ރާއްޖޭގެ ދެކުނުން 300 މޭލު ކައިރީގައި އޮންނަ، އަދި ރާއްޖޭގެ ސަރަހައްދެއް ކަމަށް ތާރީހީ އިލްމްވެރިން ބުނާ ފޯޅަވަހި ނުވަތަ ޗާގޮސް، މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސި ސަރުކާރުން ނިންމައިފައިވާ ނިންމުން ވަގުތީ ގޮތުން ކުރިއަށް ނުގެންދިއުމަށް އިނގިރޭސި ވިލާތުގެ ހައި ކޯޓުން މިއަދު އަންގައިފިއެވެ.
ކޯޓުން މި ގޮތަށް ނިންމީ އިނގިރޭސި ވިލާތަށް އުފަން ފޯޅަވަހި ދެ ރައްޔިތުން ކަމަށްވާ ބެޓްރިސް ޕޯމްޕަ އަދި ބާނަޑެޓް ޑުގަސް ކޯޓުގައި ކޭސްއެއް ރަޖިސްޓާ ކުރުމާ ގުޅިގެންނެވެ. އެ މީހުން ބުނެފައިވަނީ ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސި ސަރުކާރުން ކުރިއަށް ގެންދިޔަ އިޖުރާއަތްތަކުގައި އެ ދެ މީހުން ބައިވެރި ނުކުރުމަކީ އެ ދެ މީހުންގެ ހައްގުތައް ނިގުޅައިގަތް ކަމެއް ކަމަށެވެ.
ފަނޑިޔާރު ޖޫލިއަން ގޫސް ބުނީ އިތުރު ގޮތެއް އަންގަންދެން ފޯޅަވަހި ބާއްވަން ވާނީ އިނގިރޭސި ވިލާތުގެ ސިޔާދަތުގެ ދަށުގައި ކަމަށެވެ.
ގާނޫނީ ވަކީލުން ބުނީ އިނގިރޭސި ވިލާތުން ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރަން ނިންމުމުން އެ ކަމުގެ ސަބަބުން ފޯޅަވަހި ރައްޔިތުންނަށް އިހުމާލުވެވޭ ކަމަށެވެ.
ފޯޅަވަހީގެ އެންމެ ބޮޑު ޖަޒީރާކަމަށްވާ ޑިއެގޯ ގާސިއާގައި މިހާރު ވެސް އިނގިރޭސި ވިލާތާއި އެމެރިކާއިން ގުޅިގެން ހިންގާ އަސްކަރީ މަރުކަޒު އިތުރު 99 އަހަރަށް ކުއްޔަށް ދިނުމަށް މޮރިޝަސްއާއެކު ސިއްރިޔާތުގައި ހަދައިފައިވާ އެއްބަސްވުމަށް ވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
މޮރިޝަސްއާ ފޯޅަވަހި ހަވާލުކުރަން ނިންމި ނިންމުން އިނގިރޭސި ސަރުކާރުން ދިފާއުކުރިއެވެ.
"މޮރިޝަސްއާ ފޯޅަވަހި ހަވާލުކުރަން އެއްބަސްވުމަކީ އިނގިރޭސި ރައްޔިތުންނާއި އަހަރަމެންގެ ގައުމީ ސަލާމަތް ރައްކާތެރިކުރަން ނިންމި ރަނގަޅު ނިންމުމެއް،" އިނގިރޭސި ސަރުކާރުގެ ތަރުޖަމާނެއް ބުންޏެވެ.



advertisment