Support Us

އިއްޔެ ނިންމައިލި 34 ވަނަ އަރަބް ލީގް ސަމިޓްގައި ބައިވެރިވެވަޑައިގަތް އަރަބި ގައުމުތަކުގެ ވެރިން

ޣައްޒާ އާރާސްތުކުރުމަށް 53 ބިލިއަން ޑޮލަރު ހަރަދުކުރުމަށް އަރަބި ގައުމުތަކުން އެއްބަސްވެއްޖެ

އިސްރާއީލުން ގާތްގަނޑަށް އެއްކޮށްހެން ސުންނާފަތިކޮށްލައިފައިވާ ޣައްޒާ އާރާސްތުކުރުމަށް 53 ބިލިއަން ޑޮލަރު (819 ބިލިއަން ރުފިޔާ) ހަރަދުކުރުމަށް އަރަބި ގައުމުތަކުން އެއްބަސްވެއްޖެއެވެ.

އިރާގުގެ ވެރިރަށް ބަޣްދާދުގައި އިއްޔެ ނިންމައިލި 34 ވަނަ އަރަބި ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ޣައްޒާ ހަނގުރާމަ ވަގުތުން ހުއްޓައިލުމަށާއި ޣައްޒާ މައްސަލައަށް ސިޔާސީ ހައްލެއް ގެނައުމަށް ވެސް ގޮވައިލިއެވެ.

"ޣައްޒާ އާރާސްތުކުރުމަކީ ހަމައެކަނި އިންސާނީ ވާޖިބެއް ނޫން. މިއީ (މެދުއިރުމަތީގެ) ސަރަހައްދީ ހަމަޖެހުމަށް ކޮންމެހެން މުހިންމު ސިޔާސީ ހައްލެއް،" އިރާގުގެ ރައީސް އަބްދުއްލަތީފު ރާޝިދު ވިދާޅުވިއެވެ.

ޣައްޒާ އާރާސްތުކުރުމަށް "ޣައްޒާ އެޑްމިނިސްޓްރެޓިވް ކޮމިޓީ"ގެ ނަމުގައި ފަންނީ ކޮމިޓީއެއް ހެދުމަށާއި ހަމާސްގެ ބަދަލުގައި ޕަލަސްތީނިއަން އޮތޯރިޓީ (ޕީ.އޭ)އިން ޣައްޒާ ހިންގުމަށާއި ޣައްޒާ، ހުޅަނގު އައްސޭރި އަދި އިރުމަތީ ގުދުސްގައި އދ.ގެ ސުލްހަ ބަލަހައްޓާ ސިފައިން ގާއިމުކުރުމަށް ވެސް، އަހަރަކު އެއް ފަހަރު ބާއްވާ އަރަބް ލީގު ސަމިޓުން ގޮވައިލިއެވެ.

ފަލަސްތީން ރައްޔިތުން ގެދޮރުން ބޭރުކޮށްލުމާ ދެކޮޅުހަދަމުން އަރަބި ގައުމުތަކުން ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވައިލީ ޣައްޒާއަށް އިންސާނީ އެހީ ދިނުމަށް މަސައްކަތްކޮށްދިނުމަށެވެ. އަދި 1967 ގައި ފަލަސްތީނާއި އިސްރާއީލާ ދެމެދު އޮތް ބޯޑަރު އަލުން ގާއިމުކޮށްދިނުމަށް ވެސް ގޮވައިލިއެވެ.

މީގެ އިތުރުން 2002 ގައި ބޭއްވި އަރަބް ލީގު ސަމިޓުން ފާސްކުރި "އަރަބް ޕީސް އިނިޝިއެޓިވް"ގެ ދަށުން ފަލަސްތީނާއި އިސްރާއީލުގެ މިނިވަން ވަކި ދެ ދައުލަތް ގާއިމުކުރުމަށް ވެސް ގޮވައިލިއެވެ.

އިރުމަތީ ގުދުސް ވެރިރަށުގެ ގޮތުގައި ކަނޑައަޅައިގެން ފަލަސްތީންގެ މިނިވަން ދައުލަތެއް ގާއިމުކުރަން އަރަބި ގައުމަތަކުގެ ވެރިން ސަމިޓުގައި ވަރަށް ބޮޑަށް ބާރުއެޅުއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *