Support Us

ކޮލަމް ކޯދު: މުސްލިމުންނަށް އަދު ކުރިމަތިވެފައި އޮތް ގޮންޖެހުން- 1

އިސްލާމީ ތާރީޚުގެ ސަފުހާތަކަށް ކިތަންމެ އަވަސް ކަޅިއެއް ހިންގާލި ކަމުގައި ވިޔަސް، އިސްލާމީ އުއްމަތުގެ ވޭތުވެ ދިޔަ 14 ގަރުނާއި ބައިހާ ދުވަސްތަކުން ފެންނަ ސާފު ހަގީގަތެއް އެބަ އޮތެވެ. ވިހި ވަނަ ގަރުނުގެ ކުރީކޮޅުން ފެށިގެން، އަދާ ހަމައަށް ވޭތުވެ ދިޔަ ގަރުނަކާއި ފަންސަވީހަކަށް އަހަރު، މުސްލިމުންގެ ޖަމާއީ ހާލަތު ވެއްޓިފައި އޮތް ދަށު ދަރަޖައަކަށް މީގެ ކުރީގެ އެއްވެސް ދައުރެއްގައި ވެއްޓިފައި ނެތްކަމެވެ.

ޝައްކެއް ނެތް ގޮތުގައި މި ވެއްޓުން އައީކީ ކުއްލިއަކަށް ނޫނެވެ. އެ ވެއްޓުމުގެ ފެށުން މީލާދީ ސަނަތުން 16 ވަނަ ގަރުނާ ވެސް ގުޅުވާލެވިދާނެއެވެ. އެއީ އުސްމާނީ ދައުލަތުގެ ކުރިއެރުމުގެ އެންމެ މަތީ ހަރުފަތަށް މީލާދީ ސަނަތުން 15 ވަނަ ގަރުނުގައި އެރުމަށް ފަހު، ދެން އައި ހަތަރު ގަރުނުގައި ފެނުނީ އުސްމާނީ ދައުލަތް މަޑުމަޑުން ބަލިކަށިވެ، އެންމެ ފަހުން، 20 ވަނަ ގަރުނުގެ ކުރީކޮޅު އާދެ، 1922 ވަނަ އަހަރު މުސްލިމުންގެ ޖަމާއީ ބާރު ރަމްޒުކޮށްދިން އުސްމާނީ ދައުލަތް އުވި، ނިމިދިޔައީއެވެ.

މައުޟޫ އައިގެން ކުރިއަށް ދިޔުމުގެ ކުރިން، މުގައްދިމާއެއްގެ ގޮތުން- ދަންބެރަށް ވުރެ ތަގުޑި ދިގުވެގެން ދިޔަޔަސް- އެއްޗެއް ބުނެލަން ޖެހެއެވެ. ސަލާމާއި ސަލަވާތްލެއްވި ކީރިތި ރަސޫލާގެ ޒަމާނުއް ސުރެން ފެށިގެން މުސްލިމުންގެ ޖަމާއީ ބާރު އޮތް ގޮތް ހިތަށް ގެނައުމުގެ ގޮތުންނެވެ.

އިސްލާމީ އުއްމަތުގެ ފުރަތަމަ ދައުލަތް، އާދެ، ޖަމާއީ ބާރެއް، ގާއިމުކުރެވުނީ، ކީރިތި ރަސޫލާ (ސ)ގެ ގިޔާދަތުގެ ދަށުގައި މަދީނާގައެވެ. އާދެ، ހިޖުރީ ސަނަތު ފެށެނީ އެ ހިސާބުންނެވެ. މީލާދީ ސަނަތުން އެއީ 632 ވަނަ އަހަރެވެ. ހިޖުރީ ސަނަތުން 11 ވަނަ އަހަރުގައި ކީރިތި ރަސޫލާ (ސ) އަވަހާރަވުމަށް ފަހު، ދެން އައި ތިރީހަކަށް އަހަރު އޮތީ 'ޚުލަފާއުއް ރާޝިދީންގެ ދުވަސް ވަރެވެ. މާތްﷲ އެބޭކަލުންނަށް ރުއްސުން ލެއްވި، އަބޫބަކުރުގެފާނާއި އުމަރުގެފާނާއި އުޘްމާނުގެފާނާއި އަލީގެފާނުގެ ޚަލީފާކަމުގެ ދުވަސްވެރެވެ. މި ދުވަސްވަރަށް ބަލާލާއިރު، މުސްލިމުން ބައިބައިވުމުގެ އޮށް، އުޘްމާނުގެފާނުގެ ދުވަސްވަރު އިންދި، އެކަލޭގެފާނު ޝަހީދުކޮށްލެވި، އަދި، އެކަމުގެ ސަބަބުންނާއި އެހެންވެސް، ސަބަބުތަކާ ހެދި، އަލީގެފާނުންގެ ދުވަސްވަރު މުސްލިމުންގެ ތެރޭގައި އަހުލީ ހަނގުރާމައެއް ކުރެވުނެވެ. މިއީ މުސްލިމު އުއްމަތް، ސުންނީ ޝީއީންގެ ބައިބައިވުން ތާރީޚީ ގޮތުން ފެށޭ ހިސާބެވެ.

މި ލިޔުމުގައި މިކަމުގެ ތަފްސީލަކަށްދާކަށް ގަސްދެއް ނުކުރަމެވެ. ފާހަގަކޮށްލަން ބޭނުން ވަނީ މި ބައިބައިވުމަކީ ދީނީ ބައިބައިވުމެން ނޫން ކަމާއި މި ބައިބައިވުމުގެ މުގޫ އޮތީ ސިޔާސީ ޚިޔާލުތަފާތުވުމަކާ ކަމެވެ. މި ތަފާތުވުން، ފަހުން، ދީނީ ތަފާތުކަމެއް ގެނައި ސަބަބަކަށް ވެސްވީއެވެ.

ޚުލާފާއުއްރާޝިދޫންގެ ދުވަސްވަރު ނިމި، އިސްލާމީ އުސޫލުގެ ވެރިކަން، އަސާސީ ސިފައެއްގައި ބަދަލުވެގެން ދިޔައީ ހިޖުރައިން 40 ވަނަ އަހަރު، މުއާވިޔަތުގެފާނުންގެ ޚަލީފާކަމުގެ ދަށުގައި، އުމަވީ ދައުލަތް ގާއިމުކުރެވި، އަހުލީ ހަނގުރާމަ ނިމުމަކަށް ގެނެސް، އިސްލާމީ އުއްމަތް އެއް ބާރެއްގެ ދަށަށް ގެނެވި، ކޮންމެ ވެސް ސިފައެއްގައި އުއްމަތަކީ އެއްބައެއް ކަމުގައި ހަދާލެވިގެންނެވެ. ކޮންމެވެސް ސިފައެއްގައޭ މި ބުނީ އޭރު ވެސް އުމަވީ ދައުލަތާ އިދިކޮޅު 'ޝީއީން’ގެ ޖަމާއަތް އޮތެވެ. މިތަނުގައި 'ޝީއީންނޭ' ބުނުމުން މިހާރު އެ ލަފްޒު ބޭނުން ކުރާ ގޮތާ ތަފާތެވެ. މިހާރު އެ ލަފްޒު ބޭނުންކުރަނީ ވަކީ ދީނީ ޖަމާއަތަކަށެވެ. ނަމަވެސް އޭރު އެ ލަފްޒު ބޭނުން ކުރެވުނީ ސިޔާސީ މާނައެއްގައެވެ. އާދެ، ޝީއީގެ އަސްލު މާނައަކީ ބައެވެ. ޖަމާއަތެވެ. ނުވަތަ ގުރުޕެވެ. މިހާރުގެ އެންމެ ސާދާ ބަހަރުވައިން ބުނާ ނަމަ ޕާޓީއެވެ. ޝީއީ ޕާޓީއަކީ ޝީއަތު އަލީއެވެ. އާދެ އަލީގެފާނުންގެ ޕާޓީއެވެ. މާނައަކީ މުއާވިޔަތުގެފާނާއި އަލީގެފާނާ ދެމެދު ހިނގި ދެބަސްވުމާއި އެއާ ވިދިގެން ކުރެވުނު ހަނގުރާމައިގައި އަލީގެފާނުންގެ ކޮޅުގައި ތިބި ޖަމާއަތުގެ މީހުންނެވެ.

ދެން، ވިދިގެން އައި އުމަވީ ދައުލަތުގެ ކުރީގެ ދުވަސްތަކުގައި މި ނަންގަތް ޝީއީންގެ ޖަމާއަތް، ވަރަށް ވެސް އަނިޔާވެރި ގޮތެއްގައި ނައްތާލެވުނެވެ. އަދި، އިސްލާމީ އުއްމަތުގެ ވެރިކަން އުމަވީ ޚިލާފަތުގެ ޚަލީފާއިންގެ އަތް މައްޗަށް ދިޔައެވެ. އެ ވެރިކަމާ އެއްވެސް ޗެލެންޖެއް ކުރާނެ ބައެއް ނެތް ގޮތުގައެވެ. ނަމަވެސް، އުމަވީ ދައުލަތަށް ވެސް ބަލިކަށިކަން އައިސް، އައްޑިހަ ވަރަކަށް އަހަރުގެ ކުރު މުއްދަތަކަށް ފަހު، އުމަވީ ދައުލަތް އުވިގެން ދިޔައެވެ. އާދެ، ހިޖުރައިން 132 ވަނަ އަހަރުއެވެ.

ދެން، ފެށުނީ އައްބާސީ ދައުލަތެވެ. އެ ދައުލަތް ނިމުނީ ހިޖުރީ ސަނަތުން 656 ވަނަ އަހަރުއެވެ. އެއީ މީލާދީ ސަނަތުން 1258 ވަނަ އަހަރެވެ. މުޣޫލޫން އައިސް އިސްލާމީ ވެރިކަން ނައްތީލި ހިސާބެވެ. މުސްލިމުން ބަލިކަށިވެ، ވެއްޓުމުގެ މައިގަނޑު ސަބަބަކަށްވީ، ކީރިތި ގުރުއާނުގެ ޖައުހަރީ އުނގަންނައި ދިނުމެއް ކަމުގައިވާ، ހަމަހަމަކަން ގެއްލުވާލައި، ނަސްލުގެ މައްޗަށް ބިނާވެ، ބައިބައިވުންތައް އުފެދުމެވެ. މީގެ ނަތީޖާއަކަށްވީ ވަކިވަކި ދައުލަތްތަކެއް އުފެދުމެވެ. އުތުރު އެފްރިކާގެ މުސްލިމު ސަރަހައްދުތަކުގައްޔާއި އަންދަލުސްގައެވެ. އަދި މީގެ އިތުރުން، މިސުރުގައްޔާއި މުސްލިމު އިރުމަތީގައެވެ. މީގެ ތެރެއިން ބާރުގަދަ ދެ ދައުލަތެއް ފާހަގަކޮށްލާނަމެވެ. އެއީ ޝީއީ ބުވައިހިދުންނާއި ސުންނީ ސަލްޖޫކުންނެވެ. އުސްމާނީ ދައުލަތުގެ ފެށުން، ގުޅެނީ ފަހުން މި ނަންގަތް ޖަމާއަތާއެވެ.

މި މުގައްދިމާ ނިންމާލެވެން އަންނަނީ އަންދަލުސްއާ ބެހޭ ގޮތުން ވެސް އެއްޗެއް ބުނެލާފައެވެ. މުސްލިމުންގެ ބާރުގެ ދަށަށް، ހިޖުރީ ސަނަތުން 92 ވަނަ އަހަރު، (މީލާދީ ސަނަތުން 711 ވަނަ އަހަރު)، އަންދަލުސް އައި އިރު، އެ ތަން އޮތީ އުމަވީ ދައުލަތުގެ ބާރުގެ ދަށުގައެވެ. އައްބާސީ ދައުލަތް ގާއިމުކުރެވި، ނަމުން، އަންދަލުސް ވެސް އައްބާސީ ދައުލަތުގެ ބާރުގެ ދަށަށް އައި ކަމުގައި ވިޔަސް، މާ ގިނަ ދުވަސްތަކެއް ނުވެ، މީލާދީ ސަނަތުން 760 ވަނަ އަހަރު، އުމަވީ ޚާންދާނުގެ މެމްބަރެއް ކަމުގައިވާ އަބްދުއް ރަހްމާނުގެ ބާރުގެ ދަށަށް އަންދަލުސް ގެނެވި، އައްބާސީ ދައުލަތުން ވަކިވެ ގަނެ، މުޅިން ވަކި އުމަވީ ދައުލަތެއް، އަންދަލުސްގައި ގާއިމުކުރެވުނެވެ. މި ދައުލަތް 300 ވަރަކަށް އަހަރު ދެމިއޮތެވެ. އެއީ އަންދަލުސްގެ ރަން ޒަމާންކަމުގައި ބެލެވެއެވެއެވެ. އެއަށް ފަހު، އަންދަލުސް ބައިބައިވެ، މުވައްހިދީންނާއި މުރާބިތުންގެ ދައުރަށް ފަހު، ކުދިކުދި ދައުލަތްތަކެއް އަންދަލުސްގައި އުފެދި، އެ ދައުލަތްތައް، ދައުލަތަކަށް ފަހު ދައުލަތެއް ނަސާރާއިންގެ ބާރުގެ ދަށަށް ގޮސް، މީލާދީ ސަނަތުން 13 ވަނަ ގަރުނާ ހަމައަށް އައި އިރު، މުސްލިމު އަންދަލުސްގައި އޮތީ ހަމައެކަނި އެންމެ ދައުލަތެކެވެ. އެއީ ޣަރުނާތާ އެވެ. މި ދައުލަތަކީ ވެސް މިނިވަން ދައުލަތެއް ނޫނެވެ. ނަސާރާއިންނަށް ޖިޒިޔަ ދީގެން އޮތް ދައުލަތެވެ. މީލާދީ ސަނަތުން 1492ގައި މި ދައުލަތް ވެސް އުވި، އެންމެފަހުން މުސްލިމު އިސްޕޭނު، އާދެ، އަންދަލުސްގައި އޮތް މުސްލިމުންގެ ވެރިކަން ނިމުމަކަށް އައީއެވެ.

މި ދުވަސްވަރަކީ އުސްމާނީ ދައުލަތް ކުރިއަރައި ބާރުގަދަވަމުން އައި ދުވަސް ވަރެވެ. ނަމަވެސް، އަންދަލުސްއަށް އަސްކަރީ ގޮތުން އެހީވުމުގެ އެއްވެސް، ޚިޔާލެއް ނެތެވެ. ހަމަ މިހާރު މެދު އިރުމަތިން، ޚާއްސަ ގޮތެއްގައި، ޣައްޒާއިން، މިފެންނަ މަންޒަރު ފަދައިން، އަންދަލުސް ނެތިދާން ދޫކޮށްލެވުނީއެވެ. އުސްމާނީ ދައުލަތުގެ ބާރު ގަދަވުން އޮތީ ހަމައެކަނި އަސްކަރީ ބާރުގެ މައްޗަށް ބިނާވެފައެވެ. އެ ދުވަސްވަރު ޔޫރަޕަށް އަންނަން ފަށައިފައި އޮތް އިލްމީ އިންގިލާބުގެ އެއްވެސް އަސަރެއް މުސްލިމުންނަކަށް ނުކުރެއެވެ. ނަތީޖާއަކަށްވީ، އުސްމާނީ ދައުލަތް ވެސް ބަލިކަށިވެ، އެންމެ ފަހުން، 1922ގައި އުސްމާނީ ދައުލަތް ވެސް އުވި ދިޔައީއެވެ. އެ ހާދިސާއާ އެކު، ކީރިތި ރަސޫލާ (ސ)ގެ ގިޔާދަތުގެ ދަށުގައި ގާއިމުކުރުނު އިސްލާމީ ފުރަތަމަ ދައުލަތުން ފެށިގެން، ކޮންމެ ވެސް ސިފައެއްގައި އޮތް މުސްލިމުންގެ ޖަމާއީ ބާރު ނެތިދިޔައީއެވެ.

ދެން، އޮތް ސުއާލަކީ މި ބޮޑު ބާރު، ނެތި ދާން މެދުވެރިވި ސަބަބަކީ ކޮބައިހެއްޔެވެ؟ މި ސުއާލުގެ ޖަވާބު ހޯދަން ޖެހެނީ، މަތީގައި އަޅާލެވިފައި އޮތް ސުރުޚީ- "މުސްލިމުންނަށް އަދު ކުރިމަތިވެފައި އޮތް ގޮންޖެހުން"- މިއާ އެ ސުއާލުގެ ޖަވާބު ގުޅޭތީއެވެ. ދެން، ދެވަނަ ބައިގައި، އިރާދަކުރެއްވިއްޔާ މި ސުއާލުގެ ޖަވާބާއި އަދި، އަދުގެ މުސްލިމުންނާ ކުރިމަތިވެފައި އޮތް ގޮންޖެހުމުގެ ވާހަކަ ކުރިއަށް ގެންދެވޭތޯ ބަލާނީއެވެ.