Support Us

ބައިސްކަލެއްގައި 3 މަހުން 4،000 މޭލު، 13 ގައުމު ހުރަސްކޮށް ހައްޖަށް

ބައިސްކަލެއްގައި ތިން މަހު ތެރޭގައި 13 ގައުމު ހުރަސްކޮށް، ގާތްގަނޑަކަށް 7،000 އަށްވުރެ ގިނަ ކިލޯމީޓަރު ނުވަތަ 4،300 އަށްވުރެ ގިނަ މޭލުގެ ދަތުރެއްކޮށް ބެލްޖިއަމްގެ މީހަކު ހައްޖުވުމަށް ސައުދީ އަރަބިއްޔާއަށް ހިނގައްޖެއެވެ.

އުމުރުން 26 އަހަރުގެ އަނަސް އަލްރަޒްގީ ސައުދީ އަށް ދަތުރު ފެށީ މި ދިޔަ މާރިޗުގައި ރަމަޟާން މަހު ފެށުނުތަނާ އެވެ.

އަނަސް ބުނީ ގޮތުގައި މިއީ އޭނާ އެތައް އަހަރެއް ވަންދެން ދެކެމުން އައި ހުވަފެނެކެވެ. އޭނާވަނީ ޔޫރަޕާއި މެދުއިރުމަތި ހުރަސްކޮށް، ހައްޖުގެ އަޅުކަން ފެށެންވާއިރަށް އުރުދުން ކައިރިން ސައުދީގެ އުތުރު ބޯޑަރުގައި އޮންނަ އެއްގަމު ބަނދަރެއް ކަމަށްވާ ހާލަތު އަމާރުން ސައުދީއަށް ވަދެފައި ކަމަށް ދި އިސްލާމިކް އިންފޮމޭޝަން ވެބްސައިޓުން މި ދިޔަ ބުރާސްފަތި ދުވަހު ރިޕޯޓުކުރިއެވެ.

އަނަސް ވަނީ ޔޫރަޕްގެ އޮސްޓްރިއާ، ޖަރުމަނީ، އިޓަލީ އަދި ބޮސްނިއާ-ހާޒެގޮވީނާ ފަދަ ގައުމުތަކުގެ ތެރެއިން ދަތުރުކޮށްފައެވެ. މީހުން ދިރިއުޅޭ އުމްރާނީ ތަންތަނާއި އުސް ފަރުބަދަތަކާއި ތިރި ބިންތަކާއި އެތައް ބާވަތެއްގެ މޫސުންތަކެއް އޭނާވަނީ ތަހައްމަލުކޮށްފައެވެ.

ސައުދީއަށް ދެވުނުތަނާ އަނަސް ވަނީ ޖަޒުބާތުން ފުރިފައިވާ އިންޓަވިޔުއެއް ސައުދީ ޓީވީ ޗެނަލް އަލްއިޚްބާރިޔާއަށް ދީފައެވެ.

"މިއީ ހުވަފެނެއް. މައްކާއަށް އާދެވޭނެ ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން. ސައުދީއަށް އާދެވުމުން މާތްﷲ އަހަރެންނަށް ރަހްމަތްލައްވައިފި ކަހަލަ އިހުސާސެއްކުރެވުނީ،" އޭނާ ބުންޏެވެ.

ސައުދީގެ އޮންލައިން ނޫހެއް ކަމަށްވާ ސަބްގުއަށް އަނަސް ވަނީ އޭނާގެ ދަތުރުގެ މަގުމަތީގައި ދިމާވި މީހުންގެ ފަރާތުން ލިބުނު އެހީގެ ދައުރަށް އަލިއަޅުވައިލައިފައެވެ.

"އެ މީހުންގެ ހިތްވަރުން އަހަރެންނަށް ކުރިއަށް ދެވުނީ. އަހަރެންނަށް އިހުސާސްކުރެވެމުން އައީ އެތައް އަހަރެއް ވަންދެން އަގުހުރި ގޮތެއްގައި އަހަރެން ހިފަހައްޓަމުން އައި ހުވަފެނަކާ ކައިރިއަށް އަހަރެންނަށް އާދެވެމުން އައިހެން. މިހާރު އަހަރެން ބޭނުންވަނީ ކައުބަތުﷲ ގެފުޅުގެ އެންމެ ކައިރި ހިސާބަށް އައިސް ފުރަތަމަ ފަހަރަށް އެ ގެފުޅު ދެކިލަން،" އަނަސް ބުންޏެވެ.

އޭނާ ބުނީ މިއީ އޭނާގެ ރޫހާނީ މިޝަނެއް ކަމަށާއި އަދި ހިތްވަރާއި ކެތްތެރިކަމުގެ އިމްތިހާނެއް ވެސް ކަމަށެވެ. ހުރިހާ ވެސް ބޭނުމަކީ ހުރުމަތްތެރި އަމާޒަކަށް ފޯރުންކަމަށެވެ.

ވީޑިއޯ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *