Support Us

އިނގިރޭސި ވިލާތާއި އެމެރިކާއިން ގުޅިގެން ފޯޅަވަހީގައި ހިންގާ އަސްކަރީ މަރުކަޒު ހުންނަ ޑިއެގޯ ގާސިއާ ޖަޒީރާ

ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރަން އެންމެ ފަހުން ނިންމައިފި

ރާއްޖޭގެ ދެކުނުން 300 މޭލު ކައިރީގައި އޮންނަ، އަދި ރާއްޖޭގެ ސަރަހައްދެއް ކަމަށް ތާރީހީ އިލްމްވެރިން ބުނާ ފޯޅަވަހި ނުވަތަ ޗާގޮސް، މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސި ސަރުކާރުން ނިންމައިފައިވާ ނިންމުން ވަގުތީ ގޮތުން ކުރިއަށް ނުގެންދިއުމަށް އިނގިރޭސި ވިލާތުގެ ހައި ކޯޓުން އިއްޔެ ނިންމައިފައި، އެ ކަން އަލުން ބަދަލުކޮށް، ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރަން ނިންމައިފިއެވެ.

ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުން ކުރިއަށް ނުގެންދިއުމަށް ކޯޓުން ވަގުތީ ގޮތުން ކުރިން ނިންމީ އިނގިރޭސި ވިލާތަށް އުފަން ފޯޅަވަހި ދެ ރައްޔިތުން ކަމަށްވާ ބެޓްރިސް ޕޯމްޕަ އަދި ބާނަޑެޓް ޑުގަސް ކޯޓުގައި ކޭސްއެއް ރަޖިސްޓާ ކުރުމާ ގުޅިގެންނެވެ. އެ މީހުން ބުނެފައިވަނީ ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސި ސަރުކާރުން ކުރިއަށް ގެންދިޔަ އިޖުރާއަތްތަކުގައި އެ ދެ މީހުން ބައިވެރި ނުކުރުމަކީ އެ ދެ މީހުންގެ ހައްގުތައް ނިގުޅައިގަތް ކަމެއް ކަމަށެވެ.

ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސި ވިލާތުން އިއްޔެ އަލުން ނިންމުމަކީ އެތައް ދަހަރެއްގެ އިސްތިއުމާރު ނިމުމަކަށް ގެނައި ތާރީހީ ނިންމުމެކެވެ.

"މިއީ އިސްތިއުމާރު ކުރުމުގެ ޒަމާނަށް ފަހު އިސްތިއުމާރު ކުރުން ނިމުމަކަށް ގެނައުމަށް އެޅުނު މުހިންމު ފިޔަވަޅެއް،" މޮރިޝަސްގެ ބޮޑު ވަޒީރު ނަވިން ރާމްގުލަމް ވިދާޅުވިއެވެ.

މޮރިޝަސްއާއެކު އިނގިރޭސި ވިލާތުންވި އެއްބަސްވުމުގައި ހަމަޖައްސައިފައިވަނީ ފޯޅަވަހީގެ އެންމެ ބޮޑު ރަށްކަމަށްވާ ޑިއެގޯ ގާސިއާގައި މިހާރު ވެސް އިނގިރޭސި ވިލާތާއި އެމެރިކާއާ ގުޅިގެން ހިންގާ އަސްކަރީ މަރުކަޒު ހިންގުން ކުރިއަށް ގެންދިއުމަށް 99 އަހަރަށް އިނގިރޭސި ވިލާތަށް އެ ރަށް ކުއްޔަށް ދޭ ގޮތަށެވެ. އެއީ އަހަރަކު 135 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ)އަށެވެ.

މި އެއްބަސްވުމަކީ އދ. އާއި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ)އިން ވެސް އެދުނު ގޮތާ އެއްގޮތަށް ފޯޅަވަހި މޮރިޝަސްގެ ސިޔާދަތަށް ބަދަލުކުރަން އިނގިރޭސި ވިލާތުން ނިންމި ނިންމުމެކެވެ. ނަމަވެސް 1960 އާއި 1970 ގެ އަހަރުތަކުގައި ފޯޅަވަހިން ގަދަކަމުން ބޭރުކޮށްލި 2،000 އެއްހާ ވަޒަންވެރިން އަނބުރާ ގެނައުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އިއްޔެ ހައި ކޯޓުގައި ގާނޫނީ ވަކީލުން ބުނެފައިވަނީ ފޯޅަވަހި މޮރިޝަސްއާ ހަވާލުކޮށްފި ނަމަ އެ ކަން ވާނީ ފޯޅަވަހީގެ އަސްލު ވަޒަންވެރިންނަށް ކުރެވޭ އިހުމާލެއް ކަމަށެވެ.

އިނގިރޭސި ވިލާތާއި މޮރިޝަސްއާއެކުވީ އެއްބަސްވުމުގައިވަނީ ފޯޅަވަހީގައި އެހެން އެއްވެސް ގައުމަކުން އަސްކަރީ މަރުކަޒެއް ހެދުން މަނާކޮށްފައެވެ. މިއީ އެމެރިކާގެ ވާދަވެރި ޗައިނާއިން ފޯޅަވަހީގައި އަސްކަރީ މަރުކަޒެއް ގާއިމުކުރިޔަ ނުދިނުމަށްކުރި ކަމެއްކަމަށް ބެލެވެއެވެ.

ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރަން ނިންމި ނިންމުން އިނގިރޭސި ސަރުކާރުން ދިފާއުކުރިއެވެ.

"ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރަން އެއްބަސްވުމަކީ އިނގިރޭސި ރައްޔިތުންނާއި އަހަރަމެންގެ ގައުމީ ސަލާމަތް ރައްކާތެރިކުރަން ނިންމި ރަނގަޅު ނިންމުމެއް،" އިނގިރޭސި ސަރުކާރުގެ ތަރުޖަމާނެއް ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *