އެމެރިކާއިން ތާއީދުކޮށްގެން އަދި އިސްރާއީލުން ވިލަރެސްކޮށްގެން ޣައްޒާގައި އަލަށް ގާއިމުކުރި އެހީ ބެހުމުގެ ނިޒާމަކީ ޣައްޒާގައި ހިންގާ ޖަރީމާތަކުގައި މަތިޖަހަންކުރާ ކަމެއް ކަމަށް އދ.އިން ބުނެފިއެވެ.
ޣައްޒާއަށް އެހީ ވެއްދުން ވޭތުވެދިޔަ ތިން މަހު މަނާކޮށްފައި އޮތުމުގެ ސަބަބުން މަދުވެގެން 29 ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ބަނޑުހައިހޫނުކަމުގައި ޝަހީދުވެފައިވާއިރު، ޣައްޒާގެ ދެ މިލިއަނެއްހާ މީހުންގެ ތެރެއިން ބަނޑަށްޖެހިފައިވާ ބައި މިލިއަނެއްހާ މީހުން ގޮތް ހުސްވެގެން ވަކި އުސޫލެއް ނެތި އެހީ ދޭ މަރުކަޒުތަކަށް އެއްވެ ތެޅިފޮޅިގަތުމުން އެ މީހުންގެ ތެރެއަށް އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން މިހާތަނަށް މަދުވެގެން 10 މީހުން ވަނީ ޝަހީދުވެފައެވެ.
"އދ.ގެ ނިޒާމަކީ މި ފަދަ ކަމެއް ހަވާލުކޮށްފި ނަމަ މި ކަން ކުރެވެން އެކަށޭނަ ނިޒާމެއް. ނަމަވެސް އދ.ގެ ބަދަލުގައި އެމެރިކާ އާއި އިސްރާއީލުން މި ކަމާ ހަވާލުވުމަކީ ޣައްޒާގައި ހިންގާ ޖަރީމާތަކުން މީހުންގެ ނަޒަރު އެހެން ދިމާއަކަށް އަނބުރާލަންކުރާ ކަމެއް،" އދ.ގެ ފަލަސްތީންގެ ރެފިޖީންނާ ބެހޭ އިދާރާގެ ވެރިޔާ ފިލިޕް ލައްޒަރިނި ބުންޏެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނީ އިސްރާއީލުގެ ބޭނުމަކީ "ހަތިޔާރެއްގެ ގޮތުގައި އެހީ ބޭނުންކުރުން" ކަމަށެވެ. އެއީ އިސްރާއީލުގެ އަސްކަރީ އަމާޒުތައް ހާސިލުކުރުމަށެވެ. މިހެން ބުނާ ސަބަބަކީ އެހީ ފޯރުކޮށްދެވޭ މީހުންގެ ބަޔޯމެޓްރިކް މައުލޫމާތު ފުރަތަމަ އެއްކުރާތީއެވެ. އުޒުރެއް ކަމަށް ދެއްކީ ހަމާސްގެ އެއްވެސް މެންބަރަކަށް އެހީ ނުދިނުމެވެ. ނަމަވެސް ބަޔޯމެޓްރިކް މައުލޫމާތު އެއްކުރާއިރު މީހުންގެ މޫނު ދެނެގަތުން ވެސް ހިމަނައިފައިވާތީ މިއީ މީހުން ސާވެއިލަންސް ކުރުމަށާއި އެ މީހުންގެ މައްޗަށް އިތުރަށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެއް ކަމަށް ބެލެވެއެވެ.

އދ.ގެ އިތުރުން ކުރިން ވެސް ހަރުދަނާ ގޮތެއްގައި ގާއިމުކުރެވިފައިވާ އިންސާނީ އެހީ ދޭ އިދާރާތައް އެއްފަރާތްކޮށްފައި، ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީ.އެޗް.އެފް) ނުވަތަ ޣައްޒާއަށް އިންސާނީ އެހީ ދޭ ފައުންޑޭޝަނެއްގެ ނަން ދީގެން، ގޮތްނޭނގޭ އެމެރިކާގެ ކުރީގެ އަސްކަރީ ކޮންޓްރެކްޓަރުންތަކެއް ލައްވާ ގްރޫޕެއް ހަދައިގެން ހިންގާ މަރުކަޒުތައް ދޮށުގައި ތޮއްޖެހޭ މީހުން ހަމައަކަށް އެޅުވުމަށް އެއްވެސް އިންތިޒާމެއް ހަމަޖައްސައިފައެއް ނުވެއެވެ. މިހެންވެ، އެހީ ހޯދަން އަންނަ މީހުންގެ ގަޔަށް ބަޑިޖަހައި ޝަހީދުކުރަމުންދަނީއެވެ.
ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ "އިންސާނީ ކަރާމާތާއި ސަލާމަތާއި ރައްކާތެރިކަން ނެތް" ގޮތެއްގައި އެއްވެސް ވަރަކަށް ވިލަރެސް ނުކޮށް ޖީ.އެޗް.އެފްގެ އިންތިޒާމުތައް ހުރި ގޮތުގެ ސަބަބުން ވޭތުވެދިޔަ ދެ ދުވަސް ތެރޭގައި އެހީ ހޯދުމަށް އެއްވި މީހުންގެ ތެރެއަށް ބަޑިޖަހައި 10 މީހުން ޝަހީދުކޮށްލިއިރު، އޭގެ އިތުރުން 62 މީހުން ޒަހަމް ވެސް ވެފައިވާ ކަމަށެވެ.
"މިއީ އަދި ޖީ.އެޗް.އެފްއިން އެހީ ބަހާ މަރުކަޒުތަކަށް ސީދާ ނުވަދެވި އުޅެނިކޮށް ހިނގި ހާދިސާތައް،" އެ އިދާރާއިން ބުންޏެވެ.
ފަލަސްތީންގައި މިހާތަނަށް އެހީ ބަހަމުން އައީ އިންސާނީ ސުލޫކާއި ލޮޖިސްޓިކްސްގެ ގޮތުން ވެސް އެތައް ދަހަރެއްގެ ތަޖުރިބާ ހުރި ބައިނަލްއަގުވާމީ އެހީ ދޭ ޖަމާއަތްތަކެވެ.

ޖީ.އެޗް.އެފްއަށް އެއްބާރުލުން ނުދޭނެ ކަމަށް އދ. އާއި ގިނަ އަދަދެއްގެ އެހީ ދޭ ޖަމާއަތްތަކުން ބުންޏެވެ. ސަބަބަކީ އެހީ ދިނުމުގެ އިންސާނީ ސުލޫކު ބިނާވެފައި އޮންނަން ޖެހޭނީ ހަނގުރާމައެއް ހިންގާ ފަރާތަކުން އެހީ ދޫކުރަން ޖެހޭ ގޮތަކަށް ނޫން ކަމަށްވާތީއެވެ. އަދި އެހީ ފޯރުކޮށްދޭން ޖެހޭނީ އެ އެހީއަށް ބޭނުންވެފައިވާ މީހުންނަށް އެއީ ދޭން ޖެހޭ އެއްޗަކަށް ވާތީކަމެވެ. ފާޑުކިޔާ ފަރާތްތަކާއި އިންސާނީ އެހީ ދޭ ޖަމާއަތްތަކުން ބުނީ އިސްރާއީލުން ކާބޯތަކެތި ބޭނުންކުރަނީ ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައިކަން ހާމަވަނީ މި އުސޫލަށް ކަންތައްތައް ކުރުމަށް މަގުފަހިކުރުމުން ކަމަށެވެ.
"ޖީ.އެޗް.އެފްއިން އެހީ ދިނުމަށް ގާއިމުކޮށްފައިވަނީ މަދު މަރުކަޒުތަކެއް. އަދި އެއީ ވެސް ލާމަރުކަޒީ އުސޫލަކުން ނޫން. މީގެ އިތުރުން ހަތިޔާރު އެޅި ކޮންޓްރެކްޓަރުން ތިބުމަކީ އިންސާނީ އުސޫލުތައް މުގުރައިލައި ކަމެއް،" އެހީ ދޭ ޖަމާއަތެއްގެ އޮފިޝަލަކު ބުންޏެވެ.
ޖީ.އެޗް.އެފްއަކީ ގޮތްނޭނގޭ، ދެ ފުށް ނުފެންނަ، އަދި ތަޖުރިބާއެއް ނެތް ފައުންޑޭޝަނަކަށް ވުމަކީ ވެސް ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. އެ ގޮތުން އެ ގްރޫޕަށް ފައިސާ ލިބޭ ގޮތާއި އެ ގްރޫޕްގެ ވެރިންނަކީ ކޮން ބައެއް ކަމެއް ނޭނގެއެވެ. ހަމައެކަނި އެނގޭހާ ވެސް ކަމަކީ އެ ފައުންޑޭޝަން ހިންގަނީ އެމެރިކާއިން ކޮންޓްރެކްޓް ދީގެން އުޅޭ ކުރީގެ އަސްކަރީ އޮފިސަރުންތަކެއް ކަމަށް ބައެއް ރިޕޯޓުތައް އިޝާރާތްކުރެއެވެ. މީގެ އިތުރުން ޖީ.އެޗް.އެފްގެ މިނިވަން މުސްތަގިއްލުކަމާމެދު ކަންބޮޑުވާކަމަށް ބުނެ ދާދި ފަހުން އެ ގްރޫޕްގެ އެގްޒެކެޓިވް ޑިރެކްޓަރު ވަނީ އިސްތިއުފާ ދީފައެވެ.
ގިނަ ބައެއްގެ ހިތުގައި މިހާރު ބިރު އުފެދިފައިވަނީ ޖީ.އެޗް.އެފްގެ އަމަލުތައް ހުންނަ ގޮތުން ޣައްޒާ ރަށްވެހިން ގެދޮރުން ބޭރުވެ، ޣައްޒާގެ އިންސާނީ ކާރިސާ މިހާރަށް ވުރެ ވެސް ނާމާންވާނެތީއެވެ. އެ ގޮތުން ޣައްޒާ ރައްޔިތުން ގެދޮރުން ބޭރުކޮށްލުމަށް އިސްރާއީލުން ޖީ.އެޗް.އެފްގެ ރޭވުން ބޭނުން ކުރާ ގޮތަކީ ހަމައެކަނި ޣައްޒާގެ ދެކުނު ސަރަހައްދުތަކުގައި އެހީ ބަހާ މަރުކަޒުތައް ގާއިމުކުރުމެވެ. އެއީ އެހީ ހޯދުމަށް މީހުން ދެކުނަށް ހިޖުރަ ކުރަން ޖެހޭނެތީ އިސްރާއީލުން ބޭނުންވާ ގޮތަށް ޣައްޒާގެ މުޅި އުތުރުން ހުރިހާ މީހުން ބޭރުކޮށްލެވޭނެތީއެވެ.

"މިއީ ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް. މި ކަމުގެ ސަބަބުން މިހާރު ކުރިމަތިވެފައިވާ އިންސާނީ ކާރިސާ އިތުރަށް ގޯސްވާނެ. އަދި މިއީ އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތައް ސިއްރުކުރަން ކުރާ ކަމެއް ކަމަށް ބެލެވޭ،" ފާޑުކިޔާ ފަރާތްތަކާ ހަވާލާ ދީ އަލް ޖަޒީރާއިން ރިޕޯޓުކުރިއެވެ.



advertisment