މަހަކު 1،000 ސައުދީ ރިޔާލް ނުވަތަ 266 ޑޮލަރު (4،111ރ.)ގެ މުސާރައަކަށް ހަރަމްފުޅުގެ ބޭރު މަގުތައް ކުނިކެހުމުގައި މަސްއޫލުވެގެން ބަނގްލަދޭޝް މީހަކު އުޅެނިކޮށް އެއް ދުވަހަކު ކުއްލިއަކަށް އުމުރުން ދޮށީ މީހަކު އޭނާއާ ދިމާއަށް އައިސް އޭނާގެ ގައިގައި ބާރަށް ބައްދައިލިއެވެ.
ލޮލުން ކަރުނަ ހިލިފައި ހުރެ ރޮމުންރޮމުން މަގުމަތި ކުނިކަހާ މީހާ ގާތުގައި އުމުރުން ދޮށީ މީހާ ބުނީ އޭނާއަކީ ކުނިކަހާ މީހާގެ ދޮށީ ބޭބެ ކަމަށެވެ.
ކުނިކަހާ މީހާ ގާތުގައި ބޭބެ ބުނީ މިހާ ހިސާބުން ކުނިކަހާ މީހެއްގެ މަސައްކަތް ކޮއްކޮ ކުރާކަށް ނުޖެހޭނެ ކަމަށެވެ. ސަބަބަކީ ބޭބެ ވަރަށް މުއްސަނދިކަމުންނެވެ.
ކުނިކަހާ މީހެއްގެ ވަޒީފާއަށް ސައުދީ އަރަބިއްޔާގެ މައްކާއަށް ކޮއްކޮ އައީ އެންމެ ފުރަތަމައިން ބޭބެގެ ފަރާތުން ސަލާމަތްވާށެވެ. ސަބަބަކީ އާއިލާގެ ތަރިކަ މުދާ ބޭބެ ފޭރިގަތީމައެވެ. އަދި އެކި ތުހުމަތުގައި އެތައް ފަހަރަކު ކޮއްކޮ ޖަލަށް ފޮނުވައިލުމުންނެވެ.

ބޭބެއާ ބައްދަލުވުމުން ކޮއްކޮއަށް ފުރަތަމަ ބޭބެއަކީ ކާކުކަމެއް ނޭނގުނެވެ. ސަބަބަކީ ބޭބެ ހުރީ ހައްޖާޖީއެއްގެ ހެދުން ލައިގެންނެވެ. އަދި ބޯ ހުރީ ބާލައިފައެވެ.
ކޮއްކޮގެ ގައިގައި ބައްދައިލި ބައްދައިލީނުން ކޮއްކޮ ނޭވާ ހާސް ނުވީ ކިރިޔާއެވެ. ބޭބެ ދިޔައީ ކޮއްކޮގެ ގައިގައި ބައްދައިލަމުން އަދި ބޮސް ދެމުންނެވެ. މި މަންޒަރު ފެނިފައި ކޮއްކޮއާއެކު މަގުމަތި ކުނިކެހުމުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނާއި ކޮއްކޮގެ ރަހްމަތްތެރިން ތިބީ އަޖައިބުވެފައެވެ.
ކަންބަލާހިތްވެފައި އެ މީހުން ތިއްބާ އެ މީހުންގެ ހައިރާންކަން ނިމުމަކަށް ގެނެސްދިނީ ބޭބެ އޭނާގެ ކޮއްކޮއަށް ހަދައިލި ގޮތް ބޭބެ ކިޔައިދޭން ފެށުމުންނެވެ. އޭނާ ބުނީ ކޮއްކޮއަކީ ފަގީރު މީހެއް ނޫން ކަމަށެވެ. ހަގީގަތުގައި ކޮއްކޮއަކީ ވަރަށް މުއްސަނދި އާއިލާއަކަށް ނިސްބަތްވާ މީހެއް ކަމަށެވެ. ކޮއްކޮ ގެއިން ނިކުމެގެން ދިޔައީ އޭނާއަށް ހައްގު އޭނާގެ އާއިލާގެ ތަރިކަ މުދާ ދިނުމަށް ބޭބެ ހުރަސްއެޅުމުން ކަމަށެވެ.
އާއިލާގެ ތަރިކަ މުދަލުން ކޮއްކޮއަށް 17 މިލިއަން ސައުދީ ރިޔާލް ނުވަތަ ހަތަރު މިލިއަން ޑޮލަރު (61 މިލިއަން ރުފިޔާ) ލިބިފައިވާކަމަށް ބޭބެ ބުންޏެވެ.
ކޮއްކޮގެ ހައްގު ނިގުޅައިގަތީއްސުރެ އެތައް އަހަރެއްވީއިރު ވެސް، 2012 އަށް ހަމައަށް އައިއިރު، ސިކުނޑިއަށް ހަމަޖެހުމެއް ނުލިބޭކަމަށް ބޭބެ ބުންޏެވެ. އަދި ބޭބެއަށް ކެންސަރު ޖެހުނީ ކޮއްކޮއަށް ދިން ދެރައިގެ ބަދުނަސީބު ނަތީޖާއެއްގެ ގޮތުންކަމަށް ގަބޫލުކުރެވޭކަމަށާއި ހައްޖަށް އަންނަން ނިންމީ ވެސް އެހެންވެ ކަމަށް ބޭބެ ބުންޏެވެ.



advertisment