Support Us

އިނގިރޭސި ވިލާތުގެ ހާރިޖީ ވަޒީރު ޑޭވިޑް ލެމީ

ހުޅަނގު އައްސޭރީގައި ވަޒަންވެރިވާ ޔަހޫދީންނާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް

ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ހުޅަނގު އައްސޭރީގައި ވަޒަންވެރިވާ ޔަހޫދީންނާ ދެކޮޅަށް އިނގިރޭސި ވިލާތުން އިތުރު ފިޔަވަޅުތަކެއް އަޅައިފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުހީބާއެކު ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ވަޒަންވެރިން ހިންގާ އަނިޔާވެރިކަން އިތުރުވަމުންދިއުމާ ގުޅިގެން ތިން ޔަހޫދީއަކާއި ގަވައިދާ ހިލާފަށް ޔަހޫދީން ވަޒަންވެރިވެފައިވާ ދެ ސަރަހައްދަކާއި އަދި ޔަހޫދީ ވަޒަންވެރިން ފަލަސްތީން ރަށްވެހިންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރިކަމަށް ތަރުހީބު ދޭ ދެ ޖަމާއަތާ ދެކޮޅަށް އިނގިރޭސި ވިލާތުން ފިޔަވަޅު އެޅިއެވެ.

"ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރިން ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް ކެނޑިނޭޅި ހިންގާ އަނިޔާވެރިކަމަށް ފިޔަވަޅު އަޅަން ޖެހޭ. މި އަނިޔާވެރި އަމަލުތައް ހުއްޓުވައި، މި މައްސަލައިގެ ތެރެއަށް ވަނުމަށް އިސްރާއީލު ސަރުކާރުގެ ޒިންމާއެއްވޭ،" އިނގިރޭސި ވިލާތުގެ ހާރިޖީ ވަޒީރު ޑޭވިޑް ލެމީ ވިދާޅުވިއެވެ.

ޔަހޫދީ ވަޒަންވެރިންގެ އަނިޔާވެރިކަން ހުއްޓުވަން ފޭލިވުމުން ޑޭވިޑް އިސްރާއީލު ސަރުކާރު ކުށްވެރިކުރެއްވިއެވެ. މި ކަމުގެ ނަތީޖާއެއްގެ ގޮތުން ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީން މުޖުތަމައުތައް ނުރައްކަލަށް ހުށަހެޅި، ފަލަސްތީނާއި އިސްރާއީލުގެ މިނިވަން ވަކި ދެ ދައުލަތް ގާއިމުކުރުމުގެ މަސައްކަތަށް ހުރަސް އެޅޭކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރިން ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަން ކުށްވެރިކުރެއްވުމަށްޓަކައި ޑޭވިޑް ވަނީ އިސްރާއީލުގެ އެމްބެސެޑަރު ސިޕީ ހޮތޮވެލީ އިނގިރޭސި ވިލާތުގެ ހާރިޖިއްޔާއަށް ހާޒިރުކުރައްވައިފައެވެ.

އިނގިރޭސި ވިލާތުން އިސްރާއީލު ކުށްވެރިކުރުން މި ދިމާވީ ބައިނަލްއަގުވާމީ މުޖުތަމައުން ވެސް އިސްރާއީލު ކުށްވެރިކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. އެ ގޮތުން ޔޫރަޕްގެ އިއްތިހާދުން މިހާރު ވަނީ އިސްރާއީލާއެކު ބާއްވާ ވިޔަފާރީގެ ގުޅުންތަކާމެދު ދެވަނަ ވިސްނުމަކަށް ދާން ވިސްނާކަމަށް ބުނެފައެވެ.

އިނގިރޭސި ވިލާތާއި އިސްރާއީލުގެ ދެމެދުގައި މި ވަގުތު ގާއިމުކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުންތައް ދެމެހެއްޓި ނަމަވެސް، އާ އެއްބަސްވުންތައް ހުއްޓައިލައިފި ކަމަށް ޑޭވިޑް އިއުލާންކުރެއްވިއެވެ. ސަބަބެއް ކަމަށް ދެއްކެވީ ޣައްޒާ އަދި ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގާ "ސިއްސުވާލާ ފަދަ، ނުބައިވެގެންވާ" އަމަލުތަކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *