Support Us

އުތުރު ޣައްޒާއިން ފަލަސްތީން ރައްޔިތުން ބުރާސްފަތި ދުވަހު ނުކުމެގެންދަނީ

މުޅި އުތުރު ޣައްޒާއިން ކަހަލަ ގޮތަކަށް މީހުން ބޭރުކޮށްލައިފި

މިއަދު ފަތިހު އެފް-16 ޖެޓުތަކުން ދެ ފަހަރަށް ދިން ހަމަލާތަކާއެކު މުޅި އުތުރު ޣައްޒާއިން ކަހަލަ ގޮތަކަށް މީހުން ބޭރުކޮށްލައިފިއެވެ.

އުތުރު ޣައްޒާގެ 14 އެއްހާ އަވަށުން މިހާރު އެންމެން ވަނީ ބޭރުކޮށްލައިފައެވެ. އޭގެ ތެރޭގައި މައިގަނޑު ސިއްހީ ތިން މަރުކަޒު ހުރި ހިސާބުތައް ހިމެނެއެވެ. މި ތިން ތަން ވަނީ ބަންދުކުރަން ޖެހިފައެވެ. އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތައް އެ ހިސާބުތަކުގައި ކުރިއަށްގެންދާތީއެވެ. އދ.ގެ ސިއްހަތު ޖަމިއްޔާ ކަމަށްވާ ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ)އިން ބުނީ ޣައްޒާގެ މަދުވެގެން 94 ޕަސެންޓް ހޮސްޕިޓަލް ވަނީ ހަލާކުވެ ނުވަތަ ނައްތައިލައިފައި ކަމަށެވެ.

ގިނަ މީހުން ތިބީ ވޭތުވެދިޔަ ހަފުތާތަކުގައި ޖަހައިފައިވާ ވަގުތީ ޓެންޓްތަކުގައި ހިމާޔަތް ހޯދައިގެންނެވެ. ސަބަބަކީ އުތުރު ޣައްޒާގައި ހުރި އެ މީހުންގެ ގެދޮރާއި ވަގުތީ ހިޔާތަކުން ވެސް ބޭރުކޮށްލުމާ ގުޅިގެންނެވެ.

މީގެ އިތުރުން ވޭތުވެދިޔަ މަހުގައި މީހުން ދިޔައީ ކޮންމެ ދުވަހަކުހެން ޣައްޒާއިން ނުކުންނަމުންނެވެ. ސަބަބަކީ ޣައްޒާ ދޫކޮށް ދިއުމަށް އިސްރާއީލުން ކޮންމެ ދުވަހަކު އަމުރު ނެރެމުން ދިއުމުންނެވެ.

މިއަދު ފަތިހު ދިން ވައިގެ ހަމަލާތަކުގައި އާއްމުންގެ އިތުރު މީހުންވަނީ ޝަހީދުވެފައެވެ. އަދި އެތައް އިމާރާތްތަކެއްވަނީ ސުންނާފަތިވެފައެވެ.

ރޭ ދަންވަރު ދިން ހަމަލާތަކުގައި 76 މީހުން ޝަހީދުވެ، 200 އަށްވުރެ ގިނަ މީހުން ޒަހަމްވިއެވެ. ޚާން ޔޫނިސް ކައިރިއަށް ދިން ހަމަލާއެއްގައި އަށް މީހުން ޝަހީދުވިއިރު އޭގެ ތެރޭގައި ހަތް ކުޑަކުދިން ހިމެނެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު އޮކްޓޫބަރު 2023 ގައި ޣައްޒާ ހަނގުރާމަ ފެށި ފަހުން މިއަދުގެ މިހާތަނަށް މަދުވެގެން 53،822 މީހުން ޝަހީދުވެފައިކަން ކަށަވަރުކުރެވިފައިވެއެވެ. ސުންނާފަތިކޮށްލައިފައިވާ އިމާރާތްތަކުގެ ދަށުގައި އެތައް ހާސް ބަޔަކު ތާށިވެފައިވާކަމަށް ވެސް ބެލެވެއެވެ.

މި ދިޔަ ޖަނަވަރީ މަހު ހަމާސްއާއެކު އިސްރާއީލުން ގާއިމުކުރި ސުލްހައިގެ އެއްބަސްވުން މުގުރައިލައި، މާރިޗު 18 އިން ފެށިގެން ދޭން ފެށި ހަމަލާތަކުގައި އިއްޔެއާ ހަމައަށް މަދުވެގެން 3،673 މީހުން ޝަހީދުވެފައިވެއެވެ. ލިބުނު ޒަހަމްތަކުން ނުވަތަ ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުން ނެރުނު ހަށިގަނޑުތައް ގުނައިފި ނަމަ ގާތްގަނޑަކަށް އިތުރު 1،000 މީހުން ޝަހީދުވެފައިވެއެވެ.

ސުލްހައިގެ އެއްބަސްވުން ދެމެހެއްޓިއިރު، ޖަނަވަރީ 19 އިން މާރިޗު 17 އާ ދޭތެރޭގައި މަދުވެގެން 170 މީހުން ޝަހީދުކޮށްލައިފައިވެއެވެ. ލިބުނު ޒަހަމްތަކުން ނުވަތަ ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުން ނެރުނު ހަށިގަނޑުތައް ގުނައިފި ނަމަ ގާތްގަނޑަކަށް އިތުރު 2،200 މީހުން ޝަހީދުވެފައިވެއެވެ.

ސުލްހައިގެ އެއްބަސްވުން ގާއިމުކުރުމުގެ ކުރިން 2023 ގެ އޮކްޓޫބަރު ހަތަކާއި މި ދިޔަ ޖަނަވަރީގެ 18 އާ ދޭތެރޭގައި މަދުވެގެން 46،913 މީހުން ޝަހީދުކޮށްލައިފައިވެއެވެ.

އދ.ގެ އަމީން އާއްމު އެންޓޯނިއޯ ގުޓެރޭސް ވިދާޅުވީ ދެ މަހަށް ފަހު އިސްރާއީލުން ހުއްދަ ދީގެން ޣައްޒާއަށް ވައްދަން ފެށި އެހީއަކީ ބޭނުންވާ މިންވަރަށްވުރެ "ސައިސަމުސަލެއް"ގެ މިންވަރުކަމަށެވެ.

"އަވަސް، އިތުބާރު ހިފޭ، ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ޣައްޒާއަށް އެހީ ވެއްދުމަށް މަގުފަހިކޮށްދިނުމަށް އިސްރާއީލަށް ގޮވައިލަން،" އޭނާ ވިދާޅުވިއެވެ.

ގުޓެރޭސް ފަދައިން އދ.ގެ ފަލަސްތީންގެ ރެފިއުޖީންނާ ބެހޭ އިދާރާގެ ވެރިޔާ ފިލިޕް ލައްޒަރިނި ބުނީ އިސްރާއީލުން ޣައްޒާއަށް ވެއްދުމަށް ހުއްދަ ދިނީ "ހުއިތަކެއްގެ ތެރެއަށް ވައްޓައިލި ތިނޯހެއްގެ މިންވަރުގެ އެހީ" ކަމަށާއި "ޣައްޒާގައި ގަސްދުގައި އާއިލާތައް ބަނޑަށްޖައްސަމުންދާ" ކަމަށެވެ.

އދ.ގެ ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ މަޝްރޫއުކަމަށްވާ ވޯލްޑް ފުޑް ޕްރޮގްރާމުން ބުނީ ރޭގެ ވަގުތެއްގައި ދެކުނު ޣައްޒާގައި އެހީ ވެއްދި 15 ލޮރީ ލޫޓުވައިލި ކަމަށެވެ. ސަބަބަކީ "ބަނޑުހައިހޫނުކަމާއި ހާސްކަމާއި މާޔޫސުވުން" އިތުރުވަމުންދިއުމާ ގުޅިގެން ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *