ހަތާވީސް ވަނަ ސިފަ: އެކަކު އަނެކަކަށް އެހީތެރިވުން
ސިޔާސީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެއް ސިފައަކީ އެކަކު އަނެކަކަށް އެހީތެރިވުމުގެ ސިފައެވެ. އެއާ ނުލައި އެ މީހަކަށް ސިޔާސީ މައިދާނުގައި ކާމިޔާބު ނުލިބޭހުއްޓެވެ.
سيد نا إبراهم عليه السلام އަށް كعبة ބިނާ ކުރެއްވުމަށް ﷲ އަމުރު ކުރެއްވިއެވެ. އަދި އެ ކަލޭގެފާނު އެ އަމުރުފުޅަށް ތަބާވެ އެ މަސައްކަތް ފެށްޓެވިއެވެ. އެ ހިނދު އެ މަސައްކަތުގައި އެ ކަލޭގެފާނުގެ ދަރިކަލުން سيدنا إسماعيل عليه السلام ބައިވެރިވެ އެހީތެރިވެވަޑައިގަތެވެ. މާތްﷲ ވަޙީކުރެއްވިއެވެ. وَإِذْ يَرْفَعُ إِبْرَاهِيمُ الْقَوَاعِدَ مِنَ الْبَيْتِ وَإِسْمَاعِيلُ رَبَّنَا تَقَبَّلْ مِنَّا ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ ([1]. މާނައީ:- އަދި إبراهيمގެފާނާއި، إسماعيلގެފާނާ ދެ ބަފައިކަލުން ގެފުޅުގެ ބިންގާ އުފުއްލަވައި ބިނާކުރައްވަމުން ގެންދެވި ހިނދު، ހަނދުމަކުރާށެވެ! (އެ ހިނދު دعاء ކުރެއްވިއެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން (މިކަން) قبول ކުރައްވައިފާނދޭވެ! ހަމަ ކަށަވަރުން އިބަރަސްކަލާނގެއީ މޮޅަށް އައްސަވައިވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
އެކަކު އަނެކަކަށް އެހީތެރިވުމަކީ ކޮބައި ހެއްޔެވެ؟
އެއީ ހެޔޮ ކަންތައްތަކުގައި އެއް ބަޔަކު އަނެއް ބަޔަކަށް ވާގިވެރިވުމާއި އެހެން މީހުންގެ ޒަރޫރީ ބޭނުންތަކަށް ކުޅަދާނަވެގެންވީ މިންވަރަކުން އެހީތެރިވުމެވެ.
ސިޔާސީ ލީޑަރުންގެ ސިފައަކަށް (ހޮބީއަކަށް) ވާންވާނީ ހެޔޮ މަގުގައި އެކަކު އަނެކަކަށް އެހީވެ ވާގިވެރިވުމެވެ. ނަމަވެސް ކަންތައް ހިނގައިދަނީ އެއާ ޚިލާފަށެވެ. އާއްމުން ޖެހެނީ ސިޔާސީ ލީޑަރުންގެ ފަހަތުން ދުވާށެވެ. ސިޔާސީ ލީޑަރުން އުޅުއްވާނީ ފިލައި ރައްކައުވެވޭތޯއެވެ. ހަގީގަތަކީ ހެޔޮ މަގުގައި އެކަކު އަނެކަކަށް އެހީވެ ވާގިވެރިވުމަކީ އެ މީހަކަށް ކާމިޔާބުގެ ދޮރުތައް ހުޅުވޭކަމެކެވެ. އެއީ އިލާހީ އިރުޝާދުފުޅެއް ވެސް މެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَىٰ ۖ وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ ۚ وَاتَّقُوا اللَّهَ ۖ إِنَّ اللَّهَ شَدِيدُ الْعِقَابِ ([2]. މާނައީ: އަދި ހެޔޮ ކަންތައް ކުޅައުމާއި تقوىވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި عداوةތެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ ވާގިވެރި ނުވާށެވެ! އަދި ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! ހަމަ ކަށަވަރުން، اللَّهއީ عقوبات ގަދަފަދަ ވެގެންވާ ރަސްކަލާނގެއެވެ.
އެކަކު އަނެކަކަށް އެހީތެރިވުމަކީ ސިޔާސީ ލީޑަރުންގެ ހަޔާތަށް މުހިންމު އެއް ރުކުނެވެ. އެއާ ނުލައި ސިޔަސީ ލީޑަރުންނަށް ސިޔާސީ ހަޔާތް ފުރިހަމަގޮތުގައި ވޭތުކުރުން އުނދަގޫ ވެދާނެއެވެ. އެއްވެސް ސިޔާސީ ލީޑަރަކަށް އެ މީހެއްގެ ސިޔާސީ ހަޔާތުގައި ނުވަތަ އެ މައިދާނުގައި ހަރަކާތްތެރިވާ ދުވަސްތަކުގައި ކުރިމަތިވާ ހުރިހާ ކަމެއް އެކަނި ފުއްދައިނުގަނެވޭނެއެވެ. އެހެންކަމުން ސިޔާސީ ލީޑަރުންގެ މަސައްކަތުގެ ކާމިޔާބު ބިނާވެފައިވަނީ އެއްބަޔަކު އަނެއްބަޔަކަށް ފޯރުކޮށްދޭ އެހީތެރިކަމުގެ މައްޗަށެވެ.
އެކަކު އަނެކަކަށް އެހީތެރިވުމުގެ މާތްކަން
عَنِ النُّعْمَانِ بْنِ بَشِيرٍ رَضِيَ اللَّهُ عَنْهُمَا قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَثَلُ الْمُؤْمِنِينَ فِي تَوَادِّهِمْ وَتَرَاحُمِهِمْ وَتَعَاطُفِهِمْ مَثَلُ الْجَسَدِ، إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى»[3]، މާތްالله އެ ދެ ބަފައިކަލުންނަށް ރުއްސުންލެއްވި النُّعْمَان بنِ بشِيرގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ﷺ ހަދީސުކުރެއްވެވިއެވެ. مُؤْمنން އެއްބަޔަކު އަނެއް ބަޔަކަށް ހެޔޮކޮށް ހިތުމުގައްޔާއި ރަޙުމު ކުރުމުގައްޔާއި އަދި އޯގާވެރިވުމުގައި މިސާލަކީ ހަށިގަނޑުގެ މިސާލެވެ. އެ ހަށިގަނޑުގެ ގުނަވަނެއްގައި ވޭން އަޅައިފި ނަމަ އެ ވޭނުގެ އަސަރުން މުޅި ހަށިގަނޑު ހުންވައްތަރުވެ ހަށިގަނޑުގެ އެންމެހައި ގުނަންތައް އެގުނަވަނާ ބައިވެރިވާ ފަދައިންނެވެ.
عَنْ أَبِي مُوسَى رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «الْمُؤْمنُ لِلْمُؤْمِن كَالْبُنْيَانِ يَشُدُّ بَعْضُهُ بَعْضاً»، وَشَبَّكَ بَيْنَ أَصَابِعِهِ[4]، މާތް الله ރުއްސުންލެއްވި أَبو موسىގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ﷺ ހަދީސުކުރެއްވެވިއެވެ. مُؤْمنއާ ވަނީ އަނެއް مُؤْمنއާ އަށްޓަކައި ބިނާއެއް ފަދައިންނެވެ. އޭގެ އެކަތި އަނެކައްޗާ ގުޅިލާމެހިފައިވާ ފަދައިންނެވެ. އަދި (އޭގެ مثال ދެއްކެވުމަށް ޓަކައި) އެ ކަލޭގެފާނުގެ އިނގިލިފުޅުތައް މެއްސެވިއެވެ.
މަނާ ކުރެވިގެންވާ އެހީތެރިކަން
ނުބައި އެއްވެސް ކަމެއްގެ މައްޗަށް ވާގިވެރިވުމަކީ މާތް ﷲ މަނާ ކުރައްވާފައިވާ ކަމެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ ۚ وَاتَّقُوا اللَّهَ ۖ إِنَّ اللَّهَ شَدِيدُ الْعِقَابِ ([5]. މާނައީ:- އެހެންކަމުން ސިޔާސީ ލީޑަރަކަށް މީހަކު ކުށެއް ކުރަނިކޮށް ފެނިއްޖެ ނަމަ ކުޅަދާނަކަން ލިބުނު މިންވަރަކުން އެ ކަމެއް މަނާ ކުރުމަކީ واجب އެކެވެ. އެކަމަކު ރުހިގެންފިނަމަ އެ ފާފައިގައި އެމީހަކު ބައިވެރިވެވުނީއެވެ.
[1] سورة البقرة: 127.
[2] سورة المائدة: 02.
[3] رواه البخاري، كتاب الأدب، باب رحمة الناس والبهائم، (6011)، ومسلم، كتاب البر والصلة والآداب، باب تراحم المؤمنين وتعاطفهم وتعاضدهم، (2586).
[4] رواه البخاري، كتاب المظالم والغصب، باب نصر المظلوم، (2446)، ومسلم، كتاب البر والصلة والآداب، باب تراحم المؤمنين وتعاطفهم وتعاضدهم، (2585).
[5] سورة المائدة: 02.

