ޣައްޒާއަށް އެހީ ވެއްދުމަށް އިސްރާއީލުން ހުރަސްއަޅައިފައި އޮތް އޮތުން "މިހާރު އިންސާނީ ކާރިސާއަކަށް ބަދަލު ވެއްޖެ" ކަމަށް އދ.އިން މިއަދު ބުނެފިއެވެ.
ޣައްޒާ ހަނގުރާމަ ހުއްޓުވައިލުން އަވަސްކުރުމަށާއި މެދުއިރުމަތީގައި ފަލަސްތީނާއި އިސްރާއީލުގެ މިނިވަން ދެ ދައުލަތް ވީ އެންމެ އަވަހަކަށް ގާއިމު ކުރުމަށް ބާރުއެޅުމަށް އެމެރިކާގެ ނިއު ޔޯކްގައި އދ.ގެ މައި މަރުކަޒުގައި މިއަދު ފެށި ދުނިޔޭގެ އިސްވެރިންގެ ފެންވަރުގެ ބައިނަލްއަގުވާމީ ޖަލްސާގައި އދ.އިން ބުނީ "މެދުއިރުމަތީގެ މައްސަލަ" ހައްލު ކުރަން ދެ ދައުލަތް ގާއިމު ކުރުމުގެ މަސައްކަތަށް ބާރު އަޅަމުން އަންނަ އިރު ވެސް ޣައްޒާ "ވެއްޓިފައިވާ އަނދަވަޅު އަދިވެސް ދަނީ ފުންވަމުން" ކަމަށެވެ.
"ދުނިޔޭގެ ލޯތަކުގެ ކުރިމަތީގައި ޣައްޒާ އެއްކޮށް ސުންނާފަތިކޮށްލަމުން ދާ ދިއުމަށް ދެއްކޭނެ އެއްވެސް އުޒުރެއް ނޯންނާނެ،" ބުދަ ދުވަހު ނިންމައިލައި ދެ ދުވަހުގެ ބައިނަލްއަގުވާމީ ޖަލްސާ މިއަދު ހުޅުއްވައިދެއްވަމުން އދ.ގެ އަމީން އާއްމު އެންޓޯނިއޯ ގުޓެރެސް ވިދާޅުވިއެވެ.
ޣައްޒާގައި އިސްރާއީލުން ހިންގާ ޖަރީމާތައް ކެނޑިނޭޅި ކުށްވެރި ކުރައްވާތީ ފަލަސްތީންގެ އެއްވެސް ބިމަކަށް އެރުން އެންޓޯނިއޯއަށް ވަނީ އިސްރާއީލުން މަނާކޮށްފައެވެ.
އިސްރާއީލުން ބުނެފައިވަނީ ޣައްޒާއަށް މިހާރު ކޮންމެ ދުވަހަކު ވެސް އެހީ ވައްދާ ކަމަށެވެ. ނަމަވެސް އދ.އިން ބުނީ "އެއީ ފުޅާ ދާއިރާއެއްގައި ޣައްޒާގެ ރައްޔިތުން ބަނޑަށްޖެހެމުން ދާ ދިއުން ހުއްޓުވައިލުމަށް ކައިރި ވެސް ނުކުރެވޭ މިންވަރެއްގެ އެހީ" ކަމަށެވެ.
ހަމާސް ނައްތައިލައިނެ ކަމަށް ބުނެ އިސްރާއީލުން ޣައްޒާގައި ފުޅާ ކުރަމުންދާ އަސްކަރީ އޮޕަރޭޝަންތަކަށް އދ.އިން މިއަދު ވެސް ފާޑުކިއިރު މި މަހު އެކަނިވެސް ބަނޑުހައިހޫނުކަމުގައި 63 ކުޑަކުދިން މަރުވެއްޖެ ކަމަށް ޖަލްސާގެ މިއަދުގެ ދަންފަޅީގައި އދ.ގެ އޮފިޝަލުން ހާމަކުރިއެވެ.
"ބަނޑުހައިހޫނުކަމުގައި ޝަހީދުވަމުން އަންނަ މީހުންގެ އަދަދު ދަނީ އިތުރުވަމުން. ހާއްސަކޮށް ކުޑަކުދިން،" އދ.އިން ބުންޏެވެ.
އަސްކަރީ އޮޕަރޭޝަންތަކުގައި ދާދި ފަހުން ދިން ހަމަލާތަކުގައި 60 މީހުން ޝަހީދުވެފައިވާ ކަމަށް ވެސް އދ.އިން ހާމަކުރިއެވެ.
ޖަލްސާގައި ވާހަކަ ދައްކަމުން އެހީ ދޭ ޖަމާއަތްތަކުން ބުނީ ޣައްޒާއަށް އެހީ ވައްދަން އިސްރާއީލުން ހުއްދަ ދިން ނަމަވެސް "ގިނަ އަދަދެއްގެ ކާބޯތަކެއްޗާއި ބޭހާއި އަދި ތެޔޮ ހުރީ ޣައްޒާއަށް ނުވެއްދި ބަންދުވެފައި" ކަމަށެވެ.
ޣައްޒާ ހަނގުރާމަ ދާއިމީ ގޮތެއްގައި ހުއްޓުވައިލުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް އޮތް ޕްރެޝަރު މިހާރު އަންނަނީ ބޮޑުވަމުންނެވެ. ހާއްސަކޮށް ޣައްޒާއަށް މިހާރު ވެރިވެފައިވާ އިންސާނީ ކާރިސާ ނައްތައިލުމަށް އެއްވެސް ހުރަހެއް ނެތި އެހީ ވެއްދުމަށް ގިނަ ގައުމުތަކާއި އެހީ ދޭ ޖަމާއަތްތަކުން އަންނަނީ އދ.އަށް ޕްރެޝަރު ކުރަމުންނެވެ.
ޣައްޒާ ހަނގުރާމަ 2023 ގެ އޮކްޓޫބަރު ހަތެއްގައި ފެށި ފަހުން މިއަދުގެ މިހާތަނަށް ޝަހީދުވި މީހުންގެ ރަސްމީ އަދަދަކީ 59،900 ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން މިއަދު ބުންޏެވެ.
"ނަމަވެސް މި އަދަދު އަސާސީ ގޮތެއްގައި ބިނާކޮށްފައިވަނީ ހަމައެކަނި ސިއްހީ މަރުކަޒުތަކުގައި ރެކޯޑުކޮށްފައިވާ ޝަހީދުންގެ އަދަދުގެ މައްޗަށް،" އެހީ ދޭ ޖަމާއަތްތަކުން ބުންޏެވެ.
އެހީ ދޭ ޖަމާއަތްތަކުން ބުނީ "އިތުރު ގިނަ އަދަދެއްގެ މީހުން އަދިވެސް ސުންނާފަތި ވެފައިވާ އިމާރާތްތަކުގެ ގާތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ" ކަމަށާއި އަދި "މީހުންނަށް ނުވަދެވޭ ފަދަ ހިސާބުތަކުގައި ވެސް އިތުރު ގިނަ އަދަދެއްގެ މީހުން ތާށިވެފައިވާ ކަމަށް ބެލެވޭ" ކަމަށެވެ.
ޖަލްސާގައި މިއަދު ހާމަކުރި ބައެއް ދިރާސާތަކުގައި ބުނެފައިވަނީ "ހަގީގަތުގައި ޝަހީދުންގެ އަދަދު ޣައްޒާގެ ސިއްހީ ވުޒާރާގެ ރެކޯޑުތަކުން ދައްކާ އަދަދުތަކަށްވުރެ އިތުރުވުން އެކަށީގެންވާ" ކަމަށެވެ.
"ބަނޑުހައިހޫނުކަން ފަދަ ނުސީދާ ޝަހީދުވުންތަކާއި ބަލިމަޑުކަމުން ޝަހީދުވި މީހުންގެ އަދަދުތަކަށް ބަލައިފި ނަމަ، މި އަހަރުގެ ކުރީކޮޅުގެ އަންދާޒާތަކަށް އެކަނި ބެލި ނަމަވެސް ޝަހީދުންގެ އަދަދު 100،000 އަށްވުރެ ގިނަ ވާނެ ކަމަށް ބެލެވޭ،" އދ.އިން މިއަދު ބުންޏެވެ.



advertisment