ޣައްޒާގައި އިސްރާއީލުން އަސްކަރީ އޮޕަރޭޝަން ފުޅާކުރުމާ ގުޅިގެން އިސްރާއީލަށް އަސްކަރީ އެހީ ނުދިނުމަށް އިނގިރޭސި ވިލާތާއި ފްރާންސް އަދި ކެނެޑާއަށް ފަލަސްތީނުން ގޮވައިލައިފިއެވެ.
ފަލަސްތީނުން އިނގިރޭސި ވިލާތަށް ކަނޑައަޅައިފައި ހުންނަ އެމްބެސެޑަރު ހުސާމް ޒަމްލުތު މި މޭރުމުން އިލްތިމާސްކުރީ އިސްރާއީލުން ޣައްޒާގައި ފުޅާކުރި އަސްކަރީ އޮޕަރޭޝަނާ ގުޅިގެން އިސްރާއީލާ ދެކޮޅަށް "ހަރުކަށި ފިޔަވަޅުތަކެއް" އަޅާނެ ކަމަށް ތިން ގައުމުން އިންޒާރު ދިނުމާ ގުޅިގެންނެވެ.
"ފުރިހަމަ އަދި ހުރިހާ ދާއިރާއެއް ހިމެނޭނެ ގޮތަށް އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އަޅަން ގޮވައިލަން،" ހުސާމް ބުންޏެވެ.
އިނގިރޭސި ވިލާތާއި ފްރާންސް އަދި ކެނެޑާއިން އިންޒާރު ދިނީ އިސްރާއީލުގެ ވަކިވަކި ފަރުދުންނާއި ގްރޫޕްތަކާ ދެކޮޅަށް ވިޔަފާރި އާއި އިގުތިސާދީ ފިޔަވަޅު އަޅާނެ ކަމަށެވެ. މީގެ އިތުރުން އަސްކަރީ އެހީ މުޅިން ކަނޑައިލައިނެ ކަމަށާއި ގާނޫނީ ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ. ސަބަބެއް ކަމަށް ދެއްކީ އެކަށީގެން ނުވާ މިންވަރަށް އިސްރާއީލު އަސްކަރީން ބާރުގެ ބޭނުން ކުރުމާއި، ޣައްޒާއަށް އެހީ ދިނުމަށް ހުރަސް އެޅުމާއި ހަނގުރާމައިގެ ޖަރީމާތައް ހިންގައިފައިވެދާނެކަމެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުކުރުން ކުރިއަށް ގެންދިއުން ހުއްޓައިލުމަށް ވެސް ގޮވައިލިއެވެ.
އިސްރާއީލަށް ބައެއް ހަތިޔާރު ދިނުން ހުއްޓައިލުމާ ގުޅިގެން އެ ކަމަށް ތައުރީފުކުރި ނަމަވެސް ހުސާމް ބުނީ "މިއަކުން އަދި ނުފުދޭ" ކަމަށެވެ.
އިސްރާއީލުގެ އޮފިޝަލުން ގާނޫނީ ޒިންމާ ނަގާނެ ގޮތް ހެދުމަށްޓަކައި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައި.ސީ.ސީ) އަދި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ)ގައި ހިނގަމުން އަންނަ ކޭސްތަކަށް ތާއީދުކުރުމަށް ވެސް އިނގިރޭސި ވިލާތާއި ފްރާންސް އަދި ކެނެޑާގެ ސަރުކާރުތަކަށް ހުސާމް ގޮވައިލިއެވެ.
އޭނާ ބުނީ އިސްރާއީލާ ދެކޮޅަށް ގާނޫނީ އަދި މާއްދީ ފިޔަވަޅު އަޅަން ޖެހެނީ "އަދަބު ލިބިދާނެކަމުގެ ބިރެއް ނެތި" އިސްރާއީލުން އަނިޔާވެރިކަން ކުރިއަށް ގެންދާތީ ކަމަށެވެ. އެ ގޮތުން ޣައްޒާ ހަނގުރާމަ 2023 ގައި ފެށި ފަހުން މިހާތަނަށް 53،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައިވެއެވެ.



advertisment