Support Us

އިއްޔެ އިސްތިއުފާ ދެއްވި ޖަޕާންގެ ދަނޑުވެރިކަމާއި ޖަންގަލިތަކާއި އަދި މަސްވެރިކަމާ ބެހޭ ވަޒީރު ޓާކޫ އީޓޯ ނޫސްވެރިންނާ ވާހަކަދައްކަވަނީ

ހިލޭ ހަނޑޫ ލިބޭ ކަމަށް ބުނުމުން އިސްތިއުފާ ދޭން ޖެހިއްޖެ

ދުވަހަކު ވެސް ހަނޑޫ ނުގަންނަ ކަމަށާއި ހަނޑޫ ވިއްކޭ ވަރަށް ވެސް ސަޕޯޓަރުން ހިލޭ ހަނޑޫ ދޭ ކަމަށް ވިދާޅުވުމުން ޖަޕާންގެ ދަނޑުވެރިކަމާއި ޖަންގަލިތަކާއި އަދި މަސްވެރިކަމާ ބެހޭ ވަޒީރު ޓާކޫ އީޓޯ އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންފިއެވެ.

ޓާކޫ އިއްޔެ އިސްތިއުފާ ދެއްވީ ބޮޑު ވަޒީރު ޝިގޭރޫ އިޝިބާގެ ސަރުކާރަށް، ހަނޑުލުގެ އިތުރުން ކާބޯތަކެތީގެ އަގު މައްޗަށް ދިއުން ވޭތުވެދިޔަ އަހަރު ކޮންޓްރޯލް ނުކުރެވިގެން އުޅުއްވަނިކޮށް ޓާކޫ ކުރެއްވި ކޮމެންޓްގެ ސަބަބުން އާއްމުން ނުރުހުން ފާޅުކުރުމާ ގުޅިގެންނެވެ.

ޖަޕާންގައި ހަނޑުލުގެ އަގު ވޭތުވެދިޔަ އަހަރު ވަނީ ދެ ގުނަ މައްޗަށް ގޮސްފައެވެ.

"ހަނޑޫ ފަދަ އަސާސީ ކާބޯތަކެތި ނުގަނެވިގެން އާއިލާތައް އުޅެނިކޮށް ހިލޭ ހަނޑޫ ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" މައި އިދިކޮޅު ކޮންސްޓިޓިއުޝަނަލް ޑިމޮކްރެޓިކް ޕާޓީގެ އަމީން އާއްމު ޖުންޔާ އޮގާވާ ބުންޏެވެ.

ޓާކޫގެ އިސްތިއުފާގެ ސަބަބުން އަންނަ ޖުލައި މަހު ބާއްވާ ޕާލަމަންޓްގެ މަތިގޭގެ އިންތިހާބު ކައިރިވެފައިވަނިކޮށް ޝިގޭރޫއަށް މިހާރު ވަނީ ޕްރެޝަރު ކުރިމަތިވެ ވަޑައިގެންފައެވެ. ސަބަބަކީ ދިރިއުޅުމުގެ އަގުތައް ވެސް އޭނާއަށް ކޮންޓްރޯލް ނުކުރެއްވިގެން އުޅުއްވާތީއެވެ.

ޓާކޫ ވަނީ އާއްމުންގެ ކިބައިން މައާފަށް އެދިވަޑައިގެންފައެވެ. އޭނާ ވިދާޅުވީ ހަނޑުލުގެ މައްސަލަ ކުރިމަތިވެފައިވާ ވަގުތެއްގައި މަގާމުގައި ދެމިހުންނެވުން ރަނގަޅު ނޫން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ޓާކޫގެ ބަދަލުގައި ދަނޑުވެރިކަމާ ބެހޭ ވަޒީރުގެ މަގާމަށް ޝިގޭރޫ މިހާރު ހަމަޖައްސަވައިފައިވަނީ ޝިންޖިރޯ ކޮއިޒޫމީއެވެ.

ފަހުގެ ޕޯލްތަކުން ދައްކާ ގޮތުގައި ކާބޯތަކެތީގެ އަގުތަކާ ގުޅޭ ގޮތުން ސަރުކާރުން ގެންގުޅޭ އުސޫލުތަކާ 87 ޕަސެންޓް ރައްޔިތުން ހިތްހަމައެއް ނުޖެހެއެވެ.

ޖަޕާނުން މި ދިޔަ މަހު ވަނީ ދެކުނު ކޮރެއާއިން ހަނޑޫ އެތެރެކޮށްފައެވެ. މިއީ 25 އަހަރުގެ ތެރޭގައި ޖަޕާނުން ދެކުނު ކޮރެއާއިން ހަނޑޫ އެތެރެކުރި ފުރަތަމަ ފަހަރެވެ. ސަބަބަކީ ހަނޑޫ ލިބުމުގެ ދަތިކަން ކުރިމަތިވުމުން ޖަޕާންގެ ރައްޔިތުންގެ ރުޅިވެރިކަން މައްޗަށް ދިއުމެވެ.

ޖަޕާންގައި ހަނޑޫ މަދުވެގެން އުޅެނީ ދަނޑުވެރިކަން ދަށްވުމާއި އަގު ބޮޑުކުރުމަށް ވިޔަފާރިވެރިން ގުދަން ކުރުމާއި އަދި މި ދިޔަ އަހަރު ދިން ބިންހެލުމުގެ އިންޒާރާ ހުރެ އާއްމުން ބިރުން ހަނޑޫ ރައްކާކުރަން ފެށުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *