Support Us

ކެޔޮނިރު ކޮލަމް

"ވިލާގަނޑު" އައިސް ބޯމަތިނުވަނީސް ފިޔަވަޅު ނާޅުއްވައިފި ނަމަ…

"މަޑުއްވަރީން ފިތްކަނޑައިގެންދާ ވަރުގެ ވާހަކަ ތަކެއް!" މިއީ މީގެ މަސްތަކެއް ކުރީން ފެނުނު ސުރުހީއެކެވެ. ފިތް ވާ ކަނޑައިގެން ހިނގައްޖެއެވެ. މައްސަލައެއް ނެތެވެ. އަމިއްލައަށް ކޯޓު ހަދައިގެން މީހުނަށް މަރުގެ ހުކުމްކޮށް، ހިތަށް އެރި ބަޔަކު ކާފަރުކޮށް އުޅުމަކީ އިސްލާމްދީން ގޮވާލާ ގޮތެއް ނޫނެވެ. އެއީ ހަމަ ހައްދުތައް ފަހަނައެޅުމެވެ. މައްސަލައެއް ނެތެވެ. ހަމަ ފިއްކަނޑައިގެން ހިނގައްޖެއެވެ! ނަމަވެސް މިދިޔަ އަހަރު އެމް.ޑީ.އެން ނަމަކަށް ކިޔާ ޖަމްއިއްޔާ އަކުން ކީރިތި ރަސޫލުﷲ (ސ.އ.ވ) އަކީ ތަކްފީރީ އެކޭ، މިއުރާޖް އަރައި ވަޑައިގަތުމަކީ ފުލޯކު ވާހަކައެކޭ ބުނެ ރިޕޯޓެއް ނެރުނެވެ. "ފިތްކަނޑައިގެނެއް" ނުދޭހެއްޔެވެ؟

ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ މީހުންނާ ދެކޮޅަށް މަޑުއްވަރީގައި ފުލުހުން ހިންގި އޮޕަރޭޝަނުގެ ތެރެއިން، ދަރީންނަށް ވެކްސިން ދިނުމަށް ދެކޮޅު ހެދި އާއިލާއެއްގެ ކުދީން، މައިންބަފައިން އަތުން ނަގައި، އެކުދީންގެ ބޮޑު ދައިތައާ ހަވާލު ކުރެވުނެވެ. އަދި އެފަދަ ބައެއް އާއިލާ ތަކަށް ނަސޭހަތްދީ، ނަސޭހަތް ޤަބޫލުކުރި އާއިލާތަކުގެ ކުދީންނަށް ވެކްސިން ދެވުނެވެ. ހަމަ މި ބީދައިން ވިސްނައިގެން، އޭގެ އަނެއް ކޮޅަށް ބަލާލަމާ ހިނގާށެވެ. ބާލިޣުވެފައި ތިބޭ އަންހެން ދަރީން ބުރުގާ ނާޅުވާ، ކުރު ސޯޓުކޮޅު ލައްވައިގެން އެކުދީންގެ ބޯއިފްރެންޑުންނާ އެކީ ޕިކްނިކް ދަތުރު ފޮނުވާ ހަދާ މައިންބަފައިންނަށް ވެސް ނަސޭހަތްދޭން ނުޖެހޭ ބާވައެވެ؟ އެފަދަ މައިންބަފައިން އެނަސޭހަތް ޤަބޫލްކޮށް ދަރީން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ރިވެތި އުސޫލް ޚިޔާރު ނުކޮށްފިނަމަ އެފަދަ މައިންބަަފައިން އަތުން ދަރީން ނެގުމަކީ ކޮންކަހަލަ ކަމެއް ބާވައެވެ؟

އެއްކޮޅުން ގޮސް ހައްދުން ނެއްޓީމަ ހަރުކަށި ފިޔަވަޅު އަޅާ ގޮތަށް އަނެއްކޮޅުން ގޮސް ހައްދުން ނެއްޓީމާ ފިޔަވަޅު އެޅުން ކަމުނުދަނީ ކީއްވެގެން ބާވައެވެ؟ ދިވެހި އިސްލާމީ މި މުޖުތަމައުގައި މިންގަނޑުތައް ބަހައްޓަން ޖެހެނީ ހުޅަނގުގެ އުސޫލަށް ބާވައެވެ؟ ބައެއް މީހުން ދެކޭގޮތުގައި ހުޅަނގުގެ ސަގާފަތަށް ދަރީން ބޮޑުކުރުން މައްސަލައެއް ނެތެވެ! އެއީ އިންސާނީ ހައްގެވެ. އެކަމަކު އެފަދަ މީހުން ބުނާ ގޮތުގައި އިސްލާމީ އުސޫލަށް ކުދީން ތަރުބިއްޔަތު ކުރުމަކީ އެކުދީންގެ އިންސާނީ ހައްޤުން މަހްރޫމް ކުރުވުމެވެ. މިއީ ކޮން ކަހަލަ ވިސްނުމެއްތޯއެވެ؟

މިފަދަ އެހެން ވާހަކައެކެވެ. އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯރކް (އެމް.ޑީ.އެން) އުވާލީ ރައްޔިތުން ކެކިއަރާތާ އެތައް މަހެއްވީ ފަހުންނެވެ. ހިތުން ރުހުމުން ސަރުކާރުން ކުރި ކަމެއް ގޮތަކަށް ނޫނެވެ. އެމްޑީއެން ރިޕޯޓުގައި ގުރުއާނުގެ ނައްސުން އައިސްފައިވާ އެތައް ކަމަކާ ދެކޮޅަށް ލިޔެފައިވެއެވެ. މިސާލަކަށް ރަސޫލުﷲ (ސ.އ.ވ) ގެ އިސްރާ އާއި މިއުރާޖުގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަކައެއް ކަމަށް އެ ރިޕޯޓްގައި ވެއެވެ. އެގޮތުން ދީނުގެ އަސާސްތަކާއި، އަގީދާ އާއި، މުސްލިމުން ގަބޫލުކުރާ އެތައް ކަމަކާމެދު އެ ރިޕޯޓްގައި ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެއެވެ.

މިވަރުގެ ޖަރީމާއެއް ހިންގި ބަޔަކު އަދިވެސް އެތިބީ އަރާމުގައެވެ. ދައުވާއެއް ނުކުރެވެއެވެ. އެމް.ޑީ.އެން މައްސަލަ ފެންމަތިވިއިރު އެޖަމްއިއްޔާގެ ޗެއާރޕާސަން އަކަށް ހުރި ނޫޝަން އަދިވެސް ހުރީ ރައީސް އޮފީހުގެ ހާއްސަ ކޮންސަލްޓެންޓެއްގެ މަޤާމްގައެވެ. އެމް.ޑީ.އެންގެ އެންމެ އިސް އެއް ފަރާތް ކަމުގައިވާ ޝަހިންދާ އިސްމާއިލް ހުރީ ޖަރުމަނުގައެވެ. ޖަމްއިއްޔާ އުވާލުމުން ޝަހިންދާ ބުނެފައިވަނީ އެމް.ޑީ.އެން އުވާނުލެވޭނެ ކަމަށާއި ޖަމްއިއްޔާގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތުގެ ހަޤީގީ ސަބަބަކީ އެމް.ޑީ.އެންގެ ރިޕޯޓް ކަމަށް ވެސް ޝަހިންދާ ބުނެފައިވެއެވެ. އެހެންކަމުން އެމް.ޑީ.އެން އަދި އުވާލިއަކަސް ދީނަށް ލިބުނު ނަސްރެއް ނެތެވެ. އަދި ސިޔާސީ ބަޔަކު ނުވަތަ ރައްޔިތުންވެސް މިކަމާ އުފާކުރަން ޖެހޭ ސަބަބެއް ވެސް އެކަމުގަ ނެތެވެ.

އެމް.ޑީ.އެން އިން ނެރުނު، އިސްލާމްދީނާ ޚިލާފް ރިޕޯޓުގެ ތަހުޤީގަށް ފުލުސް އޮފީހަށް ހާޒިރުވާން އެންގި އެޖަމްއިއްޔާގެ މަސްއޫލް މެމްބަރެއް ކަމުގައިވާ އަޒްރާ ނަސީމްގެ ނަން އާއްމު ކުރުމަށް ފަހު ފުލުހުން ވަނީ އޭނާގެ ނަން ފުލުހުންގެ އިއުލާނުން ނަގާފައެވެ. ސަބަބެއް ކަމަށް ފުލުހުން ބުނެފައި ވަނީ އަޒުރާ ނަސީމާ ފުލުހުންނަށް ގުޅިއްޖެ ކަމަށާއިި ހާޒިރުވުމުގެ މެސެޖް ދެވިއްޖެ ކަމަށެވެ. ނަމަވެސް އޭނާ ފުލުސް އޮފީހަށް ހާޒިރުވާނެތޯ ނުވަތަ ނޫންތޯއެއް، އަދި ހާޒިރުވާނަމަ ހާޒިރުވާން އެއްބަސްވި ދުވަހެއްވެސް ފުލުހުން ނުބުނެއެވެ. އަދިއަދަށް ވެސް އަޒުރާ ފުލުހަށް ހާޒިރެއް ނުކުރުވެއެވެ. ހާޒިރު ކުރަން އުޅޭތަނެއްވެސް ނުފެނެއެވެ. ނުވެސް ކުރާނެއެވެ!

އަޒުރާ ނަސީމް މިހާރު މަސައްކަތް ކުރަމުން ދަނީ އަޔަރލޭންޑްގެ ޑަބްލިން ސިޓީ ޔުނިވަރސިޓީގެ ޓެރަރިޒަމް އެކްސްޕާރޓެއްގެ ވަޒީފާގައެވެ. ހަމަ އެޔުނިވަރސިޓީ އިން ޕީ.އެޗް.ޑީ ހާސިލް ކޮށްފައިވާ އަޒުރާ އަކީ، މީގެ ކުރީން އާއްމުކޮށް އެނގިފައި ނެތަސް، އިސްލާމް ދީނަށާއި ރަސޫލް (ސ.އ.ވ) އަށްމުހާތަބްކޮށް ވަރަށް ހުތުރު ބަހުން މާކުރިންވެސް ލިއެފައިވާ މީހެކެވެ.

މީގެ އަށް އަހަރު ކުރީން އޭނާ ޑަބްލިން ސިޓީ ޔުނިވަރސިޓީ އިން ޕީ.އެޗް.ޑީ ހާސިލް ކުރުމަށް ހުށަހެޅި ޑޮކްޓްރޭޓް ތީސިސްގެ 58 ވަނަ ސޮފްހާގައި، ކީރިތި ޤުރުއާނަށް ނިސްބަތްކޮށް ލިއެފައިވަނީ:

“Koran is such a great spirit of lies”

މިފަދައިންނެވެ. މާނައަކީ ކީރިތި ޤުރުއާނަކީ ވަރަށް ވަރުގަދަ ދޮގުތަކެއް ކަމަށެވެ. އަދި ރަސޫލް (ސ.އ.ވ) އަށް ނިސްބަތްކޮށް، އެ ރަސޫލާއަކީ "ކަޅު ދައްޖާލެއް"ކަމުގައި މާރޓިން ލޫތަރ ނަމަކަށް ކިޔާ ކްރިސްޓިއަން ފާދިރީ އަކު ބުނިކަމަށް ވެސް އަޒުރާގެ ތީސިސްގެ 58 ވަނަ ސޮފްހާގައި ވެއެވެ. އަދި އެތީސިސްގެ 59 ވަނަ ސޮފްހާގައި ވެއެވެ:

“‘Is it worse to follow Mahomet or the Devil?”

މާނައަކީ: މުހައްމަދު އަށް ތަބާ ވުމަކީ ޝައިތީނާއަށް ތަބާވުން ފަދަ ކަމެކޭއެވެ.

އޭނާގެ ތީސިސްގެ 63 ވަނަ ސޮފްހާގައި ވެއެވެ:

“Presenting Mohammed as Satan or Anti-Christ, a practice rife during the Middle Ages in Europe, also became valid ‘truths’ during this period.”

މިފަދަ އެތައް ހަޑި ހުތުރު ބަސްތައް، ޑރ.އަޒުރާ ނަސީމްގެ ޕީ.އެޗް.ޑީ ތީސިސްގައި، އިސްލާމް ދީނަށާއި، ކީރިތި ޤުރުއާނަށާއި، ރަސޫލް (ސ.އ.ވ) އަށް ނިސްބަތް ކޮށް ބަޔާން ކޮށްފައި ވެއެވެ. މި ތީސިސް މިހާރުވެސް ޑަބްލިން ސިޓީ ޔުނިވަރސިޓީގެ ވެބްސައިޓުން ފެންނާން އެބައޮތެވެ.

އެމް.ޑީ.އެން ރިޕޯރޓްގެ މައިގަނޑު މުސައްނިފަކީ، ބެލެވޭ ގޮތުގައި އަޒުރާ ނަސީމެވެ. ނަމަވެސް އެ ޖަމްއިއްޔާގެ އެހެން ފަރާތްތައްވެސް މީގައި އެކި ވަރުވަރަށް ބައިވެރިވެފައި ވެއެވެ. އެމް.ޑީ.އެން ރިޕޯރޓްގެ މާކުރިން 2012 ވަނަ އަހަރު އަޒުރާ ނަސީމް ލިއުނު ތީސިސްގައި އިސްލާމް ދީނަށާއި ކީރިތި ޤުރުއާނަށާއި ރަސޫލް (ސ.އ.ވ) އަށް މިފަދަ ހަޑި މުޑުދާރު ބަސްތައް ރައްދުކޮށްފައިވާއިރު ވެސް، ރާއްޖޭގެ ރައްޔިތުންގެ މަޖުލިހުގެ ރައީސް، މުހައްމަދު ނަޝީދު އެކިއެކި މުނާސަބަތު ތަކުގައި މަސައްކަތް ކުރައްވާފައި ވަނީ އެމް.ޑީ.އެންގެ ރިޕޯޓް ލިއުނު ފަރާތްތައް ދިފާއު ކުރެއްވުމަށެވެ. އެ ރިޕޯރޓް ލިއުނު ދިވެހީންނަކީ ޔޫރަޕުން ތައުލީމް ހާސިލް ކޮށްގެން އައިސް ތިބި ބަޔަކަށް ވުމުން އިސްލާމް ދީނުގެ ހުކުމްތަކާ ބީރައްޓެހި ވުމުން ލިއުމުގައި އަރާފައި ހުރި އޮޅުންތަކަކުން ލިއެވުނު އެއްޗެއް ކަމަށް ވިދާޅުވެ ނަޝީދު މަސައްކަތް ކުރައްވާފައިވަނީ އަޒުރާ ނަސީމް ފަދަ ފަރާތްތައް ދިފާއު ކުރެއްވުމަށެވެ.

އަދި އެމް.ޑީ.އެން ރިޕޯޓުގައިވާ މިފަދަ ދަށު ދަރަޖައިގެ ބަސްތަކުގެ ސަބަބުން ދިވެހި މުސްލިމުންގެ ގިނަ ބައެއްގެ ލޭކެކި، ރުޅިގަދަވެ، އެމް.ޑީ.އެން އުވާލުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ލިއުންތައް ލިޔެ، މުޒާހަރާ ކުރުމުން އެފަދަ ދިވެހި މުސްލިމުންނަކީ ފިތުނަ އުފައްދަން އުޅޭ ބައެއް ކަމަށް ނަޝީދާއި، އެމް.ޑީ.ޕީ ސެކްރެޓޭރިއެޓުން ވަނީ ބުނެފައެވެ.

އެމް.ޑީ.އެން ރިޕޯޓް އޮތް ތާނގައި ބާއްވާފައި އަޒުރާ ނަސީމްގެ މި ތީސިސް އާއި، އަދި ޝަހިންދާ ޖަރުމަނުގައި ހުރެގެން ކުރަމުންދާ ޓްވީޓްތަކަށް ބަލާލުމުންވެސް، އެމް.ޑީ.އެން ރިޕޯޓަކީ އޮޅިގެން ލިއެވުނު ލިއުމެއް ނޫންކަން ސާބިތުވެއެވެ. މިއީ ދިވެހީންގެ ތެރެއިން އަޒުރާ ނަސީމާއި، ޝަހިންދާ އިސްމާއިލް ފަދަ ބަޔަކު އިސްވެ ތިބެ، އެމީހުންނަށް ތާއީދު ކުރާ ދިވެހީންނާއި ބިދޭސީން ތަކެއްގެ ތާއީދާއި އެކު، މީގެ އެތައް އަހަރެއް ކުރީން ފަތުރަމުންދާ ލާދީނީ ފަލްސަފާއެކެވެ. ދިވެހީންގެ އިސްލާމީ ވަހުދަތު ފުނޑުފުނޑު ކޮށްލާ، ޒުވާން ޖީލު އިސްލާމްދީނާ ދުރު ކުރުމަށް، ރޭވިގެން ކުރެވެމުން އަންނަ ބޮޑު މަސައްކަތެކެވެ. ޝަހިންދާމެންނާ މެދު މިސަރުކާރަށް ފިޔަވަޅެއް އެޅޭނީ ކިހިނަކުން ތޯއެވެ؟

އެމް.ޑީ.އެން އުވާލިއަސް އެ ރިޕޯރޓް ލިއުނު މީހުން އެތިބީ ޖަރުމަނު ވިލާތާއި އަޔަރލޭންޑް ފަދަ ބޭރު ޤައުމުތަކުގައި ފިލައެވެ. އަދި، ނާދިރު ހާލަތެއްގައި، އެއިން މީހަކާ މެދު ފިޔަވަޅު އެޅުނަސް، އެމީހުންނާއި އެމީހުންގެ ލިއުންތަކަށް ތާއީދުކުރާ އެތަކެއް ދިވެހީން އެބަތިއްބެވެ. އޭގެ ހެއްކަކީ ޝަހިންދާ އިސްމާއިލްމެން ކުރާ ޓްވީޓްތަކަށް ލައިކް ޖަހާ ދިވެހީންގެ އެތައްބަޔަކު މިހާރުވެސް ތިބި ކަމެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ މަޖުލިހުގެ ރައީސާއި، މަޖުލިސްގެ އެމް.ޑީ.ޕީ ގިނަ މެމްބަރުން މި ފެންނަނީ ނަޝީދާއި އެމް.ޑީ.އެންގެ ރިޕޯރޓް، ސީދާކޮށްނާއި ނުސީދާކޮށް، ދިފާއު ކުރަމުންދާ ތަނެވެ.

ރާއްޖޭގެ ޤާނޫނުގައި ވާގޮތުން އެމް.ޑީ.އެން އުވާލަން ޖެހެއެވެ. އަދި އެމް.ޑީ.އެން އުވާލަން ގޮވާލުންވެސް ހަމަ ރަނގަޅެވެ. ނަމަވެސް މިމައްސަލައިގައި އެންމެ ބޮޑަށް ހަޤީގަތުގައި ކަންބޮޑުވާން ޖެހެނީ ރައީސް ނަޝީދު އެެމް.ޑީ.އެންގެ ދިފާއުގައި ނިކުންނެވި ކަމެވެ. އެއީ މި ދިވެހި ޤައުމުގައި އިސްލާމް ދީން ދެމިއޮތުމަށް އެދޭ ކޮންމެ ދިވެއްސަކުވެސް ބިރުގަނެ، ވިސްނާ ފިކުރު ކުރަން ޖެހޭ ވަރަށްވެސް ބޮޑު މައްސަލައެކެވެ.

ކީރިތި ރަސޫލް (ސ.އ.ވ) އަށާއި އިސްލާމް ދީނަށް ފުރައްސާރަކޮށް އެމް.ޑީ.އެން އިން ނެރުނު ރިޕޯރޓާ ގުޅިގެން، އެ ޖަމްއިއްޔާ އުވާލުމަށާއި، އެރިޕޯރޓް ލިއުމުގައި ބައިވެރިވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ދިވެހިރާއްޖޭގެ އެތައް ކައުންސިލްތަކަކުންނާއި، އެތަކެއް އިލްމްވެރީންނާއި، އެތައް ރައްޔިތުންނެއް ކެނޑިނޭޅި ދިވެހި ސަރުކާރަށް ގޮވާލަމުން މިސަރުކާރުން އެމް.ޑީ.އެން އުވާލީ ހަމައެކަނި ނަމަކަށެވެ. ހަރުކަށި ފިކުރަކީ ހަމައެކަނި އިސްލާމް ދީނާ ގުޅުވައިގެން ހަރުކަށިކަން އިސްކުރުމެއް ނޫނެވެ. އިސްލާމް ދީނުގެ އުސޫލްތަކާ ޚިލާފަށް، ހުޅަނގުގެ ގޮތްތަކަށް އުޅުމަކީ ވެސް ހަމަ ހަރުކަށި ކަމެވެ. މަޑުއްވަރީން ފެނުނު މީހުންނަކީ އެއްގޮތަކުން ގޮސް ހައްދުން ނައްޓާފައިވާ ހަރުކަށި ބައެކެވެ. އެމްޑީ.އެން އަށް ތާއީދު ކުރާ މީހުންނަކީ އަނެއްކޮޅަށް ގޮސް ހައްދުން ނައްޓާފައިވާ ހަރުކަށި ބައެކެވެ. މި ދެފިކުރަކީ ވެސް ހަރުކަށި ފިކުރެވެ. މި ދެފިކުރަކީ އެއް ފައިސާ ފޮތީގެ ދެ ފަރާތެވެ. މި ދެފިކުރާ ދެކޮޅަށް އެއްވަރަކަށް މަސައްކަތް ނުކުރާ ނަމަ ބެލެވޭނީ އެއީ ވަކި ކޮޅަކަށް ޖެހިފައިވާ މަސައްކަތެއް ކަމަށެވެ. އެހެން ކަމުން މި ދެވައްތަރުގެ ފިކުރާ ދެކޮޅަށް އެއްވަރަކަށް ސަރުކާރުން މަސައްކަތް ކުރުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ފުރުސަތު ރާއްޖޭގައި އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނި ކަމުގައި ވިއަސް، ސޯޝަލް މީޑިއާގައި، ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެމް.ޑީ.އެން އަށް ތާއީދުކޮށް، ދީނަށް ބަދުބަސް ބުނާ ދިވެހީން ވަރަށް ގިނައެވެ. އެފަދަ ފަރާތްތަކާމެދު މާ ބޮޑު ފިޔަވަޅެއް އެޅޭތަން މިހާތަނަށް ފެނިފައެއް ނެތެވެ. އެފަދަ ފަރާތްތަކަށް ހިއްވަރުލިބޭ ގޮތަށް އެމް.ޑީ.އެން އާއި އެ ޖަމްއިއްޔާ އާށް ތާއީދު ކުރާ ދިވެހީންގެ ދިފާއުގައި ނިކުމެ ހުންނެވި މަޖުލީހުގެ ރައީސް ނަޝީދަކީ މިސަރުކާރުގެ ނަޒަރުގައި ޤާނޫނަށް ވުރެެވެސް މަތީ ބޭފުޅެއް ބާވައެވެ؟

ނަޝީދުގެ މި އަމަލުތަކުގެ ސަބަބުން ބައެއް ރައްޔިތުން ނަޝީދާއި އެމް.ޑީ.ޕީ އަށް ނިސްބަތްކޮށް "ލާދީނީ" އޭ ކިޔަން ފެށުމުން ރައީސް ނަޝީދު ވަނީ އެކަމަށް ވެސް ވަރަށް ފިނި ޖަވާބެއް ދެއްވާފައެވެ. ތިމަންނާ އަކީ ބަޔަކު "ޓެގެއް" އެޅުވުމުން އެ ޓެގުން ނެއްޓެން ބޭނުންވާ ފަރާތެއް ނޫން ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ލާދީނީގެ މާނައަކީ އިސްލާމް ދީނާ ދެކޮޅުވުމެއް ނޫން ކަމަށާއި، ލާދީނީގެ މާނައަކީ "ސެކިއުލަރ" ކަމަށް ނަޝީދު ވިދާޅުވިއެވެ. ސެކިއުލަރިޒަމްގެ މާނައަކީ ދީނާ ދައުލަތް ވަކިކޮށް، ވަކި އެއްވެސް ދީނެއްގެ ބާރު ނުހިނގާ ގޮތަށް ދައުލަތް ހިންގުމުގެ ނިޒާމެވެ.

އައިޝަތު އާނިޔާ ފަދަ އެމް.ޑީ.ޕީގެ އެތައް ސަޕޯރޓަރުންނާއި، ރާއްޖޭން ބޭރުގައި ތިބި، ދީނަށް ފުރައްސާރަކުރާ މުޖުނައީމް ފަދަ ދިވެހީން ވަނީ ނަޝީދުގެ މިވާހަކަތަކުން ހިތްވަރު ލިބި، މާތްﷲ އަށާއި، އިސްލާމް ދީނަށާއި، ކީރިތި ރަސޫލް (ސ.އ.ވ) އަށް، ސީދާ ގޮތުންނާއި ނުސީދާކޮށް ފުރައްސާރަ ކުރުން އިތުރުކޮށްފައެވެ.

މި ޤައުމުގެ ރައީސްކަން ނުވަތަ ބޮޑުވަޒީރުކަން ނަޝީދަށް ލިބިއްޖެ ނަމަ ސަރުކާރާއި ދީން ވަކިކޮށް، ސެކިއުލަރ ދައުލަތެއް މި ޤައުމުގައި އުފެއްދުމަށް، ނަޝީދު އިސްވެ ހުންނަވައިގެން މަސައްކަތް ކުރައްވައިފި ނަމަ އެކަން ވެގެން ދާނީ ޤައުމަށް ބޯމަތިވާ ބޮޑު، ކަޅު ވިލާގަނޑަކަށެވެ.

މިފަދަ "ވިލާގަނޑެއް"ގެ ތޫފާން އައިސް ދިވެހީންނާ ލައިނުގަންނަނީސް މިފަދަ ކަމަކުން ޤައުމު ސަލާމަތްކޮށްދެއްވުމުގައި ހިކުމަތު އަމަލީ ބޭނުންކުރެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިވަގުތު ޤައުމަށް ކޮށްދެއްވޭނެ އެންމެ ބޮޑު ޚިދުމަތެވެ. ސަރުކާރުން ގެނެސްދީފާނެ ތަރައްޤީއަކާއި ކުރިއެރުމަކަށް ވުރެވެސް މިވަގުތު މިޤައުމަށް މުހިއްމީ މިފަދަ ފިތުނައިގެ ވިލާގަނޑެއްގައި ނުޖެހި ސަލާމަތްވުމެވެ. އެކަން ކުރެވޭނީ ރައީސް ނަޝީދު ބާރުތަކުން އެއްކިބާ ކުރެވިގެންނެވެ. ޤައުމު ސެކިއުލަރ ކުރަން އެތެރެއިންނާއި ބޭރުން ކުރެވެމުންދާ މަސައްކަތްތައް ހުއްޓުވައި، އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ މިޤައުމުގައި އެއްވެސް މިންވަރަކަށް ބަލައިނުގަނެވޭނެ، "ޒީރޯ ޓޮލެރެންސް"ގެ ކަމަކަށް ހެދިގެންނެވެ. އެފަދަ ފިޔަވަޅެއް އެޅޭތަނެއް އަދި ނުފެނެއެވެ. ރައްޔިތުން ތިބީ އެފަދަ ބަދަލަކަށް އެދި، އެބަދަލުގެ ފިޔަވަޅުތައް އަޅާނެ ވަގުތަކަށް ކެތްމަދުވެފައެވެ. "ވިލާގަނޑު" އައިސް ބޯމަތިނުވަނީސް ފިޔަވަޅު އަޅުއްވާށެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
91111

4 Responses

  1. ސާބަސް ބުޝްރީ.. ސާބަސް އަދިވެސް އެމްވީ އަދި މިފަދަ ލިއުއްވުންތައް ލިއުއްވާތިޔަ ފަހުަލަވާނުންނަށް.. މީ ދީނާ ޤައުމުގެ ޙައްޤުގައި އަޑުއުފުލަން ޖެހޭ އެންމެ މުނާސަބު ވަގުތު… އަދި މިވަގުތަކީ ޤައުމު އަޅުވެތި ވެދާނެ ކަމުގެ ބިރު ރައްޔިތުން އިޙްސާސް ކުރަމުންދާ ދަނޑިވަޅެއް.. އަދި ފައިސާ ބޭނުން ކޮށްގެން ގިނަ ބައަކު އަޅުވެތި ކުރާ ކަމުގެ އަޑުތައް ފެތުރިފައިވާ ވަގުތެއް… ޤައުމަށް ޣައްދާރު ވުމަކީ އިސްލާމީ ޝަރީޢަތުގައި އަދަބު ކަނޑައެޅިގެންވާ ކުށެއް…

  2. ވެކްސިން ނުދިން މީހުންނަށް ދިނީ ވަރަށް ހަރުކަށި އަދަބެއް ޝަރިއަތް ނިމެންދެން ބަންދުގައި ބަހައްޓަނީ މިއީ ވަރަށް ދެރަ ކަމެއް އެމީހުން އެއީ ޓެރެރިސްޓުން ނެތް ނޫން …. އެކަމުން ފަހުން ނުކުންނަ ނަތީޖާ ހިތިވާނެ…. ނޫޝީން އޮފީހަށް ދަނީވެސް ބޮޑީ ގާރޑަކާއި އެކު މިކަމުން އެމީޙުން ބިރު ގަނެފައި ތިބި ވަރު ފެނޭ އަދި އިންޑިޔާ އިން ވެސް ބިރު ގަނެއްޖެ ބަޔަކު ސައިކަލު ބުރެއް ބޭއްވީތީ ބިރުން މުޅި އިމާރާތުގެ ބޭރުގައި ބަޑި ފޯރި މަރަން އެދުނީ
    ބުޝްރީ އަށް ޝުކުރިއްޔާ … ދީނާ ގައުމުގެ ހައްގުގައި ތިޔަ ކުރާ މަސައްކަތަށް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *