ހަނގުރާމައެއްގައި ނުވަތަ ހަމަނުޖެހުމެއްގައި ބައެއް ފަހަރު މީޑިއާގެ އަނގަ ބަންދުކޮށްލަން އެ ހަނގުރާމައެއް ނުވަތަ ހަމަނުޖެހުމެއްގައި ބައިވެރިވާ ގައުމަކުން ނުވަތަ ގައުމުތަކުން މަސައްކަތް ކުރެއެވެ. މި ފަހަރު އީރާނަށް ހަމަލާ ދޭން ފަށައިފައި އިސްރާއީލުން ވެސް ވަނީ މި ފަދަ ސިޔާސަތެއް މިހާރު ތަންފީޒު ކުރަން ފަށައިފައެވެ. ނަމަވެސް ހަނގުރާމައެއް ނުވަތަ ހަމަނުޖެހުމެއް "ހަމަހިމޭންކޮށްލުމަކީ" އޭގެ އާހިރު ނުބައި ނަތީޖާ އެ ގޮތަށް ފިޔަވަޅު އެޅި ގައުމަކުން ދެކޭނެ ކަމެކެވެ. އެ މީހަކު ފޭހުނު އިލޮށިގަނޑެއް ޚުދު އެ މީހާގެ ލޮލަށް ހެރިދާނެ ބީދައިންނެވެ.
އިސްރާއީލަށް އީރާނުން ދީފާނެ ހަމަލާތައް އަރާ ތަންތަނުގެ ކައިރި ވީޑިއޯ ކުރުމާއި ނުވަތަ އެ ސަރަހައްދުތަކުގެ ފޮޓޯ އާއި ކެރުހުން އާއްމުކުރުމާއި ނުވަތަ ދުރަށް ދެއްކުން ނުވަތަ ބްރޯޑްކާސްޓް ކުރުމާއި ޓެލެކާސްޓް ކުރުމާއި ލައިވްކާސްޓް ކުރުމާއި ނުވަތަ ޖުމްލަ ގޮތެއްގައި ބުނާ ނަމަ، އާއްމުންނަށް އެނގުނަ ދިނުމަކީ މުޅިން މަނާ ކަމެކެވެ.
އިސްރާއީލުން ހަމައެކަނި އެ ގައުމުގެ މީޑިއާ ގެގްކޮށްލީ ނުވަތަ މީޑިއާގެ "އަނގަ ބަންދުކޮށްލީ"އެއް ނޫނެވެ. ނަމަވެސް ބިދޭސީ މީޑިއާގެ ވެސް މެއެވެ. ކުރިން ޣައްޒާއިން ގަތަރުގެ އަލްޖަޒީރާ ބޭރުކޮށްލި އުސޫލުންނެވެ. އެހެން ވެސް ހަނގުރާމަތަކުގައިވާހެން އެ ގައުމެއްގެ ރައްޔިތުން ވާނުވާގައި ބަހައްޓައިގެން އެ މީހުންނަށް ހަގީގަތް އޮޅުވައިލުމަށެވެ.
"ސެކިއުރިޓީ" ނުވަތަ "ސަލާމަތީ" ސަބަބުތަކަށް ކަމަށް އުޒުރު ދެއްކި ނަމަވެސް ހަގީގަތަކީ މީޑިއާ ސެންސަރު ކުރުމަކީ އެ ގައުމެއްގެ ސަރުކާރަކުން ރައްޔިތުންނަށް ހަގީގަތް ހާމަ ނުކުރާ ތާނގައި، ތެދު ހަގީގަތް އޮޅުވައިލުމެވެ. ރައްޔިތުންނަށް ކޮންމެހެން ބޭނުން ނުވާ މާޔޫސްކަމެއް ހަނގުރާމައިން ރައްޔިތުންނަށް ލިބުނަ ނުދިނުމަށް ރައްޔިތުންނަށް ފޯރާ މައުލޫމާތު ހަނި ކޮށްލުމަކީ "ރައްޔިތުންގެ ރަނގަޅަކަށް" ކުރި ކަމެއް ކަމަށް ބުނި ނަމަވެސް މިއީ ހަގީގަތުގައި އެ ވަގުތަކު އެ ގައުމެއްގައި އޮތް ސަރުކާރަކަށް ނާކާމިޔާބާ ކުރިމަތިލާން ޖެހިފައިވާ ނަމަ، ރައްޔިތުން މަގުމައްޗަށް ނުކުމެ ސަރުކާރު ވައްޓައިލައިފައިނެތީ އަޅާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ކަމަށް ނޫނީ ނުވެއެވެ.
ކޮންމެ ގޮތެއް ވިޔަސް، ސަލާމަތީ ސަބަބުތަކަށް ކަމަށް ބުންޏަސް، އީރާނުން އިސްރާއީލަށް ދޭ ހަމަލާތައް، އިސްރާއީލުގެ އިތުރުން ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓު ކުރުން އިސްރާއީލުން މަނާ ކުރުމުން އޭގެން ލިބޭ ފައިދާއަށްވުރެ ގެއްލުން ބޮޑެވެ. އަސްކަރީ ސަރަހައްދުތަކުގެ މަންޒަރުތައް ނެގުން އަދި ދުރަށް ދެއްކުން މަނާ ކުރުމަކީ އަސްކަރީ ރޭވުންތަކުގެ ތަފުސީލުތައް ހާމަ ނުކޮށް ހުރެވިދާނެ އުކުޅެކެވެ. ނަމަވެސް މިއީ ކޮންމެހެން އޮންނަން ޖެހޭ، ދެ ފުށް ފެންނަން ޖެހޭ އުސޫލާ މުޅިން ހިލާފު ކަމެކެވެ. ސަބަބަކީ، އީރާނުގެ ހަމަލާތައް އަރާ އިސްރާއީލުގެ ތަންތަނަށް ހަމަލާ އަރަމުން އަންނަ މަންޒަރުތައް ލައިވްކޮށް ނުވަތަ ވަގުތުން ގެނެސްދިނުމަށްޓަކައި، އިސްރާއީލުގެ އަދި ބިދޭސީ ނޫސްވެރިން އިސްރާއީލުގެ އަސްކަރިއްޔާގެ ހުއްދަ ކުރިން ހޯދަން ޖެހޭ ގޮތަށް މިހާރު ހަމަޖައްސައިފައި އޮތުމަކީ ހަނގުރާމައިގެ ކުރީ ސަފުގައި ހިނގާ މުހިންމު ހަގީގަތްތަކުގެ މައުލޫމާތު އިސްރާއީލުގެ އިތުރުން މުޅި ދުނިޔޭގެ އާއްމުންނަށް ލިބުމުގެ ހައްގަށް އިސްރާއީލުން އަރައިގަތުމެކެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ މާނައަކީ ހިތުހުރި ގޮތަކަށް ކަންތައްތައް ހާމަކުރުމެއް ނޫނެވެ. ނަމަވެސް ނޫސްވެރިކަމަކީ ހިތާމަވެރި ހާދިސާއެއް ހިނގާއިރު އެ ކަމުގައި ޒިންމާ ނަގަން ޖެހޭ ފަރާތްތައް ޒިންމާދާރު ކުރުވުމެވެ. މިހެންވުމުން މީޑިއާ ސެންސަރު ކުރުން ވެގެންދާނީ "ސްޓޭޓް ސެކިއުރިޓީ" ނުވަތަ ދައުލަތުގެ ސަލާމަތަށް ވެސް ހުރި "އަތުން ހިފޭ" ނުރައްކަލަކަށެވެ.
ނަމަވެސް، އަދި މިއަށްވުރެ ވެސް ބޮޑު ނުރައްކަލަކަށް ވާނެ އެއް ކަމަކީ، މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅުމަކީ، މީޑިއާއަކީ ޑިމޮކްރެސީއެއްގެ ހަތަރު ވަނަ ތަނބު ކަމަށްވާއިރު، ގައުމު ޑިމޮކްރެޓިކްކޮށް ހިންގުމަށް އަޅާ ހުރަހަކަށްވުމެވެ. އިސްރާއީލަކީ މެދުއިރުމަތީގައި އޮތް "ހަމައެކަނި ޑިމޮކްރެސީ"ކަމަށް ދައުވާކޮށް، މުސްލިމު ގައުމުތަކަށް މަލާމަތް ކުރުމަކީ އިސްރާއީލާއި އިސްރާއީލުގެ "ބެލެނިވެރިޔާ" އެމެރިކާ އަބަދު ވެސް ފޮނިކަނޑާ ކަމެކެވެ. ނަމަވެސް މިއަދު މި ފެންނަނީ ހަނގުރާމައެއްގެ "ޓްރޫ ކޮސްޓް" ނުވަތަ ހަގީގީ ގެއްލުން މިނާނެ ގޮތެއް އިސްރާއީލުގެ ރައްޔިތުންގެ އިތުރުން މުޅި ދުނިޔޭގެ އެހެން ރައްޔިތުންނަށް ވެސް ނެތިގެންދިއުމެވެ. އެހެންކަމުން އީރާނަށް ހަމަލާ ދޭން ފެށުމަކީ ހަމައެކަނި މެދުއިރުމަތީގެ ނިއުކްލިއަ ބާރަކަށް ވެދާނެ ގައުމެއް ފަނާކޮށްލުމެއް ނޫނެވެ؛ މިއީ ދުނިޔޭގެ އެންމެ ބޮޑު ބާރާއި އެ ގައުމުން ނިއުކްލިއަ ހަތިޔާރު ދީފައިވާ އެ ގައުމުގެ "ބެލެނިވެރިކަމުގެ ދަށުގައިވާ ގައުމަކުން" މުޅި ދުނިޔޭގެ ޑިމޮކްރެސީ ވެސް ސުންނާފަތި ކޮށްލަން ފަށައިފައިވާ ނުރައްކާތެރި، އަޑިނޭނގޭ ހަނގުރާމައެކެވެ.



advertisment