Support Us

ލިސަ-ވައިރަސް އަދި އޮސްޓްރޭލިއާގައި އުޅޭ ވާލުގެ ބާވަތްތަކުގެ ތެރެއިން ވާލެއް (ވަކި ފޮޓޯގައި)

ވާލެއް ދަތްއެޅުމުން އޮސްޓްރޭލިއާ މީހަކު މަރު

އޮސްޓްރޭލިއާގައި ވާލެއް ދަތްއެޅުމުގެ ސަބަބުން، ވަރަށް މަދުން ނޫނީ ނުފެންނަ "ރޭބީސް" ބާވަތުގެ އިންފެކްޝަނަކުން މީހަކު މަރުވެއްޖެއެވެ.

އުމުރުން 50 ގެ އަހަރުތަކުގެ މީހާގައި ދަތްއެޅީ "ލިސަ-ވައިރަސް" ހުރި ވާލެއް އެތައް މަހެއް ކުރިން ކަމަށް، ނިއު ސައުތު ވޭލްސް ސްޓޭޓްގެ ސިއްހީ ހިދުމަތުން ބުރާސްފަތި ދުވަހު ހާމަކުރިއެވެ.

"ލިސަ-ވައިރަސް މިއީ ވަރަށް ނާދިރު ކޭހެއް ކަމަށްވާއިރު އެއަށް ދޭނެ ފަރުވާއެއް އަދި ހޯދިފައެއް ނުވޭ. އެ މީހާގެ އާއިލާއަށާއި ރަހްމަތްތެރިންނަށް ލިބުނު މި ފުން ހިތާމައަށް އަހަރެމެން އިހުލާސްތެރި ތައުޒިޔާ ފޮނުވަން،" އެ ސްޓޭޓްގެ ސިއްހީ ހިދުމަތުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ނިއު ސައުތު ވޭލްސްގެ އުތުރު ސަރަހައްދަކަށް ނިސްބަތްވާ މީހާގެ ނަން ހާމަކޮށްފައެއް ނުވެއެވެ. މި ހަފުތާގައި އޭނާ ވަނީ "ސީރިއަސް ހާލަތެއްގައި" ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

މި ވައިރަސްއަކީ ރޭބީސް ބައްޔާ އާއިލީ ގޮތުން ގާތް ވައިރަހެކެވެ. ނަމަވެސް އޮސްޓްރޭލިއާގައި ރޭބީސްއެއް ނޫޅެއެވެ.

މި ވައިރަސް ފެތުރެނީ ވާލެއް ދަތްއެޅުމުން ނުވަތަ ވަކިއެޅުމުން އިންސާނާގެ ހަށިގަނޑަށް އެ ވާލުގެ ކުޅު ވަނުމުންނެވެ.

ބަލީގެ ފުރަތަމަ ނިޝާންތައް ފެންނަން އެތައް ދުވަހެއް އަދި ބައެއް ފަހަރު އެތައް އަހަރުތަކެއް ނަގައެވެ.

ބަލީގެ ފުރަތަމަ ނިޝާންތައް ވައްތަރީ އަރިދަފުސް ރޯގާއާއެވެ. އެ ގޮތުން ބޮލުގައި ރިއްސައި، ހުން އައިސް، އަދި ވަރުބަލިކަން އިހުސާސް ކުރެވެއެވެ. އެއަށް ފަހު ބަލިމީހާގެ ހާލަތު ދެން ހަލުވި ދުވެއްޔެއްގައި ދަށަށް ގޮސް، ވާވެ، ހުން އައިސްގެން ވާނުވާ ނޭނގޭ ހިސާބަށް ގޮސް، ތުރުތުރުލައި، ފިޓު ޖެހި އަދި އެންމެ ފަހުން މަރުވެއެވެ.

އޮސްޓްރޭލިއާގައި ލިސަ-ވައިރަސް ފުރަތަމަ ފެނުނީ 1996 ގައެވެ. އެ ގޮތުން، އެންމެ ފަހުން މި ފެނުނު ކޭސްގެ އިތުރުން، ތިން ކޭސް ފެނިފައިވާއިރު އެ އެންމެން ވެސް ވަނީ މަރުވެފައެވެ.

ނިއު ސައުތު ވޭލްސްގެ ސިއްހީ ހިދުމަތުން ބުނީ އެއްވެސް ވާލެއްގައި އަތް ލައިގެން ނުވާނެ ކަމަށާއި ސަބަބަކީ ކޮންމެ ވާލެއްގައި ވެސް ލިސަ-ވައިރަސް ހުރުން އެކަށީގެންވާތީއެވެ.

"ތިބާ ނުވަތަ ތިބާ ދަންނަ މީހަކު ގައިގައި ވާލެއް ދަތްއަޅައި ނުވަތަ ވަކިއަޅައިފި ނަމަ ވަގުތުން އެ ޒަހަމް ރަނގަޅަށް 15 މިނެޓު ވަންދެން ސައިބޯންޏާއި ފެނުން ދޮންނަން ޖެހޭނެ. އަދި އެއަށް ފަހު ވައިރަހުން ދިފާއު ކޮށްދޭ އެންޓިސެޕްޓިކެއް އުނގުޅަން ޖެހޭނެ. ބަލިމީހާއަށް ދެން ބޭނުންވާނީ ރޭބީސް އިމިއުނޯގްލޮބިއުލިން ފަރުވާ އާއި ރޭބީސް ވެކްސިން،" އެ އިދާރާއިން ބުންޏެވެ.

ފްލައިން ފޮކްސް އާއި އިންސެކްޓް ކައިގެން އުޅޭ މައިކްރޯ ވާތަކުގައި ވެސް މި ވައިރަސް އުޅޭ ކަމަށް އެ އިދާރާއިން ބުންޏެވެ.

އެންމެ ފަހުން މަރުވި މި މީހާގައި ދަތްއެޅީ ކޮން ބާވަތެއްގެ ވާލެއްކަން ހާމަކޮށްފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *