Support Us

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު (ވ) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ) ޑީ.ސީ.ޕީ (ރިޓަޔަރޑް) މުހައްމަދު ރިޝްވާން އެއްބަސްވުމުގައި އިއްޔެ ސޮއިކުރައްވަނީ

ކުޅުދުއްފުށި ބަނދަރު ފުޅާކުރުން އެމް.ޕީ.އެލްއަށް

ހދ. ކުޅުދުއްފުށި ޕޯޓް އެކްސްޓެންޝަން ޕްރޮޖެކްޓްގެ މަސައްކަތްތައް ފެށުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިއްޔެ ސޮއިކުރި މި މަޝްރޫއުގެ ދަށުން ތަރައްގީކުރާނެ ބަނދަރަކީ ރާއްޖޭގެ ސަރަހައްދީ ބަނދަރުތައް ތަރައްގީކޮށް، ދަތުރުފަތުރުގެ ވިއުގައަކުން ރަށްތައް ގުޅައިލައި، އަތޮޅު ތެރޭގެ ވިޔަފާރި ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން ތަރައްގީކުރެއްވުމަށް ރާއްވަވައިފައިވާ ބަނދަރުތަކުގެ ތެރޭގައި ހިމެނޭ ބަނދަރެކެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދުއެވެ. އެމް.ޕީ.އެލްގެ ފަރާތުން އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީ.އީ.އޯ) ޑީ.ސީ.ޕީ (ރިޓަޔަރޑް) މުހައްމަދު ރިޝްވާންއެވެ.

"މި މަޝްރޫއުގެ އަމާޒަކީ ހއ.، ހދ.، ށ، ނ އަދި ވަށައިގެންވާ ރަށްތަކަށް ހިދުމަތް ލިބޭނެހެން ކުޅުދުއްފުށީގައި އުތުރުގެ ރަށްތަކަށް ހާއްސަކޮށް ލޮޖިސްޓިކަލް ހަބްއެއް ތަރައްގީކުރުން،" އެމް.ޕީ.އެލްއިން ނެރުނު ޖޮއިންޓް ޕްރެސް ރިލީޒެއްގައި ބުންޏެވެ.

ހދ. ކުޅުދުއްފުށި ބަނދަރުގެ އެކްސްޓެންޝަން މަޝްރޫއު ތަރައްގީކުރުމަށް އެމް.ޕީ.އެލްއަށް ހަވާލުކުރުމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓްރީން އިއްޔެ ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތު

އެކި ފިޔަވަހިތަކަކަށް ބަހައިލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފައިވާ މި މަޝްރޫއުގެ ދަށުން ކުޅުދުއްފުށީ ބަނދަރުގެ ކެޕޭސިޓީ އިތުރުކޮށް، ކާގޯ ހޭންޑްލިން ނިޒާމުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށާއި އަދި ރައްޔިތުންނަށް ބޭނުންވާ މުދަލުގެ ބާވަތްތަކުގެ އިތުރުން ތަރުކާރީ އާއި މޭވާ ފަދަ އަވަހަށް ހަލާކުވާ ބާވަތްތައް ތާޒާކަންމަތީ ރައްކާތެރިކަމާއެކު ބެހެއްޓޭނެ ފަދަ ވަސީލަތްތައް ގާއިމު ކުރުމަށް ވަނީ ރާވައިފައެވެ.

ރައީސްގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކުޅުދުއްފުށި ބަނދަރު އެކްސްޓެންޑް ކުރުމުގެ މަޝްރޫއު ފަށައިގަތުމަށް ސޮއިކުރި މި އެއްބަސްވުމަކީ ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް، ޝެޑިއުލްކޮށްގެން އަތޮޅު ތެރެއަށް މުދާ އުފުލާނެ ނިޒާމެއް ގާއިމުކުރުމަށް އެޅުނު ފުރަތަމަ ފިޔަވަޅެވެ.

"ސަރުކާރުގެ އަމާޒަކީ އަތޮޅު ތެރޭގެ ސަޕްލައި ޗެއިންގެ އެފިޝިއެންސީ އިތުރުކޮށް، މުދާ ގެނައުމުގައި ކުރަންޖެހޭ ހަރަދު ކުޑަކޮށް، ހެޔޮ އަގެއްގައި އަތޮޅުތަކަށް މުދާ އެތެރެކުރެވި، ދިވެހި ރާއްޖޭގެ އިގުތިސާދު ކުރިއަރައިގެން ދިއުމަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުން،" އެމް.ޕީ.އެލްގެ ޖޮއިޓް ޕްރެސް ރިލީޒްގައި ބުންޏެވެ.

މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގުތިސާދު ލާމަރުކަޒުކޮށް، ދިގު މުއްދަތުގެ ވިލުންތެރިކަން ހޯދައިދިނުމަށް ފިޔަވަހިތަކަކަށް ބަހައިލައިގެން އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމަށް ވެސް އެމް.ޕީ.އެލްގެ ޖޮއިންޓް ޕްރެސް ރިލީޒްގައި ބުންޏެވެ.