Support Us

އެމެރިކާ އާއި އިސްރާއީލާ ގުޅިގެން ރަފަހުގައި އެހީ ދޭ ތަނަށް މީހުން އިއްޔެ ޖަމާވެފައި

ޣައްޒާ ރަށްވެހިން އަރުވާލިޔަކަ ނުދޭނަން: ހަމާސް

ޣައްޒާ ރަށްވެހިން ގެދޮރުން ނެރެ، އެ ތަނުން ބޭރުކޮށްލުމުގެ ފުރުސަތެއް ނުދޭނެ ކަމަށް ހަމާސްއިން ބުނެފިއެވެ.

ހަމާސްއިން މިހެން ބުނީ ޣައްޒާ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލައި، ރަހީނުން ދޫކޮށްލުމަށް ހަމާސްއިން ހުށަހެޅި ހުށަހެޅުމާ އެމެރިކާ އާއި އިސްރާއީލުން ދެކޮޅު ހެދުމުންނެވެ.

ހަމާސްގެ ހުށަހެޅުމުގައި ވަނީ 60 ދުވަހަށް ހަމަލާތައް މެދުކަނޑައިލައި، 10 ރަހީނުން ދޫކޮށްލައި، އަދި އެއްވެސް ހައްދެއް، ހުރަހެއް ނެތި، ޣައްޒާއަށް އެހީ ވެއްދުމަށް އިސްރާއީލުން ހުއްދަ ދިނުމެވެ.

މި ހުށަހެޅުމަކީ "އެއްގޮތަކަށް ވެސް ގަބޫލު ނުކުރެވޭނެ" ހުށަހެޅުމެއް ކަމަށް އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޯފް ވިދާޅުވިއެވެ.

އިސްރާއީލުގެ އޮފިޝަލުން ވެސް ބުނީ މި ހުށަހެޅުންތަކަކީ އިސްރާއީލުގެ އެއްވެސް ކަހަލަ ސަރުކާރަކަށް ގަބޫލު ކުރެވޭނެ ހުށަހެޅުންތަކެއް ނޫން ކަމަށެވެ.

"ދާއިމީ ގޮތުން ޣައްޒާ ހަނގުރާމަ ހުއްޓާލައި، ޣައްޒާ ހިސޯރުކޮށްފައި އޮތް އޮތުން ދޫކޮށްލުމުގެ ބަދަލުގައި ހުރިހާ ރަހީނުން ދޫކޮށްލަން އަހަރެމެން ތައްޔާރު. ނަމަވެސް އަހަރެމެން ގެދޮރުން ނެރެލައި، ގައުމުން އަރުވާލުމަކީ ގަބޫލު ކުރާނެ ކަމެއް ނޫން. އެ ހުންނަނީ ހުރަސް ނުކުރެވޭނެ ރަތް ރޮނގުތައް،" ހަމާސްގެ އޮފިޝަލެއް ބުންޏެވެ.

އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ ބުނީ ރަހީނުން މިނިވަންކުރާނެ ކަމަށް ވައުދުވާ ކަމަށެވެ.

"މިއަދު ނޫނީ މާދަން ނަމަވެސް އެ ކަން ކުރާނަން. އެ ކަން ނުކޮށް އަހަރެމެން ދުލެއް ނުކުރާނަން،" އޭނާ ބުންޏެވެ.

އިސްރާއީލުން މިއަދު އެކަނިވެސް ވަނީ ޣައްޒާގައި 28 މީހުން ޝަހީދުކޮށްލައިފައި ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުންޏެވެ. އޭގެ އިތުރުން ފަސް މީހެއްގެ ހަށިގަނޑު ވަނީ ހަމަލާ ދިން އިމާރާތްތަކުގެ ދަށުން ނަގައިފައެވެ.

ރަފަހުގައި އެހީ ބަހަމުން އައި ތަނެއްގައި ކާބޯތަކެތި ހޯދުމަށް އެއްވެ ތިބި ބައެއްގެ ތެރެއަށް އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން މަދުވެގެން ހަ މީހުން ޝަހީދުވެ، 15 މީހުން ޒަހަމްވިއެވެ. މީގެ އިތުރުން އެމެރިކާ އާއި އިސްރާއީލު ގުޅިގެން ރަފަހުގައި އެހީ ބަހަމުން ދިޔަ މަރުކަޒެއް ކައިރި ހަލަބޮލިވެ، ބަޑިޖެހުމުގެ ސަބަބުން ތިން މީހުން ޝަހީދުވެ، 48 މީހުން ޒަހަމްވިއެވެ.

އޮކްޓޫބަރު 2023 ގައި ޣައްޒާ ހަނގުރާމަ ފެށި ފަހުން މިހާތަނަށް 54،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިއެވެ. މީގެ އިތުރުން 123،000 އަށްވުރެ ގިނަ މީހުން ޒަހަމް ވެސް ވެފައިވެއެވެ. ކަމާ ބެހޭ އިދާރާތަކުން މިހާރު ނިންމައިފައިވަނީ އިސްރާއީލުގެ ހަމަލާތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވި އެތައް ހާސް ބަޔަކު ނެރެވޭނެ ގޮތެއް ނެތުމުން އެ މީހުން ވެސް ޝަހީދުވެފައިވާ ކަމަށެވެ.

ޝަހީދުވެފައިވާ މީހުންގެ ތެރޭގައި ފާހަގަ ކުރެވޭ އަދަދަކަށް އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. އޭގެ ތެރޭގައި މަދުވެގެން 17،492 ކުޑަކުދިން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ޣައްޒާ ހަނގުރާމަ ހުއްޓުމެއް ނެތި ކުރިއަށްދާތީ ޝަހީދުވަމުންނާއި ޒަހަމްވަމުންދާ މީހުންގެ އަދަދު އަދިވެސް ދަނީ އިތުރުވަމުންނެވެ. އިންސާނީ އެހީ އެކަށީގެންވާ ގޮތަކަށް ނުލިބޭތީ ވެސް މި އަދަދު ދަނީ މައްޗަށެވެ. ބައިނަލްއަގުވާމީ ޖަމާއަތްތަކުން މި ކަމާ އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިންސާނީ އެހީ ދިނުމަށް ކުރަމުން އަންނަ މަސައްކަތަށް ހުރަސްއެޅެމުން ދަނީ އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތަކާއި ޣައްޒާއަށް އެހީ ވެއްދުމަށް ވެސް އަޅާފައިވާ ހުރަސްތަކުގެ ސަބަބުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *