މަންމައާއެވެ. ތެދުވާށެވެ. މިއަދަކީވެސް އާ ދުވަހެކެވެ. ކޮއްކޮ ސްކޫލަށް ދާ ގަޑި ޖެހެނީއެވެ. ކޮއްކޮ މިހިރީ އިއްޔެ ހެނދުނުއްސުރެ ނުކައެވެ. އޯކޭ ވާނެއެވެ. ކޮއްކޮ ފެންފޮދެއް ބޯލައިގެން ހުންނާނަމެވެ. އެކަމަކު މިއަދު ސްކޫލަށް ނުގޮސްފިނަމަ އަނެއްކާވެސް މައްސަލަ ޖެހިދާނެއެވެ.
މަންމާއެވެ. ރުޅި ނާންނާށެވެ. ކޮއްކޮ މިގޮވީ މަންމަގެ އަތުން އަނެއްކާވެސް އެ މީހުން ކޮއްކޮ ގެންގޮސްފާނެތީއެވެ. ކޮއްކޮއާ ދިމާލަށް އެއްޗެހި ނުކިޔާށެވެ. ފަހުން އެކަމާ ހިތާމަކޮށް މަންމަ ރޯނެއެވެ. މަންމަ ރޯތަން ފެނުމުން ކޮއްކޮ ވަރަށް ދެރަވާނެއެވެ.
މަންމާއެވެ. ރުޅި އައިސްގެންވެސް ތެދުވީތީވެ މިއަދު ސްކޫލަށް ދެވޭނެއެވެ. ކިހާ ރަނގަޅު ހެއްޔެވެ؟ ސްކޫލަށް ގެންދަންޖެހޭ ތަކެތީގެ ލިސްޓު މަންމައަށް ދިނީމެއް ނޫންހެއްޔެވެ؟ އެއަށް އެއްޗެހި ނުގަނެވުނީ ދޯއެވެ؟ މައްސަލައެއް ނެތެވެ. ކޮއްކޮ ޓީޗަރު ކައިރީގައި މަންމައަށް އެ ލިސްޓު ދޭން ހަނދާން ނެތުނީއޭ ބުނާނަމެވެ.
މަންމާއެވެ. ރުޅި ނާންނާށެވެ. ކޮއްކޮ އިންޓޯލަށް އެއްޗެއް ލިބޭނެތޯ އެހީ މަޖަލަކަށެވެ. މަންމަ އަތުގައި ލާރި ނެތްކަން ހަނދާން ނެތުނީއެވެ. މަންމަގެ ޖިންސު ޖީބުގައި ސަތޭކަ ރުފިޔާ ނުކުމެފައި އޮތްތަން ފެނުމުން ބަނޑުހައިކަން ހަނދާންވީއެވެ. ސޮރީއެވެ. އެއީ އެހެން ކަމަކަށް އޮތް ފައިސާކަން ކޮއްކޮއަށް ނުވިސްނުނީއެވެ. ދެން އެކަހަލަ ވާހަކައެއް ނާހާނަމެވެ. ކޮއްކޮ ދެކެ ދެން ރުޅި ނާންނާށެވެ. މަންމަ ދެކެ ކޮއްކޮ ވަރަށް ލޯބިވެއެވެ.
މަންމާއެވެ. މިއަދު ކޮއްކޮ ބަލާ އަންނާނަން ހެއްޔެވެ؟ ކޮއްކޮ މިހާރު ސްކޫލުގެ ދައްތައާ އެކުގައި ގެއަށް އަންނަތާ ފަސް ދުވަސް ވެއްޖެއެވެ.
މަންމާއެވެ. ކޮއްކޮއާ ދިމާލަށް ތިހާ އެއްޗެހި ނުކިޔާށެވެ. މިކަހަލަ އެއްޗެހި މި އަހަނީ އެހެން ކުދިން ކޮއްކޮއަށް މަލާމާތްކުރާތީއެވެ. އެ ފަހަރު މަންމަގެ އަތުން އަތުލައިގެން ކޮއްކޮ އެތަނަށް ގެންދިޔަ ފަހުން ކޮއްކޮއަކީ ޔަތީމެކޭ ކުދިން ކިޔަނީއެވެ.
މަންމާއެވެ. ސްކޫލުން ގެއަށް އާދެވިއްޖެއެވެ. ސްކޫލުގެ ކުއްޖެއް މިއަދު އޭނާގެ އިންޓޯލުގެ އެއްބައި ދިނެވެ. އޭގެ ބަދަލުގައި ކޮއްކޮ އޭނާގެ ފިލާވަޅު ހަދައިދިނީމެވެ. ގެއަށް އައިއިރު ކަރަންޓެއް ނެތެވެ. މަންމަ އަންނަންދެން ކޮއްކޮ މަޑުކޮށްގެން އިންނާނަމެވެ.
މަންމާއެވެ. އަސުރު ނަމާދަށް ގޮވައިފިއެވެ. ކޮއްކޮ މިހާރު ފިލާވަޅު ހަދައި ނިމުނީއެވެ. އިނގިރޭސިން ލިޔުނު ވާހަކައިގައި މަންމައާއި ކޮއްކޮ އެކުގައި ކުޑައިރު ޕާކަށް ދިޔަ ވާހަކަ ލިޔުނީމެވެ. އެއީ ހާދަ އުފާވެރި ދުވަހެކެވެ. ޕާކު ނިންމައިފައި މަންމައާއި ކޮއްކޮ އައިސްކުރީމު ބުއި ހަނދާންވީމާ ކޮއްކޮ އުފާވިއެވެ. އަދިވެސް އެގޮތަށް ޕާކަށް ދާން ޖެހޭނެ ދޯއެވެ؟ މަންމައަށް ލާރި ލިބުމުން ދާނީއެވެ.
މަންމާއެވެ. އިރުއޮއްސިއްޖެއެވެ. މިހާރު ކޮޓަރި ވަރަށް އަނދިރިވެއްޖެއެވެ. މަންމަ އަންނާނީ ކޮން އިރަކުންހެއްޔޭ ކޮއްކޮ ހިތަށް އަރަނީއެވެ. މަންމަ ކުރިން ހަދާ ނޫޑުލްސް މަތިން ހަނދާންވެއްޖެއެވެ. ދުނިޔޭގައި ވާ އެންމެ މީރު ނޫޑުލްސް ހަދަނީ މަންމައެވެ. މި ކޮޓަރިއަށް ބަދަލުވި ފަހުން މިހާރު އެގޮތަކަށް ނުކެއްކޭ ދޯއެވެ؟ މަންމައަށް އަނެއްކާވެސް ޖޮބެއް ލިބުނީމާ އެހެން ތާކަށް ބަދަލުވާނީ ދޯއެވެ؟
މަންމާއެވެ. އަޅާނުލާށެވެ. މީހުން މަންމައާ ދިމާލަށް އެއްޗެހި ކިޔަސް ކޮއްކޮ ދުވަހަކުވެސް މަންމަ ދެކެ ފޫއްސެއްނުވާނެއެވެ. މަންމަގެ ދިރިއުޅުން ހަލާކުކޮށްލީ ކޮއްކޮއޭ މަންމައަށް ބުނެވުނަސް، ކޮއްކޮ މަންމަ ދެކެ ރުޅިއެއް ނާންނާނެއެވެ. އެހެންނަމަވެސް މަންމަ އަވަހަށް ގެއަށް އަންނާށެވެ. މިހާ އަނދިރިވީމާ ކޮއްކޮ ބިރުގަނެއެވެ.
މަންމާއެވެ. ކުޑަކޮށް ކޮޓަރީގެ ދޮރު ހުޅުވާލައިފީމެވެ. ކޮޓަރި ވަރަށް އަނދިރިވީމައެވެ. މަންމަ ރުޅި ނާންނައްޗެއެވެ. ކޮއްކޮއާ ހެދި ކޮޓަރިއަށް މަދިރި ވަދެއްޖެއެވެ. އޭތި މަރާލާނަމެވެ.
މަންމާއެވެ. ގޭގައި އުޅޭ އެއްކަލަ މީހާ އެއްކަލަ ގޮތަށް ކޮއްކޮއާ ދިމާލަށް ބަލައިލައިފިއެވެ. ކޮއްކޮ ކޮޓަރީގެ ދޮރު ހުޅުވާ ކޮންމެ ފަހަރަކު އޭނާ ކޮއްކޮއާ ދިމާލަށް ބަލައެވެ. ކޮއްކޮ ކުޑަކޮށް ކޮޓަރީގެ ދޮރު ކައިރިކޮށްލައިފީމެވެ.
މަންމާއެވެ. މިހާރު އިޝާ ނަމާދަށް ގޮވާ އަޑު އިވެނީއެވެ. މިރޭ މަންމަ އަންނާނަން ދޯއެވެ؟ ކޮއްކޮ މިއޮތީ ފާޚާނާއަށް ވަންނަން ނުކެރިފައެވެ. މަންމާއެވެ. ކޮއްކޮ ވަރަށް ހިތަށް އަރާ އެއްޗެއް އެބައޮތެވެ. މަންމަ ތިކަމުން އެއްކޮށް ސަލާމަތްވާނީ ކޮން ދުވަހަކުން ހެއްޔެވެ؟ ކޮންމެ ފަހަރަކު މަންމަ ރަނގަޅުވީއޭ ބުނެފައި އަނެއްކާވެސް… މަންމާއެވެ. ސޮރީއެވެ. މަންމަ ނުދެއްކިޔަސް މަންމަ ރޯތަން ކޮއްކޮއަށް ފެނެއެވެ. މަންމައަށް ތަދުވެގެން އުޅޭތަން ކޮއްކޮއަށް ފެނެއެވެ. އިރާދަކުރެއްވިއްޔާ، ކޮންމެވެސް އެއް ދުވަހަކުން ކޮއްކޮ މޮޅު މީހަކަށް ވެގެން މަންމަ މިކަމުން އެއްކޮށް ރަނގަޅު ކޮށްލާނަމެވެ. މަންމަ ދެކެ ކޮއްކޮ ވަރަށް ލޯބިވެއެވެ. މަންމަގެ މަޖުބޫރު ޙާލަތު ކޮއްކޮއަށް ވިސްނެއެވެ. މަންމަ ދެކެ ކޮއްކޮ ވަރަށް ލޯބިވެއެވެ.
މަންމާއެވެ. އެމީހާ އަނެއްކާވެސް ކޮޓަރީގެ ދޮރު ހުޅުވައިފައި އެތެރެ ބަލައިލައިފިއެވެ. ކޮއްކޮ އެބަ ވަރަށް ބިރުގަނެއެވެ. މަންމަ އަލިފާނާ ނުކުޅޭށޭ ބުނެފައި އޮތީމާ ކޮއްކޮއަށް މިވަނީ އުއްބައްތިއެއް ރޯކުރަން ނުކެރިފައެވެ. އުއްބައްތި ދިއްލައިފިއްޔާ ދޮރު ލެއްޕިދާނެއެވެ. މަންމާއެވެ. މިހާ ބޮޑަށް މަންމަ މިރޭ އައުމަށް މި އެދެނީ ކީއްވެގެންކަން އެނގޭދޯއެވެ؟ މާދަމާއަކީ ކޮއްކޮގެ އުފަންދުވަހެވެ. ކޮއްކޮ މި ދުނިޔޭގައި އުޅޭތާ 10 އަހަރު ވަނީއެވެ. ފަހަރެއްގައި މަންމަ މިރޭ އަންނައިރު ހުންނާނީ ރަނގަޅުވެފައެވެ. އޭރުން ކުރިޔަށް އޮތް ތަނުގައި ކޮއްކޮއާއި މަންމަ ދެން އުޅޭނީ އުފަލުގައި ދޯއެވެ؟ ފަހަރެއްގައި މާދަމާ ބައްޕަގެ އާއިލާގެ މީހުން މަންމައަށް ގުޅައިފައި ކޮއްކޮއަށް ކޭކެއް ގަންނަން ފައިސާ ދީފާނެއެވެ. އޭގެން ބިލުދައްކައިފައި ކޭކު ފަޅާނީއެވެ. މަންމައާއި ކޮއްކޮ އެކަންޏެވެ. އެކަމަކު ސްކޫލުގެ ދައްތައަށް ކޭކު ގެންދަންވާނެއެވެ.
ކޮއްކޮއަށް އެއްކަލަ ލަވަ ހަނދާންވެއްޖެއެވެ. ކޮއްކޮ ކުޑައިރު މަންމަ ކިޔައިދޭ ލަވައަކީ ކޮބައިހޭ ކުރީ ދުވަހު އެހީމާ މަންމައަށް އެ ލަވަ ހަނދާން ނުވެގެން ރުޅި އައީމާ ކޮއްކޮ ވަރަށް ދެރަވިއެވެ. ކޮއްކޮއަށްވެސް އެދުވަހު އެ ލަވަ ހަނދާނެއް ނުވިއެވެ. މިހާރު ހަނދާންވެއްޖެއެވެ. މަންމަ އައިމާ ބުނާނަމެވެ.
މަންމާއެވެ. އެމީހާ އަނެއްކާވެސް އައިސް ދޮރު ހުޅުވައިފިއެވެ. ކޮއްކޮ ވަރަށް ފަރުވާތެރިކަމާއެކު އުއްބައްތިއެއް ދިއްލާނަމެވެ.
މަންމާއެވެ. މިހާރު ކޮއްކޮ ކުޑަކޮށް ހަމަޖެހިއްޖެއެވެ. އުއްބައްތި ދިއްލިއްޖެއެވެ. ދޮރު ލައްޕައިފީމެވެ. ދެން އެ މީހާއަކަށް ނުވަދެވޭނެއެވެ. ކުޑަ އިރުކޮޅަކުން ގަޑިން 12 ޖަހާނެކަންނޭނގެއެވެ. މަންމަ އަންނަންދެން ކޮއްކޮ ހޭލާ ހުންނަން ބޭނުންވިޔަސް ކޮއްކޮ ގާތަށް ވަރަށް ނިދި އެބަ އާދެއެވެ. ކޮއްކޮ ޝަހާދަތް ކިޔައިފައި މެޔަށް ފުމެފީމެވެ. މަންމާއެވެ. ކޮއްކޮއަށް ނިދެންދެން މަންމަ ކޮއްކޮ ކައިރީގައި ދެން އޮވެދޭނީ ކޮން ރެއަކުން ހެއްޔެވެ؟ މަންމަ ދެން ކޮއްކޮއަށް ވާހަކަ ކިޔައިދޭކަށް ނުޖެހޭނެއެވެ. ކޮއްކޮ ކައިރީގައި ހަމަހިމޭނުން މަންމަ އޮންނާނީއެވެ. ހަމައެކަނި އޮންނާނީއެވެ.
މަންމާއެވެ. މަންމަ ތިއައީ ދޯއެވެ؟ މިހާރު ތި ރޮނީ ކީއްވެގެން ހެއްޔެވެ؟ ނުރޯށެވެ. މިއީ ކޮއްކޮގެ އުފަންދުވަހެވެ. މަންމަ ދެކެ ކޮއްކޮ އަބަދުވެސް ލޯބިވާނަމެވެ. އަބަދުވެސް ލޯބިވާނަމެވެ. އެއްކަލަ ލަވަ ހަނދާންވެއްޖެ ހެއްޔެވެ؟ އެ ލަވަ ކޮއްކޮއަށް ކިޔައިދީފާނަން ހެއްޔެވެ؟ މަންމަ ދެކެ ކޮއްކޮ ވަރަށް ލޯބިވެއެވެ. ވަރަށް ލޯބިވެއެވެ.
ކުއްލި ޚަބަރު: ހެންވޭރުގެ ގެއެއްގެ ކޮޓަރިއެއްގައި ރޯވެ، 10 އަހަރުގެ ކުއްޖަކު މަރުވެއްޖެ
ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ހެންވޭރު ގެއެއްގައި ރޯވެ 10 އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެއެވެ.
މި ހާދިސާ ހިނގައިފައި ވަނީ "ނަރުތަ" ކިޔާ ގޭގެ ކޮޓަރިއެއްގައެވެ. ފުލުހުން މިހާތަނަށް ކުރި ތަހުގީގުން ދައްކާ ގޮތުގައި، މި ހާދިސާ ހިނގީ ކޮޓަރީގައި ކަރަންޓު ނެތުމުގެ ސަބަބުން ކުޑަ ކުއްޖާ އަމިއްލައަށް އުއްބައްތި ދިއްލައިފައި ހުއްޓައި އެ އުއްބައްތި ވެއްޓި ފޮތްތަކެއްގައި އަލިފާން ރޯވެގެންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގައިފައިވަނީ ރޭ 12 ޖަހަން ވަރަށް ކައިރިވެފައި ހުއްޓަ އެވެ. އަލިފާން ރޯވެފައިވަނީ ގޭގެ ތިރީގައި ހުރި ކުޑަ ކޮޓަރިއެއްގައެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު އިރު ކުއްޖާ ވަނީ ނިޔާވެފައެވެ. ހާދިސާ ހިނގި ވަގުތު އެ ކޮޓަރީގައި އުޅުނީ އެ ކުއްޖާ އެކަނި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނި ގޮތުގައި ނިޔާވި ކުއްޖާގެ މަންމައަކީ މަސްތުވާތަކެތީގެ މައްސަލައިގައި ގިނަ ފަހަރު ފަރުވާ ދީފައިވާ މީހެކެވެ. މީގެ ކުރިންވެސް މަންމަގެ އިހުމާލުގެ ސަބަބުން މި ކުއްޖާ ސަރުކާރުގެ ބެލުމުގެ ދަށަށް ވަނީ ނަގައިފައެވެ. ރޭގެ މި ހާދިސާ ހިނގި ވަގުތު ކުއްޖާގެ މަންމަ ގެއަކު ނެތެވެ.
ނޭޝަނަލް ޑްރަގް އެޖެންސީ (އެން.ޑީ.އޭ) އިން ބުނީ މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ފަރުވާ ދޭ މީހުންގެ ތެރެއިން އަނެއްކާވެސް މަސްތުވާތަކެއްޗަށް އަނބުރާ ދާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.
އެސް.ޔޫ.ޑީއަކީ ކޮބާ؟
މަސްތުވާތަކެތި ބޭނުންކުރުމުގެ ނުރައްކާތެރި ބަލި (އެސް.ޔޫ.ޑީ) އަކީ އެއަށް ދެވިހިފައިފައިވާ މީހުންގެ ސިކުނޑި ހަލާކު ކޮށްލައި، ސިކުނޑީގެ ނިންމުންތައް ނިންމާ ނިޒާމުތަކަށް ހުރަސްއަޅާ ކަމެކެވެ. މިކަމުގެ ސަބަބުން ދުވަހުން ދުވަހަށް ކުރަންޖެހޭ މުހިންމު ކަންތައްތަކަށް ބުރޫއަރާ، މަސްތުވާތަކެއްޗާ އަޅާބަލާއިރު، އެހެން ކަންތައްތަކަކީ މުހިންމުކަން ކުޑަ ކަންތައްތަކެއްގެ ގޮތުގައި ދެކެވެއެވެ. މިކަމުގެ ސަބަބުން މުޖުތަމަޢުގެ ފެންވަރުގައި އަދި ޤައުމީ ފެންވަރުގައި ނޭދެވޭ އަސަރުތަކެއް ކުރަމުންދެއެވެ.



advertisment
One Response
ރޮވިއްޖެ…ވަރަށް ރީތި ވާހަކަ…އަދި ނެރޭޓް ކޮށްފަ އިން ގޮތްވެސް