Support Us

އިބިލީހުގެ ޝައިތާނީ މަޖުލިސް – 2

ރާއްޖޭގެ ޝަރުއީ ނިޒާމު ހަލާކުކޮށްލުމުގެ ހަމްދާއި ތައުރީފު، ޝައިތާނީ ވަލްހޫނާއި ޝައިތާނީ އައުވަރަށް ހައްގުވާކަން ގަބޫލުކޮށް ބަލައިގަންނަކަމުގެ މަރްހަބީ އަތްތެލި ބަޑީގެ ގުގުމާލުމުގެ އަޑު މަޖުލިހުގެ ހޯލުތެރޭގައި މަޑު މަޑުން ގޮސް ފޭދި ދިޔުމުން، ޝައިތާނީ މަޖުލީހުގެ މެންބަރުންނާ މުޚާތަބުކޮށް ޝައިތާނީ މަޖުލީހުގެ ރައީސް އިބިލީސް ބުންޏެވެ. ރާއްޖޭގެ ކަންކަން އިތުރަށް ހަލާކުކޮށް، ގޯހުން ގޯހަށް ގެންދިޔުމުގެ ގޮތުން، ހަރުދަނާ އިތުރު ކަމެއް ކުރި މީހަކު އިން ނަމަ އޭނާ ކުރި ކަމެއްގެ ވާހަކަ މި މަޖުލީހަށް ހުށަހަޅާލުމުގެ ފުރުސަތު ހުޅުވާލަމެވެ.

ޝައިތާނީ މަޖުލީހުގެ މެންބަރުންނަށް މަޖުލީހުގެ ރައީސް، އިބިލީސް، ފުރުސަތު ދިނުމުން، ޝައިތާނީ ޒަލަންބޫރު އަތް ނެގިއެވެ. އަދި، ރައީސް އިބިލީހުގެ އިޒުނައިގެ ބޯ ޖަހާލުމުން، ޒަލަންބޫރު ވާހަކަދައްކަން ފެށިއެވެ. ޒަލަންބޫރު ބުނީ އޭނާގެ ކާމިޔާބީއަކީ، ރާއްޖޭގައި ކަންކަން އިސްލާހު ކުރުމުގެ މަގަށް، އޭނާ މެދުވެރިކޮށް، އިތުރު ހުރަސްތަކެއް އެޅުނު ވާހަކައެވެ. ދެން، ޝައިތާނީ މަޖުލީހުގެ ހުރިހާ މެންބަރުންނަށް ސާފުވާނޭ ފަދަ ގޮތަކަށް، ޒަލަންބޫރުގެ ކާމިޔާބީ މަސައްކަތުގެ ވާހަކަ ތަފްސީލުކޮށް ދިނުމަށް އޭނާގެ ކިބައިން މަޖުލީހުގެ ރައީސް އިބިލީސް އެދުނެވެ.

ޝައިތާނީ ޒަލަންބޫރުގެ ކާމީޔާބީގެ ތަފްސީލީ ވާހަކަތައް ފެށީ، މައްސަލައާ ގުޅޭ، ތާރީޚީ ބައެއް ވާހަކަ ކިޔައި ދެމުންނެވެ. ޒަލަންބޫރު ކިޔައިދިން ގޮތުގައި، ރާއްޖޭގައި ވެރިކަމެއް ބަދަލުވުމުން، އަލަށް އަންނަ ވެރިކަން ރަނގަޅުކުރަން ކުރާ އެންމެ މުހިއްމުކަމަކީ، ނެތި ދިޔަ ވެރިކަން ގޯސްކުރުމެވެ. ނެތި ދިޔަ ވެރިކަމުގައި އެއްވެސް ރަނގަޅު ކަމެއް ނުކުރެވޭ ކަމަށް ދެއްކުމެވެ. މިސާލެއްގެ ގޮތުން ދެ ވެރިކަމެއްގެ ނިމުމާއި އެއާ ވިދިގެން އަލަށް އައި ދެވެރިކަމެއްގައި ކަންތައްތައް ހިނގައި ދިޔަ ގޮތުގެ މައްޗަށް ޒަލަންބޫރު އަލިއަޅުވާލިއެވެ.

ޝައިތާނީ ޒަލަންބޫރު ކިޔައިދިން ގޮތުގައި، ރައީސް އަމީން ދީދީގެ ވެރިކަން ނިމުމާ ވިދިގެން އައި ހައެއްކަ އަހަރު ވޭތުވީ ސިޔާސީ ހަލަބޮލި ކަމެއްގެ ތެރޭގައެވެ. ދައުލަތުގެ ވެރިޔެއްގެ ގޮތުގައި ރަސްކަލެއް ހަމަޖެއްސުނު ކަމުގައި ވިޔަސް، އަމުރުވެރި ސަރުކާރެއް ގާއިމު ކުރެވުނީ، ރައީސް އަމީން ދީދީގެ ވެރިކަން ނިމުނުތާ ހައެއްކަ އަހަރު ފަހުން، އަމީރު ނާސިރު ބޮޑުވަޒީރު ކަމަށް އިސްކުރެވުމުންނެވެ. ބޮޑުވަޒީރު ނާސިރުގެ އެންމެ އިސް އެއް ކަމެއްކަމުގައި ދެކެވަޑައިގަތީ ރައީސް އަމީން ދީދީގެ ވެރިކަން އިންގިލާބުކޮށްލުމުގައި ބައިވެރިވި ބައެއް އިސް މީހުންނަށް އަދަބު ދެއްވުމެވެ. އެ ގޮތުން، އިންގިލާބީ ވެރިންގެ އެކަކު، އޭރުގެ ސިލޯނަށް އަރުވާލެވުނެވެ. އަނެކަކު މަކުނުދޫއަށް ފޮނުވާލެވުނެވެ. މިކަން ކުރުމުގައި، އަދަބު ދިނުމުގެ އިތުރުން، އެއަށް ވުރެވެސް މުހިއްމު މަގުސަދެއް އޮތެވެ. ވެރިކަމާ ތޮޅެފާނެހެން ހީވާ ކަހަލަ މީސްމީހުން ސިޔާސީ މަސްރަހުން ދުރުކޮށްލުމެވެ. މިހާރު ވެސް މީގެ މިސާލުތައް ރާއްޖޭން ފެނޭ ނޫން ހެއްޔެވެ؟ ބައެއް ފަހަރު، ޚާއްސަކޮށް 'ބޮޑެތި ބޭބޭފުޅުން' ކުށްވެރިވަނީ ކުށެއް ކުރުމަކުން އެކަންޏެއް ނޫނެވެ. އޭގެ އިތުރުން، އެ ބޭފުޅަކީ ވެރިކަމާ 'ތޮޅުއްވަފާނޭ' ބޭފުޅެއް ކަމަށް ބެލެވޭތީއެވެ. ދެން ކޮންމެއަކަސް، އަމީރު ނާސިރު ބޮޑުވަޒީރެއްގެ ގޮތުގައްޔާއި ރައީސެއްގެ ގޮތުގައި ވޭތުވެ ދިޔަ އެކާވީސް އަހަރު ނިމިގެން ދިޔައީ ރައީސް އަމީނުގެ ނަންވެސް ނުގަނެވެއޭ ބުންޏަސް އެންމެ ރަނގަޅުވާނޭ ސިފައެއްގައެވެ. ރައީސް އަމީނުގެ ރަނގަޅު ވާހަކައެއް ބުނެފި ނަމަ، އަމީރު ނާސިރުގެ ވެރިކަމުގެ އުނިކަމެއް ފާހަގަކުރެވިދާނެތީއެވެ. ޚާއްސަ ގޮތެއްގައި، ރައީސް އަމީން ދީދީގެ ވެރިކަން ވެއްޓުމާ ވިދިގެން އައި ދެތިން އަހަރު، މުޅިން ވެސް ދެއްކުނީ ރައީސް އަމީން ދީދީގެ ނުރަނގަޅު ވާހަކަތަކެވެ. އޭނާގެ މުސްތަބިއްދުކަމުގެ ވާހަކައެވެ. އޭނާގެ އަމިއްލަ މުދަލާއި ފައިސާއާއި ދައުލަތުގެ ބައިތުލްމާލާއި މަސްހުނިވެ ދިޔަ ވާހަކައެވެ. މުޅި އުއްމަތަކީ އޭނާކަމަށް ވެވިވަޑައިގެންނެވި ވާހަކައެވެ. ރަނގަޅު އެއްވެސް ކަމެއް އޭނާ ނުކުރައްވާ ކަހަލައެވެ. ވެރިކަމުގެ ފަރާތުން ވެސް އެކަން ފާހަގަކުރަން ބޭނުން ނުވިކަހަލައެވެ. ރައީސް އަމީން ދީދީ ކުރެއްވި ނަމަ ކުރެއްވި ރަނގަޅު ކަމެއް، ވިހަމަނާފުށިގައި އޭނާގެ ގަބުރުކޮޅު ފަސްދާނުލެވުނު އިރު، އެކަންކަމަށް ވެސް ފަސްއަޅައި ވަޅުލެވުނީއެވެ. ރާއްޖޭގެ މަޝްހޫރު ޅެން ވެރިޔަކު މިކަން ސިފަކުރައްވަނީ މިފަދައިންނޭ ބުނެ، ޝައިތާނީ ޒަލަންބޫރު ޅެމެއް ވެސް ކިޔައި ދިނެވެ. ރައީސް އަމީން ދީދީގެ ވެރިކަން ނިމިދިޔުން ދަސްކޮށްދިން ފިލާވަޅެއް ބަޔާންކޮށްދޭ ޅެމެކޭ ބުނަމުންނެވެ.

ދަރުސުތައް ގިނަގުނަ މިސާލުން ދައްކަމުންދާ އާލަމުން
ދަރުސަކަށް ފަހު ދަރުސެކޭ އެނގެމުން އޮޅުން ފިލަމުން ދަނީ

ދުނިޔެއިން މީހާ ނިކުންނާ ވަގުތު އައުމުން ތެދޭ
އުނި އިތުރު ނުވެވޭ ގޮތުން ފަހު ސިއްކަ ޖެހިގެންނޭދަނީ

ކުރެވިފައިވާހާ ކަމެއް ނުރަނގަޅު އެކަންތައްތަކު ތެރޭ
ހުރެވިދާނޭ ހީނުވާ ގޮތުގައި ފަހުން ދެމިހުންނަނީ

ހެޔޮ ގޮތެއްގައި ކުރި ރަނގަޅު ކަންތައް އެކީ ވެއްޔަށް ވެގެން
ހެޔޮ ނަމާއެކު ގަބުރުވެވި ކައްޓާއި ވަކިވެވިގެން ދަނީ

ހުންނަ ފުރިހަމަ ބަސްތަކުން އަމުނާލެވޭ މާފަތިތަކޭ
ހުންނަ އިރު މަތިވެރި މަގާމެއްގައި ކަރަށް އުކެމުން ދަނީ

އޮއްސެމުންދާއިރު ނަސީބުގެ ވިދަވިދާ ހުރި ތަރި ތަކެއް
އޮއްސެމުން ނެތެމުން ހަނދާނުން ކުރި ރަނގަޅު ކަންތައް ދަނީ

ޒަލަންބޫރު ފާހަގަކުރި ގޮތުގައި، އެންމެ ހެއްވާ އެއްކަމަކީ، މި ޅެމަކީ ރައީސް ނާސިރު ދުވަސްވަރުގައި އިސްކޫލު ކުދިން ހިތު ދަސްކުރި ޅެމެއް ކަމުގައި ވިޔަސް، އެކުދިންނަކަށް އެ ޅެމުގައި އެދައްކަނީ ރައީސް އަމީން ދީދީގެ ވާހަކަ ކަމެއް އަންގައިދީފައެއް ނުވެއެވެ. އެ ޅެން ކިޔަވައިދެއްވި އެދުރުބޭމެންމާއި އެދުރުދައިތާއިން މިކަން ފާހަގަކޮށްދެއްވަން ބޭނުންވެ ނުލެއްވި ކަހަލައެވެ. ރައީސް އަމީން ދީދީގެ ނަންގަތުން މަނާވެފައި އޮތް ހެން ހީފުޅުވާތީކަމަށް ވެސް ވެދާނެއެވެ. ކޮންމެ އަކަސް ރައީސް ނާސިރުގެ ވެރިކަމުގެ 21 އަހަރު ރައީސް އަމީން ދީދީގެ ނަންގަތުން ވެސް ހަރާންކުރެވިފައިވާ ކަހަލައެވެ. މިޒަމާނުގައި ރާއްޖެ ދުށް އެންމެ ވަރުގަދަ އެއް ސިޔާސީ ޒައީމުގެ އަޑެއް ބަޑެއް ނީވި، އެކާވީސް އަހަރުގެ ދިގު މުއްދަތެއް ނިމިގެން ދިޔައީއެވެ.

ދެން، ޒަލަންބޫރުގެ ވާހަކަ އިތުރަށް ކުރިއަށް ގެންދަމުން، ރައީސް ނާސިރުގެ ދައުރު ނިމުނު ވާހަކައާއި ރައީސް މައުމޫނުގެ ދައުރު ފެށުނު ވާހަކަ ކިޔައިދިނެވެ. މި  ފެށުނު އާ ދައުރުގައި ވެސް، ކަންތައް ހިނގީ ހަމަ ރައީސް ނާސިރުގެ ދައުރު ފެށުނު ގޮތާ ދާދި އެއްގޮތަށެވެ. ނިމި ދިޔަ ދައުރަކީ ވެރިކަމުގައި މުޅިން ވެސް ނުރަނގަޅު ކަންކަން ކުރެވިދިޔަ ދައުރެއް ކަމުގައި ފާހަގަކުރެވިގެންނެވެ. ޒަލަންބޫރު ހަނދާންކޮށްދިން ގޮތުގައި، ރައީސް މައުމޫނުގެ އާ ދައުރު ފެށުނު ތަނާ ހެން، ރައީސް ނާސިރު ވެސް ޣާޒީއަކުން ބާޣީއަކަށް ބަދަލުވިއެވެ. ދެން ފަސް އަހަރު ވަންދެން ދެކެވުނީ ބާޣީ ނާސިރުގެ ވާހަކައެވެ. ދެން އައި ދެވަނަ ފަސް އަހަރު ދުވަހުގެ ތެރޭގައި ރައީސް ނާސިރުގެ ވާހަކަ މަޑުމަޑުން ހިނދުނެވެ. އަދި، ތިންވަނަ ފަސް އަހަރު ދުވަހުގެ ތެރޭގައި އަނެއްކާ ވެސް ރައީސް ނާސިރުގެ ވާހަކަ އިވެން ފެށިއެވެ. ޒަލަންބޫރު ބުނި ގޮތުގައި ބާޣީއަކުން އަނެއްކާވެސް ބަތޮލީ ޣާޒީއަކަށް ބަދަލުވެގެންނެވެ.

ޒަލަންބޫރުގެ ވާހަކަ މިހިސާބަށް ދިޔަ ތަނުން، މަޖުލީހުގެ ޝައިތާނީ މެންބަރުންގެ ތެރެއިން ޝައިތާނީ ދާސިމު އަތް އުފުލާލިއެވެ. އިބިލީހުގެ އައުވާނުންގެ ތެރެއިން ދާސިމަކީ ވަކި ޚާއްސަ ކަމެއް ކުރުން އޭނާއާ ރައީސް އިބިލީސް ހަވާލުކޮށްފައިވާ ޝައިތާނެކެވެ. ދާސިމުގެ ޚާއްސަ މަސައްކަތްތައްކަމެއްގެ ގޮތުގައި ހަމަޖެހިފައި އޮންނަނީ ފިރިންނާ އަނބިން ވަކިކޮށް ކައިވެނިތައް ރޫޅުވުމެވެ. އަނބިފިރިކަމާ ގުޅޭ ކަންކަމުގައި ޝައިތާނީ ދާސިމު ވަރަށް ވެސް މޮޅެވެ. ނަމަވެސް، އެނޫން އެހެން ބައެއް ކަންކަން ވިސްނައިގަންނަން ޝައިތާނީ ދާސިމުގެ ސިކުނޑި ނުކުޅެދެއެވެ. ކޮންމެ އަކަސް، ޝައިތާނީ މަޖުލީހުގެ ރައީސް އިބިލީހުގެ އިޒުނަ ލިބުމުން، ދާސިމު، ޒަލަންބޫރާ ސުއާލެއް ކޮށްލިއެވެ. ޝައިތާނީ ދާސިމު ސާފުކޮށްލަން ބޭނުންވީ ޣާޒީއަކު ބާޣީއަކަށް ވެފައި އަނެއްކާ ޣާޒީއަކަށްވަނީ ކިހިނެއް ކަމެވެ.

ޝައިތާނީ ދާސިމު ކުރި ސުއާލަކީ ވަރަށް މުނާސިބު ސުވާލެއްކަން ޝައިތާނީ ޒަލަންބޫރު ފާހަގަކޮށް، ދާސިމަށް ޝުކުރުއަދާކުރިއެވެ. އަދި އެއަށް ފަހު، އެ ސުވާލުގެ ޖަވާބުގައި ޒަލަންބޫރު ބުންޏެވެ. ވެރިކަމަށް އަންނަ ކޮންމެ މީހަކު ވެސް، ވެރިކަމުގައި އޭނާ ހުންނަހާ ހިނދަކު، އޭނާ ދައްކާ ކޮންމެ ވާހަކައަކަށް އަތްތިލަ ބަޑިޖަހާ ރައްޔިތެއް އޮންނަ މުޖުތަމައަކީ އެމީހުންގެ ސިޔާސީ ހޭލުންތެރިކަން ފުރިހަމަނުވާ ބަޔެކެވެ. ވެރިކަމަށް އަންނަ މީހުން މިކަން ވަރަށް ރަނގަޅަށް ދަނެއެވެ. އެހެންވެ، މުޖުތަމައުގެ އަފުރާދުން ހޭލުންތެރި ކުރުވާކަށް ވެރިކަމަށް އަންނަ އެއްވެސް މީހަކު ބޭނުމެއް ނުވެއެވެ. އިބްތިދާއީ ފެންވަރަކަށް އާންމު އަފުރާދުންނަށް ލިޔެ ކިޔާލަން އެނގި، އިލްޒާމީ ތައުލީމެއް، އެބަހީ އެމީހުންގެ ސޫރީ، ބޭރުފުށުގެ، ދީނީ އަޅުކަންތައް އަދާކޮށްލެވޭ ވަރުގެ ތައުލީމެއް، ދެވުމުން ފުދޭނޭ ކަމަށް މިފަދަ ވެރިން ބުނެއެވެ. ކިޔަވައި އުނގެނުމަކީ މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން ކުރަން އޮންނަ ކަމެއްގެ ބަދަލުގައި، އެކަން އޮންނަން ޖެހޭނީ މަންމަގެ އުނގުން ގުރޭޑު ހަތަކާ ހަމައަށެވެ. އެންމެ އިހުއްސުރެން ވެސް ރާއްޖޭގެ ތައުލީމީ ސިޔާސަތު އޮތީ މި ކަހަލަ ހަނިގޮތަކަށް ކަން، ޒަލަންބޫރު ބުންޏެވެ. އަދި، ކިޔެވުމުގެ މައިގަނޑު މަގުސަދަކީ ސިކުނޑި ހުޅުވާލައި އަމިއްލައަށް ވިސްނަން ދަސްކޮށްދިނުން ނޫންކަމާއި ތައްޔާރުކުރެވިފައި ހުންނަ މައުލޫމާތުތަކެއް ލިބިގަތުންކަން ވެސް ޒަލަންބޫރު ފާހަގަކުރިއެވެ. ކޮންމެއަކަސް، ހޭލުންތެރި ރައްޔިތެއް ނެތް ތަނެއްގައި އޭގައި އެއްވެސް ވަރެއް ނުހުންނަ މާރު އާރަށް ހަދައި، ބީމާރު ހިމާރުން ބުއްދިވެރި ހަކީމުންނަށް ވެސް ހަދާލެވެއެވެ. އަދި ޣާޒީން ބާޣީންނަށް ހަދައި، ހަމަ އެ ބާޣީން އަނެއްކާ ޣާޒީންނަށް އަނބުރާލުމަކީ އުނދަގޫ ކަމަކަށް ނުވެއެވެ. ކަންކަން އެ ގޮތް މިގޮތަށް ބަދަލުކޮށްލުމުގެ ޖާދުވީ ބާރެއް، އެވަގުތެއްގައި ހުންނަވާ ވެރިޔާގެ ދޫފުޅަށް ލިބިފައި އޮތުމުންނެވެ. އެ ދޫފުޅުގެ ބާރުގައި ކަޅު އަނދިރި ރޭގަނޑު، ދުވާލަށް ބަދަލުކޮށްލެވެއެވެ. ތިލަ ފަޅުފަޅު ފުން ކަނޑުކަނޑަށް ވެސް ފުރޮޅިގެން ދެއެވެ. އަދި އެއްކަލަ ހޭލުންތެރިކަމެއް ނެތް ރައިއްޔަތް، އެއްވެސް ސުއާލެއް ނުކޮށް، މިކަންކަން ގަބޫލުކުރެއެވެ. އެ ދޫފުޅުން ނިކުންނާނީ ސީދާ ތެދު ހަގީގަތް ކަމުގައި ބަލައި، ލީޑަރު ތަސްބީހީ ތަރުހީބުގެ އަތްތިލަބަޑި ޖެހުމުގައި އެމީހުން ދެމިތިބެއެވެ.

މީގެ އިތުރުން، އާންމު ގޮތެއްގައި، އަލަށް ވެރިކަމަށް ވަޑައިގަންނަވާ ކޮންމެ ވެރިޔަކު ވެސް ވެރިކަމަށް ވަޑައިގަންނަވާއިރު އޭނާގެ އަމަލުތަކުގެ ' ވޮށިފިލާގަނޑު' އޮންނަނީ ސާފުކޮށްކަން ވެސް ޝައިތާނީ ޒަލަންބޫރު ފާހަގަކުރިއެވެ. ނަމަވެސް ވެރިކަމުގެ ގޮނޑީގައި އިންނަވައި ދުވަސްތައް ވޭތުކުރައްވަން ފެއްޓެވުމުން، ވެރިކަމުގެ ޖާދުވީ ގޮނޑީގެ ފައިދާތަކާއި އަރާމުކަން އިހުސާސުކުރެއްވޭން ފެށެއެވެ. އެ ގޮނޑިއާ ގުޅިފައި އޮންނަ އާރާއި ބާރެވެ. މާއްދީ ފައިދާތަކެވެ. ދެން، ކުރިން އެކަންކަން ގޯސްކަމަށް ވިދާޅުވި ކަންކަން ހަނދުމަފުޅު ނެތިދާ ގޮތް ވެއެވެ. އަދި، އެކަންކަން ތިމާއަށް ވެސް ކުރެއްވެން ފެށެނީއެވެ. ހަމަ ކުރިއެކޭ އެއްގޮތަށް ތިމާއަކީ ވެސް މުސްތަބިއްދު ވެރިއަކަށް ވެވެނީއެވެ. ދައުލަތުގެ ބައިތުލްމާލަކީ ތިމާގެ އެއްޗެއްކަމަށް ބެލެވެނީއެވެ. އަދި މުޅި އުއްމަތަކީ ތިމާ ކަމުގައި ހީކުރެވެނީއެވެ. އެހެންވެ، ވެރިކަމަށް އައި އިރު ތިމާގެ އަމަލުތަކުގެ ވޮށިފިލާގަނޑު ހުސްކޮށް އޮތަސް، ވެރިކަމުގައި ދުވަސް ކޮޅެއް ހޭދަކޮށްލެވުމުން، އެ ފިލާގަނޑުގައި ލިޔެވެނީ ހަމަ ކުރީގެ ވެރިކަންކަމުގައި ލިޔެވުނު ވާހަކަތަކެވެ. ކުރެވެނީ ހަމަ އެއްކަމެކެވެ. އަދި، އުފަލާއެކުގައި ޒަލަންބޫރު ފާހަގަކުރި ގޮތުގައި، ވެރިކަމުން ފެންނަނީ އެއް ތަމްސީލެއް ކުޅެވޭ ތަނެވެ. ބަދަލުވެފައި ތިބެނީ މުމައްސިލުންނެވެ. އެކްޓަރުންނެވެ.

ޝައިތާނީ ޒަލަންބޫރުގެ ވާހަކަ މި ހިސާބަށް ދިޔަތަނާ، އޭނާގެ ވާހަކަތައް މެދުކަނޑާލާފައި ޝައިތާނީ މަޖުލިހުގެ ރައީސް އިބިލީސް ބުންޏެވެ. "ތީ ހައްތަހާ ވެސް ރަނގަޅު އަދި އުފާކުރުން ހައްގު ވާހަކަތަކެކެވެ. ނަމަވެސް، އަހަރެންގެ ވާހަކައަކީ މިކަން އިތުރަށް ގޯސްކޮށް، ކަންކަން އިސްލާހުވިޔަ ނުދިނުމުގެ ގޮތުން ކަލެއަށް ކުރެވުނީ ކޮންކަމެއްކަން މި މަޖުލީހަށް ނިކަން އިއްވާލަބަލާށެވެ!"

ދެން ޒަލަންބޫރު ބުންޏެވެ. "ރާއްޖޭގައި ވެރިކަން ބަދަލުވުމާ ގުޅިފައި އޮތް ސަގާފަތުގެ ވާހަކަ ދެންމެ މި ކިޔައިދިނީއެވެ. ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމެއް އެބަ އޮތެވެ. އިހުގައި ކޮންމެ ގޮތަކަށް ކަންތައް ކުރި ނަމަވެސް، ކަމުގެ ހަގީގަތް މީހުންނަށް އޮޅިފައެއް ނޯވެއެވެ. ވެރި މީހާ ވެރިކަމުގައި ހުންނަ އިރު، އޭނާއަށް ކުރާ ޚުޝާމަދަކީ ހަމަ ޚުޝާމަދުކަން އެންމެ ވެސް ދަނެއެވެ. ވެރި މީހާ ވެރިކަމުން ދުރުވުމުން، އެންމެން އޭނާގެ ހަގީގަތް ހާމަކޮށްލައެވެ. ޒަލަންބޫރު ބުނި ގޮތުގައި އޭނާ ހޯދައިގަތް ކާމިޔާބީ ގުޅެނީ މިކަން ބަދަލުކޮށްލުމާއެވެ. މިހާރު ކަންކަން އޮންނަ ގޮތަކީ ހަގީގަތް މުޅިން އޮޅުވާލުމެވެ. އެއްވެސް ޖެހިލުމެއް ނެތި، ފާޅުގައި ދޮގު ބުހުތާން ހެދުމުގެ ޖުރުއަތު ޒަލަންބޫރު އެންމެނަށް ހޯދާދިނުމެވެ. މިފަދައިން، ހަގީގަތަކަށް ބެލުމެއް ނެތި، ހިތަށް އައި އެއްޗެއް ކިޔައި، ގަސްދުގައި އޮޅުވާލާ ސިޔާސީ ދަޖަލުސީން އުފެއްދުމެވެ. ދައްޖާލުން ފަދަ، ގަސްދުގައި ދޮގުހަދައި އޮޅުވާލާ ސިޔާސީ ވެރިން އުފެއްދުމެވެ. އަދި، ހަގީގަތަކީ ކޮބައިކަން ހޯދުމުގެ އެދުންވެސް، މިފަދަ ދަޖަލުސީންނާއި އެމީހުންނަށް ތަބާވާ މީހުންގެ ކިބައިން ނެތިކޮށްލުމެވެ.

ދެން، މަޖުލީހުގެ ރައީސް މިކަން އިތުރަށް ސާފުކޮށްދޭން ޒަލަންބޫރު ގާތުން އެދުމުން، އޭނާ ބުންޏެވެ. މިހާރު މީސްތަކުންގެ ސިކުނޑިތަކުގައި އެއްވެސް ގޯސް ކަމަކީ ގޯސްކަމަށް ނުވެއެވެ. މީސްތަކުން ދެކޭ ގޮތުގައި ކަމެއް ގޯސްވުން ބިނާވަނީ އެކަން ކުރާ މީހާގެ މޫނު ފެނުމުންނެވެ. މިސާލަކަށް، މިހާރުގެ ދަޖަލުސީންނާއި އެމީހުންގެ އައުވާނުން ދެކޭ ގޮތުގައި ވައްކަމާއި ފޭރުމަކީ އޭގެ ޒާތުގައި، ގޯސް، ނުރަނގަޅު، ކަންކަމެއް ނޫނެވެ. އެކަންކަން ގޯސްވާނީ އެކަންކަން ކުރާ މީހާގެ ނިސްބަތުންނެވެ. ކަޅު ކުލައަށް ތަބާވާ ދަޖަލުސީންނަށް ވައްކަން ގޯސްވާނީ ހުދުކުލައިގެ ދަޖަލުސީއަކު ވައްކަންކުރީމައެވެ. ހަމަ އެހެންމެ، ހުދު ކުލައަށް ތަބާވާ ދަޖަލުސީންނަށް ވައްކަން ގޯސްވާނީ ކަޅުކުލައިގެ ދަޖަލުސީއަކު އެކަން ކުރީމައެވެ. ހުދު ކުލައިގެ ދަޖަލުސީއަކު ވައްކަން ކޮށްފިކަމަށް ތުހުމަތު ކުރެވިއްޖެ ނަމަ، ހުދު ކުލައިގެ ދަޖަލުސީން އެކަން އިންކާރު ކުރާކަށް ނުހަދައެވެ. އެ ދަޖަލުސީން ހަނދާންކޮށްދޭނީ ކަޅުކުލައިގެ ދަޖަލުސީން ވެސް ވައްކަންކުރާ ކަމެވެ. މިހެން ބުނުމުން، ހުދު ކުލައިގެ ދަޖަލުސީން ކުރި ވައްކަމުގެ ކުށުން މުޅިން ބަރީއަވެދެއެވެ. އަދި އެފަދައިން ވައްކަން ކުރުމަކީ ހުދު ކުލައިގެ ދަޖަލުސީންނަށް ލިބިފައި އޮންނަ ހައްގަކަށް ވެސް ވެދެއެވެ. ކަޅުކުލައިގެ ދަޖަލުސީންގެ ކަންތައްތައް ވެސް ހުންނަނީ ހަމަ މިގޮތަށެވެ.

އެހެން މިސާލެކެވެ. ޝައިތާނީ ޒަލަންބޫރު އަދިވެސް އިތުރަށް ކިޔައިދިނެވެ. މިވެނި ކުލައެއްގެ ދަޖަލުސީންގެ މައްޗަށް ގައުމުގެ ދޭސީންގެ ތެރެއަށް ބޭރުގެ ބިދޭސީ އަސްކަރީން ގެންނަ ކަމުގެ ތުހުމަތު ކުރެވިއްޖެ ނަމަ، ހެއްކާ ދަލީލު ދައްކައި، ބާރު ހުރި ގޮތެއްގައި އެކަން އިންކާރު ކުރަނީއަކީ ނޫނެވެ. ވަނދު ގޮތެއްގައި އިންކާރު ވެސް ކޮށްފާނެއެވެ. އަދި، މާނައެއް ނެތް ނަންއިތުރުތައް އިތުރުކޮށްގެން ހަގީގަތް އޮޅުވާލަން އުޅެފާނެއެވެ. ތިންބޯލީ އަސްކަރީންނެއް ނުތިބޭނެއެވެ. އަސްކަރީ ޓޭންކުދުއްވާ އަސްކަރީންނެއް ނުތިބޭނެއެވެ. ބަޑިހިފައިގެން ނޫނީ ހަތިޔާރު އަޅައިގެން ތިބި އަސްކަރީންނެއް ނުތިބޭނެއެވެ. ނަމަވެސް، އެމީހުން ކުރާ ކަމެއް ދިފާއުކުރުމުގެ އެންމެ ވަރު ގަދަ ދިފާއީ ހުއްޖަތަކަށްވަނީ މާނައެއް ހުރި ގޮތެއްގައި އެކަން އިންކާރުކުރުމެއް ނޫނެވެ. އެމީހުންގެ ރައްދު ޖަވާބަކީ އެކަން ފެށީ އެހެން ކުލައެއްގެ ދަޖަލުސީން ކަމަށް ބުނުމެވެ. ހައްގު ހަގީގަތް ކޮންމެ ގޮތަކަށް އޮތަސް ވަރިހަމައެވެ. މިފަދައިން ދިފާއީ ހުއްޖަތް ނެރުމުން، އެ ދަޖަލުސީން ކުރަނީ ޣައިރު ގާނޫނީ ކަމަކަށް ވިޔަސް، އެކަން ގާނޫނީ ކަމަކަށް ވެގެންދާ ކަހަލައެވެ.

އަދި ވެސް އެހެން މިސާލެއް ޒަލަންބޫރު ކިޔައިދިނެވެ. ތިމާ ތަބާވާ ކުލައިގެ ދަޖަލުސީން ތިމާއާ އިދިކޮޅު ކުލައިގެ ދަޖަލުސީން އަލިފާން ޖަހާ މަރަން ގޮވުމަކީ ވެސް ޣައިރު ގާނޫނީ އަދި ޣައިރު އަޚުލާގީ (އަންއެތިކަލް) ކަމަކަށް ނުވެއެވެ. އެއީ ޣައިރު ގާނޫނީ އަދި ޣައިރު އަޚުލާގީ ކަމެއް ނޫންކަން ދައްކަނީ ކިހިނެއް ކަމަށް ހެއްޔެވެ؟ އިދިކޮޅު ދަޖަލުސީން ވެސް ހަމަ އެ ފަދަ ވާހަކަތައް ބުނެފައިވާ ކަމަށް ދައްކައިގެންނެވެ. ތަންތަނަށް ގެއްލުންދީ މީހުންނަށް އަނިޔާކުރަން ގޮވިކަމަށް ދައްކައިގެންނެވެ. ކަރުބުރިކުރާށާއި ކަނޑު ފެއްތުމަށް ވެސް ގޮވި ކަމަށް ދައްކައިގެންނެވެ.

ޒަލަންބޫރުގެ ވާހަކަ މި ހިސާބަށް ދިޔުމުން، މަޖުލީހުގެ ރައީސް އިބިލީސް އުފާވެރިކަމުގެ ހިނިގަނޑެއް ޖަހާލާފައި، ޒަލަންބޫރުގެ އަގުހުރި މަސައްކަތާ ގަޔާވާކަން އަންގާލަދިނުމުގެ ގޮތުން ރައީސް އިބިލީސް ބޯ ޖަހާލިއެވެ. ދެން އިބިލީސް ބުންޏެވެ. ޒަލަންބޫރަށް އައްސަރިބަހާއި ސާބަހެވެ. ޝައްކެއްނެތް ގޮތުގައި ޒަލަންބޫރު ތި ގެނެސް ދިނީ ހަގީގީ ތަރައްގީއެކެވެ. ހަމަ ވަރަށް ވެސް ރަނގަޅު ހަރުދަނާ ކުރިއެރުމެކެވެ. އަދި، އެއް ސުވާލު އެބަ އޮތެވެ. ނިކަން ޒަލަންބޫރު މި މަޖުލީހުގެ ޝައިތާނީ މެންބަރުނަށް އޮޅުން ފިލުވައިދީބަލާށެވެ. ޒަލަންބޫރު ތި ގެނެސްދިން ތަރައްގީއާއި ކުރިއެރުމުގެ އަހައްމިއްޔަތާ މެދު ކޮންމެވެސް އެއްޗެއް ބުނެލަ ބަލާށެވެ!

މަޖުލީހުގެ ރައީސް އިބިލީހުގެ ރުހުން ލިބުމުން ޒަލަންބޫރު ވަރަށް އުފާވިއެވެ. އަދި ޝައިތާނީ ރައީސް އިބިލީހަށް ޖަވާބުދިނުމަށް އަވަސްވެގަނެ، ބުންޏެވެ. މިކަމުގައި ވަރަށް ވެސް ބޮޑު އަހައްމިޔަތުކަމެއް އެބަ އޮތެވެ. ދެ ކުލައިގެ ދަޖަލުސީން، އެއްބަޔަކު އަނެއް ބަޔަކަށް ކަންކަން ފާކޮށްގެން ތިބުމުން، އަސްލު މައްސަލަ އޮންނާނީ އޮންނަ ތަނުގައި އެއޮތް ގޮތަކަށެވެ. އެކަމަކަށް އެއްވެސް ހެޔޮ ބަދަލެއް، ހައްލެއް، ނައިހެވެ. ވައްކަކުރުމާއި ފަސާދައިގެ އަމަލުތައް ހިންގުމުން، އެކަން އެއްބަޔަކު އަނެއް ބަޔަކާ ފާކޮށްގެން ތިބުމުން، އެއިން އެއްވެސް ކަމެއް ހައްލުވާ ގޮތެއް ނުވާނެ ނޫން ހެއްޔެވެ؟ މީގެ އިތުރުން، ހުރިހާ ކުލައެއްގެ ދަޖަލުސީންނަށް ވެސް ވިސްނެނީ މިއީ ހަމަ ކުރަން އެންމެ ރަނގަޅު ކަންކަން ކަމުގައެވެ. ވައްކަންކޮށް ފަސާދައިގެ އަމަލުތައް ހިންގުމުގެ ފުރުސަތު އެ ކުލައެއްގެ ދަޖަލުސީންނަށް ލިބިފައިވާ ކުލައިގެ މީހުން، ޖަމާއީ ސިފައެއްގައި އެ ފަދަ އަމަލުތައް ކުރަމުން ގެންދަންވީއެވެ. އޭރުން ކުށެއް ނުކުރެވޭނެއެވެ. ގާނޫނާ ޚިލާފުކަމެއް ވެސް ނުކުރެވޭނެއެވެ. މިކަމުގެ ހުރިހާ މޮޅަކާ ރީތި ނަމުގެ ހައްގުވެރިޔަކީ އިބިލީސްކަމަށް ވެސް ޒަލަންބޫރު ބުންޏެވެ. މައްކާގެ ގުރައިޝުން ސަލާމާތް ލެއްވި އިތުރު އެކަލޭގެފާނުން އަވަހާރަކޮށްލަން ރޭވި ޖަލްސާގައި އެކަންކުރާނީ ހުރިހާ ގަބީލާތަކެއް ބައިވެރިވާ ސިފައެއްގައި ކަމަށް އިބިލީސް މަޝްވަރާ ދިންކަމަށް ޒަލަންބޫރު މަޖުލީހުގައި ތިބި ހުރިހާ ޝައިތާނީ މެންބަރުންނަށް ހަނދާންކޮށްދިނެވެ. އެ ގޮތުގައި އެކަން ކުރުމުން، ބަނޫ ހާޝިމު ވަންހައިގެ މީހުންނަށް އެހެން ހުރިހާ ވަންހަތަކާ ހަނގުރާމަ ނުކުރެވޭނެ ވާހަކަވެސް ގުރައިޝުންގެ އެ މަޖުލީހުގައި އިބިލީސް ބުނިކަން ޒަލަންބޫރު ހަނދާންކޮށް ދިނެވެ. ކޮންމެ އަކަސް، ވައްކަމާއި ރިޝްވަތު ދިނުމާއި 'ކަޓު’ނެގުމަކީ ހަމަ ކުރީގެ ކުލަތަކުގެ ދަޖަލުސީން ވެސް ކުރިކަމަކަށް ވާތީ، މިހާރުގެ ކުލަތަކުގެ މީހުންނަށް ވެސް އެކަން ކުރެވެން ޖެހޭނޭ ކަމެއްކަން މީސްތަކުންގެ ހިތްތަކަށް ޒަލަންބޫރު ވެއްދިކަމުގެ ވާހަކަ ބުންޏެވެ. އަދި، މިކަމުގެ ސަބަބުން، ފަސާދައިގެ އަމަލުތައް ނުހުއްޓުވި، އެތައް ޒަމާންތަކަކަށް އެފަދަ އަމަލުތައް ދެމިގެން ދާނެކަން ވެސް ޒަލަންބޫރު ބުނެ، އޭނާގެ ވާހަކަތައް ނިންމާލިއެވެ.

ދެން، ޒަލަންބޫރުގެ މަތިވެރި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން، ޝައިތާނީ މަޖުލީހުގެ ރައީސް އިބިލީހާއި އަދި ޝައިތާނީ މަޖުލީހުގެ ޝައިތާނީ ހުރިހާ މެންބަރުން ކޮޅަށް ތެދުވެ، އަތްތިލަބަޑީގެ ވަރަށް ހޫނު މަރުހަބާއެއް ކިޔެވެ. އަދި، އިރުގަނޑަކަށް ފަހުން، ތަރުހީބުގެ އަތްތިލަބަޑީގެ އަޑު މަޑުވެ، މަޑުމަޑުން ފަނޑުވެ، ފިލައި ދިޔުމުން، މަޖުލީހުގެ ޝައިތާނީ ރައީސް ބުންޏެވެ. މިއަދުގެ ޖަލްސާ މިހިސާބުން ނިމުނީއެވެ. ދެން، ކުރިއަށް އޮތް ޖަލްސާގައި، ރާއްޖޭގެ ކަންތައްތައް ގޯހުން ގޯހަށް ގެންގޮސް އެގޮތުގައި ހުރިހާ ކަމެއް ދަމަހައްޓާނެ ގޮތާ މެދު މަޝްވަރާކުރުން އޮންނާނެ ވާހަކަ ބުނެ، މަޖުލީހުގެ ރައީސް އިބިލީސް ދުވަހުގެ ޖަލްސާ ނިންމާލިއެވެ. (ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *