ޔޫކްރެއިން އެއްކޮށް ހިފުމަށް ރަޝިއާއިން ފަށައިފައިވާ އިސްތިއުމާރީ ހަނގުރާމައަށް ނުސީދާކޮށާއި އަދި ސީދާކޮށް ވެސް ދެފުށްދެގޮތް ސިޔާސަތެއް ހުޅަނގުގެ ގައުމުތަކުން ގެންގުޅޭކަން ފަޅާއަރައިފިއެވެ.
ހުޅަނގުގެ ގައުމުތަކުން އަދިވެސް ދަނީ ރަޝިއާގެ ގުދުރަތީ ހަކަތަ ގަންނަމުން ކަމަށް ގްލޯބަލް ވިޓްނަސްއިން ބުންޏެވެ. މިއީ ގާނޫނީ ސަރުކާރުތައް ވައްޓައިލުމަށް ހަނގުރާމަވެރިންނަށް މާލީ ފައިދާ ހޯދައިދިނުމަށް ގުދުރަތީ ވަސީލަތްތައް ވިއްކުމާ ދެކޮޅަށް ވަކާލާތު ކުރުމަށް އުފައްދައިފައިވާ ޖަމިއްޔާއެކެވެ.
އެޖަމިއްޔާއިން ބުނީ 2022 އިން ފެށިގެން މިހާތަނަށް ތެލާއި ގޭސް ވިއްކައިގެން ރަޝިއާއަށް 883 ބިލިއަން ޔޫރޯ (14 ޓްރިލިއަން ރުފިޔާ) ލިބިފައިވާ ކަމަށެވެ. މިއީ ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިނަށް ދިން އެހީގެ ތިން ގުނަ ބޮޑު އަދަދެކެވެ. ޔޫރަޕްގެ އިއްތިހާދުން އެކަނިވެސް 209 ބިލިއަން ޔޫރޯ (ތިން ޓްރިލިއަން ރުފިޔާ)ގެ ތެލާއި ގޭސް ރަޝިއާއިން އިމްޕޯޓްކޮށްފައިވާ ކަމަށާއި ޔޫކްރެއިނަށް ހުޅަނގުން ދިނީ އެންމެ 52 ބިލިއަން ޔޫރޯ (945 ބިލިއަން ރުފިޔާ) ކަމަށް ގްލޯބަލް ވިޓްނަސްއިން ބުންޏެވެ.
"ހުޅަނގުގެ ސަރުކާރުތަކުން ދަނީ ހަނގުރާމައިގެ ދެ ފަރާތަށް ވެސް ފަންޑުކުރަމުން. ހަނގުރާމަ ކުރަމުންދާ ފަރާތަށާއި ހަނގުރާމައިގެ ޝިކާރައަކަށް ވެފައިވާ ފަރާތަށް ވެސް އެކުއެކީ އެ ދަނީ މާލީ އެހީ ފޯރުކޮށްދެމުން،" އެ ޖަމިއްޔާގައި އެންމެ އިސްކޮށް ކެމްޕޭން ކުރާ މާއި ރޮސްނާ ބުންޏެވެ.
ރަޝިއާގެ ތެލާއި ގޭހުގެ ފައިދާ ހުޅަނގުގެ ގައުމުތަކުން ނަގަނީ "ލޫޕްހޯލް" ނުވަތަ ވިޔަފާރީގައި ހުރި "ލޯވަޅު"ތަކެއްގެ ސަބަބުންނެވެ. އެ ގޮތުން ރަޝިއާގެ ތެޔޮ ސާފު ކުރަނީ އިންޑިއާ އާއި ތުރްކިޔެ ފަދަ ތިން ވަނަ ގައުމުތަކުންނެވެ. ދެން މި ގައުމުތަކުން ހުޅަނގަށް އެ ތެޔޮ ވިއްކަނީއެވެ.
ތަޖުރިބާކާރުން ބުނީ ހަކަތައިގެ އަގު ބޮޑުވެދާނެކަމުގެ ބިރު ހީވެގެން ހުޅަނގުގެ ސަރުކާރުތަކުން ރަޝިއާއާ އެއްކޮށް ގުޅުން ކަނޑައިލަން ބޭނުން ނުވަނީ ކަމަށެވެ. ފާޑުކިޔާ ފަރާތްތަކުން ބުނީ "ވިޔަފާރީގައި ހުރި ހަމަނުޖެހޭ ލޯވަޅުތައް ބެއްދުމުގެ އާލާތްތައް ހުޅަނގުގައި ހުރި ނަމަވެސް އެ ކަން ކުރާކަށް ސިޔާސީ ހިތްވަރެއް ނެތް" ކަމަށެވެ.
"އަހަރެމެން ގުދުރަތީ ހަކަތައަށް ދެވިހިފައިވާވަރުން އިދިކޮޅު ހުދުމުހުތާރު ވެރިން ބާރުވެރި ކުރުމުގެ އިތުރުން ޔޫކްރެއިންގެ ދެމިއޮތުމަށް ވެސް އެ ދަނީ ނުރައްކާ ކުރަމުން،" މާއި ބުންޏެވެ.
ޔޫރަޕް އިއްތިހާދުގެ ހާރިޖީ ސިޔާސަތާ ބެހޭ ވެރިޔާ ކާޖާ ކައްލާސް ބުނީ "ރަޝިއާގެ ތެލާއި ގޭހަށް އެންމެ ހަރުކަށި ފިޔަވަޅު އަޅަން ޔޫރަޕުން ބޭނުން ނުވަނީ، ޔޫކްރެއިން ހަނގުރާމަ އިތުރަށް ހޫނުވެދާނެތީ ޔޫރަޕް އިއްތިހާދުގެ މެންބަރު ގައުމުތަކުން ބިރުގަންނާތީ އާއި ރަޝިއާގެ ތެލާއި ގޭސް ގަތުމަކީ ކުރު މުއްދަތެއްގައި މާ އަގުހެޔޮ ގޮތެއް ކަމަށްވާތީ" ކަމަށެވެ.



advertisment