އެކި މީހުން މަސައްކަތަށް ދާން އުފުލަންޖެހެނީ އެކި ބުރައެވެ. އެއްބައި މީހުން އެމީހުން މަސައްކަތްކުރާ މޭޒާ ހަމައަށް ދާން ހިނގާލަންޖެހެނީ އެނދުން ތެދުވެގެން 10 ފޫޓަށެވެ. އަނެއްބައި މީހުން އޮފީހަށް ދަނީ ހިނގައިފައެވެ. ވަރަށް ގިނަ މީހުން އާންމު ދަތުރުފަތުރުގެ ނިޒާމު ހިޔާރުކުރެއެވެ. އަނެއްބައި މީހުން އޮފީހަށް ދަނީ އެމީހުން އަމިއްލައަށް ދުއްވާ އެއްޗެއްގައެވެ.
މަސައްކަތަށް ދިޔުމުގައި ކޮންމެ މީހަކު ކޮންމެ ގޮތެއް ހިޔާރުކުރިޔަސް، އެގްނެސް ނަމްބޯޒޯ ހާ އުނދަގޫ ދަތުރެއް މަސައްކަތަށް ދާކަށް ނުކުރާނެކަން ޔަގީނެވެ. އޭނާ މަސައްކަތްކުރަން ދާ ތަނަށް ދިޔުމަށްޓަކައި ގަވާއިދުން 1000 ފޫޓުގެ، ހެލޭ ހަރުގަނޑަކަށް އަރަންޖެހެއެވެ.

އެގްނެސްއަކީ ޔުގަންޑާގެ އިރުމަތީ ސަރަހައްދުގައި ހުންނަ މައުންޓް އެލްގޮން ފަރުބަދައިގެ ބުޑުގައި އޮންނަ ބުލްގަންޔާގައި މަސައްކަތްކުރާ ނަރުހެކެވެ. ސަބް-ސަހާރާ އެފްރިކާގެ ގިނަ ރަށްފުށު ސަރަޙައްދުތަކުގެ މަސައްކަތްކުރާ ނަރުހުންނެކޭ އެއްފަދައިން އޭނާގެ މަސައްކަތުގައި ވަރަށް ގިނަ ރޯލުތަކެއް އަދާކުރަންޖެހެއެވެ. އެއްދުވަހު ކުދިން ވިއްސުމާއި ފަރުވާ ދިނުމުގައި އުޅެފައި، އަނެއް ދުވަހު ސިއްޙީ މަޢުލޫމާތު މީހުންނަށް ދިނުމުގައި އުޅެންޖެހިދާނެއެވެ. އޭނާގެ މަސައްކަތުގައި މީހުންނަށް ކާނާއާ ބެހޭ ގޮތުން ހެޔޮ މަޢުލޫމާތު ފޯރުކޮށްދިނުމާއި ސާފުތާހިރުކަމަށް ބާރުއަޅައި މުޖުތަމަޢު ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް ހިމެނެއެވެ. ނަމަވެސް އެގްނެސް ގަބޫލުކުރާ ގޮތުގައި އޭނާއަށް ކޮށްދެވޭ އެންމެ އަގުހުރި މަސައްކަތަކީ ޔުގަންޑާގެ ރަށްފުށު ސަރަހައްދުތަކަށް ގޮސް ކުޑަކުދިންނަށް ވެކްސިން ޖަހައިދިނުމެވެ.
ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި ކުޑަކުދިންގެ މަރުވާ މިންވަރު މަދުކުރުމަށްޓަކައި ޔުގަންޑާއިން ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މީގެ 25 އަހަރު ކުރިން އެ ސަރަހައްދުގައި އުފަންވާ ކޮންމެ 1000 ކުދިންގެ ތެރެއިން 145 ކުދިން މަރުވެއެވެ. ނަމަވެސް މީގެ ދެ އަހަރު ކުރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާރު އެ އަދަދު ވަނީ 1000 ކުދިންތެރެއިން މަރުވާ ކުދިންގެ އަދަދު 40 އިން ދަށަށް ގޮސްފައެވެ. މި ކުރިއެރުމުގެ އެންމެ ބޮޑު ސަބަބަކީ އެ ކުދިންނަށް ދޭން ފެށި ވެކްސިންތަކާއި އެ ވެކްސިންތައް ދޭން އެތަންތަނަށް ދާ އެގްނެސް ފަދަ ސިއްޙީ މަސައްކަތްތެރިންނެވެ.

ޔުގަންޑާގެ އިރުމަތީގެ ސަރަހައްދުތަކަކީ ވަރަށް ރީތި ހިތްގައިމު ތަންތަނެވެ. ނަމަވެސް އޭގެ ބައެއް ސަރަހައްދުތަކަށް ދަތުރުކުރަން ޖެހެނީ ވަރަށް ދަތިކަމާއެކުގައެވެ. އެގްނެސްގެ މަސައްކަތުގައި ޒިޔާރަތްކުރާ ގިނަ އަވަށްތައް ހުންނަނީ ފަރުބަދަތަކުގެ މަތީގައެވެ. ބައެއް ތަންތަނަށް ދެވެނީ ހަމައެކަނި ހަރުގަނޑަކުން މައްޗަށް އަރައިގެންނެވެ. މި ހަރުގަނޑުތަކަކީ އެ އަވަށްތައް ބޮޑެތި ރަށްރަށާ ގުޅުވައިދޭ، އެއަވަށްތަކުގައި ދިރިއުޅޭ ބޮޑެތި ކުދިން ސްކޫލަށް ދިއުމަށް ހަދާފައިވާ ހަރުގަނޑުތަކެކެވެ. ނަމަވެސް މި ސިޑިތަކުން ކުޑަކުދިން ފައިބާހެދުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެހެންކަމުން މަންމައިންނަށް އެކުދިން ގޮވައިގެން އައިސް، ސިއްޙީ މަރުކަޒުތަކުން ވެކްސިންގެ ކަންތައް ހަމަޖެއްސުން ވަނީ އުނދަގޫ ކަމަކަށެވެ. އެމީހުންގެ މި މައްސަލައިގެ ހައްލު ހޯދައިދެނީ އެގްނެސް ކަހަލަ މީހުންނެވެ.
އެގްނެސް ކުޑައިރު ބޭނުންވީ ފުލުހަކަށް ވާށެވެ. ނަމަވެސް އޭނާގެ މަންމަ އެއީ މާ ނުރައްކާތެރި މަސައްކަތެއްކަމަށް ބުނެ އެކަމުން ދުރުކުރިއެވެ. ފުލުހަކަށް ވުމުގެ ޚިޔާލު ދޫކޮށްލާ އޭނާ ހެދީ ނަރުސްކަމުގެ ކޯހެކެވެ. އޭނާ މި ދާއިރާއާ ލޯބިޖެހުނުއިރުގައި މިއީ އޭނާގެ މަންމަ ހީކުރި ވަރަށްވުރެން މާ ނުރައްކާތެރި މަސައްކަތެއްކަން އިނގުނެވެ. އެއީ އަތްވަކަށް ވާރެއަކަށް ނުބަލާ ކޮންމެފަދަ ގޮތަކަށް މޫސުން އޮތަސް އެއްކަލަ ހަރުގަނޑުތަކުން އަރައިގެން ގޮސް އަވަށްތަކުގައި ތިބި ކުދިންނަށް ވެކްސިން ދޭންޖެހޭނެއެވެ. ފަރުބަދަ ސަރަހައްދުތަކަކީ ގިނައިން ވާރޭވެހޭ ސަރަހައްދުތަކަށް ވީމާ ހަރުފަތްތައް ލޮނދިވެ ކައްސާލުމުގެ ފުރުސަތު ބޮޑުވެއެވެ.

"މި ހަރުފަތްތަކަކީ ނުރައްކާތެރި އެއްޗެހި. ނުބައިކޮށް ފިޔަވަޅެއް އެޅިދާނެ. ނަސީބު ރަނގަޅިއްޔާ ކައްސާލައިގެން ވެއްޓި ފައެއް ބިނދިގެން ސަލާމަތްވެދާނެ. ނަސީބު ދެރައިއްޔާ ފުރާނަ ގެއްލިދާނެ،" އެގްނަސް ބުންޏެވެ.
ކުދިންނަށް ވެކްސިން ދިނުމަށް ދަތުރުރުކުރާ ދުވަސްތަކުގައި އެގްނެސް ގެއިން ނުކުންނަނީ ހެނދުނު 6:00 ގައެވެ. އޭނާ ދިރިއުޅޭ ސިރޮންކޯއިން ޓެކްސީއެއްގައި ބުޔާގާއަށް ދެއެވެ. އެއީ ދަތުރުގައި ބޭނުންކުރާ ތަކެތި ލިބޭ ޞިއްޙީ މަރުކަޒާ ކައިރި ރަށެކެވެ. ކާރުތަކުގައި އެ މަރުކަޒާ ހަމައަށް ނުދެވޭތީ، ދަތުރުގެ ފަހުބައި އޭނާ ކުރަނީ މޮޓޯ ސައިކަލެއްގައެވެ.
އޭނާއަށް މަރުކަޒަށް އާދެވޭއިރުގައި ހުންނަނީ ހެނދުނު 8:00 ޖަހައިފައެވެ. ދެން އޭނާ އެދުވަހު ކުރަން އޮތް ދަތުރަށް ތައްޔާރުވާން ފަށައެވެ. އެގްނެސް ފަދައިން ރަށްފުށުގައި ވެކްސިން ދޭ މީހުން ގެންގުޅޭ ބޭހާއި ސިއްޙީ ސާމާނު އުފުލަނީ އެމީހުންގެ ބުރަކަށި މަތީގައެވެ. އެ ހުރިހާ އެއްޗެއް ރަނގަޅަށް ބަންދުކުރުމަކީ އެމީހުންގެ ހުނަރެކެވެ. ވެކްސިންތައް ފިނިކޮށް ބަހައްޓަންޖެހޭތީ އެމީހުން އައިސް ޕެކްތަކުން ފުރާފައިވާ ބަރު އިންސިއުލޭޓެޑް ދަބަހެއް އަޅައެވެ.
އޭގެ ފަހުން އެގްނެސް އަނެއްކާވެސް މޮޓޯ ސައިކަލެއްގައި ދަތުރުކޮށް، ހަރުގަނޑާ ހަމައަށް ހިނގާފައި ދެއެވެ. އޭނާ ހަރުގަނޑުން މައްޗަށް އަރައިގެން އަވަށްތަކަށް ގޮސް ވެކްސިން ދޭން ފަށާއިރު ހުންނަނީ 10:30 ވެފައެވެ. އޭނާގެ މަސައްކަތް ފެށޭ ހަމައަށް ގެއިން ނިކުމެގެން ދާން ހަތަރު ގަޑިއިރަށްވުރެ ގިނައިރު ނަގައެވެ.

އޭނާ އަވަށްތަކަށް ދަތުރުކުރާއިރު އަބަދުވެސް ދަނީ ވެކްސިން ދޭނެ އަދަދު ނިންމައި ޕްލޭނެއް ހަދައިގެންނެވެ. ނަމަވެސް އެގްނެސް އަބަދުވެސް އިތުރަށް ދެތިން ޑޯޒް ގެންދެއެވެ. އާދަކޮށް އެ އަވަށްތަކަށް ދާ ދުވަހެއްގައި ގާތްގަނޑަކަށް 50 މީހުންނަށް ވެކްސިން ދެއެވެ. އޭގެ ތެރެއިން ގިނަވާނީ ފަސް އަހަރުން ދަށުގެ ކުދިންނެވެ. އޭނާ އެކުދިންނަށް ޕޯލިއޯ، ރޫބެއްލާ، ޓެޓަނަސް އަދި ނިއުމޯނިއާ ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ދެއެވެ. ޚާއްޞަކޮށް ނިއުމޯނިއާގެ ވެކްސިނަކީ އެ ސަރަޙައްދުތަކުގައި ވަރަށް މުހިންމު އެއްޗެކެވެ. އެއީ އެތަނުގައި ވާރޭ ގިނައިން ވެހޭތީ، ތެތް މޫސުމުގެ ސަބަބުން މީހުންނަށް ނޭވާލާ ނިޒާމުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ބޮޑުވާތީއެވެ.
އެގްނެސްއާއި އޭނާއާއެކުގައި މަސައްކަތްކުރާ މީހުންނަކީ މިފަދަ ފަރުބަދަ މަތީގައި ދިރިއުޅޭ މުޖުތަމަޢުތަކަށް ޒިޔާރަތްކުރާ ހަމައެކަނި ސިއްޙީ މަސައްކަތްތެރިންނެވެ. އެހެންކަމުން އެމީހުން އެތަންތަނަށް ދާ ފަހަރަކުގާ އާންމު ގޮތެއްގައި ނަރުހުން ކޮށްދޭ ޚިދުމަތްތައްވެސް ފޯރުކޮށްދެއެވެ. އެގްނެސް ގަވާއިދުން ކުދިންނަށް ޕަރޭޓާ ފަނި ނައްތާލުމުގެ ފަރުވާއާއި ވިޓަމިން އޭ ފަދަ މުހިންމު ސަޕްލިމެންޓްތައް ދެއެވެ. އަދި ބޮޑެތި މީހުން ކުރާ ސިއްޙީ ސުވާލުތަކަށް ޖަވާބުދީ، ޞިއްޙީ އިރުޝާދު ދެއެވެ. މީގެ ތެރޭގައި ޢާއިލާ ރޭވުމާ ބެހޭ ލަފާވެސް ހިމެނެއެވެ.

ދުވަހުގެ މަސައްކަތް ނިންމުމަށްފަހު، އެގްނެސް އަނބުރާ ގެއަށް ދާން ކުރާ ދަތުރަކީ ދިގު ދަތުރެކެވެ. އެއީ ވަރުބަލިކުރުވާ، އުނދަގޫ މަސައްކަތެކެވެ. ނަމަވެސް އޭނާއަށް އެހާ ގިނަ މީހުންނަށް އެހީތެރިވެވޭތީ ފަޚުރުވެރިވެއެވެ.
"ޔުގަންޑާގެ ނަރުހުންގެ ޝިޢާރަކީ 'ލޯބިން ޚިދުމަތްކުރުން' މިއެވެ،" އޭނާ ބުންޏެވެ. "އަހަރެމެންނަށް ލޯތްބަކީ ހަމައެކަނި ލަފުޒެއް ނޫނެވެ. އެއީ ޢަމަލުން ދައްކަންޖެހޭ އެއްޗެކެވެ."
ހިތާމައަކީ، ފަހަކަށްއައިސް އެގްނެސްއަށް ވަނީ އޭނާގެ މަސައްކަތްކުރުމަށް ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައެވެ. ބުލުގަންޔާގެ ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރި މީހުންނަކީ ޔޫއެސްއެއިޑްގެ އެހީގައި މަސައްކަތްކުރި މީހުންނެވެ. މިފަހުން ޔޫއެސްއެއިޑްގެ ފަންޑިންގ ކަނޑާލުމާ ގުޅިގެން ގިނަ މީހުންނަށް ވަނީ އެމީހުންގެ ވަޒީފާ ގެއްލިފައެވެ. އުވާލެވުނު މަސައްކަތުގެ މަޤާމުތަކުގެ ތެރޭގައި އަލަށް ދަރިމައިވާ މީހުންނާއި މާބަނޑު މީހުންނަށް އެހީތެރިވެދޭ މީހުންގެ މަޤާމުތައް ހިމެނެއެވެ. އަދި އެޗްއައިވީ އާއި ޓީބީއާ ގުޅޭގޮތުން މަސައްކަތްތަކުގައާއި، ބޭސްބެހުމާއި އަދި ގައިންގަޔަށް އަރާ ނުރައްކާތެރި ބަލިތަކުގައި ދިރިއުޅޭ މީހުން ޓެސްޓުކޮށް ބަލި ފެތުރުން ހުއްޓުވުމަށް މަސައްކަތްކުރަމުން އައި މީހުންގެ ވަޒީފާތައްވެސް ވަނީ ގެއްލިފައެވެ.
އެގްނެސްއާއި ދެން ބާކީ ތިބި މީހުން ވީހާވެސް ބޮޑަކަށް މުޖުތަމަޢުތަކަށް ޚިދުމަތް ދިނުމަށް އަދިވެސް ދަނީ މަސައްކަތްކުރަމުންނެވެ. ނަމަވެސް އެމީހުންނަށް މަސައްކަތް ކުރެވޭނީ ވަކި މިންވަރެކެވެ.
"އަހަރުމެންގެ މުޖުތަމަޢުތަކަށް ތަޙައްމަލުކުރަންޖެހިފައި މިވަނީ ވަރަށް ބޮޑު އުނދަގުލެއް،" އޭނާ ބުންޏެވެ. ފަންޑިންގ އަލުން ނުލިބިއްޖެނަމަ މަސައްކަތުގެ ބުރަކަން މަދު ބަޔަކަށް ނުއުފުލިގެން ހިތްދަތި ގޮތްތަކެއް މެދުވެރިވެދާނެ ކަމާމެދު އޭނާ ކަންބޮޑުވެއެވެ.
ނަމަވެސް، އެގްނެސް ހުއްޓުމެއް ނެތި ވީހާވެސް ގިނަ މީހުންނަށް އެހީތެރިވެދިނުމުގައި މި މަސައްކަތްކުރާނެއެވެ. ކކަމްޕާލާގެ ރޮޓަރީ ކްލަބުގެ އެހީތެރިކަމާއެކު، އޭނާ މިފަހުން އަނބުރާ ކިޔަވަން ފަށާ ނަރުސްކަމުގެ ޑިގްރީއެއް ހާސިލުކުރުމަށް ވަނީ މަސައްކަތް ފަށްޓާފައެވެ. އޭނާގެ އުންމީދަކީ އިތުރު ފުރާނަތަކެއް ސަލާމަތްކުރެވޭނެ އައު ހުނަރުތަކެއް ދަސްކުރުމެވެ.
"އަހަރެންގެ ހުވަފެނަކީ މީހުން އުފާކޮށްދީ، އެމީހުން އުފަލުގައި ތިބޭތަން ދެކުމާއި، އެމީހުންނަށް ޚިދުމަތްކުރުމުގައި ދެމިހުރުން" އެގްނެސް ބުނެއެވެ. "ޕޮޒިޓިވްކޮށް ވިސްނާނަމަ، ނުކުރެވޭނޭ އެއްވެސް ކަމެއް ނޯންނާނެ."
- ނޯޓް: މި ލިޔުންކޮޅު ލިޔެފައިމިވަނީ ބިލް ގޭޓްސް ގަވާއިދުން ނެރޭ ނިއުސްލެޓަރ އެއްކަމަށްވާ "ގޭޓްސް ނޯޓްސް" ގައި ވާ އާޓިކަލްއެއްގެ މައްޗަށެވެ.



advertisment