ރާޖޫ ކުމާރު ކެސަރީއަށް އިއްޔެ ހެނދުނު ހޭލެވުނީ އަންހެނުން ބިރުން ހަޅޭއްލަވާ އަޑު އިވިގެންނެވެ.
ރާޖޫ ވަގުތުން އެ ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ. ބަލައިލިއިރު ކަމަކު ދާކަށް ނެތެވެ؛ ފިލްމެއްގައި ހިނގައިފާނެ ފަދަ ހާދިސާއެއްހެން އޭނާގެ އުމުރުން 10 އަހަރުގެ އަންހެން ދަރިފުޅު ސަލޯނީ ކުމާރީގެ ކަރުގައި އޮތީ ވިހަ ގަދަ ދެ ހަރުފަ އޮޅައިލައިގެންނެވެ.
ހިނދުކޮޅަކު ވެސް މަޑުނުކޮށް ރާޖޫ ވަގުތުން ސަލޯނީގެ ކަރުން އެ ހަރުފަތައް ނައްޓައިލިއެވެ. ހެދި ގޮތަކީ ދެ ހަރުފައިގެ އަނގަމަތިން ހިފައި ފިއްތައިލައި މަރައިލީއެވެ.
ފަހުން އެނގުނު ގޮތުގައި މުޅި އެ ރޭ ސަލޯނީ ނިދީ އޭނާގެ ކަރުގައި އެ ދެ ހަރުފަ އޮޅައިލައިފައި އޮތްކަން ނޭނގިއެވެ. ސަލޯނީގެ ކަރުގައި ދެ ހަރުފަ އޮޅައިލައިފައި އޮތްކަން އެނގުނީ އޭނާ ހެނދުނު ހޭލައްވަން އޭނާގެ މަންމަ އޭނާގެ ކޮޓަރިއަށް ވަނުމުންނެވެ.
ދެ ހަރުފަ މަރައިލައި ސަލޯނީ ސަލާމަތް ކުރި އިރު ވެސް ސަލޯނީ އޮތީ ގަދަ ނިދީގައެވެ.
ބައްޕަގެ ކުއްލި އަދި ކެރުންތެރި އަމަލުގެ ސަބަބުން އޭނާ ސަލާމަތްވީ އެއްވެސް ޒަހަމެއް ނުލިބިއެވެ.
ހާދިސާއަށް ފަހު ސަލޯނީ ވަނީ އެންމެ ކައިރީގައި ހުރި އިޖުތިމާއީ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. އެ ތަނުން އޭނާ ފޮނުވީ މަގަދު މެޑިކަލް ކޮލެޖަށެވެ. އެއީ އޭނާއަށް އެއްވެސް ގެއްލުމެއް ނުލިބޭކަން ކަށަވަރު ކުރަން އިތުރު ޓެސްޓުތައް ހަދައިށެވެ. ނަސީބަކުން ސަލޯނީގެ ހާލު މުޅިން ރަނގަޅުކަމުގެ ޔަގީންކަން ޑޮކްޓަރުން ދިނެވެ. މުޅި އާއިލާއަށް އުފާވެރިކަމުގެ ތަސައްލީއެއް ލިބުނީ ދެނެވެ.
މަރުގެ އެތިފަހަރަކުން ސަލޯނީ ސަލާމަތްވީ ހަމަ ފިލްމަކުން ފެނިދާނެ ފަދަ ހިތްވަރުގަދަކަން އޭނާގެ ބައްޕަ ރާޖޫގެ ފަރާތުން ފެނުމުންނެވެ. އަމިއްލަ ރައްކާތެރި ކަމަށް ބެލުމެއް ނެތި ރާޖޫގެ ފަރާތުން ފެނުނު ޖެހިލުންކުޑަކަން ދެކެފައި އޭނާ މިހާރު ވެފައިވަނީ މުޅި ވިލެޖްގެ ހަގީގީ ބަތަލަށެވެ.



advertisment