ފްލައިޓްތަކަށް ޕަވާ ބޭންކް އެރުވުމާއި ފްލައިޓްގައި އެ ބޭނުން ކުރުމާ ގުޅޭ ބައިނަލްއަގުވާމީ ގަވައިދުތަކަށް މާދަމާއިން ފެށިގެން އަމަލު ކުރާނެ ކަމަށް މޯލްޑިވިއަން އިން އިއުލާންކޮށްފިއެވެ.
މިއީ މި ފަދަ ފިޔަވަޅުތަކެއް އަޅާ ރާއްޖޭގެ ފުރަތަމަ އެއާލައިން ކަމަށާއި ފަސިންޖަރުންގެ ސަލާމަތްތެރިކަމަށް އެންމެ އިސްކަން ދޭކަމުގެ މިސާލު ދައްކަމުން އަންނަ ކަމަށް ގައުމީ އެއާލައިން ހިންގާ އައިލެންޑް އެވިއޭޝަން ސާވިސަސް ލިމިޓެޑް (އައި.އޭ.އެސް.އެލް)އިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުންޏެވެ.
"މިއީ ފަސިންޖަރުންނާއި ފަޅުވެރިންގެ ސަލާމަތްތެރިކަމާއި ދުޅަހެޔޮކަމާއި އެ ފަރާތްތަކާއި އަދި މަތިންދާބޯޓުތަކުގެ ވެސް ރައްކާތެރިކަމަށް މޯލްޑިވިއަނުން ދޭ ވަރުގަދަ ކޮމިޓްމަންޓް ހާމަކޮށްދިނުމުގެ ގޮތުން ތައާރަފުކުރާ ގަވައިދުތަކެއް،" އެ ކުންފުނިން ބުންޏެވެ.
މި އިޖުރާއަތްތަކަކީ ބައިނަލްއަގުވާމީ "ބެސްޓް ޕްރެކްޓިސަސް" ނުވަތަ އެންމެ ރަނގަޅު ގޮތްތަކާއި ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތަށް ތަންފީޒުކުރާ އިޖުރާއަތްތަކެއް ކަމަށް ވެސް އައި.އޭ.އެސް.އެލްއިން ބުންޏެވެ.
"މި ގަވައިދުތަކަކީ ބައިނަލްއަގުވާމީ މަދަނީ އުދުހުންތަކާ ބެހޭ ޖަމިއްޔާ (އިންޓަނޭޝަނަލް ސިވިލް އެވިއޭޝަން އޯގަނައިޒޭޝަން ނުވަތަ އައި.ސީ.އޭ.އޯ) އާއި ޔޫރަޕް އިއްތިހާދުގެ ވައިގެދަތުރުފަތުރުގެ ރައްކާތެރިކަމާ ބެހޭ އެޖެންސީ (ޔޫރަޕިއަން ޔުނިއަން އެވިއޭޝަން ސޭފްޓީ އެޖެންސީ) އާއި ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރާ ބެހޭ އެސޯސިއޭޝަން (އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން ނުވަތަ އައި.އޭ.ޓީ.އޭ)އިން ހުށަހަޅައިފައިވާ ކަންތައްތަކާ ވެސް އެއްގޮތަށް އެކުލަވައިލައިފައިވާ އިޖުރާއަތްތަކެއް،" އައި.އޭ.އެސް.އެލް އިން ބުންޏެވެ.
އަލަށް ތަންފީޒު ކުރާ މި ގަވައިދުތަކުގެ ދަށުން:
- ކޮންމެ ފަސިންޖަރަކަށް ގިނަވެގެން ދެ ޕަވާ ބޭންކް ފްލައިޓަށް އެރުވޭނެއެވެ.
- ޕަވާ ބޭންކްގެ ކެޕެސިޓީ 100 ޑަބްލިޔު.އެޗް އަށްވުރެ މަތިވެގެން ނުވާނެއެވެ.
- ޕަވާ ބޭންކްތައް އޮންނަން ވާނީ ފަސިންޖަރުގެ އަތުގައި ނުވަތަ އޭނާގެ އަތުޖެހޭ ހިސާބުގައި ނުވަތަ ސީޓުގެ ޖީބުގައި ނުވަތަ ސީޓު ދަށުގައެވެ.
- ލަގެޖް ބަހައްޓާ އޯވަހެޑް ކޮމްޕާޓްމަންޓްތަކަށް ޕަވާ ބޭންކް ލުމާއި ޗެކް-އިން ކުރާ ބެގެޖުތަކަށް ޕަވާ ބޭންކު ލުމަކީ މުޅިން މަނާ ކަމެކެވެ.
- އެއްވެސް އާލާތެއް ޗާޖު ކުރަން ފްލައިޓް ތެރޭގައި ޕަވާ ބޭންކް ބޭނުން ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. އަދި ފްލައިޓް ތެރޭގައި ޕަވާ ބޭންކް ރިޗާޖް ކުރުމަކީ ވެސް ހުއްދަ ކަމެއް ނޫނެވެ.
- ޕަވާ ބޭންކް ޝޯޓު ސާކިޓް ވިޔަ ނުދިނުމަށާއި ބޭއިހުތިޔާރުގައި ޕަވާ ބޭންކް އޮން ވިޔަ ނުދިނުމަށްޓަކައި ޕަވާ ބޭންކްތައް ހިފައިގެން އުޅެން ވާނީ އެ ތަކެތި ގަތް އިރު އެ ތަކެތި ލައިފައި އޮތް އަސްލު ޕެކެޖިންގައި ނުވަތަ އިންސިއުލޭޓް ކޮށްފައިވާ ޓާމިނަލްތަކުގައެވެ. (މިސާލަކަށް، ޓޭޕް އަޅައި ފޮރުވައިފައި ނުވަތަ ރައްކާތެރިކޮށްފައިވާ ޕައުޗެއް ފަދަ އެއްޗެއްގައި ނުވަތަ ޕްލާސްޓިކް ކޮތަޅެއްގައި).
- ހުރިހާ ޕަވާ ބޭންކްތައް ވެސް އދ.ގެ "މެނުއަލް އޮފް ޓެސްޓްސް އެންޑް ކްރައިޓީރިއާ"ގެ ޕާޓް ތިނެއްގެ ސަބް-ސެކްޝަން 38.3 ގެ މިންގަނޑުތަކަށް ފެތެން ޖެހޭނެއެވެ.



advertisment

