ކޮލެޖަކުން ގްރެޖުއޭޓުވި ވަރަށް ކާމިޔާބު ގްރޫޕެއް، އެމީހުންގެ ކުރީގެ ޕްރޮފެސަރެއްގެ 75ވަނަ އުފަން ދުވަސް ފާހަގަކުރުމަށްޓަކައި އެ ގެއަށް ދިޔައެވެ. އެއިން ކޮންމެ މީހަކީ އެ މީހެއްގެ ދާއިރާއިން ވަރަށް ފާހަގަކޮށްލެވޭ މަޤާމުތަކުގައި އުޅޭ މީހުންނެވެ. ބޮޑެތި ކުންފުނިތަކުގެ ސީއީއޯއިންނާއި،ލ ސްޕެޝަލިސްޓުންނާއި އަދި ނަން މަޝްހޫރު ޕްރޮފެޝަނަލުން އޭގެ ތެރޭގައި ހިމެނެއެވެ. ފެންނަ ފެނުމަށް އެމީހުންގެ ދިރިއުޅުން ވަރަށް ފުރިހަމައެވެ. ވަރަށް ކާމިޔާބެވެ.
ނަމަވެސް ޕްރޮފެސަރުގެ އެ ހިތްގައިމު ގޭތެރޭގައި އިށީނދެވުމާއެކު، އެމީހުންގެ ވާހަކަ ފެށީ އެކަކު އަނެކަކާ ވާދަވެރި ގޮތެއްގައެވެ. އެކަކަށް ވުރެ އަނެކަކުގެ ޒިންމާގެ ބޮޑުކަމުގެ ވާހަކައެވެ. އެކަކަށް ވުރެ އަނެކަކަށް ލިބޭ މުސާރައާއި އިނާޔަތުގެ ބޮޑުކަމުގެ ވާހަކައެވެ. އެމީހުން ދައްކާ ވާހަކައިން އެމީހުންނަށް ލިބިފައިވާ ކާމިޔާބީ މިނާ މިންގަނޑަކީ އެމީހުން ކުރަން ޖެހޭ މަސައްކަތުގެ ބުރަކަމާއި މަސައްކަތްކުރަން ޖެހޭ ވަގުތުގެ ދިގުކަމާއި މި ކަންކަމުގެ ސަބަބުން އެމީހުންނަށް ދިމާވެފައިވާ ނަފްސާނީ އުނދަގޫތަކާއި އުފުލަން ޖެހޭ ޒިންމާތަކުގެ ސަބަބުން އަންނަ ވަރުބަލިކަމުގެ މައްޗަށް ކަމަށް ހީވެއެވެ.
މި އެންމެން ދައްކަމުން ދިޔަ ވާހަކަ ޕްރޮފެސަރު މަޑުމައިތިރިކަމާއެކު އަޑުއަހަން އިނދެފައި ތެދުވެގެން ބަދިގެއަށް ދިޔައެވެ. އޭނާ އެނބުރި އައީ އޭނާގެ ކުރީގެ ދަރިވަރުންނަށް ދޭން ކޮފީ ހިފައިގެންނެވެ. އެ ކޮފީތަށިތައް ހުރީ ތަބަކެއްގައި އަތުރައިފައެވެ. އޭގައި ހުރި ތަށިތައް އެއް ތަށި އަނެއް ތައްޓާ ތަފާތެވެ. އޭގެ ތެރޭގައި ސީނުތައްޓާއި ސެރަމިކް މަގުތަކާއި ރީތި ބިއްލޫރި ތައްޓާއި އަދި އާދައިގެ ޕްލާސްޓިކް ތަށިތައް ވެސް ހުއްޓެވެ. ބައެއް ތަށިތައް ބަލައިލަން ވަރަށް ޗާލެވެ. އަނެއްބައި ތަށިތައް ހުރީ ގިނަ ދުވަހު ބޭނުން ކުރުމުގެ ސަބަބުން ހަލާކުވެފައިކަން އެނގެއެވެ. އޭނާ އެ ތަބައް މޭޒުމަތީގައި ބަހައްޓައިފައި، މެހެމާނުންނަށް ކޮފީ ބުއިމަށް ދަޢުވަތު ދިނެވެ.
ކޮންމެ މީހަކުވެސް އަވަސް އަރުވާލައިފައި ނެގޭތޯ ބެލީ އެ ތަބަކުގައިވާ އެންމެ ރީތި ތައްޓަށެވެ. އެންމެ އަގުބޮޑު ފާޑުޖަހާ ތައްޓަށެވެ. ބަލައިލަން އެންމެ ޒީނަތްތެރި ތައްޓަށެވެ. ކޮންމެ މީހަކު އެމީހަކު ހިޔާރުކުރި ތަށި ހިފައިގެން އިށީނުމުން ޕްރޮފެސަރު ހީނލައިފައި ބުންޏެވެ.
"ކަލޭމެންނަށް އެއްވެސް ކަމެއް ފާހަގަކުރެވިއްޖެތަ؟ ކަލޭމެން އެންމެން ވެސް ނެގޭތޯ މަސައްކަތްކުރީ މި ތަބަކުގައިވާ އެންމެ ރީތި ތަށި ނޫންތަ؟ އެއްވެސް މީހަކު އާދައިގެ ތައްޓެއް ނަގާކަށް ބޭނުމެއްނުވި ދޯ؟ އެއީ މައްސަލައެއް ނޫން. އެއީ އިންސާނީ ޠަބީޢަތް. އެކަމަކު އޭގެން މި އެނގުނީ ކޯއްޗެއް؟" ޕްރޮފެސަރު ސުވާލު އުފެއްދިއެވެ.
"ކަލޭމެން އެންމެންވެސް ބޯން ބޭނުންވީ ކޮފީ. އެކަމަކު ކަލޭމެންގެ ސަމާލުކަން ހުއްޓުނީ ކޮފީ އަޅައިފައިވާ ތަށިތަކަށް. އެ ތަށިތައް ފެނިފައި އެ ހުރިހާ ތައްޓެއްގައި ހުރީ ހަމަ އެއް ކޮފީއެއްކަން ކަލޭމެނަށް ނޭނގުނީ ދޯ؟ ތައްޓަށް އަޅައިފައި ހުރި ކޮފީގެ އަގުވަޒަން ކުރަން ކަލޭމެން ގެންގުޅުނު މިންގަނޑަކީ ތަށީގެ ބޭރު ތޮށިގަނޑު. އޭގެ އެތެރޭގައިވާ ކޮފީއެއް ނޫން ދޯ؟"
އެހެން ބުނުމަށް ފަހު ކުޑަ އިރުކޮޅަކަށް ހަމަހިމޭންވެފައި އޭނާގެ ކުރީގެ ދަރިވަރުންގެ މޫނަށް ނަޒަރު ހިންގައިލިއެވެ. އޭނާ ދައްކަމުން ދިޔަ ވާހަކަ އެމީހުންނަށް ފަހުމުވާން ވަގުތުކޮޅެއް ދިނެވެ. ދެން އަނެއްކާވެސް އޭނާ ވާހަކަ ދައްކަން ފެށިއެވެ.
"ކަލޭމެންގެ ދިރިއުޅުމާއި ކަލޭމެން މިހާރު ބޮމުން ތިގެންދާ ކޮފީއާ ހުރި ތަފާތަކީ ކޮބާ؟ ކަލޭމެން ދިރިއުޅުމުގެ އަގު ވަޒަންކުރަނީ ކަލޭމެންގެ ވަޒީފާއާއި މަޤާމާއި ގެއާއި ކާރާ. މި އެއްޗިއްސަކީ ހަމަ ތިޔަ ބޯ ކޮފީ އަޅައިފައިވާ ތަށިތައް ކަހަލަ އެއްޗެހި. އެއީ ކަލޭމެންގެ ދިރިއުޅުން އުފުލާ ވަސީލަތްތައް. އެޔެއް ނޫން ދޯ ދިރިއުޅުމަކީ؟ އެ އެއްޗެހިން ކަލޭމެންގެ ދިރިއުޅުމުގެ ފުރިހަމަކަން އަންގައިދޭތަ؟ އޭގެން ކަލޭމެންގެ ދިރިއުޅުމުގެ މާނަ ފުންކަން އެނގޭތަ؟ ނޫން ދޯ؟ އެހެން ވެއްޖެއްޔާ އެ އެއްޗިއްސަށް ކަލޭމެނަށް އެހާ ބޮޑު އަހައްމިއްޔަތުކަމެއް ދެވެނީ ކީއްވެގެން؟ ކަލޭމެންގެ ދިރިއުޅުމުގެ އަސްލު މުއްސަނދިކަމަކީ ކޮބާ؟"
އެންމެން ތިބި ސިޓިންރޫމް ތެރެއަށް ހަމަހިމޭންކަން ވެރިވިއެވެ.
"ކަލޭމެން ކޮލެޖު ނިންމި ފަހުން ތިޔަ ދިމާވަނީ އަލަށްހެން ހީވަނީ. އެތަކެއް އަހަރުތަކަކަށް ފަހު ކަލޭމެންނަށް އެކަކު އަނެކަކު ފެނުމުން އުފަލެއް ނުވޭތަ؟ އެކަކު އަނެކަކުގެ ކާމިޔާބީއާ މެދު ފަޚުރުވެރިއެއް ނުވޭތަ؟ ކަލޭމެންގެ ވަޒީފާގެ ވާހަކައާއި މަޤާމުގެ ވާހަކައާއި ލިބޭ ލާރީގެ ވާހަކަ ދެއްކި އިރުގައި އޭގެން ފައިދާ ލިބިގަންނަ މަޔެއްގެ ވާހަކައެއް، ބަފަޔެއްގެ ވާހަކައެއް، އަނތްބެއްގެ ވާހަކައެއް، ދަރިއެއްގެ ވާހަކައެއް، ރަޙްމަތްތެރިންގެ ވާހަކައެއް ނީވުނު. ކަލޭމެންނަށް ލިބިފައިވާ އެއްޗެހިން ޞިއްޙަތަށް ކުރާ ފައިދާއެއްގެ ވާހަކައެއް ނީވުނު. ކަލޭމެންގެ ސަބަބުން މުޖުތަމަޢުއަށް ކުރާ މަންފާގެ ވާހަކައެއް ނީވުނު. މިއިން އެއްވެސް މުހިންމު ވާހަކައެއް އަހަރެންނަކަށް އަޑެއް ނީވުނު. ބުނެބަލަ. ކަލޭމެން ކޮލެޖު ނިންމި ފަހުން އެއްކުރީ އެކި ވައްތަރުގެ ރީތި ތަށިތައްތަ؟ ކޮބައިތަ އެ ތަށިތަކަށް އަޅަން ގިރި މޮޅު ކޮފީ؟" އޭނާ މަޑުމައިތިރިކަމާ އެކު ވާހަކަ ދެއްކިއެވެ. އެންމެން އިސްޖަހައިލައިގެން އޭނާގެ ވާހަކަ އަޑުއަހަން ތިއްބެވެ.
"އެހެންވީމާ މި ވަގުތު ކަލޭމެން ކުރަންވީ ކަމަކީ ހަމަޖެހިލައިގެން ތިޔަ ކޮފީ ބޯންވީ. ތިޔަ ކޮފީ ބޯން މި ގެއަށް އާދެވުނީތީ އުފާކުރަންވީ. ދެންވެސް ވިސްނަންވީ ކޮފީ އަޅައިފައިވާ ތަށިތަކުގެ ސަބަބުން ކަލޭމެން ތިޔަ ބޯ އެއްޗެއްގެ އަގަކަށް އެއްވެސް ބަދަލެއް ނާންނަކަން. ކޮންމެ ކުލައެއްގައި ހުރި ތައްޓަކަށް ވިޔަސް ކޮފީ ވާނީ ކޮފީއަށް. އޭގާ ލާނީ އެއް ރަހައެއް. އެޔަށް އިތުރު އެއްޗެއް އެޅިއްޔާ ނޫނީ އޭގެ އަސްލަކަށް ބަދަލެއް ނާންނާނެ."
ޕްރޮފެސަރުގެ ވާހަކައިން އެންމެންނަށް ވެސް ވަރަށް ބޮޑު އެއްޗެއް ވިސްނިއްޖެއެވެ. އެހެންވެ ދެން އެ ބައްދަލުވުން ކުރިޔަށް ދިޔައީ އެންމެން ވެސް ހަމަޖެހިލައިގެން އެކަކު އަނެކަކުގެ ޙާލު އޮޅުންފިލުވައި، މާޒީގެ އުފާވެރިކަން ހަނދާން ކުރުމުގައެވެ.
އޭގެ ކުޑައިރުކޮޅެއް ފަހުން ޕްރޮފެސަރުގެ އުފަންދުވަހުގެ ކޭކު ފެޅިއެވެ. އެންމެން އޭނާއަށް ދިގު އުމުރެއް ލިބޭތޯ ދުއާކުރިއެވެ.
މި ދުނިޔޭގައި އެންމެ އުފާވެރި މީހުންނަކީ ހުރިހާ ފުރިހަމަކަމެއް ލިބިގެން އުޅޭ މީހުންނެއް ނޫނެވެ. އެންމެ އުފާވެރި މީހުންނަކީ އެމީހަކަށް ލިބުނު އެއްޗަކުން އެންމެ ރަނގަޅު ގޮތުގައި ބޭނުން ހިފަން އެނގޭ މީހުންނެވެ.



advertisment