Support Us

ބޯ ގުޅިފައިވާ އެއްމާބަނޑު ދެ އަންހެންކުދިން ކަމަށްވާ ކްލެއާ އަދި މޯރީސް އޭން މީސާ، ދެ ކުދިންގެ މައިންބަފައިންނާއެކު

ބޯ ގުޅިފައިވާ އެއްމާބަނޑު ދެބެއިން ވަކިކުރެވޭތޯ ސައުދީން ބަލަނީ

ބޯ ގުޅިފައިވާ ފިލިޕީންސްގެ އެއްމާބަނޑު ދެބެން ވަކިކުރެވޭތޯ ބެލުމަށް ސައުދީ އަރަބިއްޔާ އިން މަސައްކަތް ފަށައިފިއެވެ.

ވެރިރަށް ރިޔާޟްގައި ހުންނަ، ނެޝަނަލް ގާޑްގެ ރަސްގެފާނު އަބްދުﷲގެ، ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލަށް ކްލެއާ އަދި މޯރީސް އޭން މީސާ ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަދި ސައުދީން ކުރިއަށް ގެންދާ ކޮންޖޮއިންޑް ޓްވިންސް ވަކިކުރާ ޕްރޮގްރާމްގެ ދަށުން އެ ދެބެން ވަކިކުރެވިދާނެތޯ މިހާރު އަންނަނީ ބަލަމުންނެވެ.

ކޮންޖޮއިންޑް ޓްވިންސްއަކީ ވަރަށް ނާދިރު ހާލަތެކެވެ. ނިސްބަތުން މިހެން ދިމާވަނީ އުފަންވާ 50،000 ކުދިންނާއި 200،000 ކުދިންނާ ދޭތެރޭގެ އަދަދަކަށެވެ. މީގެ ތެރޭގައި ގިނައީ ހުޅަނގު ދެކުނު އޭޝިއާ އާއި އެފްރިކާގެ ކުދިންނެވެ. ވިހާ ކުދިންގެ ތެރެއިން ދެބައިކުޅަ އެއްބައި ވިހާ އިރު ވެސް އޮންނަނީ މަރުވެފައެވެ. އަދި ވިހާތާ އެއް ދުވަސް ތެރޭގައި މީގެ އިތުރުން ތިންބައިކުޅަ އެއްބައި ކުދިން މަރުވެއެވެ. ދިރިހުރެ ވިހާ ކުދިންގެ ތެރޭގައި ގިނައީ އަންހެން ކުދިންނެވެ.

"ރިޔާޟްގެ ރަސްގެފާނު ޚާލިދު ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ކްލެއާ އާއި މޯރީސް ފޭބުމާއެކު ވަގުތުން ގެންދިޔައީ އެ ހޮސްޕިޓަލަށް،" ސައުދީ ޕްރެސް އެޖެންސީ (އެސް.ޕީ.އޭ)އިން ރިޕޯޓުކުރިއެވެ.

ކްލެއާ އަދި މޯރީސް، މައިންބަފައިންނާއެކު ސައުދީގެ ވެރިރަށް ރިޔާޟްގެ ރަސްގެފާނު އަބްދުﷲ ހޮސްޕިޓަލްގައި ހޮނިހިރު ދުވަހު ސިއްހީ އެހީތެރިއަކާއެކު

ކްލެއާ އާއި މޯރީސްގެ މައިންބަފައިންނާއެކު ސައުދީއަށް ގެންދިޔައީ ސައުދީ ޝާހީ އާއިލާގެ އެންގުމުގެ މަތިންނެވެ. މިއީ ސައުދީގައި ކޮންޖޮއިންޑް ޓްވިންސް ވަކިކުރާ ޕްރޮގްރާމްގައި ބައިވެރިކުރި ފިލިޕީންސްގެ ތިންވަނަ ދެބެއިންނެވެ.

ޕްރޮގްރާމްގެ ސިއްހީ އަދި ސާޖަރީ ޓީމްގެ އިސް ފަރާތަކީ ޑރ. އަބްދުﷲ އަލް-ރަބީއާއެވެ. އޭނާއަކީ ޝާހީ ކޯޓުގެ މުސްތަޝާރެކެވެ. އަދި ސައުދީ އެހީ އެޖެންސީ ކޭ.އެސް ރިލީފްގެ ޑިރެކްޓަރު ޖެނެރަލެވެ.

ކްލެއާ އަދި މޯރީސްގެ މައިންބަފައިން ރަސްގެފާނު ސަލްމާން އާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރިއެވެ. އެއީ ދެ ބޭފުޅުންގެ ހިތްހެޔޮ ފަރުވާ އާއި ހޫނު މަރުހަބާއަށެވެ. އަދި ވަށައިޖެހޭ ސިއްހީ ފަރުވާއެއް ކްލެއާ އާއި މޯރީސްއަށް ދެއްވާތީކަމަށް އެސް.ޕީ.އޭއިން ރިޕޯޓުކުރިއެވެ.

އަރަބް ނިއުސްއަށް ހޮނިހިރު ދުވަހު ދިން އިންޓަވިޔުއެއްގައި ދެބެއިންގެ މަންމަ މަރިސެލް މީސާ ބުނީ މީގެ ހަތް އަހަރު ކުރިން ދެބެއިން އުފަންވީއްސުރެ، އެ ކުދިން އާދައިގެ ދިރިއުޅުމެއް އުޅެން ފުރުސަތެއް ހޯދައިދޭން ކޮންމެވެސް މީހަކު ކޮންމެވެސް ދުވަހަކުން އެހީތެރިވެދޭނެ ކަމަށް ދުއާކުރަމުން އައިކަމަށެވެ.

ކްލެއާ އަދި މޯރީސް މިހާރު އަންނަނީ ދެ ކުދިންގެ ބޯ ވަކިކުރުމުގެ ސާޖަރީއެއް ހެދުމަށް އެސެސްމެންޓެއް ހަދަމުން

މީސާ އާއި އޭނާގެ ފިރިމީހާއަކީ ފިލިޕީންސްގައި ފިހާރައެއް ހިންގާ ދެމަފިރިންނެވެ. ދެ ކުދިންގެ އަގުބޮޑު އޮޕަރޭޝަނަށް ހަރަދުކުރެވޭނެ ވަރަށް އެ މީހުންނަށް ފައިސާއެއް ނުލިބެއެވެ. މިހެން ހުއްޓާ ފިލިޕީންސްގެ ވެރިރަށް މެނީލާގައި ހުންނަ ސައުދީ އެމްބަސީން އެއް ދުވަހަކު ދެމަފިރިންނަށް ކޯލެއް އައެވެ. އެ ތަނުން ބުނީ ދެމަފިރިންގެ އެއްމާބަނޑު ދެބެއިންގެ ހަށިގަނޑު ވަކިކުރުމުގެ އޮޕަރޭޝަނެއްކުރަން ސައުދީ ސަރުކާރުން އެހީވުމަށް އެދޭކަމަށެވެ.

"ފިލިޕީންސްގެ ކޮންޖޮއިންޑް ޓްވިންސް ސައުދީ އަރަބިއްޔާއިން ވަކިކުރި ސާޖަރީއަކާ ބެހޭ (ސޯޝަލް މީޑިއާ) ޕޯސްޓެއް އަހަރެމެންނަށް ފެނުނީ. އެއަށް އަހަރެން ކޮމެންޓްކުރިން. އަހަރެން ބުނީ އަހަރެމެންނަށް ވެސް އެހީ ލިބޭނެކަމަށް އުއްމީދުކުރެވޭ ކަމަށް. އަހަރެންގެ ކޮމެންޓް ކޮންމެވެސް މީހެއްގެ ސަމާލުކަމަށް އައީ. އަދި އަހަރެންނަށް ގުޅީ،" މަރިސެލް ބުންޏެވެ.

ސައުދީ ކޮންޖޮއިންޑް ޓްވިންސް ޕްރޮގްރާމް 1990 ގައި އުފެއްދި ފަހުން މިހާތަނަށް، ހަށިގަނޑު ގުޅިފައިވާ އެއްމާބަނޑު ދެބެއިންގެ ތެރެއިން 140 ޖޯޑު ވަކިކޮށްފައިވެއެވެ. އޭގެ ތެރޭގައި ހަށިގަނޑުގެ އެތެރޭގެ ގުނަވަންތައް ގުޅިފައިވާ ކުދިން ވެސް ހިމެނެއެވެ.

މީގެ ތެރޭގައި ފިލިޕީންސްގެ އޭން އަދި މޭއި މަންޒް ހިމެނެއެވެ. އެ ދެ ކުދިން ގުޅިފައިވަނީ ބަނޑާއި ޕެލްވިސް އަދި ޕެރިނިއަމްއިންނެވެ. އެ ދެ ކުދިން ވަކިކުރީ މާރިޗު 2004 ގައި ޑރ. އަލް-ރަބީއާ އާއި އޭނާގެ ޓީމުންނެވެ.

ފިލިޕީންސްގެ ދެވަނަ ކޮންޖޮއިންޑް ޓްވިންސް ޖޯޑެއް ވެސް ވަނީ މި ދިޔަ އަހަރު ސެޕްޓެމްބަރު މަހު ވަކިކޮށްފައެވެ. އެއީ މޭގެ ތިރިން ބަނޑު ގުޅިފައި، އަދި އެއް މޭ ހިއްސާ ކުރި، އާކިޒާ އާއި އައިޝާ ޔޫސުފްއެވެ.

"މި ޕްރޮގްރާމުން ދައްކައިދެނީ އެއްވެސް ބަޔަކު ފަރަގު ނުކޮށް، ސައުދީގެ ހިތްހެޔޮކަމުގެ ސުލޫކާއި އެއްބައިވަންތަކަން ފޯރުކޮށްދޭކަން،" ޑރ. އަލް-ރަބީއާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *