ރަހުމަތްތެރިއަކާ ވާހަކަ ދައްކާލަން އޭނާގެ ގެއަށް ގޮސްލީމެވެ. އެ ގެއަށް ދާ ކޮންމެ ފަހަރަކު އޭނާގެ އަތުގައި "މިމީރު" ފުޅިއެއް ނެތް ވަގުތަކާ ދިމައެއް ނުވެއެވެ. އޭނާ އަބަދު މިމީރު ހަފަހަފަ އިންނަނީ ކީއްވެގެންތޯ ދުވަހަކުވެސް ނާހަމެވެ. ނަމަވެސް ދެން އަހައިނުލާ ކެތެއް ނުވިއެވެ.
އިޖާ: ކީއްވެތަ އަބަދު ތީތި ތިކަނީ؟
ރަހްމަތްތެރިޔާ: (ފުޅިއަކަށް އަތްބާނައިގެން އިނދެގެން އޭގައި ހުރި އެއްޗެހި މުރުމުރުލައްވާފައި ހަފަމުންހަފަމުން) މީ މިމީރު އޯކޭ. މީތި ވަރަށް މީރުވާނެ އިނގޭ.
މީނާ ކަމުން މިގެންދާ މިމީރަކީ ކޯއްޗެއް ހެއްޔެވެ؟ މިމީރަކީ މިދިޔަ އަހަރު ރާއްޖޭގެ ބާޒާރަށް ނެރުނު ވަރަށް އާދަޔާ ޚިލާފު ދިވެހި އުފެއްދުމެކެވެ. މި އުފެއްދުމަކީ ފޯއް ނާޅައި އަނގަމީރު ކޮށްލަން ކާ ތަކެތީގެ ތެރޭގައި މާކެޓުގައި އުޅޭ އުފެއްދުމެކެވެ. މި އުފެއްދުމަށް ވަނީ މީހުންގެ ތެރޭގައި ވަރަށް މަގުބޫލުކަން ލިބިފައެވެ.
ގިނަ ރަހްމަތްތެރިންނަކަށް މިމީރާއި އަހަރެންނާ ދެމެދު ވާ ގުޅުމުގެ އަސްލެއް ނޭނގޭނެއެވެ. މިއަދު އަހަރެން ވިސްނީ މި ރަހްމަތްތެރިޔާއަށް އެ ވާހަކަ ކިޔައިދިނުމަށެވެ.
އިޖާ: (ކަރުކެހިލަމުން) އެނގޭތަ. ތީ އަހަރެންގެ ބައްޕަގެ އުފެއްދުމެކޭ.
ރަހްމަތްތެރިޔާ: (ވަރަށް ހައިރާންވެފައި) ދޮގު ނަހަދާ. ނުވާނެ!
އާނއެކެވެ. މިމީރަކީ އަހަރެންގެ ބައްޕަ، އަބްދުއްޝުކޫރާއި ދޮންމަންމަ، އާމިނަތު ރައުފް (ވަހީދާ) ގެ އުފެއްދުމެކެވެ. މި އާދަޔާ ޚިލާފު އުފެއްދުން ވުޖޫދަށް އައި ގޮތް އަހަރެންނަށް ތަޖުރިބާ ކުރެވުނު ގޮތަށް ރަހުމަތްތެރިޔާއަށް ކިޔައިދޭން ފެށީމެވެ.

އިޖާ: އެއްސަހަރެއްގައި އެއްސަހަރެއްގާ….
ރަހްމަތްތެރިޔާ: އަޅެ ދެން!
އަހަރެންގެ ބައްޕަ އަބްދުއްޝުކޫރު ނުވަތަ އާންމުންނަށް މަޝްހޫރުވެފައިވާ ނަމުން ނަމަ ކަރާ ޝުކޫރަކީ ދިވެހި ރާއްޖޭގެ ގިނަ މީހުންނަށް ވަރަށް ކުޅަދާނަ މަސައްކަތްތެރިއެއްގެ ގޮތުގައި އެނގޭނެ މީހެކެވެ. ކުރީގައި ވެލްޑިންއާއި ދަގަނޑުގެ މަސައްކަތްތަކަށް މަޝްހޫރުވެފައިވީ ނަމަވެސް ދެހާހުގެ އަހަރުތަކުގައި ބައްޕަ މަޝްހޫރުވެގެން އައީ ފޯއްކޮށާ މެޝިނެއް ހަދައިގެން ވަރަށް ފުޅާކޮށް "ކަރާމީރު"ގެ ނަމުގައި ކޮށިފޯއް ވިއްކާ މީހެއްގެ ގޮތުގައެވެ. ބައްޕައަކީ އަމިއްލަ އުފެއްދުންތައް އީޖާދުކުރާ މީހެކެވެ. ބައްޕަގެ ހަޔާތުގެ ވަރަށް ބޮޑުބައި ހޭދަކޮށްފައިވަނީ އަމިއްލަ އުފެއްދުންތައް ބޭނުންކޮށްގެން އާންމުންނަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތް ފޯރުކޮށްދޭ މީހެއްގެ ގޮތުގައެވެ.
މިދިޔަ އަހަރު މެދެއްހާ ހިސާބުގެ ދުވަހެކެވެ. ހޭލެވުނީ ދައްތަގެ މެސެޖަކަށެވެ.
ދައްތަގެ މެސެޖު: އޭ އިޖާ، ބައްޕަ ބުނީ ދައްތައާއި އިޖާއާ ދެމީހުން ވިސްނައިފައި، ދީބަލާށޯ ފޯއް ނާޅައި އަނގަމީރު ކުރާނެ އުފެއްދުމަކަށް ކިޔާނެ ރީތި ނަމެއް.
ފޯއް ނާޅައި އަނގަމީރުކުރާނެ އެއްޗެއް އުފެއްދުމަށް ބައްޕައަށް ދައްތަ ލަފާ ދެމުން ގެންދާތާ ދުވަސްކޮޅެއްވެއްޖެއެވެ. އެ ދުވަހަކީ ދައްތަ ދިން ލަފާ ބައްޕަ ގަބޫލުކޮށް "ކަރާމީރު"ން އެފަދަ އުފެއްދުމެއް މާކެޓަށް ނެރުމުގެ މަސައްކަތައިގެން ބައްޕަ އުޅެގަތް ދުވަހެވެ.
ބައްޕަ ކަމެއްގައި ބުނުމުން ބައްޕަގެ ހުރިހާ ދަރިން ވެސް އޭރަކު ކުރަން ތިބި ހުރިހާ ކަމެއް ހުއްޓާލައިފައި ބައްޕަ ބުނި ކަމަކައިގެން އުޅެން ފަށާނެއެވެ. އަހަރެންވެސް ކުޑަ އިރުކޮޅެއްގެ ތެރޭގައި ދެތިން ނަމެއް ބައްޕައަށް ފާސްވޭތޯ ފޮނުވައިފީމެވެ. ހުރިހާ ދަރިންގެ އަތުން ނަންތައް ހޯދައިފިއެވެ. ހުށަހެޅި އެއްވެސް ނަމެއް ފާހެއްނުވިއެވެ. ހުރިހައި ނަމެއް ތަޅުމުން ބޭރެވެ. ބައްޕަގެ އައު އުފެއްދުމަށް ކިޔަން ނިންމީ ބައްޕަގެ ހިތުގައި އެއަށް ކިޔަން ވިސްނައިފައިވާ ނަމެވެ. އެއީ "މިމީރު" އެވެ.
ރަހްމަތްތެރިޔާ: އެއީ ބައްޕަ ދިން ނަމެއްތަ؟ ސަޅި!
އިޖާ: އާނ. އަހަރެންވެސް ހިތަށް އެރީ ހަމަ ތިހެން. ބައްޕަ ދިން ނަން ހާދަ ސަޅިއޭ. ހަނދާނުގައި ބަހައްޓަން ހާދަ ފަސޭހައޭ. ހާދަ ހިތްގައިމު ނަމެކޭ.
ފުރަތަމަކޮޅު ބައްޕަގެ ވިސްނުމުގައި އޮތީ މާކެޓުގައި ހުރި މިފަދަ އުފެއްދުންތަކަށް އާންމުކޮށް އަޅާ ތަކެތި އަޅައިގެން އެއްޗެއް އުފައްދާށެވެ. އެފަދަ އުފެއްދުންތަކުގައި އޭރު ހުންނަނީ ފޮނިތޮށި، ކާފޫރުތޮޅި އަދި ކަރަންފުލެވެ. ނަމެއް ފާސްވުމުން ބައްޕައާއި ދޮންމަންމައާ އެކުއެކީގައި އައު އުފެއްދުމަށް އަޅާ ތަކެތީގެ ރަހަތައް ނެރެ ރަހަތައް އެއްވަރުކުރަން އުޅެން ފަށައިފިއެވެ. އެއާ އެކުއެކީގައި އެ އުފެއްދުމުގެ ލޭބަލް ހެދުމުގެ ކަންތަކުގައި އަހަރެންގެ ދައްތަ މަސައްކަތް ފަށައިފިއެވެ. (އަހަރެންގެ ދައްތަ އަކީ ވަރަށް މޮޅަށް ޑިޒައިން ކުރާ މީހެކެވެ.)
ރަހްމަތްރިޔާ: (މިމީރު ކަމުން ފުޅީގެ ލޭބަލް ބަލާލައިފައި) އޭ. އެއީ އެއްކަލަ ރީތި އެއްޗެހި ކުރަހާ ދައްތަ ދޯ؟ މިއީ އޭނަގެ ޑިޒައިނެއްތަ؟ ވާއު!
އާނއެކެވެ. ދިވެހިރާއްޖޭގެ ގިނަ ބަޔަކަށް ދައްތަ ރިޝްތާ މަޝްހޫރުވެފައި ވަނީ ދިވެހި ސަގާފީ ރީތި ކުރެހުންތައް ކުރަހާ މީހެއްގެ ގޮތުގައެވެ. ނަސީބު ރަނގަޅުކަމުން، ބައެއް ފަހަރު ދައްތަ ހަދާ ޑިޒައިންތަކަށް ފާޑުކިޔުމުގެ ދަޢުވަތު އަހަރެންނަށް ލިބޭނެއެވެ. ދެމީހުން އުޅެނީ ދެ ގެއެއްގައި ކަމުން މިކަން ހިންގަނީ ވަޓްސްއެޕް މެސެޖުންނެވެ. ދައްތަ އެއްޗެއް ހަދައިފައި ދެއްކުމުން އަހަރެން އެއަށް ގޮތް ކިޔަނީއެވެ. ދައްތަ ބަދަލު ގެންނާނީއެވެ.

މިމީރުގެ އުފެއްދުމުގައި ބޭނުންކުރުމަށް އެންމެ ފުރަތަމަ ދައްތަ ހަދައިފައި ދެއްކި ލޭބަލް އަހަރެންނަކަށް ކަމަކު ނުދިޔައެވެ. ހަގީގަތުގައި އެ ލޭބަލް ދައްތައަކަށް ވެސް ކަމަކުނުދެއެވެ. އޭތީގައި މިމީރު ކަހަލަ ސަޅި ނަމެއް ކިޔާ އުފެއްދުމެއްގައި ހުންނާނޭ ފާޑެއް ނުޖަހައެވެ. ކަމާކަންފަށާ ރަނގަޅު ޑިޒައިނެއް ހޯދުމުގެ މަސައްކަތް ކުރުމަށް އަހަރުމެން ދެމީހުން އެރޭ އިޝާއަށް ފަހުގައި ހުސްވީމެވެ. ގާތްގަނޑަކަށް އެއްގަޑިއިރަށް ފަހުގައި އަހަރުމެން ދެމީހުންނަށް ވެސް ކަމުދާ ޑިޒައިނަކާ ދޭތެރޭގައި އެއްބަސްވެވިއްޖެއެވެ.
އެއީ ރީނދޫކުލައިގެ ލޭބަލެކެވެ. މި ޒަމާނުގެ ޑިޒައިންތަކުގައި ގެންގުޅޭ މިނިމަލިސްޓިކް ގޮތްގަނޑުގެ ކަންފުޅެއްވެސް ނެތެވެ. ވަރަށް ކަންތައް ބޮޑު ލޭބަލެކެވެ. ނަމަވެސް ކީއްވެގެން ކަމެއް ނޭނގެއެވެ. ބަލައިލަން ވަރަށް ޗާލެވެ.

އާދައިގެ މަތިން ރީއްޗަށް އެއްޗެއް ހެދިއްޖެއްޔާ އޭތި އެހެން ކުލައެއްގައި އޮންނާނެ ގޮތް ބަލައިލުމަކީ އަހަރުމެން ދެމީހުން ވެސް ކުރާ ކަމެކެވެ. އެގޮތުން އޭތި ދަނބުކުލައެއްގައި އޮންނަ ގޮތް ބަލައިލަން ހިނގާށޭ ކިޔައިފައި އެ ކުލަޔަށް ޑިޒައިން ބަދަލުކޮށްލައިފީއެވެ.

އިޖާ: އެނގޭތަ. އެ ލޭބަލްވެސް ވަރަށް ރީތިވެއްޖެ. ދެން މަށާ ދައްތައަށް ހަދާނެ ގޮތް ހުސްވެއްޖެ. ރީނދޫބާއޭ ހިޔާރުކުރާނީ ދަނބުބާއޭ. ދޭތިވެސް އެހާ ރީތި.
ރަހްމަތްތެރިޔާ: (ދެލޯ ބޮޑުކޮށްފައި) ދެނޯ؟
އެކަމާ ދޭތެރޭ ބޯގޮއްވަމުން ގޮސް ދެމީހުންނަށް ވެސް އެއް ކަމަކަށް އެއްބަސްވެވިއްޖެއެވެ. ހެދޭނޭ އިތުރު ގޮތެއް ނެތެވެ. އަހަރުމެން ޖެހެނީ ބައްޕަ ކައިރީގައި ބުނެގެން މިމީރުގެ ދެ ވައްތަރެއް ތައްޔާރުކުރާށެވެ!
ނަމަވެސް ވަރަށް ބޮޑު މައްސަލައެއް އެބައޮތެވެ. ބައްޕަ އުފައްދަން ވިސްނައިފައި އޮތީ އެންމެ އުފެއްދުމެކެވެ. ބައްޕައަކީ ގޮތެއް ނިންމައިފިނަމަ އެ ގޮތެއްގެ މަތީގައި ހުންނަ މީހެކެވެ. ދެ ވައްތަރު އުފައްދަން ބައްޕަ އެއްބަސްވާނީ ކިހިނެތް މިކަންތައް ހުށައެޅިއްޔާތޯ ސައްލާކޮށް މޮޅު ގޮތެއް ރާވައިލީމެވެ.
އިޖާ: ބައްޕަ ކައިރީގައި ބުނާނީ އެކަތި އެއީ ހަވީރު ހަފާ އެއްޗެކޭ. އެއަށް ކިޔާނީ ހަވީރީއޭ. އެއީ ރީނދޫ ލޭބަލް.
ދައްތަ: އާނ. އަނެކަތި އެއީ ރޭގަނޑު ކާ އެތި ދޯ؟ އެއަށް ކިޔާނީ ހަނދުވަރީ. އެއީ ދަނބުކުލަ.
އިޖާ: އާނ. ވަރަށް ބަރާބަރު.
ދެ ވައްތަރު ތަފާތު ކުރުމަށް ކޮންމެވެސް އެކައްޗަކަށް ކާށި އަޅާށޭ ބައްޕަ ކައިރީގައި ބުނާނީއޭ ވިސްނީމެވެ. ދެން މި ވިސްނުން ބައްޕައަށް ވިއްކުމުގެ ނިޔަތުގައި ލޭބަލްތައް ވެސް ޕްރިންޓުކޮށްގެން ބައްޕަ ކައިރިއަށް ދައްތަ ދިޔައެވެ.
ބައްޕައަށް ލޭބަލްތައް ވަރަށް ކަމުދިޔައެވެ. ބަދަލުކޮށްލަން ބުނީ ހަމައެކަނި މިމީރު އަޅައިފައި އޮތް ފޮންޓެވެ. ނަމަވެސް ދެ ވައްތަރު ހެދުމުގެ ޚިޔާލާ ދޭތެރޭގައި ވިސްނާލަން ވަގުތުކޮޅެއް ބޭނުން ކަމުގައި ބައްޕަ ބުންޏެވެ. ސަބަބަކީ އޭރު ބައްޕަގެ އުފެއްދުމަށް ކާށި އަޅަން ވިސްނައިފައި ނެތުމެވެ.
ބައްޕަ: ދަރިފުޅާ. ކާށްޓަކީ ވަރަށް އަވަހަށް ހަލާކުވާ އެއްޗެއް. އެހެންވެ ބައްޕަމެން ޖެހޭނީ އޭތި ގިނަ ދުވަސް ވަންދެން ހަލާކުނުވެ ހުންނާނޭ ގޮތެއް ހޯދަން. އިރާދަފުޅު ކުރެއްވިއްޔާ އެ ގޮތެއް ހޯދޭނެ.
ސަހަރޯއެވެ. ދެން އައި ދުވަސްތައް ވީ ނޭވާ ހިފަހައްޓާލަން ޖެހުނު ދުވަސްތަކަކަށެވެ. ބައްޕަ ހިތްހަމަޖެހޭ ގޮތަށް ކާށި ނެހެދިއްޖެއްޔާ އަނެއްކާ އަހަރެންނާއި ދައްތައަށް އެތަނުން އެއް ލޭބަލްއަށް ދާން މަޖުބޫރުވާނެތީއެވެ. ފަސްވަނައަށް ވީ ދުވަހު ބައްޕަ އުފާވެރި ޚަބަރު ދިނެވެ.
ބައްޕަ: ކާށި ގިނަ ދުވަހު ބެހެއްޓޭ ގޮތަށް ހެދިއްޖެ! މިކަން ކާމިޔާބުވެއްޖެ.
އިޖާއާއި ދައްތަ: އަލްޙަމްދުﷲ
އަޑު އިވުނު ގޮތުގައި އެގޮތަށް ކާށި ހެދުމުގައި އެންމެ ބޮޑު ރޯލެއް ކުޅުނީ ދޮންމަންމައެވެ. ދޮންމަންމައަކީ ވަރަށް ކުޅަދާނަ މީހެކެވެ. އޭނާގެ އެންމެ ފުރިހަމަ ހުނަރަކީ މިކަހަލަ އުފެއްދުންތަކުގައި ބޭނުންކުރާ ތަކެތީގައި ދޭ ރަހަ އެއްވަރުކުރުމާއި ކޮލިޓީ ކޮންޓްރޯލްކުރުމެވެ.

އެންމެ ފުރަތަމަ އުފެއްދި ތަކެތި ޓެސްޓުކުރުމަށް މީހުންނަށް ބެހިއިރު އުފެއްދުމުގެ ރަހައާ ދޭތެރޭ އެންމެން ވަރަށް ގަޔާވެއެވެ. އެކަމަކު އެންމެ ބޮޑު ތަރުހީބެއް ލިބެން ފެށީ ކާށި އަޅައިގެން ހަދައިފައިވާ ހަވީރީ މިކްސްއަށެވެ. އޭރު ނިސްބަތުން ފުޅިއަކަށް އަޅަނީ ހަތަރު ކާށިފޮއްޗެވެ.
ގިނަމީހުން: އޭ. ކާށި ގިނައިން އެޅޭނެ ގޮތެއް ނޯންނާނެތަ؟
ގިނަ ބަޔެއްގެ އެދުމުގެ މަތިން ހަވީރީ މިކްސްގައި ގިނައިން ކާށި ހިމަނަން ފަށައިފިއެވެ.
ދެން ކަންތައް ވެގެން އައީ ހީވެސް ނުކުރާ ގޮތަކަށެވެ. ކަސްޓަމަރުންގެ އޯޑަރު އަންނަން ފެށީ އެހެނޭކޭ ކިޔައިފައެއް ނޫނެވެ. އަނގަމީރުކޮށްލަން އުފެއްދި އުފެއްދުމެއް މީހުން ބަނޑުކެއުމަކަށް ކާން ފަށައިފިއެވެ.
ރަހްމަތްރިޔާ: (ހެމުންހެމުން) މަ ގޮތަށް ދޯ. މި ކާށި ހާދަ މީރޭ. ހާދަ މުރަނަޔޭ. ފޮނިތޮށިކޮޅަކާ އެއްކޮށް ކާލާއިރުގައި. ޔަމް ޔަމް
އިޖާ: އާނ! ކުރީކޮޅުގައި އަހަރެންގެ ހާލަކީ ވެސް ތީ.

ގިނަ މީހުން ބުނާގޮތުގައި މިމީރަކީ ކާން ފަށައިފިއްޔާ ހުއްޓަން އުނދަގޫ އެއްޗެކެވެ. ފުޅިފުޅީގައި ބަންދުކޮށްގެން ވިއްކަން ފެށި އުފެއްދުންތައް ޕެކެޓުތަކުގައި ބަންދުކޮށްގެން ވިއްކަން ފަށައިފިއެވެ. އަދި އެވަރުންވެސް މީހުންނަށް ނުފުދޭތީ އެއަށް ވުރެން ބޮޑެތި ޕެކެޓުތަކުގައި ބަންދުކޮށްގެން ވެސް ވިއްކަން ފަށައިފިއެވެ.
މިމީރުގެ އެންމެ އާދަޔާ ޚިލާފު އެއްކަމެއް ގޮތުގައި މީހުންނަށް ފާހަގަކުރެވުނީ އުފެއްދުންތަކަށް ކިޔާ ނަންތަކާއި އެއް އުފެއްދުން އަނެއް އުފެއްދުމާ ތަފާތުކުރުމަށް ބޭނުންކޮށްފައިވާ ލޭބަލްތަކެވެ. އެއީ ވިސްނުންތެރިކަމާއެކު ފަރުމާކޮށްފައިވާ އުފެއްދުންތަކެއް ކަމަށް މީހުން ބަލައިގަނެއެވެ. ފެންނަ ފެނުމަށް ބަލައިލަން ޗާލެވެ. ނަންތައް އަޑުއިވުނީމަ ހީވާނީ ނަންކިޔުމަށް ޝާޢިރެއްގެ ލަފާ ހޯދައިފައިވާ އުފެއްދުންތަކެއް ހެންނެވެ. މީހުންގެ އެދުމުގެ މަތިން އެކި ވައްތަރުތަކަށް އޮންނަ ޑިމާންޑްގެ ބޮޑުކަމުން އެހެން ވައްތަރުތައް ވެސް ތަޢާރަފުކޮށްފިއެވެ.

މިހާރު މާކެޓުގައި ލިބެން ހުރި މިމީރުގެ އުފެއްދުންތަކާއި އޭގައި ހިމެނޭ ތަކެތި:
ހަނދުވަރީ މިކްސް: ފޮނިތޮށި، ކާފޫރުތޮޅި، ކަރަންފޫ، ރާނބާފަތް
ހަވީރީ މިކްސް: ކާށި، ފޮނިތޮށި، ކާފޫރުތޮޅި، ކަރަންފޫ، ރާނބާފަތް
އަބީރީ މިކްސް: ކާށި، އަލްމަންޑް، ރާނބާފަތް
ރޯޝަނީ މިކްސް: ކާށި، ފޮނިތޮށި، ކާފޫރުތޮޅި، ކަރަންފޫ، ރާނބާފަތް، އަލްމަންޑް
ނޫރާނީ މިކްސް: ކާށި، ރާނބާފަތް
ތަސައްލީ މިކްސް: ކާށި، ފޮނިތޮށި، ރާނބާފަތް
ރަހްމަތްރިޔާ: އޭ. ކިހިނެއްތަ ތިކަހަލަ ނަންތަކެއް ދިނީ؟ އަސްލު ހާދަ ސަޅިއޭ!

އިޖާ: ފުރަތަމަ އުފެއްދި ދޭއްޗާ ގުޅޭ ގޮތަށް ދޯ ދެން ނަން ދޭންވާނީ. ދެން ވިސްނައިގެން ހޯދަނީ ވީހާވެސް ހިތަށް ފިނިކަން ގެނުވާ ކަހަލަ ނަންނަން. ކުރީ ޒަމާނުގެ ވާހަކަ ތަކުގައި އިވޭ ކަހަލަ ނަންނަން.
އޯޑަރުދޭން ގުޅައިފައި، މިމީރުގެ ވައްތަރުތަކަށް ކިޔާ ނަންތައް ރީތިވެގެން ވަރަށް ގިނަ ކަސްޓަމަރުން އެ ނަންތަކާ ބެހޭ ގޮތުން ސުވާލު ކުރެއެވެ. ހާއްސަކޮށް ތަންކޮޅެއް އުމުރުން ދުވަސްވީ މީހުންނެވެ.
ރަހްމަތްރިޔާ: އާނ. މަންމަ ކުރީ ދުވަހު ބުނެފި ގުލްޝަނީއަކަށް އޯޑަރު ދީބަލާށޯ. އަހަރެން އެހީ ރޯޝަނީހޭ؟ ބުނީމަ ބޮޑު ހިނިގަނޑެއް ޖަހާލާފަ ގޮއްސި.
އިޖާ: ހަހަހަ. އާނ. ބައެއް މީހުން ގުޅާފައި އެބަ ބުނެޔޭ "ޖަވާހިރު" ފުޅިއެއް ފޮނުވަދޭށޭވެސް. މިކަހަލަ ނަންތަކެއް ދީފަ ހުރީމަ މީހުންނަށް ސަމާސާކޮށްލަން ވެސް ޖާގަ ލިބޭ ދޯ؟
މިމީރު މީހުންގެ ތެރޭގައި މަޤްބޫލުކަން ހޯދީ ވަރަށް އާދަޔާ ޚިލާފު ސްޕީޑެއްގައެވެ. ބައްޕައާއި ދޮންމަންމަ ގޭގައި ކުޑަގޮތަކަށް ކޮށްލަން ފެއްޓި މަސައްކަތަށް ބޮޑު ތަރުހީބެއް ލިބިމުން މަސައްކަތް ފުޅާކުރުމުގެ ނިޔަތުގައި ކާށިކޮށަން މެޝިނެއް ބައްޕަ އީޖާދުކޮށްފިއެވެ.
ރަހްމަތްރިޔާ: ކީކޭ؟؟؟ ބައްޕަ އެ އުމުރުގައި އައު މެޝިނެއް އީޖާދުކުރީ އޭ؟
އިޖާ: (ވަރަށް ވިސްނަމުން) އަސްލު އަހަރެންނަށް ވަރަށް ހީވޭ ބައްޕަ މިމީރު ވުޖޫދަށް ގެނައީ އެ މެޝިނު ހެދުމުގެ ބޭނުމުގައިހެން.
އަހަރެންގެ ބައްޕަ އެނގޭ އެންމެން މިކަމަށް ބޯޖަހާނޭކަން ޔަޤީނެވެ.
މިހާރު ކޮންމެ ހަފުތާ ބަންދަކަށް ބޮޑެތި އޯޑަރުތައް ލިބެއެވެ. ފިލްމެއް ބަލައިލަން އިންނައިރުގައި ހަފާލަން ވެސް މީހުންނަށް ކަމުދަނީ މިމީރެވެ. ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ވަފުދުތަކުގެ މީހުންނަށް ހަދިޔާއެއްގެ ގޮތުގައި ދިނުމަށް ވެސް ބައެއް މީހުންނަށް ކަމުދަނީ މިމީރެވެ. ބޭރު ގައުމުތަކަށް ޗުއްޓީއަށް ދާއިރުގައި ޓިކެޓާއި ޕާސްޕޯޓު ހަމަތޯ ބެލުމަށް ފަހު މީހުން ދެން ބަލަނީ މިމީރު ޕެކް ކުރެވޭތޯއެވެ.

ރަހްމަތްރިޔާ: މީ އިޝްތިހާރެއްދޯ؟
އިޖާ: (ހެމުން ހެމުން) ވެދާނެ. އެކަމަކު ފޮންޏަކަށް ނޫން. އަލްޙަމްދުﷲ މީހުންގެ މަޤްބޫލުކަން ހީވެސް ނުކުރާ ވަރަށް މި އުފެއްދުމަށް ލިބިއްޖެ.
ކަރާމީރުގެ އުފެއްދުންތަކަކީ އަބަދުވެސް ކާމިޔާބު އުފެއްދުންތަކެކެވެ. ސަބަބަކީ މީހުންގެ އިތުބާރު ލިބޭ ގޮތަށް ކަންކަން ބަހައްޓަން އަބަދުވެސް ބައްޕަ ދޭ އިސްކަމެވެ. މިއަދު މިމީރުގެ ވިޔަފާރީގެ ހުރިހާ ކަމަކާ ހަވާލުވެގެން ހުންނަނީ ދައްތައެވެ. ދައްތައަކީވެސް ހަމަ ބައްޕައާ އެއްގޮތަށް މަސައްކަތުގައި ވަރަށް ފަރުވާތެރި، ކަސްޓަމަރުންގެ ހިތްހަމަޖެހުމަށްޓަކައި ދެވޭނެ އެންމެ ދުރަކަށް އަބަދުވެސް ދާން ތައްޔާރަށް ހުންނަ މީހެކެވެ. އެހެންކަމުން މިމީރަށް އޮންނަ ލޯތްބާއި އިތުބާރު އާންމުންގެ ތެރޭގައި ވަރަށް ބޮޑެވެ. އަދި ދުވަހަކަށް ފަހު ދުވަހެއް އަންނީ ބޮޑުވަމުންނެވެ.
ރަހްމަތްރިޔާ: އޭ. އެހެންވީމާ މި ހިސާބަށް ކަންކަން ދިޔައީ ދެ ލޭބަލް ތެރެއިން ހިޔާރުކުރާނޭ ލޭބަލެއް ނޭނގިގެން ދޯ؟
އިޖާ: ނޫން. މި ހިސާބަށް މި ކަންތައް ދިޔައީ ކޮންމެ ކަމަކަށް ވެސް ޙައްލެއް ހޯދަން މަސައްކަތްކުރާ މީހެއް ކައިރީގައި އެއްވެސް ލޭބަލެއް ބާކީ ނުވާނެ ގޮތެއް ހޯދައިދޭން އެދުނީމަ.
އަހަރެން އެ ގެއިން ނުކުތުމުގެ ކުރިން ރަޙްމަތްތެރިޔާ އަނެއްކާވެސް މިމީރު ފުޅިއަކަށް، އިންސްޓަގްރާމް މެދުވެރިކޮށް އޯޑަރު ދީފިއެވެ. މިއީ މިމީރުގެ ގިނަ ކަސްޓަމަރުންގެ ހާލަތެވެ. އެމީހުން އަބަދު މިމީރު ހަފަހަފާ ތިބެން ބޭނުންވަނީ ކީއްވެގެންކަން ކިޔައިދޭކަށް އެމީހުންނަކަށް ނޭނގެއެވެ. އެމީހުން ކައިރީގައި އެއީ ކީއްވެތޯ އަހާކަށް އަހަރެންނަކަށް ނުޖެހެއެވެ. ސަބަބަކީ މިމީރުގެ ބާނީއަކީ މިފަދަ ތަކެތި އުފެއްދުމުގައި 25 އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހެއްކަން އަހަރެންނަށް އެނގޭތީއެވެ. ބައްޕައަކީ މި ދާއިރާގައި ދިވެހި ރާއްޖޭގެ އެންމެ ފުންނާބު އުސް އެކަކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މިމީރު ވުޖޫދަށް ގެނެސްގެން ބައްޕަ ސާބިތުކޮށްދިނީ ފޯއް އެޅިޔަސް ނޭޅިޔަސް މީހުންނަށް ކަމުދާ ގޮތަށް އެއްޗެހި ތައްޔާރުކުރުމަކީ ތަފާތު ހުނަރެއް ކަމެވެ. އަދި އެކަން ސާބިތުކޮށްދިނީ ނުހަނު ފުރިހަމަ ކުލަތަކަކާއި ރަހަތަކަކާ ވެސް އެކުގައި މެއެވެ.



advertisment

