ލޯބިވާ ދަރިފުޅަށް،
ލޯތްބާއި ސަލާމަށްފަހު ލިޔަމެވެ.
މިއަދު މަންމަގެ ފޯނަށް ދިމާވި މައްސަލައެއް ހައްލުކޮށްދެވޭނޭތޯ އެހުމުން، ދަރިފުޅަށް އުނދަގޫވެގެން ލީ ފުންނޭވާގެ އަޑު އަދިވެސް މަންމަގެ ކަންފަތުގައި ހަރުލާފައިވެއެވެ. އެވަގުތު މަންމައަށް ވަރަށް ބޮޑަށް ލަދުވެތިކަން އިހުސާސްކުރެވުނެވެ.
މަންމައަށް މިފަދަ ކަންތައްތައް ނޭނގޭތީ ދަރިފުޅަށް އުނދަގޫވާކަން މަންމައަށް އެނގެއެވެ. އެހެންވެ މަންމަ ބަލަނީ ވީހާވެސް ބޮޑަށް މިކަހަލަ ކަމެއްގައި ދަރިފުޅަށް އުނދަގޫނުކޮށް ވޭތޯއެވެ. ދަރިފުޅުގެ ބައްޕަ ދުނިޔޭގައި ހުރިއިރު، މަންމައަށް މިފަދަ ކަމެއްގައި ދަތިވެގެން ދަރިފުޅު ގާތުގައި އަހާކަށް ނުޖެހެއެވެ. މަންމަ ހީކުރީ ބައްޕަ ދުނިޔެއިން ދިޔުމުން ދަރިފުޅު މަންމައާ ތަންކޮޅެއް ގާތްވާނެ ކަމަށެވެ. ނަމަވެސް ދަރިފުޅު ދިޔައީ މަންމައާ އިތުރަށް ދުރަށެވެ.
މިއަދުވެސް މަންމަގެ ހިތަށް ލިބޭ ތަސައްލީއަކީ ދަރިފުޅާއި މަންމަގެ ގުޅުން ރަނގަޅު އިރުގައި ކޮށްފައިވާ ކަންތައްތަކުގެ ހަނދާނެވެ.
ދަރިފުޅު ހަނދާން އެބަހުރި ހެއްޔެވެ؟ ކުރަހާ ފޮތާއި ފަންސުރާ ހިފައިގެން މަންމަ ކައިރިއަށް އައިސް، މަންމަ ކިޔައިދޭ ވާހަކަތަކުގައި އުޅޭ މީހުން ކުރަހައިދޭން ދަރިފުޅު ބުނާ ހަނދާން ވޭހެއްޔެވެ؟ ދެމައިން އެކުގައި އޭގައި ކުލަޖައްސާ ހަނދާން ވޭހެއްޔެވެ؟ އޭރު މަންމަގެ ކުރެހުންތައް ފެނިފައި ދަރިފުޅުގެ ލޮލުން ފެނުނު އާޝޯހުކަން ދުވަހަކުވެސް މަންމަ ހަނދާނުން ނުދާނެއެވެ. މަންމަގެ އަތުގައި އަދިވެސް އެ ކުރެހުންތައް ރައްކާކޮށްފައި ހުންނާނެއެވެ.
ނަމަވެސް ފަހުން އެ އާޝޯހުކަން ލަދަށް ބަދަލުވިއެވެ. މަންމައާ ހެދި ދަރިފުޅު ލަދުގަންނަކަން އެނގުނެވެ. ދަރިފުޅު އިނގިރޭސިން އެއްޗެއް ބުނުމުން މަންމައަށް އެބުނި އެތި ނޭނގުނީމާ ދަރިފުޅަށް އުނދަގޫވާންފެށިކަން މަންމައަށް އެނގެއެވެ. ދަރިފުޅުގެ ބައްޕައަކީ ކިޔަވައިގެން ހުރި، މޮޅު މީހަކަށް ވެފައި، މަންމައަކީ އިނގިރޭސިން ލިޔަންކިޔަން ނޭނގޭ މީހެއްކަން އެނގުނު ހިސާބުން ދަރިފުޅު މަންމައާ ދުރަށް ޖެހިލިކަން ވެސް މަންމައަށް އެނގެއެވެ.
ކޮންމެ ބެލެނިވެރިންގެ ބައްދަލުވުމަކަށްވެސް ބައްޕަ ގޮސްދިނުމަށް އެދެނީ ކީއްވެގެންކަން މަންމައަށް އެނގެއެވެ. އެއީ މަންމައަށް އިނގިރޭސި ނޭނގޭތީއެވެ. ދަރިފުޅުގެ ޓީޗަރުންނާ ވާހަކަދައްކާއިރު މަންމައަށް ތަރުޖަމާކޮށްދޭން ދަރިފުޅަށް ޖެހޭތީއެވެ. ދަރިފުޅަށް ވުރެން ބޮޑަށް މިކަމާ މަންމަ ލަދުގަނެއެވެ.
ދަރިފުޅު ހަނދާންވޭ ހެއްޔެވެ؟ އިމްތިހާނު ދުވަސްވަރު މި ގޭގައި ހަދައިފައި ހުންނާނީ ދަރިފުޅަށް އެންމެ މީރު ކާނާއެވެ. އެ އިމްތިހާނުތަކުން ދަރިފުޅު މޮޅު ވަނަތައް ހޯދައިގެން އައިސް އެކަމާ އުފަލުން ބައްޕައާ ވާހަކަދައްކާއިރު، މަންމަ އުފަލުން ބުނާ އެއްޗެހި ދަރިފުޅު ހެދީ އަޑުނީވޭ ކަމަށެވެ. ފަހަރެއްގައި ދަރިފުޅު ގަބޫލުކުރީ މަންމައަށް ރަނގަޅު ތަޢުލީމެއް ނުލިބި ހުރީތީވެ، ދަރިފުޅަށް ލިބުނު ކާމިޔާބީގެ އަގު ވަޒަންކުރަން މަންމައަށް ނޭނގޭނެ ކަމަށް ކަންނޭގެއެވެ.
މިގޮތަށް ދަރިފުޅު ކުރާ ބައެއް ކަންތައްތަކުން މަންމަގެ ހިތުގައި ޖެހެއެވެ. ހަނދާން އެބަހުރިހެއްޔެވެ؟ ދަރިފުޅުގެ ފުރާވަރުގައި މިގެއަށް ރަޙްމަތްތެރި ކުދިން ގެނެސްގެން އުޅުނުއިރު، އެއްދުވަހަކު އެކުދިން މަންމަ ކައިރީގައި އިނގިރޭސިން ސުވާލެއް ކުރުމުން މަންމައަށް ޖަވާބު ދެވުނުލެއް ކޮށިކަމުން ދަރިފުޅުގެ މޫނުމަތީގެ ކުލަ ބަދަލުވިތަން މަންމައަށް ފެނުނެވެ. އެކުދިން ދިޔުމުން ދަރިފުޅު މަންމަ ކައިރީގައި ދެން އިނގިރޭސިން ވާހަކަ ނުދެއްކުމަށް އެދުމުން މަންމަ ވަރަށް ލަދުގަތެވެ. އޭރު މަންމަ މީހުން ކައިރީގައި އަހައިގެން އިނގިރޭސިން ވާހަކަދައްކަން އަނެއްކާ މަސައްކަތްކުރަން ފަށައިގެން އުޅޭތާ މަސްދުވަސް ނުވެއެވެ. އެ ކަންތައް ކުރަން މަންމަ ފެށީ ދަރިފުޅު މަންމައާ ވާހަކަ ނުދައްކާތީއެވެ. މަންމައަށް މަންމަގެ ދަރިފުޅު ގެއްލޭހެން ހީވާތީއެވެ. ފަހަރެއްގައި އިނގިރޭސި ދަސްވުމުން މަންމައާއި ދަރިފުޅުގެ ގުޅުން ރަނގަޅުވެދާނެތީއެވެ.
ވަކި ހިސާބަކުން މަންމަ ދަރިފުޅާ ގާތްކަން ބާއްވަން މަސައްކަތްކުރުން ހުއްޓާލީ ގުޅުން ބަދަހިކުރަން ބޭނުންނުވާތީއެއް ނޫނެވެ. އެކަމަކު މަންމަ ދަރިފުޅާ ކައިރިވާން އަޅާ ކޮންމެ ފިޔަވަޅަކާއެކު ދަރިފުޅު މަންމައާ ދުރަށްދާން ދެ ފިޔަވަޅު ފަހަތަށް އަޅައެވެ. މަންމައާ ހެދި ދަރިފުޅަށް ތަކުލީފެއް ލިބޭކަށް ދުވަހަކުވެސް މަންމަ ނޭދެމެވެ.
މި ފޯނަށް މައްސަލައެއް ދިމާވުމުން ކިތަންމެ ލަދުގަންނަން ޖެހުނަސް ދަރިފުޅު ކައިރީގައި އެހީއަކަށް އެދެނީ ކީއްވެގެންކަން އެނގޭ ހެއްޔެއެވެ؟ މި ފޯނާ މަންމައަށް ކުޅެން ނޭނގުނަސް މީތި މަންމަގެ އަތުގައި ބާއްވަނީ ހަމައެކަނި އެންމެ ސަބަބަކާ ހެދިއެވެ. މި ފޯނުގައި އޮންނަ ވައިބަރ ގްރޫޕަކީ މަންމައަށް މަންމަގެ މާމަދަރި ފެންނަ ހަމައެކަނި ގްރޫޕެވެ. އެއީ ދަރިފުޅުގެ ފަރާތުން މަންމައަށް ލިބުނު އެންމެ ބޮޑު ހަދިޔާއެވެ.
އެންމެ ފުރަތަމަ ދުވަސްކޮޅު އެސޮރު މަންމަ ކައިރިއަށް ގެނެސްގެން ގެންގުޅުނު ހަނދާން މަންމަ ވެއެވެ. ނަމަވެސް އެސޮރު ވާހަކަދައްކަން ފެށި ހިސާބުން މިގެއަށް ގެންނަލެއް މަދުކޮށްލީއެވެ. މަންމައަށް ސަބަބު އެނގެއެވެ. މަންމައަށް އެސޮރު ދައްކާ ވާހަކަ ނޭނގޭތީއެވެ. އަދި އެސޮރު ދައްކާ ވާހަކަ މަންމައަށް ނޭނގޭތީއެވެ. އެކަމަކު މާމައަކާއި އޭނާގެ މާމަދަރިފުޅުގެ ލޯތްބަށް ބަހެއް ބޭނުންވާނެ ހެއްޔެވެ؟
އެސޮރަށް މާމަ ފެންނަ ކޮންމެ ފަހަރަކު އުފަލުން ފޮޅެއެވެ. އައިސް މާމަގެ ގައިގައި ބައްދާލައެވެ. މިގެއަށް އަންނަ ކޮންމެ ދުވަހަކު އަންނަނީ މާމަ ގަތްދިން ކުރަހާ ފޮތްތައް ހިފައިގެންނެވެ. މިގެއަށް އައިސް އޭނާ އެ ގެންގުޅޭ އައިޕެޑާ ކުޅޭކަށް ނީނދެއެވެ. އައިސް މާމަ ކައިރީގައި އެއްޗެހި ކުރަހައިދޭން ބުނެ ކުރަހައިގެން ކުލަ ޖައްސައެވެ. ހަމަ ދަރިފުޅު ކަންތައް ކުރި ގޮތަށެވެ.
މިހާރުވެސް އެސޮރު ގެނެސްދޭން ބުނެގެން އުޅޭތާ ކިހާ ދުވަހެއް ވެއްޖެ ހެއްޔެވެ؟ ދެކިލަން ތިގެއަށް ދަންތޯ ކުރީ ދުވަހުވެސް މަންމަ އެހުމުން ގޭގައި ނޫޅޭނޭ ވާހަކަ ބުނުމުން މަންމަ އެއްޗެކޭ ނުބުނަމެވެ. އެދުވަހު އޭނާގެ އަނެއް މާމަ ތިގެއަށް ގޮސް އެސޮރާއެކު ނަގައިފައި ހުރި ފޮޓޯތަކެއް ވައިބަރުގައި ހުއްޓެވެ. މިދިޔަ ހުކުރު ދުވަހު މިގެއަށް އަންނަ ވާހަކަ ބުނުމުން އެސޮރަށް އެންމެ މީރު ކޭކާއި ބޯކިބާ ހަދައިގެން އިނދެއިނދެ އެއްވެސް މީހެއް ނައެވެ. ދަރިފުޅަށް ގުޅުމުން ފޯނެއް ނުނަގައެވެ. އެކަމަކު އޭގެ އަނެއް ދުވަހު އެގޭ އެންމެންނާއެކު ކުޑަގިރިއަށް ގޮސްގެން މަޖާކޮށްފައި ހުރި ފޮޓޯތަކެއް ހުއްޓެވެ. މަންމަ އެއްޗެކޭ ނުބުނަނީ މަންމައަށް އެއްޗެކޭ ބުނުމުގެ ޙައްޤެއް ނެތޭ ހީވާތީއެވެ. ނަމަވެސް މިކަހަލަ ކަންތައް ވުމުން ހިތުގައި ވޭން އަޅައެވެ.
މިއަދު މަންމައަށް މަންމަގެ ވާޖިބުގެ ތެރެއިން އެއް ވާޖިބު ދަރިފުޅަށް ހަނދާންކޮށްދޭން މަޖުބޫރުވެއެވެ. އެއީ ދަރިފުޅުގެ ފުރާނައިގެ ޙައްޤުގައި މަންމަ އަދާކުރަންޖެހޭ ވާޖިބެކެވެ. މަންމައަށް ދަރިފުޅަށް ދުނިޔަވީ އިލްމުން އެނގޭ މިންވަރުގެ ކުޑަ މިންވަރެއްވެސް ނޭނގެއެވެ. ނަމަވެސް ގުދުރަތީ ޤާނޫނުގެ ތެރެއިން ބައެއް ކަންކަމުގައި މަންމައަށް ލިބިފައިވާ ވަރަށް ޙިކުމަތް ދަރިފުޅަކަށް ލިބިފައެއް ނެތެވެ. ލިބިފައިވާނަމަ މިއަދު ދަރިފުޅު އެގޮތަކަށް ކަންތައްތަކެއް ނުކުރީހެވެ.
މަންމަ ކުޑައިރުގައި ދަރިފުޅުގެ ވާހަކަތައް އަޑުއެހީ ފޫހިކަމެއް ނެތިއެވެ. އެކަމަކު އެންމެ ފަހަރަކުވެސް ދަރިފުޅު މަންމަ ކައިރިއަކު މަންމަގެ ހަޔާތާ ބެހޭގޮތުން ނާހަމެއް ނޫންހެއްޔެވެ؟ މަންމައަށް އިނގިރޭސި ނޭނގޭ އަސްލު ސަބަބު ދަރިފުޅަށް ކިޔައިދޭން މަންމަ ބޭނުންނުވީ މަންމައާމެދު ދަރިފުޅު ދެކޭގޮތް އިތުރަށް ގޯސްވާން ބޭނުންނުވާތީއެވެ.
އަޑުއަހާށެވެ. މަންމަގެ މައިންބަފައިން މަންމައަށް ކިޔަވައިދޭން މަސައްކަތްކުރިއެވެ. އެންމެ ފުރަތަމަކޮޅުގައި މަންމަ ވަރަށް މޮޅެވެ. ނަމަވެސް ކުއްލިއަކަށް ސްކޫލުތަކުގެ މުޤައްރަރު އިނގިރޭސި ބަހަށް ބަދަލުވިއެވެ. އެދުވަހުން ފެށިގެން މަންމަގެ ހިތް ކަނުވިއެވެ. މަންމައަކަށް އެ ބަހެއް ނޭނގެއެވެ. ސްކޫލުގެ އެންމެ މޮޅު ކުދިންތަކުގެ ތެރެއިން އެންމެ ފުލުން ފާސްވާ ދަރިވަރަށް މަންމަ ވެއްޖެއެވެ. އެ ބަހާ ޖެހުނީމާ މަންމަގެ ހިތް ގާވީއެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ.
މަންމަ ވަކި ހިސާބަކުން ކިޔަވަން ފެށީ ގޭގައެވެ. މަންމަގެ މައިންބަފައިން ދިވެހިން ކިޔަވައިދޭ މީހުން ގެއަށް ގެނެސްގެން މަންމައަށް ކިޔަވައިދެވުނު މިންވަރަކަށް ކިޔަވައިދިނެވެ. ދިވެހި ބަހުންނާއި އަރަބި ބަހުން މަންމައަށް އެނގޭ މިންވަރަށް ގިނަ މީހުންނަކަށް ނޭނގޭނެއެވެ. ހިސާބުގެ އިލްމަށް މަންމަ މޮޅުވާނެއެވެ. އުރުދޫ ބަހުން ޅެން ހަދަން މަންމައަށް އެނގޭނެއެވެ. ނަމަވެސް ދަރިފުޅު ބޮޑުވެގެން އައީ އިނގިރޭސި ބަހަކީ އެންމެ މުޤައްދަސް ބަސްކަމުގައި ދެކޭ މުޖުތަމަޢުއެއްގައެވެ. އެހެންކަމުން މަންމައަށް އިނގިރޭސި ނޭނގޭތީ މަންމައަކީ ތަނެއްދޮރެއް ނޭނގޭ މީހެއްކަމުގައި ދަރިފުޅަށް ވިސްނިފައި އޮވެދާނެއެވެ.
ދަރިފުޅު މިއަދު ކަންތައް ކުރިގޮތަށް ކަންތައްކުރާ ކޮންމެ ދުވަހަކު އޭރު ހިތުގައި ލީ ޒަޚަމްތައް އަލުން ހުޅުވެއެވެ. ސްކޫލުގައި އިނގިރޭސި ނޭނގިގެން ކޮޅަށް ނަގައި ޓީޗަރުން މަންމައަށް އަދަބުދީ، ކްލާހުގެ ހުރިހާ ކުދިން މަލާމާތްކޮށް އޭރު ގަތް ލަދު މަތިން ހަނދާންވެ ހިތަށް އަސަރުކުރެއެވެ. އޭރު ސްކޫލު މީހެއް ކައިރީގައި އެއްޗެއް ނޭނގިގެން އަހާލަން ނުކެރިފައި ހުންނަން ޖެހުނު ދުވަސްތައް ހަނދާންވެއެވެ. ގެއަށް އައިސް މަންމަމެން ކައިރީގައި ރުއި ހަނދާންވެއެވެ.
މަންމައާއެކު އޭރު އުޅުނު ހުރިހާ ކުދިންނަށް އެއްވެސް އުނދަގުލެއްނެތި އެ ފިލާވަޅުތައް އެނގެއެވެ. މަންމަ ބަލަބަލަ ހުއްޓާ މަންމަ މި އެންމެންނާ ބާކީވީއެވެ. މަންމަ ބޮޑުވީ ރަޙްމަތްތެރިއެއް ނެތިއެވެ. ގޭދޮށު މީހުން މަންމައާމެދު ދެކެން ފެށީ ގަމާރެއްގެ ގޮތުގައެވެ. އެ ހަނދާންތައް މަންމަ ވަނީ ހިތުގެ ވަރަށް ފުނުގައި ވަޅުލާފައެވެ. ނަމަވެސް ދަރިފުޅުގެ ޢަމަލުތަކުން މަންމައަށް މަންމަގެ ނުކުޅެދުންތެރިކަން ހަނދާންވެއެވެ. ހަނދާންވާ ކޮންމެ ފަހަރަކު އަމިއްލަ ނަފުސަށް މަންމައަކީ ގަމާރެއްކަން އިޙްސާސްކުރެވެއެވެ. ދަރިފުޅަށް މަންމައަކީ ޤުރުއާން ހިތުދަސް މީހެއްކަން އެނގޭހެއްޔެވެ؟ މިކަމަކީ ކޮންމެ އިންސާނަކަށް ވާ ކަންތައްތަކެއް ނޫނެވެ. ނަމަވެސް ދަރިފުޅުގެ އަމަލުތަކުން ދަރިފުޅުގެ ކުރިމަތީގައި ލަދުން އިސްޖަހަން ޖެހޭ ކޮންމެ ފަހަރަކު ގުރުއާން ހިތުދަސްކުރެވޭނީ ތޫނުފިލި މީހަކަށްކަން މަންމަ ހަނދާނެއް ނެތެއެވެ.
ދަރިފުޅު ދުނިޔެއަށް އައުމުން ދަރިފުޅުގެ ބައްޕަގެ ގާތުގައި ކޮންމެވެސް އެއްދުވަހަކުން ދަރިފުޅު މަންމަ ދެކެ ފޫހިވެދާނެ ވާހަކަ ބުނީމެވެ. ދަރިފުޅުގެ ބައްޕަ އެދުވަހު މަންމަ ކައިރީގައި އެގޮތަށް ދުވަހަކުވެސް ކަންތައްތަކެއް ނުވާނެ ކަމަށް ބުންޏެވެ. މަންމަގެ އޯގާތެރިކަމާއި ލޯބީގެ ސަބަބުން މަންމަގެ އެ އުނިސިފަ ދަރިފުޅަށް ދުވަހަކުވެސް ނުފެންނާނެ ކަމަށް ބައްޕަ ބުންޏެވެ. ނަމަވެސް ދަރިފުޅަށް ތަންދޮރު އެނގެން ފެށި ދުވަހު ފެނުނީ މަންމަގެ ނިތްކުރީގައިވާ ތަންދޮރު ނޭނގޭ ލައްގަނޑެކެވެ. އަދިވެސް އެ ދިމާލުން ދަރިފުޅުގެ ނަޒަރު ދުރެއް ނުކުރެވެއެވެ.
މަންމަ މިއަދު މި ވާހަކަ ދަރިފުޅާ ހިއްސާކުރަން މި ނިންމީ ލޯބިވާތީއެވެ. ދަރިފުޅަށް ދެރަގޮތެއް ވާން ނޭދޭތީއެވެ. ކޮންމެވެސް އެއްދުވަހަކުން މިހާރު މިވާ ކަންތައްތަކުގެ ސަބަބުން ދަރިފުޅަށް ހިތި ނިމުމެއް އަންނަން މަންމަ ބޭނުންނުވާތީއެވެ.
ދަރިފުޅަށް އެނގޭހެއްޔެވެ؟ ދުނިޔެ ދަރިފުޅާމެދު ކަންތައްކުރާނީ ދަރިފުޅު މަންމައާމެދު ކަންތައްކުރާ ގޮތަށެވެ. ދަރިފުޅު މަންމަ ދެކެ ނަފުރަތުކުރަންޏާ ތި ނަފުރަތުކުރެވެނީ ދަރިފުޅުގެ އަސްލާމެދުގައެވެ. ދަރިފުޅު ދުނިޔެއަށް ގެނައި މީހާ ދެކެ ފޫހިވަންޏާ އެ ފޫހިވެވެނީ އަމިއްލަ ނަފުސު ދެކެއެވެ. މަންމައަކީ ދަރިފުޅު ދުނިޔެއަށް އައި ވަސީލަތެވެ. އަބަދުވެސް މިކަންތައް ހަނދާން ބަހައްޓާށެވެ.
މަންމަ އަބަދުވެސް ދަރިފުޅަށް ހިތްހެޔޮކުރާނެއެވެ. މަންމަގެ ލޯބީގައި ޝަރުޠެއް ނުވެއެވެ. ނަމަވެސް މަންމައާމެދު ދަރިފުޅު ރަނގަޅަށް ކަންތައްކުރަން ފަށައިފިނަމަ ދަރިފުޅަށް ވަރަށް ގިނަ ކަންތައްތައް މެދުވެރިވާނެއެވެ. ދަރިފުޅުގެ ހިތް ސާފުވާނެއެވެ. ބަރަކާތާއި، ހިތްހަމަޖެހުމާއި، އުފަލާއި، ލޯބިން ފުރިފައިވާ ދިގު ޢުމުރެއް އިރާދަކުރެއްވިއްޔާ ދަރިފުޅަށް ދެއްވާނެއެވެ.
މަންމަ މިސިޓީ މި ކުރުކޮށްލަނީ ދަރިފުޅަށް މަންމަގެ އިޙްސާސްތައް އެނގޭނެ ކަމުގެ އުންމީދުގައެވެ. މި ހުކުރު ދުވަހު ދަރިފުޅާއި އަނބިމީހާއާއި އެސޮރު މަންމައަށް ފެންނާނެ ކަމަށް ދުޢާކުރަމުންނެވެ.
ލޯތްބާއެކު،
މަންމަ.



advertisment