަ، ބާސްކެޓްބޯޅަ އަދި އެހެނިހެން ހުރިހާ ކުޅިވަރުތަކެއްގައި އޭނާ ބައިވެރިވެ އުޅުނެވެ.

ކީގަންގެ މަންމަ، ޖޯންސަން މިލަރ ބުނާގޮތުގައި ކީގަންއަކީ ވަރަށް ހީވާގި، އަބަދުވެސް ކޮންމެ ގޮންޖެހުމަކަށް ކުރިމަތިލާން ތައްޔާރަށް ހުރި ޒުވާނެކެވެ. އެ އުމުރުގެ އެހެން ޒުވާނެއް ފަދައިން ކީގަންވެސް އައީ އޭނާގެ މުސްތަޤުބަލާ ދޭތެރޭގައި ގިނަ ރޭވުންތަކެއް ރާވަމުންނެވެ.
ނަމަވެސް 2020ގެ ކުރީކޮޅުގައި އެ މީހުންގެ ދިރިއުޅުން އެއްކޮށް ބަދަލުވެގެން ދިޔައެވެ. ފެބުރުވަރީ ދެ ވަނަ ދުވަހުގެ ހެނދުނު ތެދުވެ އޭނާއަށް ވަރުބަލިކަން އިޙްސާސްކުރެވޭ ވާހަކަ ކީގަން އޭނާގެ މަންމަ ކައިރީގައި ބުންޏެވެ. ދެން ހިނގައިދިޔަ ކަންތައްތަކަކީ އެއްވެސް މީހަކު އުންމީދުކޮށްފައިވާނެ ކަންތައްތަކެއް ނޫނެވެ.
"އެ ދުވަހުގެ ހެނދުނު 6:45 ގައި، ކީގަންއަށް ސްޓްރޯކެއް ޖެހުނީ އަހަރެންގެ ކުރިމަތީގައި،" ކީގަންގެ މަންމަ ބުންޏެވެ. "އަހަރެން ބަލަހައްޓައިގެން ހުއްޓާ އޭނާގެ ވާތް ފަރާތް އެއްކޮށް ވާގިނެތުނީ. އަހަރެންގެ ހަނދާންވޭ އެވަގުތު އަހަރެންނަށް އިޙްސާސްކުރެވުނު ބިރުވެރިކަން. އެހީއަށް އެދި ހަޅޭލަވަމުން އޭނާ ގޮވައިގެން ހޮސްޕިޓަލަށް ދާން އުޅުނު ގޮތް."

ހޮސްޕިޓަލަށް ކީގަން ގެންގޮސް އެގޮތަށް ކަންތައް ދިމާވި ސަބަބު ދެނެގަތުމަށްޓަކައި ހެދި ޓެސްޓުތަކުގެ ނަތީޖާ ވަރަށް ހިތާމަވެރިއެވެ. އެއީ އާދައިގެ ސައިނަސް އިންފެކްޝަނެއް ކަމުގައި އާއިލާއަށް ވިސްނިފައިވާ ކަންތައް ވަނީ ނުރައްކާތެރި ބެކްޓީރިއަލް އިންފެކްޝަނަކަށް ބަދަލުވެފައެވެ. ޑޮކްޓަރުން އޭނާ ކުއްލި އޮޕަރޭޝަނަކަށް ވެއްދިއެވެ. އެހެންނަމަވެސް އެ އިންފެކްޝަނަކީ ނުރައްކާތެރި މެނިންޖައިޓިސްގެ ވައްތަރެއް ކަމުން އެ ކަންތައް ކީގަންގެ ސިކުނޑި ހަލާކުކޮށްލަމުން ދިޔައީ ވަރަށް ބާރު ސްޕީޑެއްގައެވެ. މި ކަންތައް ހިނގިތާ ތިން ދުވަސް ތެރޭގައި ކީގަންގެ "ބްރެއިން ޑެޑް" ކަމަށް ޑޮކްޓަރުން އިޢުލާން ކުރިއެވެ. އޭނާގެ އާއިލާ މާޔޫސްވެ، ދުނިޔެ އަނދިރިވިއެވެ.
ނަމަވެސް ކީގަންގެ މަރުގެ އަނދިރިކަމުން އެތައް ބަޔެއްގެ ހަޔާތުގެ ހުޅުކޮޅު ދިއްލުނެވެ. ސަބަބަކީ އޭގެ ހަތަރު މަސް ކުރިން، ސްޕާޓަންބަރގްގެ ޑިޕާޓްމަންޓް އޮފް މޮޓޯރ ވެހިކަލްސް (ޑީއެމްވީ) އަށް ލައިސަންސް ނަގަން ގޮސް ފުރި ފޯމުގެ ސަބަބުންނެވެ.
އެ ވަގުތު، އެއީ މާ ބޮޑު ކަމެއްގެ ގޮތުގައި ކީގަންއަށާއި އޭނާގެ މަންމައަށް ނަގައިނުގަނެވުނަސް އެއީ އެތައް ބަޔެއްގެ ދިރިއުޅުން ބަދަލުކޮށްލި ހިނދުކޮޅެކެވެ. ކީގަން މާ ބޮޑު ވިސްނުންތަކެއް ނުވިސްނައި ފޯމުގައި ލީ ރަނގަޅު ފާހަގައިގެ ސަބަބުން މިއަދު ހަތަރު މީހުން ދިރި އެބަތިއްބެވެ.

ކީގަންގެ ގުނަވަންތަކުގެ ތެރެއިން ޕެންކްރިއާސް އާއި އެއް ކިޑްނީ ލިބުނީ ޖޯން ވިލްސަންއަށެވެ. ވިލްސަންއަކީ 42 އަހަރުގެ، ދެ ކުދިންގެ ބައްޕައެކެވެ. ވިލްސަންގެ އުމުރުން 17 އަހަރުގައި އޭނާއަށް ވަނީ ހަކުރުބަލި ޖެހިފައެވެ. އޭގެ ފަހުން ކީގަން މަރުވުމުގެ އެއް އަހަރު ކުރިން ވިލްސަންގެ ޑޮކްޓަރުން ވަނީ އޭނާގެ ކިޑްނީގެ މަސައްކަތް 30 އިންސައްތައަށް ދަށްވެފައިވާ ކަމުގެ ހިތާމަވެރި ޚަބަރު ދީފައެވެ.
އެމެރިކާގައި އެކި ސަބަބުތަކާ ހެދި ގުނަވަންތައް ފެއިލްވެގެން ގުނަވަނެއްގެ އިންތިޒާރުގައި ތިބޭ އެތައް ހާސް ބަޔަކު ލިސްޓުގައި ތިބޭތީ، އޭނާއާ ގުޅޭ ގުނަވަނެއް ލިބިދާނެ ކަމުގެ އެއްވެސް އުންމީދެއް ނެތްކަން އިޙްސާސްވެ ވިލްސަން ހުރީ އޭނާގެ މުސްތަޤުބަލާ މެދު އުންމީދު ކަނޑާލައިގެންނެވެ. ނަމަވެސް ވިލްސަންގެ އުންމީދު އާވެގެން ދިޔައީ، ކީގަން މަރުވި ދުވަސް ނޫން އަނެއް ދުވަހު ހޮސްޕިޓަލުން ގުޅައިފައި އޭނާއަށް ގުނަވަންތަކެއް ލިބިދާނެކަމުގެ އުފާވެރި ޚަބަރު ދިނުމުންނެވެ. އޭގެ ދެ ދުވަސް ފަހުން، އޭނާ އޯގަން ޓްރާންސްޕްލާންޓް ހެދިއެވެ.
ވިލްސަންއަށް ލިބުނީ ކީގަންގެ ކިޑްނީއާއި ޕެންކްރިއާސްއެވެ. ކުރީ ސަރޖަރީއަށް ފަހު ރިކަވަރީއަށް ދިގު މުއްދަތެއް ނަގައި ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ވިލްސަން ބުނާގޮތުގައި ކީގަންގެ އެ ނިންމުމުގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުން ވަނީ ބަދަލުވެގެން ގޮސްފައެވެ. ސަރޖަރީގެ ތިން އަހަރު ފަހުން، ވިލްސަން މިހާރު ދިރިއުޅެމުން އަންނަނީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރެ، ކީގަންގެ ސަބަބުން އޭނާއަށް ލިބުނު އާ ދިރިއުޅުމަށް ހުރުމަތްތެރިކޮށް ހިތުމުގައެވެ. އޭނާގެ ހަށިގަނޑުގައި ކީގަން އެ ހަދިޔާއަށް ޝުކުރު އަދާކުރުމުގެ ގޮތުން ވަނީ ކީގަންގެ ނަން ޓެޓޫއެއް ގޮތަށް ޖަހައިފައެވެ.

"އަހަރެންނަށް ގަބޫލުކުރެވޭ މިއީ ކީގަންވެސް ކޮށްފާނެ ކަހަލަ ކަމެކޭ،" ވިލްސަން ބުންޏެވެ.
ކީގަންގެ ލިވަރު ހަދިޔާ ކުރެވުނީ ހައި ސްކޫލް ދަރިވަރަކަށެވެ. އެ ދަރިވަރަށް މި އުފާވެރި ޚަބަރު ލިބުނީ އޭނާގެ 18 ވަނަ އުފަން ދުވަހުގައެވެ. ކީގަންގެ މައި އެހެން ގުނަވަންތަކުން އިތުރު ދެމީހެއްގެ ފުރާނަ ސަލާމަތްވެފައިވާ އިރު 100 އަށް ވުރެ ގިނަ މީހުންނަށް އޭނާގެ ހަށިގަނޑުގެ ޓިޝޫތަކާއި ކަށިތަކާއި ވޭލްވްތަކުން ވަނީ ފައިދާ ލިބިފައެވެ.
ޙަޤީޤަތުގައި މި ނިންމުން ނިންމާފައި ވަނީ ކީގަން ނަމަވެސް އޭނާ މަރުވިއިރު 18 އަހަރު ނުފުރޭތީ އޭނާގެ މަންމައަށް އެ ނިންމުމަށް އިންކާރުކުރެވެން އޮތެވެ. ނަމަވެސް އޭނާގެ މަންމަ ކީގަންގެ ނިންމުމަށް އިޙްތިރާމްކުރަން ނިންމީ އެއްވެސް ޖެހިލުމެއްނެތިއެވެ.
"އެއީ ކީގަން ވިސްނައިނުލައި، ހިނދުކޮޅެއްގެ ތެރޭގައި ނިންމި ނިންމުމެއް. އަހަރުމެންނަށް އެ ނިންމުމަށް އިޙްތިރާމްކުރާކަށް އެއްވެސް އުނދަގުލެއް ނުވި. އަހަރެންގެ ދަރިފުޅުގެ އެދުމަށް އިޙްތިރާމްކުރަން އުނދަގޫ ވެދާނެ ކަމަށް ގިނަ މީހުންނަށް ހީވިޔަސް އަހަރެންނަށް ގަބޫލުކުރެވުނީ އެއީ އޭނާގެ ފަރާތުން ދުނިޔެއަށް ލިބުނު ނިޢުމަތެއް ކަމަށް. އެއީ އޭނާ ދޫކޮށްފައި ދިޔަ ވަރަށް ބޮޑު ނިޢުމަތެއް،" ކީގަންގެ މަންމަ ބުންޏެވެ.
ކީގަންގެ މަންމަ އޭނާގެ ދަރިފުޅާ ދޭތެރޭ ވާހަކަދައްކާއިރު، އޭނާގެ އަޑު ވަނީ ފަޚުރުވެރިކަމާއި ހިތާމައިން ފުރިފައެވެ.
"ކީގަންގެ ނިންމުމާ ދޭތެރޭ އަހަރެން ވަރަށް ފަޚުރުވެރިވޭ. އެ ވާހަކަ ދައްކަން ފަށައިފިއްޔާ އަހަރެންނަކަށް ހުއްޓައެއްނުލެވޭނެ."
ކީގަންގެ މަރަށް ފަހު ޖޯންސަން މިލަރއާއި އޭނާގެ އާއިލާގެ އެހެން މެންބަރުންވެސް އޯގަން ޑޯނަރުންގެ ގޮތުގައި ވަނީ ރަޖިސްޓަރީވެފައެވެ. އަދި އެ އާއިލާއިން ވަނީ ކީގަން ޖޮންސަން މެމޯރިއަލް ސްކޮލަރޝިޕްވެސް އުފައްދައިފައެވެ. މި ސްކޮލަރޝިޕްގައި ކިޔެވުމުގެ ފުރުޞަތު ދެނީ ކުޅިވަރަށް މޮޅެތި، ކީގަންގެ ފަދައިން ކުޅިވަރު ދަނޑުގައާއި އޭގެ ބޭރުގައިވެސް ސާދާ އުޅުމެއް ދައްކުވައިދޭ ޒުވާނުންނަށެވެ.

ކީގަންގެ ވާހަކައިން ސައުތު ކެރޮލައިނާ އަދި އެ ސަރަޙައްދުން ބޭރު ގިނަ ބަޔެއްގެ ހިތްތަކަށް ވަނީ އަސަރުކޮށްފައެވެ. އޭނާގެ މަންމަ މަޝްޣޫލުވެގެން މިހާރު އުޅެނީ ގުނަވަން ހަދިޔާކުރުމުގެ މުހިންމުކަން މީހުންގެ ސަމާލުކަމަށް ގެނެސްދިނުމަށެވެ. މީހުންނާ ވާހަކަ ދައްކައި، އޭނާގެ ދަރިފުޅު އެ ނިންމުން ނިންމި ވަގުތާއި، އެ ނިންމުމުގެ ސަބަބުން އެހެން މީހުންގެ ދިރިއުޅުމަށް ގެނެސްދިން ދިރުމުގެ މަޢުލޫމާތު ހިއްސާކުރެއެވެ.
އޭނާ ގަބޫލުކުރާ ގޮތުގައި ކީގަންގެ މި ނިންމުން ބަދަލުވެގެން ދިޔައީ އެތައް ބަޔެއްގެ ފުރާނައަށް ދެވުނު ލޯބީގެ ހަދިޔާއަކަށެވެ. ކީގަން މަރުވި ނަމަވެސް އެހެން ބަޔަކަށް ދިރުން ލިބި އޭނާގެ ބައިތަކެއް ދުނިޔޭގައި ވާތީ ވާ އުފާ ވަރަށް ބޮޑެވެ.
"ކީގަންއަކީ މިޒާޖުގައިވެސް އަބަދުވެސް މީހުންނަށް ދޭން ބޭނުންވާ ކުއްޖެއް. އަބަދުވެސް މީހުންނަށް ހަދިޔާ ކުރެވޭތޯ ބަލާނީ. މިއަދު އޭނާއަށް ވަނީ އެތައް ބަޔަކަށް އާ ދިރިއުޅުމެއް ހަދިޔާ ކުރެވިފައި. އަހަރެންގެ ދަރިފުޅުގެ ސަބަބުން އެތައް އާއިލާއަކަށް ވަނީ ދިރިއުޅުމަށް އާ ފުރުޞަތެއް ލިބިފައި. އަހަރުމެން ހިތަށް އެރީ އަހަރުމެންގެ ހަޔާތުގެ އިރުއޮއްސުނީއޭ. އެކަމަކު އެހެން އެތައް ބަޔެއްގެ ހަޔާތުގައި އިރުއަރައި އަހަރުމެންގެ ހަޔާތް ވަނީ އުޖާލާވެފައި،" ކީގަންގެ މަންމަ ބުންޏެވެ.
ކީގަންގެ ވާހަކައިން ދުނިޔެއަށް ލިބޭ އެންމެ އިބުރަތްތެރި ފިލާވަޅަކީ ހިނދުކޮޅެއްގައި ނިންމާ ކުޑަ ކަމަކުންވެސް ބޮޑެތި ކަންކަން ބަދަލުވެގެން ހިނގައިދާނެ ކަމެވެ. އެ ދުވަހު އޭނާ ފުރި ފޯމުގައި އޮތް ސުވާލަކަށް ޖަވާބުދިނުމުގައި ޖެހި ރަނގަޅު ފާހަގައަކުން، ދުވަހަކުވެސް އޭނާއާ ބައްދަލު ނުވާނެ އެތައް ބަޔެއްގެ ދިރިއުޅުމަށް ފުރުޞަތު ލިބިގެން ދިޔައެވެ. ކީގަން އޭނާގެ ގުނަވަންތައް ހަދިޔާކުރުމަށް ނިންމުމުން، ދައްކައިދިނީ ދުނިޔެއިން ވަކިވާއިރު، މި ދުނިޔެ ކުރިން އޮތް ވަރަށްވުރެ ރަނގަޅު ތަނަކަށް ހެދުމަކީ ކުރެވިދާނެ ކަމެއްކަމެވެ. އެއީ އަހަރެމެން ކޮންމެ މީހެއްގެ އަތުގައިވެސް އޮތް ނިންމުމެކެވެ.



advertisment