Support Us

ތުރްކިޔެގެ އިސްތަންބޫލުގައި ބޭއްވި ޔޫކްރެއިން އާއި ރަޝިއާގެ ސުލްހައިގެ ވާހަކަތަކުގައި ދެ ގައުމުގެ ޑެލިގޭޝަނުން ބައިވެރިވަނީ

ސުލްހައިގެ ވާހަކަތައް ފެނަށް، ރަޝިއާގެ ހަމަލާއެއްގައި ޔޫކްރެއިންގެ އާއްމުންގެ 9 މަރު

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ރަޝިއާ އާއި ޔޫކްރެއިނުން ފުރަތަމަ ފަހަރަށް ބޭއްވި ސުލްހައިގެ ސީދާ ވާހަކަތައް ކޮޅެއްގައި ނުޖެހި ނިމި، ރަޝިއާއިން އަލުން ފެށި ހަމަލާތަކުގައި ޔޫކްރެއިންގެ ބަހަކަށް ދިން ޑްރޯން ހަމަލާއެއްގައި އާއްމުންގެ ނުވަ މީހުން މަރުވެއްޖެއެވެ. ޔޫކްރެއިންގެ އޮފިޝަލުން މިއަދު ބުނީ ހަތަރު މީހުން ޒަހަމް ވެސްވިކަމަށެވެ.

"މިއީ ގަސްދުގައި ރަޝިއާއިން ހިންގި ހަނގުރާމައިގެ ޖަރީމާއެއް. ރަޝިއާގެ ރައީސް ވްލަޑިމިއަ ޕުޓިން އަދިވެސް ވަޑައިގަންނަވަނީ އާއްމުންނާ ދެކޮޅަށް ހަނގުރާމަކުރައްވަމުން،" ޔޫކްރެއިންގެ ހާރިޖީ ވަޒީރު އަންދްރީ ސިބިހާ ވިދާޅުވިއެވެ.

ރަޝިއާގެ ދިފާއީ ވުޒާރާއިން ބުނީ ހަމަލާ ދިނީ ޔޫކްރެއިންގެ އަސްކަރީ ބަހަކަށްކަމަށެވެ.

ފެބްރުއަރީ 2022 ގައި ޔޫކްރެއިން އެއްކޮށް ހިފުމަށް ރަޝިއާއިން ފެށި ހަނގުރައިމައިގައި އެތައް ހާސް މީހުން މަރުވެފައިވާ ނަމަވެސް ރަޝިއާއިން ބުނަނީ އާއްމުންނާ ދެކޮޅަށް ހަމަލާ ނުދޭކަމަށެވެ.

ތުރްކިޔެގައި 90 މިނެޓުގެ ވާހަކަތައް ބޭއްވީ ވަޒީރުންގެ ފެންވަރުގައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޕްރެޝަރު އޮތް ނަމަވެސް ވާހަކަތައް ނިންމައިލީ ހަނގުރާމަ ނިންމައިލުމަށް އެއްބަސްނުވެއެވެ. ނަމަވެސް ކޮންމެ ގައުމަކުން ވެސް 1،000 ހަނގުރައިމައިގެ އަސީރުން މިނިވަންކުރާ ގޮތަށް އެއްބަސްވިއެވެ. މިއީ މިހާތަނަށް ދެ ގައުމުން އެންމެ ގިނަ އަދަދަކަށް ހަނގުރައިމައިގެ އަސީރުން ބަދަލުކުރަން ނިންމި ފުރަތަމަ ފަހަރެވެ.

ސުލްހައިގެ މަޝްވަރާތައް ކުރިމަގުގައި އަދިވެސް ކުރިއަށްގެންދަން އެއްބަސްވަމުން ބައްދަލުވުން ނިންމައިލިޔަސް ދެ ގައުމުން ބޭނުންވަނީ ތަފާތު ކަންތައްތަކެކެވެ. އެ ގޮތުން ޔޫކްރެއިންގެ އަސްކަރީ ފައުޖުތައް މަދުކުރުމާއި ޔޫކްރެއިންގެ އިތުރު ބިންތައް ދިނުމަށް ރަޝިއާއިން އެދުނެވެ.

ބައްދަލުވުން ނިންމައިލުމުގެ ކުރިން ރަޝިއާގެ ޑެލިގޭޝަނުން ބުނީ ދެން އޮންނަ ސުލްހައިގެ ވާހަކަތަކުގެ ބުރު ބާއްވަން ޖެހޭނީ ސީދާ ދެ ގައުމުގެ އެންމެ އިސްވެރިންގެ ދެމެދުގައިކަމަށެވެ.

ބައްދަލުވުމުގެ އިސްވެރިއަކަށް ހުންނެވީ ތުރްކިޔެގެ ހާރިޖީ ވަޒީރު ހާކާން ފައިދާންއެވެ.

"ދެ ގައުމަށް އޮތީ ދެ މަގެއް. އެއް މަގު ދާނީ ސުލްހައާ ދިމާއަށް. އަނެއް މަގު ދާނީ ހަލާކާއި މަރުގެ ތުންފަތްމައްޗަށް. އަމިއްލަ އިހުތިޔާރުގައި ތިޔަ ދެ ގައުމުން ނިންމާނީ ތިޔަ ދެ ގައުމު ދާން އިހުތިޔާރުކުރާ މަގު،" އޭނާ ވިދާޅުވިއެވެ.

ޔޫކްރެއިނުން ބޭނުންވި އެއް ކަމެއްގެ ތެރޭގައި 30 ދުވަހަށް ހަނގުރާމަ ވަގުތުން ހުއްޓައިލުން ހިމެނެއެވެ. ރަޝިއާއިން ބޭނުންވި އެއް ކަމެއްގެ ތެރޭގައި ޔޫކްރެއިނަކީ ވަކި އަތަކަށް ނުޖެހޭ ގައުމަކަށްވުން ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *