Support Us

ވާހަކަ: ބިތްފުށީގެ ސިއްރު

ރާއްޖޭގެ ދުރު ހިސާބެއްގައިވާ އަރިފުށި ކިޔާ ކުޑަކުޑަ ރަށެއްގައި ދަހިވެތިކަމުގެ މުސީބާތުން ސަލާމަތްވެފައިވާ މުޖުތަމަޢުއެއް ދިރިއުޅެމުން އައެވެ. އެ ރަށުގެ އެންމެން އުޅެނީ އެކަކު އަނެކަކާ އެއްބައިވެގެންނެވެ. އެކަކު އަނެކަކަށް އަޅާލައިގެން އޯގާތެރިކަމާ އެކުގައެވެ. އެކަކަށް ލިބޭ އެއްޗެއް ޝަކުވާއެއް ނެތި އަނެކަކަށް ދީގެންނެވެ. ރަށުގެ މީހުން އާމްދަނީ ހޯދަން ކުރަނީ މަސްވެރިކަމާއި ބޮލި ހިލުމާއި ރޯނު ވެށުމެވެ. މިއިން ލިބޭ އާމްދަނީން ރަށު އެންމެންގެ ބޭނުންތައް ފުދިގެން އުޅެވެއެވެ.

އެ ރަށުގެ ބިތްދޮށުގައި ބިތްފުށި ކިޔާ ކުޑަކުޑަ ރަށެއް އޮވެއެވެ. އެ ރަށަށް މީހުން ގޮހެއް ނޫޅެއެވެ. އެންމެ ބޮޑު ސަބަބަކީ ބިތްފުއްޓޭ ކިޔައިގެން އިހުޒަމާނުން ސުރެން ފެށިގެން އަޑުއަރައިފައިވާ ނާމާން ވާހަކަތަކެވެ. މީހުން ބުނާ ގޮތުގައި ކުރީ ޒަމާނުގައި އެ ރަށުގައި މީހުން އުޅުނެވެ. މީހުން އުޅުނު ކަމުގެ ނިޝާންތައް ވެސް އެ ރަށުގައި ވެއެވެ. ނަމަވެސް މުސްކުޅިން ބުނާގޮތުގައި އެ ރަށު މީހުންގެ ދުނިޔެވީ އެދުންތައް އެމީހުންގެ މައްޗަށް ގަދަވެގެން ގޮސްގެންނާއި، ފަންޑިތައިގެ ހަނގުރާމަވެރިކަން ބޮޑުވެގެން އެ ރަށުގައި ނާމާން ކަމެއް އުފެދުނީއެވެ. އެ އެއްޗެއް އުޅޭ މީހުންނަށް ހަމަލާދީ މީހުން މަރުވާން ފެށީއެވެ. އެހެންވެ އެ ރަށް ދޫކޮށްފައި ދިރި ތިބި އެންމެން އެ ރަށުން ފޭބީއެވެ. އަރިފުށީގައި މިހާރު ވަޒަންވެރިވެގެން އުޅެނީ ބިތްފުށިން ފޭބި މީހުންގެ ދަރިންގެ، ދަރިންގެ، ދަރިންގެ ދަރިން ކަމުގައި ކިޔާ އުޅެއެވެ. ރާއްޖޭގައި ބިތްފުއްޓަށް އެރެޔޭ ކިޔާ އުޅެނީވެސް ހަމައެކަނި އަރިފުށީ މީހުންނަށެވެ. އެއީ އަރިފުށީ މީހުންގެ ހިތުގައި އޭރުން ފެށިގެން ދަހިވެތިކަން ނެތުނީމާއޭ ކިޔައި އުޅެއެވެ.

ބިތްފުއްޓަކީ ވަރަށް އާދަޔާ ޚިލާފު ރަށެކެވެ. އެރަށުގެ އެއް ފަރާތުގެ ގޮނޑުދޮށް ފުރެންދެން އޮންނަނީ ރަތް މުރަކައާއި ވަރުވަރުގެ އިތާމުތެވެ. އަނެއް ފަރާތުގައި އެކި ވަރުވަރުގެ މާވަހަރެވެ. ނަމަވެސް މިއިން އެއްވެސް އެއްޗެއް އަރިފުށީ މީހުން ރަށަށް ގެންގޮހެއް ނަހަދައެވެ. ހާލަކުން ފަހަރެއްގައި އަރިފުށީގެ މީހުން ބިތްފުއްޓަށް އެރިޔަސް އަރަނީ ބޮޑެތި ކެއުންތައް ރަށުގައި ބާއްވާ ދުވަސްތަކަށް ވެލާ ބިސްގަނޑު އަޅަން ވެލާ ބިސް ހޮވާށެވެ. އެ ރަށަކީ އާންމު ގޮތެއްގައި ވެލާ އަރާ ވަރަށް ގިނައިން ބިސް އަޅާ ރަށެކެވެ.

އެއް ދުވަހަކު އިރުއެރި އިރުގައި ބޮޑު އޮޑިއެއް އަރިފުށީގެ ފަޅު ތެރެއަށް ވަދެ އޮއްވައި އެ ރަށު ރައްޔިތުންނަށް ފެނިއްޖެއެވެ. ދެން އަރިފުށީ މީހުން އެ އޮޑިކައިރިއަށް ބޮއްކުރާތަކުގައި ގޮސް ކޮން ބޭނުމަކު އައި އޮޑިއެއްތޯ އޮޅުންފިލުވިއެވެ. އެ އޮޑީގައި ތިބީ ހަމުގެ ކުލަ ދޮން މީހުންނެވެ. މި މީހުންގެ ވާހަކައިން އެނގުނީ ކޮންމެވެސް ގޮތަކުން އެމީހުންނަށް ބިތްފުށީގައިވާ އަގުހުރި ތަކެތީގެ ވާހަކަ އިވިފައިވާކަމެވެ. އަދި އެމީހުންނަށް މަޢުލޫމާތު ދިން މީހުން އެމީހުން ކައިރީގައި އެ ރަށަށް އަރައިފައިބާ ހެދެނީ ހަމައެކަނި އަރިފުށީ މީހުންނަށް ކަމަށް ބުނި ކަމަށް ވެއެވެ. އެމީހުން އަރިފުށީގެ ރައްޔިތުން ކައިރިން އެދުނީ އެމީހުން ބިތްފުއްޓަށް ގެންގޮސްދިނުމަށާއި އެތަނުން އެމީހުން ބޭނުންވާ ސާމާނު ނެގުމުން އޮޑިއަށް އެތަކެތި ބަރުކޮށްދޭން އެހީތެރިވެދިނުމަށެވެ. އަދި އެމީހުންނަށް ވެދޭ އެހީގެ އަގު ރަނުން ދޭނަން ކަމަށް ބުންޏެވެ.

ރަށުގެ ބޮއްކުރާތައް އަލުން ރަށަށް ވަދެ ރަށުގެ ހަރުމީހުންގެ ކައިރީގައި މި ދޮން މީހުންގެ އެދުން ބުނެދިނެވެ. އެމީހުން އެކަމާ ދޭތެރޭ އެދުވަހު ވިސްނުމަށްފަހު އަސުރަށް ފަހު ހޮޅުއަށްޓަށް އެއްވިއެވެ. އަދި ރަށު ރައްޔިތުންނާ މަޝްވަރާ ކުރުމަށް ފަހު ދޮން މީހުންނަށް އެހީވެނުދޭން ނިންމިއެވެ. ސަބަބަކީ އެ ރަށުގައިވާ ތަކެތި އަރިފުށީ މީހުން ނުނަގާތާނގައި އެހެން ބަޔަކަށް ނަގަން އެހީވެދިނުމަކީ ގޯސްކަމެއް ކަމުގައި ދެކެވޭތީއެވެ.

މި މަޝްވަރާ އަޑު އަހަން އެ ރަށުގެ ޒުވާންފުރައިގެ މީހެއް ކަމަށްވާ ތައްހާނު ތަންކޮޅެއް ދުރުގައި ހުއްޓެވެ. އޭނާގެ ހިޔާލު ފަހަކަށް އައިސް ވަނީ ރަށުގެ ބޮޑެތި މީހުންނާ އެކުގައި މާލެ ގޮސް އުޅެން ފެށިފަހުން ބަދަލުވެފައެވެ. މާލޭގެ ބާޒާރުތަކަށް ގޮސް ތަކެތި އޮޑިއަށް އަރުވަން އުޅޭ އިރުގައި އެހެން ރަށްރަށުގެ މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ވާހަކައާއި ތަނަވަސް ވާހަކަ އަޑުއިވެން ފެށުމުން އަމިއްލަ ރަށަށްވެސް އެ ކުރިއެރުންތައް ގެންނަން އޭނާ ބޭނުންވެފައިވެއެވެ. އަދި މިގޮތަށް އުޅުމުގެ ތެރޭގައި ރަނަކީ ވަރަށް އަގުބޮޑު އެއްޗެއްކަން އޮތީ އެނގިފައެވެ. އަދި ރަނުން ކުރެވިދާނޭ ކަންކަންވެސް އޭނާއަށް އޮތީ ވިސްނެން ފަށައިފައެވެ.

"ބޭބެމެންގެ ތި ނިންމުމާ އަހަރެން ދެކޮޅު. އެ ރަށުން އެ އެއްޗެހި ނަގަނީ އަހަރުމެން ބޭނުން ކުރާކަށް ނޫން. އެހެންވެ އޭގެ ސަބަބުން އަހަރުމެންނަށް ލިބޭނޭ ގެއްލުމެއް ނޯންނާނެ. އަހަރުމެންނަށް ލިބޭ އަގަކީ އެ މީހުން އެ ރަށުން ނަގާ އެއްޗެހީގެ އަގެއް ނޫން. އެއީ އެމީހުންނަށް އެ ރަށަށް އަރުވައިދީ އެއްޗެހި އުފުލައިދިނުމުގެ އުޖޫރަ،" ތައްހާނު ބުންޏެވެ.

"މިހާރު މިރަށުގައި ކުރާ މަސައްކަތުން އަހަރުމެންނަށް ބޭނުންވާ ވަރަށް ނުލިބެނީތަ އެކޮއެ؟" ރަށުގެ ހަރު މީހެއް ކަމުގައިވާ އާދަނު ސުވާލު ކުރިއެވެ.

"އެހެން ރަށްރަށުގެ މީހުން އުޅޭލެ ތަނަވަސްކަން އާދަންބެއަށް ނޭނގޭތީ ތިހެން ތިބުނަނީ. މި ރަށުގައި މީހުންނަށް އަބަދު އުޅެން ޖެހިފައިވަނީ ލިބޭ އެއްޗަކުން. ކަމެއް ދިމާވެދާނޭ ކަމަށް އެއްޗެއް ރައްކާ ކުރެވިފައެއް ނޯވޭ،" ތައްހާނު ފޯރީގައި ބުންޏެވެ. "ކޮންމެ ދުވަހަކު ރަތްދަކައިއަވީގައި ގޮސް މަސްބާނައިގެން، އެ ކައްކައިގެން، އެ ހިއްކައިގެން، އެ ވިއްކައިގެން ލިބޭ އެއްޗަކުން މުދާ މިރަށަށް މި ގެންނަނީ. މަސް ނުބޭނިއްޖެއްޔާ ކާށިކޮޅެއް ކާލައިގެން އެންމެން އުޅެން ޖެހެނީ. މީތަ އަބަދު ދިރިއުޅެން ޖެހޭ ގޮތަކީ؟"

"އަހަރުމެންގެ ރިޒުގު ވަނީ ހަމަޖެހިފައޭ އެކޮއެ. ތި ބިރުވެރި ހިޔާލު ހިތުން ދޫކޮށްލާ. ތި ގޮތަށް ވިސްނުމުގެ ސަބަބުންނޭ މީހުން ހަލާކުގެ ތެރެއަށް ދަނީ،" އާދަމްބެ ބުންޏެވެ.

"މިރަށުގައި އަބަދުވެސް ރަނގަޅަށް އެއްޗެކޭ ބުނާ މީހާ ގޯސްވާނީ،" މިހެން ބުނެފައި ރުޅިއައިސްގެން ތައްހާނު ނައްޓައިލައިގެން ދިޔައީއެވެ.

އޭގެ އަނެއް ދުވަހު ރަށުގެ ކުޑަ ދޯންޏެއްގައި ފުރައިގެން ގޮސް، ފަޅުބޭރުގައި އަޅައިފައި އޮތް އޮޑިއާ ގާތްކޮށް، އެ އޮޑިން މީހުން ގޮވައިގެން ތައްހާނު ބިތްފުއްޓަށް ހިނގައްޖެއެވެ. ތައްހާނު ދިޔުމުން ރަށު އެންމެން ތައްހާނުގެ އަނބިމީހާ ދަލޭކައަށް ގާތަށް ގޮސް އެހީތެރިވެދޭން ފެށިއެވެ. އޭރު ދަލޭކަ އިނީ ވިހަން ކައިރިވެފައެވެ.

ދަލޭކަ ވިހެއީ ތައްހާނު ނެތީއެވެ. ރަށު އެންމެން އޭނާއަށާއި ދަރިފުޅަށް ކަންތައް ކޮށްދެމުން ގެންދިޔައީ އަމިއްލަ ކަމެއް ކަމުގައި ދެކިގެންނެވެ. ކުއްޖާގެ ނަންކިޔުމުގެ ކަންކަންވެސް ކޮށްދިނީ ރަށު މީހުންނެވެ. ތައްހާނު އެނބުރި ރަށަށް އައީ އެ ކުއްޖާއަށް ތިން މަސް ވަނިކޮށެވެ. އައި އިރުގައި އޭނާގެ މޫނުމަތިން ފެނުނީ އަނަރޫފަ ކަމެވެ.

އޭނާ ގޭތެރެއަށް ވަދެ ދަލޭކަ އަތުން އޭނާގެ ދަރިފުޅު މޮހޮނު އަތުލާފައި އޭނާ މޭގައި ޖައްސައިލިއެވެ. ދަލޭކާ ތެދުވެގެން ގޮސް ތައްހާނު ކާން މަހާއި، ކާށްޓާއި، އިދުރީސްބެ ގޯތިން ގެނެސްފައި ހުރި ދިޔާހަކުރު ކޮޅެއް ގެނައެވެ. އަދި ލޯ ތަށްޓަކަށް ފެންފުރައިގެން ގެނެސް ކައިރީގައި ބެހެއްޓިއެވެ. ތައްހާނު އޭނާގެ އަލަތު ދަރިފުޅު މޭގައި ޖައްސާލައިގެން ކުޑަ ވަގުތުކޮޅަކު މަޑުކޮށްލައިގެން އިނެވެ.

"ދަލޭކާ. އަހަރެންނަށް ވަރަށް ގިނަ ކަންތައް ފެނިއްޖެ. ވަރަށް ބިރުވެރި ކަންތައް ފެނިއްޖެ. ނަމަވެސް ﷲގެ ރަޙްމަތްފުޅުން އަހަރެންނަށް މިއާދެވުނީ. އެމީހުން އެމީހުންގެ ތެރޭގައި ރަށުން ލިބުނު ތަކެތީގެ މައްސަލައިގައި ތަޅާފޮޅުން ހިނގި. ދެމީހުން ތަޅާފޮޅައިގެން މަރުވި. އެ މީހުން މަރުވި މަންޒަރު އަހަރެން ލޯމަރައިލާ ކޮންމެ ފަހަރަކު ސިފަވަނީ. އޭގެ ފަހުން ނިދަންވެސް އުނދަގޫވި. ދަލޭކާ. މުދަލުގެ ދަހިވެތިކަމުގައި މީހުންނަށް ވާ ގޮތް އެނގިއްޖެ. އެކަމަކު އަލްހަމްދުލިﷲ. އަހަރެންގެ މަސައްކަތަށް އަގު ލިބިއްޖެ. އަހަރެން ދެން ދިރިހުރިހާ ދުވަހަކު މަސައްކަތެއް ކުރާކަށް ނުޖެހޭނެ."

ތައްހާނު ދަރިފުޅު ދަލޭކަޔާ ހަވާލުކޮށްލައިފައި އޭނާ ކައިރީގައި އޮތް ފޮތި ދަބަހެއް ނަގައި އޭގެ ތެރޭގައި ވާ ރަންތައް ދަލޭކައަށް ދައްކައިލިއެވެ. އޭގައި ވަރަށް ބައިވަރު ރަން ހުއްޓެވެ.

"ތައްހާނު. ތިހާ ބައިވަރެއް އަހަރުމެންގެ ހަޔާތުގައި އަދި އަހަރުމެންގެ ދަރިންގެ ހަޔާތުގައިވެސް ބޭނުމެއް ނުވާނެ. ތި ހިނގާ ރަށު މީހުންނަށް ހަދިޔާއަކަށް ދޭން،" ދަލޭކައަށް ރަނުގެ އަގު ނުވިސްނުނަސް އެއީ މާ ބައިވަރުކަން އެނގެއެވެ.

"ކީއްކުރަން؟ އެމީހުން އަހަރެން ދެއްކި ވާހަކައަށް ހަޖޫ ޖެހި ހަނދާން އެބަހުރި. ކޮބާ އެމީހުން އަހަރެން އެކަނިމާ އެކަނި އެތަކެއް ދުވަހެއް މި ނުލަފާ މީހުން ކައިރީގައި ހޭދަކުރި އިރުގައި؟ ކާކު އަހަރެންނަށް އެހީވެދޭން ދިޔައީ؟ އަހަރެން ބޭނުމެއް ނޫން އަހަރެންނަށް މިލިބުނު އެއްވެސް އެއްޗެއް އެމީހުންނާ ހިއްސާކުރާކަށް،" ތައްހާނު އަދިވެސް ހުރީ ރަށުގެ ބޮޑެތި މީހުން ދެކެ ރުޅި އައިސްފައިކަން އެނގުނެވެ. ދަލޭކަ އިތުރަކަށް އެކަމާ ވާހަކައެއް ނުދައްކައެވެ.

ރަށުގެ އެންމެންވެސް ތައްހާނު އެނބުރި އައުމުން ވަރަށް އުފާކުރިއެވެ. ނަމަވެސް ތައްހާނަށް ހުރީ ބަދަލުތަކެއް އައިސްފައެވެ. އޭނާ ހަމައެކަނި މުޢާމަލާތުކުރަނީ ރަށުގެ ވިޔަފާރީގެ ކަންކަމުގައި އުޅޭ މީހުންނަށެވެ. އެމީހުންނަށް ރަން ފޮއްޗެއް ދީގެން ދެތިން އަހަރު ވަންދެން އޭނާގެ ގެއަށް ކާބޯތަކެއްޗާއި މުދާ ލިބޭ ގޮތް ހެދިއެވެ. އޭނާއަށާއި ދަލޭކައާއި ދަރިފުޅަށް އެއްވެސް ދައްޗެއް ނެތި އުޅެވޭ ގޮތް ހަމަޖެއްސިއެވެ.

ނަމަވެސް އޭނާގެ މިޒާޖު ހުރީ ބަދަލުވެފައެވެ. ކުރީގައި އޭނާއަކީ އެންމެނާ ގުޅިގެން އުޅުނު މީހެކެވެ. ނަމަވެސް ބިތްފުށިން އެނބުރި އައިފަހުން އޭނާ ގެއިން ބޭރަށް ނުކުންނާކަށް ބޭނުމެއް ނުވެއެވެ.

ދަލޭކައަށް މިކަމުގެ އުނދަގޫވާން ފަށައިފިއެވެ. ގޭތެރޭގައި ދަލޭކަ އުޅޭ އިރުގައި ތައްހާނު އޭނާ ކުރާ ކަންތަކަށް ފާޑުކިޔަން ފަށައިފިއެވެ. ކައްކާ އެއްޗެހި ކަމުނުދާ ވާހަކައާއި އޭނާއަށް ދޭންޖެހޭ އިޙްތިރާމު ދަލޭކަގެ ފަރާތުން ނުލިބޭ ކަމަށް ބުނެ މައްސަލަ ޖައްސަން ފަށައިފިއެވެ. އެ ގެއަށް އެއްވެސް މީހަކު ވަދެ އުޅޭކަށް ތައްހާނު ހިތްހަމައެއް ނުޖެހެއެވެ. އެއްވެސް މީހަކަށް މި ދުނިޔޭގައި އިތުބާރުކުރާކަށް ނުވާނޭ ކިޔައިފައި ދަލޭކައަށް ނަސޭހަތްތެރިވާން ފަށައިފިއެވެ. އަދި ދަލޭކަ ކައިރީގައި ރަށުގެ މީހުންނާ އެހާ ގިނައިން ވާހަކަ ނުދައްކަންވެސް އަންގަން ފަށައިފިއެވެ.

މިގޮތަށް ދެތިން ހަތަރު އަހަރެއް ވޭތުވެއްޖެއެވެ. ތައްހާނާއި ދަލޭކަ ރަށުގެ އެންމެންނާ ވަކިވުމުން އެކަމާ ދަލޭކަގެ މައިންބަފައިން ކަންބޮޑުވެއްޖެއެވެ. ސަބަބަކީ ތައްހާނުގެ ދަރިފުޅު މޮހޮނަކީ ބޮޑުވަމުން އަންނަ ކުއްޖަކަށް ވެފައި އޭނާއަށް ރަށުގެ އުސޫލުތައް ދަސްވާނީވެސް ރަށުތެރެއަށް ނެރެގެން ގެންގުޅުނީމާ ކަމުގައި ވީމައެވެ. ތުއްތު މޮހޮނަށް ހަމައެކަނި ބޭރަށް ނުކުމެވެނީ އޭނާގެ ބައްޕަ އޭނާ ގޮވައިގެން އަތިރިއަށް ދާ ވަގުތުތަކުގައެވެ. އެހެންވެ އޭނާއަކަށް އެހެން ކުދިންނާ ގުޅިގެން އުޅޭކަށް ނޭނގެއެވެ. މިކަމާ ތައްހާނާ ވާހަކަ ދައްކަން އެއްދުވަހު ދަލޭކަގެ ބައްޕަ އިބްރާހިމް އެގެއަށް ދިޔައެވެ.

އިބްރާހިމް އެގޭ ދޮރުމަތީގައި ހުރެ ސަލާންގޮވާލުމުން ދަލޭކަ ބަދިގެތެރެއިން ސަލާން ބަލައިގަނެފިއެވެ. އިބްރާހިމް ގޯތިތެރެއަށް ވަނެވެ.

"ހަމަ މިހާރު މިގެއިން ނުކުމޭ!" ތައްހާނަށް އިބްރާހިމް އެގެއަށް ވަނތްތަން ފެނުމުން ގޭތެރެއިން ދުވެފައި ނުކުމެ ބާރުބާރަށް ބުންޏެވެ.

އެ ވަގުތު ދަލޭކަވެސް ބަދިގެ ތެރެއިން ނުކުތެވެ. ތައްހާނު އޭނާގެ ބައްޕައާ އެހާ ހުތުރުކޮށް މުޚާޠަބުކުރިތަން ފެނުމުން ދަލޭކަ ވަރަށް ރުޅިއައެވެ.

"ތައްހާނު ތީ ބޮޑުވަރު. ތީތަ އަހަރެންގެ މައިންބަފައިންނާ ދޭތެރޭ މިހާރު ކަންތައް ކުރާ ގޮތަކީ؟"

"އަހަރެން ކުރީ ދުވަހު އަތިރިއަށް ދަނިކޮށް ކަލޭގެ ބައްޕަ އަހަރެން ކައިރީގައި ބުނީ އަހަރެންގެ ފަރާތުން މޮހޮނަށް ރަނގަޅު އުޅުމެއް ނޫނޯ ދަސްވަނީ،" ތައްހާނު ހުރީ ރުޅިއައިސްގެން ގޮސް މާނޭވާ ލެވިފައެވެ.

"އަހަރެން ބުނީ ފިރިހެން ދަރިއަކު ދުނިޔޭގައި އުޅޭ ގޮތް ދަސްކުރާނީ އޭނާގެ ބައްޕަ އުޅޭ ގޮތް ބަލައިގެންނޭ. ތައްހާނު މިހާރު މަސައްކަތެއް ނުކޮށް ތިގޮތަށް އަބަދު ގޭގައި އޮންނަތާ ހަތަރު އަހަރު ވީ. މޮހޮނަށް މަސައްކަތްކުރުމުގެ ބޭނުމާއި އަމިއްލަ ނަފުސު ބާރުވެރިކުރުވަން ދަސްވާނީ ކިހިނެތް؟"

"މަގޭ ދަރިފުޅަށް ދަސްވާ ނުވަތަ ދަސްނުވާ އެއްޗިއްސަކީ ކަލެޔާ ބެހޭ ކަމެއްތަ؟"

"ތައްހާނު ހުއްޓާލާ! މަގޭ ބައްޕައާ ތި ގޮތަށް ވާހަކަ ދައްކަންޏާ އަހަރެން މިގެއިން މިދަނީ،" ދަލޭކަ އެހެން ކިޔައިފައި ގޭތެރެއަށް ވަދެ މޮހޮނު ގޮވައިގެން ނުކުމެ އޭނާގެ ބައްޕައާ އެކުގައި އެގެއިން ނުކުމެގެން ހިނގައްޖެއެވެ.

އޭގެ ދެރޭ ފަހުން ތައްހާނު ދަލޭކަ ބަލާ ދަލޭކަގެ ބައްޕަމެންގެއަށް ދިޔައެވެ. ތައްހާނަށް ކިތަންމެ ބޮޑު ބަދަލެއް އައިސްފައި ވީ ނަމަވެސް އޭނާގެ ދަރިފުޅު ދެކެ ވަރަށް ލޯބިވެއެވެ. މޮހޮނު ކައިރީގައި ނެތުމުން އޭނާއަކަށް ނުވެސް ނިދެއެވެ. ތައްހާނު އެގެއަށް ވަދެ އޭނާގެ ބަފާބެ އިބްރާހިމް ގާތުން މާފަށް އެދުނެވެ. ނަމަވެސް ދަލޭކަ ތައްހާނާ އެކުގައި އަނބުރާ ދިޔުމަށް އުޒުރުވެރިވިއެވެ.

"ދެން އަހަރެން ތައްހާނާ އެކުގައި އަނބުރާ ދާނީ ތައްހާނުގެ އަތުގައި ހުރި ހުރިހާ ރަނެއް މިރަށު މިސްކިތަށް ހަދިޔާ ކުރީމަ. ތި ރަންތަކެއް ހޯދައިގެން އަހަރުމެންގެ ހަޔާތަށް އެއްވެސް ހަމަޖެހުމެއް ނުލިބުނު،" ދަލޭކަ ބުންޏެވެ.

ތައްހާނު އެއްވެސް ގޮތެއް ނެތިގެން މިގޮތާ އެއްބަސްވިއެވެ. އޭގެ އަނެއް ދުވަހު އޭނާ ދަލޭކައާ އެކުގައި ގޮސް ރަށުގެ މިސްކިތަށް ރަންތައް ހަދިޔާކޮށްފިއެވެ. ނަމަވެސް ބޭނުމެއް ޖެހިދާނޭ ކަމުގެ ބިރަށް ލިބުނު ރަންތަކުގެ އެއްބައި ގޭގައި ފޮރުވާފައި ތައްހާނު ބެހެއްޓިއެވެ. މިކަން އޭނާ ދަލޭކައަކަށް ނާންގައެވެ.

އޭގެ ފަހުގައި ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ތައްހާނުމެންގެ ހަޔާތަށް ލިބުނުހެން ހީވިއެވެ. ތައްހާނު ރަށުގެ މީހުންނާ އެކުގައި ކަންކަމުގައި އުޅެން ފަށައިފިއެވެ. މަޑުމަޑުން މަހަށް ދާން ފަށައިފިއެވެ. މޮހޮނުވެސް އެދުރުގެއަށް ލައިގެން އެއްޗެހި ދަސްކޮށްދޭން ފަށައިފިއެވެ. ދަލޭކަވެސް ރަށު އަންހެނުންނާއި އެއްވެގެން ރޯނުވެށުމާއި، ރަށް ސާފުކުރުމުގެ ކަންކަމުގައި އުޅެން ފަށައިފިއެވެ.

އޭގެ ދެތިން މަސް ފަހެވެ. ކޮންމެ އަހަރަކު ރަށުގައި ބާއްވާ ބޮޑު ކެއުމަށް ތައްޔާރުވުމުގެ ގޮތުން އަރިފުށީ މީހުން އާދައިގެ މަތިން ބިތްފުށްޓަށް ވެލާ ބިސް ނަގަން ދަތުރުކުރިއެވެ. އެ ދަތުރުގައި ތައްހާނުވެސް ބައިވެރިވިއެވެ. މިއީ އެއްކަލަ ފަހަރުގެ ފަހުން ތައްހާނު ބިތްފުއްޓަށް ދިޔަ ފުރަތަމަ ފަހަރެވެ. އޭނާ ގޮސް އެންމެންނާ އެކުގައި ވެލާ ބިސް ނަގައިގެން ރަށަށް ފޭބި އިރުގައި އަސުރުން ފައިބައިފިއެވެ. އޭރު ރަށުތެރޭގައި އުޅެނީ ވަރަށް ހަލަބޮލި ކަމެއް އުފެދިގެންނެވެ.

ރަށުތެރެއަށް ފޭބި އިރުގައި ހުރިހާ ކުޑަކުދިން ތައްހާނުގެ ގެއާ ދިމާލަށް ދުވަނީއެވެ. އޭނާއަށް ކަމެއް ގޯސްކޮށް ދާކަން އެނގުނެވެ. ދުވެފައި ގެއަށް ދިޔައިރުގައި މޮހޮނު ހުރީ ގޭ ދޮރުމަތީގައި ބޮޑު ނާއްޓަކަށް ތައްހާނު ރައްކާކޮށްފައި ހުރި ރަންތައް އަޅައިގެން އެ އެއްޗެހި ބަހާށެވެ. ނާށީގެ ފުލުގައި އޮތީ ދެ ފޮތި ރަނެވެ. އޭނާއަށް ތައްހާނު ފެނުމުން އުފަލުން ހީލިއެވެ.

"ބައްޕާ. ހުރިހާ ކުދިންނަށް ހަދިޔާ ދެނީ،" މޮހޮނު ބުންޏެވެ.

އެ ގަޑީގައި ތައްހާނުގެ ހޭ ބުއްދިފިލާ ދިޔައެވެ. ރުޅިއަރައިގަނެގެން ދިޔަގޮތަށް ގޮސް މޮހޮނުގެ ކަންފަތްމަތީގައި ޖަހައިފައި އެ ސޮރުގެ މުލައްދަނޑީގައި ހިފާ އަތުކޮޅަށް ހޫރާލިއެވެ. މޮހޮނު ގޮސް ޖެހުނީ ގޯތިތެރޭގައި އިންދާފައިވާ ރުކެއްގައެވެ. އޭނާ ތެދުވެ ބިރުން ތައްހާނާ ދިމާލަށް ބަލައިލިއެވެ. ތައްހާނު އޭނާއާ ދިމާލަށް އަންނަތަން ފެނުމުން ބިރުން ފަހަތަށް ފިޔަވަޅެއް އެޅިތަނާ އެތާނގައި ނުކުމެފައިއިން މުލެއްގައި އަޅައިގަނެ ފަހަތަށް ވެއްޓި ބިމުން މައްޗަށް އަރާފައި އިން ތޫނު ގޮފިގަނޑެއްގެ މައްޗަށް ވެއްޓި އޭނާގެ ގަޔަށް އޭތި ހެރިއްޖެއެވެ.

އެ މަންޒަރު އެ ވަގުތު ފެނުނީ އެ ވަގުތު ބޭރުން ގޭތެރެއަށް ވަނތް ދަލޭކައަށެވެ. ދަލޭކަ ބާރުބާރަށް ރޯންފެށިއެވެ. އަދި މޮހޮނަށް ގޮވަމުން ކައިރިއަށް ދިޔައިރުގައި މޮހޮނުގެ ފުރާނަ ދުނިޔެ ދޫކޮށްފިއެވެ. އޭރު އެ އަޑުފަށްގަނޑަށް ރަށުގެ އެންމެން އެ ގޭދޮށަށް އެއްވެއްޖެއެވެ. ދަލޭކަ މޮޔަވެއްޖެއެވެ. އޭނާގެ ދަރިފުޅުގެ ލެއިން ތަތްތެޅިފައިވާ ހަޑިގަނޑުގައި ބައްދާ ބާރުބާރަށް ރޮމުން ގެންދިޔައެވެ. އޭނާގެ ކައިރިއަށް މީހުންތައް އެއްވެ މޮހޮނުގެ ފުރާނަނެތް ހަށިގަނޑުގެ ކައިރިން އޭނާ ދުރަށް ގެންދިޔައެވެ.

ދެން އެންމެންގެ ލޯތައް ހުއްޓުނީ ދުރުގައި ހުރި ތައްހާނަށެވެ. އޭނާހުރީ ހުއްޓުން އަރައިފައެވެ. ކުއްލިއަކަށް އޭނާ ތުރުތުރު އަޅަން ފަށައިފިއެވެ. އަދި އެންމެންގެ ކުރިމަތީގައި އޭނާ ބަދަލުވާން ފަށައިފިއެވެ. އޭނާގެ މުޅި ގައިން ހުޅުނބުތަކެއް ފަޅާ މީހާ ބިންމައްޗަށް ވެއްޓިއްޖެއެވެ. އެންމެން މިތަން ފެނިފައި ހަޅޭލަވަން ފަށައިފިއެވެ. އިސާހިތަކު އެންމެންގެ ލޯ ކުރިމަތީގައި އޭނާ ހަރުފައެއްގެ ސިފަ ޖަހާ ކަޅު ދިގު އެއްޗަކަށް ބަދަލުވިއެވެ. އޭތި ހަލުވިކޮށް ބިންމަތީގައި ދުވެފައި ގޮސް ފޭބީ މޫދަށެވެ.

ތައްހާނު ބަދަލުވި ހަރުފަ ކަހަލަ މަޚްލޫޤު އޮންނަނީ އެރަށުގެ ނެރު ކެނޑިފައިވާ ދިމާލުގައެވެ. އެ ދުވަހަށް ފަހުގައި ކޮންމެ ކޮންމެ މީހަކަށް އަރިފުށްޓަށް އަރާ ނުފޭބެއެވެ. އެ ރަށަށް ވަންނަ ދޯންޏެއްގައިވެސް ނޫނީ ނުކުންނަ ދޯންޏެއްގައިވެސް ހިތުގައި އެންމެ ކުޑަ މިންވަރެއްގެ ދަހިވެތިކަމެއް އޮތް މީހަކު ހުއްޓަސް އެ މަޚްލޫޤު އެ ދޯންޏަކަށް ހަމަލާދެއެވެ. ނޫނީ ރަށަށް އެފަދަ ބަދަލެއް ގެންނާނޭ މީހެއް ހުއްޓަސް އެ ދޯންޏަކަށް ހަމަލާ ދެއެވެ.

އަރިފުށި މީހުންނަށް ގަބޫލުކުރާ ގޮތުގައި ކުރީ ޒަމާނުގައި ބިތްފުށީގައި ވެސް އުފެދުނީ މިފަދަ ނާމާން ކަމެކެވެ. މި ސަބަބާއި ހެދި އަރިފުށީގައި މީހުން ދިރިއުޅެމުން ދަނީ އެންމެ ކުރީ ޒަމާނުގައި މީހުން ދިރިއުޅުނު ގޮތަށެވެ. އެރަށަކަށް އެއްވެސް ތަރައްގީއެއް ނާދެއެވެ.

ދަހިވެތި ކަމުގެ ސަބަބުން ހައްދު ފަހަނައެޅުމުން އެހެން މީހުންގެ މައްޗަށް ފިލާވަޅެއް ކަމުގައި އެ ނާމާންކަން ވެގެން ދިޔައީއެވެ. ދަހިވެތިކަން މީހެއްގެ ހިތުގައި ލެވެނީ ފާޅުގައެއް ނޫނެވެ. އެހެންކަމުން އަބަދުވެސް ހިތުގައި ކުޑަ މިންވަރެއްގެ ދަހިވެތިކަމެއް އޮތްކަމުގައި ވިނަމަވެސް އެކަން ފުއްސަވައިދެއްވުމަށް އެދި ދެންނެވުމުގައި އަރިފުށީ މީހުން އަބަދުވެސް ދުޢާކުރަމުން ގެންދެއެވެ.

(ނޯޓް: މިއީ ބައެއް ބޭރު މުޖުތަމައުތަކުގައި ކުޑަކުދިންނަށް ކިޔައިދީ އުޅޭ ވާހަކައަކުން ނަގައިފައިވާ ހިޔާލެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކަ މިވަނީ މި މުޖުތަމައުއަށް ފައްތައިފައެވެ.)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *